އާދީއްތަ20200524

އާކުރެވުނީ: 08:43:52

ކޮންމެވެސް ދުވަހަކުން ...

konmevesމިއީ ފަހަރެއްގައި ކަލާއަށްޓަކައި އަހަރެންގެ ޤަލަމުން ބޭރުކޮށްލާ އެންމެ ފަހު ދެލިކޮޅަށްވެސް ވެދާނެއެވެ. މިއީ ހުއްޓުމެއްނެތި އެތަކެއް އަހަރަކު ކަލާގެ ލޯބީގައި ދީވާނާވި ހިތް ކަލާއަށް ޚާއްޞަކުރާ އެންމެ ފަހު ލިޔުން ކަމަށްވެސް ވެދާނެއެވެ. މިހެން ހިތަށް އަރުވާލިޔަސް އަހަރެންގެ ހިތުގައި ރިހުން އުފެދެއެވެ. ހަމަ ތެދެކެވެ. އަހަރެންގެ ހިތަށް ތަދުވެއްޖެއެވެ. އެހެނަސް މި ހުރިހާ ކަމަކާއި އެކުވެސް އަހަރެން ތަކުރާރުކޮށް ބުނަމެވެ.

އަހަރެން ކަލާދެކެ ވަރަށް ލޯބިވަމެވެ.

އެއީ ޢަޖައިބެއް ކަހަލަ ލޯތްބެކެވެ. އަހަރެންގެ މުޅި މިޒާޖު ބަދަލުކޮށްލި ހަލާކެކެވެ. އަހަރެން މޮޔަކޮށްލި މަސްތެކެވެ. ޢަޖައިބުން ފުރިގެންވީ ޖާދޫ އެކެވެ. އެހެންނޫންނަމަ އަހަރެން ތި ކަސްތޮޅުގައި ހައްޔަރުވެފައި ހުންނާކަށް ނުޖެހުނީހެވެ. ކަލާގެ ހިމޭން އަނިޔާތައް ލިބިގަންނާކަށް ނޫޅުނީހެވެ. ކަލާގެ ކުށަކީ އެއީއެވެ. އަހަންނަށް ލޯބި ދަސްކޮށްދިން ކަމެވެ. އަހަރެންގެ ހިތުގައި ފުން ލޯތްބެއްގެ ބިންގާ އަޅައިދިން ކަމެވެ.

 

އަހަންނަށް ލޯބީގެ އިޝާރާތް ފުރަތަމަ ކުރީ ކަލާއެވެ. ތަކުރާރު ވަމުންދިޔަ މަޢުނަވީ ހިނިތުންވުން ތަކާއި ހިތްތައް ފޫ އަޅުވާލާފަދަ ތޫނު ބެލުންތަކެއް އަހަންނަށް ހަދިޔާ ކުރަމުން ދިޔައީ ކަލާއެވެ. އޭރު އަހަރެން ހީކުރީ ކަލާ މޮޔަވީ ކަމުގައެވެ. ރޭދުވާ ތަކުރާރު ވަމުން ދިޔައީ ކަލާގެ ގޯނާތަކާއި ލާނެތް ސަމާސާ ތަކުންނެވެ. އަހަރެންގެ ހިތަށް ވެރިވީ ފޫއްސާއި ރުޅިވެރިކަމެވެ. އެހެނަސް ކަލާގެ ޒުވާން އިޙްސާސްތައް ހުއްޓުވާކަށް އަހަންނަކަށް ނޭނގުނެވެ. ކަލާގެ ޢިޝްޤީ މޮޔަކަން ހައްތަހާ ވީ އިތުރެވެ. އޭރު އަހަރެންގެ ހިތް ނަފްރަތުން ފުރުނު ކަމުގައި ވިޔަސް މިއަދު އެ ހަނދާންތަކުންވެސް އަހަރެން އުފާކުރުވައެވެ. އޭރު އަހަރެން ކަނޑައެޅީ ދުވަހަކުވެސް ކަލާއަށްޓަކައި އަހަރެންގެ ހިތް ނުހުޅުވުމަށެވެ. އެއީ ކަލާ ކުރި ގޯނާ ތަކުގެ އަދަބެވެ.

