ހުކުރު20201127

އާކުރެވުނީ: 08:43:52

ހުވަފެން

huvafen

އިރާކޮޅުއްސުރެ ވިހެމުން ދިޔަ ވާރޭ އަދިވެސް ހުއްޓާކަން ނޫޅެއެވެ. އެއްފަހަރު ބޯކޮށް ވެހިލައެވެ. އަނެއްބައި ފަހަރު ތުނިތުނި ތިކިތަކެއްގެ ސިފައިގައި ވިލާގަނޑުގެ އަސަރު ފާޅުވެއެވެ. ނިދޭތޯ އަހަރެން މަސައްކަތް ކުރީމެވެ.

ވާރޭއާއި އެކު ކޮޓަރީގެމާހައުލުގައި ހިއްޕާލާފައިވާ ފިންޏާއި، ޖެހެމުންދިޔަ ލަވައިން އިއްވާދޭ މަޑުމައިތިރި މިއުޒިކްގެ ސަބަބުން އަހަރެންގެ ލޯ ނިދީގެ ކޯރަކަށް ފަސޭހަ ކަމާއި އެކު

ޣަރަޤުވެގެން ދިޔައެވެ.

އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި އިންސާނާއާއި ބައްދަލުވީ 1998 އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. އެއީ އަލަތު ކައިވެނީގެ ގޮށް މޮހެލުމުގެ ތައްޔާރީތައް ވަމުން ދަނިކޮށެވެ. ފޫހިވެގެން އެރޭ އައި އާރްސީގެ ޗެޓް ރޫމަށާއި، އެމްއެސްއެން އަށް އަހަރެން ލޮގުކުރީ އަގަތަޅާ ވާހަކަ ދައްކާލާނޭ ރަހުމަތްތެރިއެއް އޮންލައިންގައި އިންތޯ ބަލާލުމަށެވެ. ނެޓަށް ވަދެ ބަލާލިއިރު އެއް ވެސް ރަހުމަތްތެރިޔަކު އޮންލައިންގައެއް އެވަގުތަކު ނެތެވެ. ލޮގް އޮފް ކޮށްލަން އުޅެނިކޮށް ވިންޑޯއެއް ހުޅުވުމަށް ފަހު މީހަކު ވާހަކަ ދައްކަން ފެށިއެވެ. ''ހައި ހާލު ކިހިނެއް؟'' އަހަރެން ''ރަގަޅު .ޝުކުރިއްޔާ'' އޭ ބުނެލީމެވެ.

އެއީ އަހަރެމެންގެ ގުޅުން ފެށިގެން އައި ގޮތެވެ. މާޒިން ބުނިގޮތުގައި އަހަރެމެން ދެމީހުންނަކީ އެއް ރަށެއްގެ އެއް ސުކޫލަކުން ކިޔެވި ދެމީހުންނެވެ. އަހަރެން ހައި ސްކޫލް ނިންމިއިރު މާޒިން އުޅެނީ މެދުމަދަރުސީ މަރުހަލާގައެވެ. ވިސްނަންވީ ކޮންކަމަކާ ކަމާމެދު އަހަރެންނަކަށް ނޭގެއެވެ. އަހަރެން މާޒިން އަށްވުރެ ފަސް އަހަރު ދޮށްޓެވެ.

އޮންލައިން މެދުވެރިކޮށް ބޭއްވާ ބައްދަލުވުންތައް ނިމުމަކަށް ގެނައީމެވެ. އަދި އެއީ ހަޔާތަށްއައި ބުނަންނޭގޭ ސަފްހާތަކެއް ކަމަށް ބުނެ ނިންމާލީމެވެ. އެދުވަސްތައް އަލުން އިއާދަ ނުކުރަން ދެމީހުން އެއްބަސްވާ ހާލުގައެވެ.

މިއަދު ހަތަރު އަހަރު ފަހުން މިތާގައި އަހަރެމެން މިވަނީ އެކީގައެވެ. އޮންލައިންގެ ޒަރީއާއިން ކުރެވޭ ބައްދަލުވުންތައް ނޭގި ތިބެ އާ ފެށުމަކުން ފެށުނެވެ. ލޯތްބަށް ފެންބޮވައިފައިވާ ބަޔަކު ލޯބި ހޯދަން އުޅޭ ބީދައިންނެވެ.