 

އެހެނަސް ކަލާ ކުރި ކުށުގެ އަދަބު ލިބުނީ އަހަންނަށެވެ. އަހަންނަށް ކަލާދެކެ ލޯބި ވެވުނީއެވެ. އޭރު ކަލާ، އަހަރެން މަތިން ފޫހިވެއްޖެއެވެ. އަހަރެންގެ ހިތަށް ތަދުކޮށްލާފަ އެހެން މަންޒިލެއް ހޯދައިފިއެވެ. އަހަރެން އުންމީދު ކުރީ ކޮންމެވެސް ދުވަހަކުން ކަލާ ލިބި ދާނެ ކަމަށެވެ. އަހަރެންގެ އުންމީދު އާވީ ކަލާ، ކަލާގެ ލޯބި ވެރިޔާއާއި ވަކިވުމުންނެވެ. އަހަރެން ހުރީ ވަރަށް ފޮނި އިންތިޒާރެއްގައެވެ. އެހެނަސް މިފަހަރުވެސް ހަމަ ގަސްތުގައި ކަލާ އަހަރެން ދެރަކޮށް ރޮއްވާލީއެވެ. ކަލާގެ ލޯބީގައި ދީވާނާ ވަމުން ދިޔަ ހިތް ކުދިކުދިކޮށް ހަލާކުކޮށްލީއެވެ.

 

އަހަރެންގެ ހިތުގައި ކަލާގެ މައްޗަށް އޮތް ލޯބި ކަލާއަށް އެނގޭނެ ކަމާއި މެދު އަހަރެން ޝައްކެއްވެސް ނުކުރަމެވެ. އަހަރެންގެ ހަނުހިމޭން ބަސްމޮށުންތެރިކަން ކަލާއަށް އެކައްޗެއްވެސް ދޭހައެއް ނުކޮށްދޭ ހެއްޔެވެ؟ ކަލާއާއި ވާހަކަ ދައްކާލާއިރު ކަލާގެ ސިހުރުވެރި ލޮލުގެތެރެއަށް އަހަރެން ޣަރަޤުވަނީ ކީއްވެ ކަމެއް ނޭންގޭ ހެއްޔެވެ؟ ކަލާ ހާސްވެލާފައި އަހަރެންގެ ހާލާއިމެދު ސުވާލުކުރި ދުވަހު އަހަރެންގެ ހިތް ފުރިގެން އައީ ކީއްވެކަމެއް ނޭނގޭ ހެއްޔެވެ؟ ފަން އިސްތަށިކޮޅަކާއި ތިފަދަ އަސަރުގަދަ އަޑެއް އަހަންނަށް އެންމެ ކަމުދަނީ ކީއްވެކަން ބުނެދޭންވީ ހެއްޔެވެ؟ ވަކި މަޤްޞަދެއްނެތި ނަމަވެސް ކަލާ އަހަންނަށް ހިނިތުންވެލައިފިނަމަ، އަހަރެންގެ ހިތަށް އަރަނީ ކީކޭކަން އެނގޭ ހެއްޔެވެ؟ 'މިރޭ ނުވެސް ނިދާނަމެވެ'. އެފަދަ ވަގުތެއްގައި އަހަރެންގެ ހިތް އުފަލުން ރޮއެވެ. ކަލާދިން އަނިޔާތަކުން އަހަރެން މަރުވެދާނަމޭވެސް ހިތަށް އެރިއެވެ. ކަލާގެ ތި ޢަޖައިބެއް ކަހަލަ ލޯބި، އަހަރެން ބަލިކޮށްލިއެވެ. އަހަރެން ގާތުގައި ބައިންދައިގެން ކަލާގެ ލޯބިވެރިޔާ އާއި ބައްދަލުކުރުވިރޭ ކަލާގެ މަޤްޞަދު ފުރިހަމަވިއެވެ. އަހަރެންގެ ކުދިކުދި ވެފައިވާ ހިތުގެ އެތިކޮޅުތައްވެސް އޮޔާ ވައިގެ ތެރެއަށް ގެއްލުނެވެ. ވަރަށް ބޮޑަށް ހިނިތުންވެލައިގެން އިންނަމަވެސް، އެރޭ އަހަރެންގެ ހިތުން ލޭ ކޮށުނެވެ. އަހަރެންގެ ހިތުގައި އަޅަމުންދިޔަ ވޭން އަހަރެންގެ ލޮލުން ކަލާވެސް ދެކޭނެއެވެ.