މާޒިންގެ ފުރިހަމަކަމުން އަހަރެންނަށް ވަނީ ވަރަށް ގިނަ ލަނޑުދަޑިތަކެއް ހާސިލް ކުރެވިފައެވެ. އޭނާގެ ބަސްތަކާއި ނަސޭހަތުގެ އެހީގައި އަލަތު ކައިވެނިން އަހަރެންނަށް ލިބުނު ކުދިން މުޖަތަމައަށް ބޭނުން ބަޔަކަށް މިވަނީ ހެދިފައެވެ.މިއަދު އެކުދިން ވަނީ ތައުލީމީ ދަރިންތަކަކަށް ބަދަލުވެފައެވެ. ބަފަޔަކާއި ނުލާ ކުދިންތައް ބޮޑުކުރި އިރު ދުރުގައި ހުރެގެން ބަފައެއްގެ އިރުޝާދު އަހަރެންގެ ދަރިންނަށް ފޯރުކޮށް ދިނެވެ. ދިރިއުޅުން އެހެން ރަށަކަށް މިވަނީ ބަދަލުކުރެވިފައެވެ. މިދިޔަ އަހަރު ކުރަން އުޅުނު ކައިވެނި ވެސް ވަނީ އާއިލާ މީހުންގެ ރުހުން ނުލިބުމުން ރޫޅިފައެވެ. އެކަމަކު އަދިވެސް މާޒިން އެބަހުރި މެއެވެ.

އަހަރެންގެ މުޅިހަޔާތުގައި ވެސް އެމީހަކަށް އިންތިޒާރު ކުރީ މާޒިންއަށް ހެން ހީވާ ކަހަލައެވެ. މާޒިން އަކީ ހިތްހެޔޮ މީހެކެވެ. ލޯތްބާއި އޯގާތެރިކަން ދޭން ދަންނަ މީހެކެވެ. އަހަރެން އުފާކުރުމަށް ޓަކައި ކޮންމެ ކަމެއް ކުރަންވެސް މާޒިން ފަހަކަށް ނުޖެހޭނެއެވެ.ހިތާމައާއި އުފަލުގައި އަހަރެންނާއި ބައިވެރިވެއެވެ. އެކަމަކު އޮންލައިންކޮށެވެ.

އަލަތު ކައިވެންޏަށް އަށްއަހަރު ވުމަށް ފަހު ވަކިވުމުން އޮންލައިންގެ ޒަރީއާއިން ލޯތްބެއް އުފެދިދާނެކަމަށް އަހަރެންނަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ. އެކަމަކު ނޭގި ނަމަވެސް އެކަން ވަނީ ވެފައެވެ. ލޯބި އެއީ ވެވޭ އެއްޗެކޭ ބުނާތީ އަހަމެވެ. އެހެންކަމަށް ވާނަމަ އެލޯބި މިއަދު މާރަގަޅަށް ވެސް މާޒިން ދެކެ ވެވިއްޖެއެވެ.މިލޯބީގައި ހިތް ދީވާނާވެ ފޑުފުޑުވާން ކައިރިވާކަހަލަ އެވެ.

އެއްދުވަހަކު ޕޯސްޓް ބަހާ މީހާ އަހަރެންނަށް ސިޓީއެއް ގެނެސްދިނެވެ. އެސިޓީއަކީ މާޒިން އަހަރެންނަށް ލިޔެފައިވާ ސިޓީއެކެވެ. އަވަހަށް ސިޓީ ކެޑުމަށް ފަހު ކިޔަން ފެށީމެވެ.

''ލޫސީއަށް

ފިނިފެންމަލެއް ގެ މީރުވަސް އެކުލެވޭ ހޫނު ނޭވާއެއް މިސިޓީއާއެކު ފޮނުވަމެވެ.

އަހަރެންގެ ހަޔާތުގެ ގެ ކަލާގެ އަތްތިލައިގައިވާ ރޮގުތަކުން އުފެދިފައިވާ މަގުގައި ހުއްޓައި އެއްފަހަރު ދުށީމެވެ. ކަލާ ވައުދުތައް ވާހިނދުގައި ތުންފަތުގައި އުފެދޭ ލުއި ހިނިތުންވުމުގެ ތެރެއިން އަހަރެންގެ މަންޒިލް ފެނުނެވެ. ކަލާގެ ލޮލުގެ ހިޔަނީގެ ދަށުގައި އަހަރެން ހިޔާހޯދާފައި ވަނިކޮށް ދުށީމެވެ.