 

ކަލާ ތިޔައީ ކޮންކަހަލަ އިންސާނެއް ބާއޭ އަހަރެންގެ ހިތަށް އަރައެވެ. ތި ފުރިހަމަ އިންސާނާ އަހަންނަށް ދަސްނުވީ ކީއްވެބާއެވެ! އެކުގައި ހޭދަވީ ދުވަސްތަކެއް ނޫނެވެ. އެތަކެއް އަހަރު ތަކެކެވެ. އަހަރުމެންގެ ޙަޔާތުގެ އެންމެ ހިތްގައިމު އަހަރުތަކެވެ. ކަލާ އުޅޭ ގޮތުން ހީވަނީ އަހަރުމެންގެ މާޒީއެއް ނެތް ކަމުގައެވެ. އެހެނަސް އެ މާޒީގެ ހަނދާންތައް މުޅި އުމުރަށްވެސް އަހަރެންގެ ހިތުގައި ވާނެއެވެ. ކަލާ ހަނދާން ނައްތާލަން ބޭނުން ކަމުގައި ވިޔަސްވެހެވެ. ކަލާ ބޭނުންވާ އެކުވެރިކަމަށް އަހަންނަށް ޖާގަ ނުދެވެނީ ކީއްވެކަން އެނގޭ ހެއްޔެވެ؟ އެއަށްވުރެ ގާތް ގުޅުމަކަށް އަހަރެން އުންމީދު ކުރާތީއެވެ.

 

ކަލާ އަލުން އަހަރެންދެކެ ލޯބި ވާނެ ނަމަ އެވެ. އޭރުން ތި ހިތް އުފަލުން ފުރާލަދޭނަމެވެ. ދުވަހަކު ވަކިވާން ނުކެރޭވަރަށް ގާތް ކުރާނަމެވެ. އަހަރެންގެ މި ވަރުގަދަ ލޯބީގެ ފުންކަން ކަލާއަށް އިޙްސާސް ކޮށްދޭނަމެވެ. ކަލާ ހަމަ އެންމެ ހިނދުކޮޅަކަށް ނަމަވެސް އަހަރެންދެކެ ލޯބި ވެބަލާށެވެ! ހަމަ އެންމެ ފުރުޞަތެއް ދޭށެވެ. ކަލާއާއި އަހަރެން ގާތް ކޮށްލަދޭށެވެ. ލޯ މަރާލާނެހާ ހިނދު ކޮޅަކަށް ތި ތަނަވަސް މޭމަތީ އަހަރެންގެ މޫނު ފޮރުވާލަދޭށެވެ. އޭރުން ވޭތުވެދިޔަ ހުރިހާ ދުވަސްތަކެއްގެ ހިތާމަތަކާއި ހިތުގެ ރިހުންތަކަށް ލުޔެއް ހޯދިދާނެއެވެ. އެންމެ ފަހަރަކު ކަލާގެ ތި އަތުން އަހަރެންގެ ގައިގައި ބީހިލާށެވެ. އޭރުން އަހަރެން އުފަލުންވެސް މަރުވެދާނެއެވެ.

 

ކަލާއަށް އެނގޭ ހެއްޔެވެ؟ މި ދަންވަރުގައި އަހަރެން ކަލާގެ ހަނދާންތައް އާކޮށް ލޯބީގައި ޣަރަޤުވަމުން ދާއިރު ކަލާ ފުން ނިންޖެއްގައި ނިދާލަނީއެވެ. އަހަރެން ހިތަށް އަރަނީ ވަރަށް އޯގާތެރިކަމާއި އެކު ކަލާގެ މޫނުގައި ބީހިލާ ކަލާ ހޭލައްވާލުމަށެވެ. މި ލޯބީގައި އަހަރެން މޮޔަވެގެން ދިއުމުގެ ކުރިން އެހީވެދޭތޯ އާދޭސް ކުރުމަށެވެ. އަހަރެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުންދާ އިރު ކަލާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާވެސް ފުރަގަސް ދޭނީ ހެއްޔެވެ؟ އަހަރެން ލޯބިވާ މީހާ އެހާ ހިތް ހަރެއް ނުވާނެއެވެ.

 

ކަލާއަށް އެނގޭ ހެއްޔެވެ؟ އަހަންނަށް ހީވަނީ އަހަރެންގެ މުޅި ޙަޔާތުގެވެސް މަޤުޞަދަކީ ކަލާ ހެންނެވެ. އަހަރެންގެ ޢަޒުމަކީ ކޮންމެވެސް ދުވަހަކުން ކަލާ ޙާޞިލް ކުރުމެވެ. އެފަދަ ދުވަހަކުން އަހަރެން އުފާވެރި ކަމުގެ ކަރުނައިން ކަލާ ހިތްދަތި ކޮށްލާނަމެވެ. ކަލާގެ ލޮލުންވެސް ކަރުނަ ފޭދޭނެއެވެ. އަހަރެންގެ މުޅި ޙަޔާތް ބިނާވެފައި މި ވަނީ 'ކޮންމެވެސް ދުވަހަކުން....' މި ޢިބާރާތަށެވެ. އަހަރެންގެ އުންމީދު ފުނޑުވިޔަ ނުދެއްޗެވެ!

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.