ކަލާގެ މަޑުމައިތިރި ބަސްތައް އަހަރެން ބޯއަޅާ ބާލީހުގެ ދަށުގައި ރައްކާކުރީމެވެ. ނޭވާގައި ވަނީ ތިވަހެވެ. ކަންފަތުގައި ގުގުމަނީ ތި ނަމެވެ. ރޭގަނޑުވުމުން ކަލާގެ މޫނުގައިވާ ވިދުވަރުން މުޅި ފަޒާ އަލިކޮށްލައި ދެއެވެ. ކަލާ ވާހަކަ ދެއްކުމުގައި އަޑުގައި ހުންނަ މަޑުމައިތިރި ކަމުގެ ތެރެއިން ވޯޓަރ ފޯލް އަކުން ފެންފައިބާ ފަދަ އިހްސާސެއް ލިއްބައިދެއެވެ. ކަލާގެ އިސްތަށިގަނޑުގެ ސަބަބުން ވަޔަށް މަޑުކަމާއި، ހިތްހަމަޖެހުން ހޯދައިދެއެވެ.

ލޫސީއެވެ. ދުނިޔެއިން ދުވަސްތައް މިހިރަ ފާއިތުވެގެން ދަނީ އެވެ. އެއާކު އަހަރެންގެ އުމުރުން ވެސް ދުވަހެއް އުނިކުރެއެވެ. ދުވަސްތައް ފަރުބަދައަށް އެރުމުގައި އޭގެ ވަގުތު ކަނޑަތު ކުރެއެވެ. ހަނދު ފުސްގަނޑާއި ނިވާވެ، ދުނިޔެ އަދިރިކުރުވައެވެ. ރޭތައް އަހަރެންގެ ލޮލަށް ނިދިގެނައުމަށް ނުކުޅެދިފައިވާ ކަހަލައެވެ. ކަލާގެ ހަދާންތަކާއި ދެކޮޅަށް އަހަރެން ހަގުރާމަ ކުރީމެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ކަލާނެތުމުގެ އުނިކަމާއި ހިތްދަތިކަން އަދިވެސް ހިތް އިހްސާސް ކުރާ ކަހަލައެވެ.

ލޫސީއެވެ. ދިރިއުޅުން ދައުރުވަނީ ވައްބުރެއްހެންނެވެ. އެބުރު ފެށެނީ ހެދުނު އެރުމުންނެވެ. ނިމެނީ ރޭވެ ދަށް ވުމުންނެވެ. އެއަށް ފަހު އާ ހެދުނަކާ ކުރިމަތިލައެވެ. ދިރިއުޅުމަށް ބަދަލެއް އަޔަ ނުދިނުމަށްޓަކައި އެބުރަށް ކުޑަވެސް ރާހަތެއް، ހުއްޓުމެއް، ނުވަތަ ގުދުލުމެއް ނާދެއެވެ. ދިރިއުޅުމަކީ ރާޒުވާ ކުޅިފަސްގަނޑެއް ފަދަ އެއްޗެކެވެ. އެންމެ ކުޅިއެއް އޭގެ މަގުން ކެޓިޔަސް ކުޅި ފަސް ގެއްލިގެން ދެއެވެ. ދިރިއުޅުމުގައި ވެސް މިކަން ދިމާވެއެވެ. އެޅޭ އެންމެ ކަތި ފިޔަވަޅަކުން ވެސް ތިމާގެ އުމުރުން ބާކީވާ ބައި ބޭކާރު ކުރުވައެވެ. ބައެއް ފަހަރު އެއީ ވެވޭ ޚިޔާނަތެއްގެ ސިފައިގައެވެ. އަނެއްބައި ފަހަރު އުޅެވޭ އަޚްލާގީ ގޮތުން ދަށް މިންގަޑެއްގެ ސަބަބުންނެވެ.

ލޫސީއެވެ. އަހަރެންގެ މޫނު އަތްވާއި ވިއްސާރައިގެ ތެރޭގައި އަހަރުތަކެއް ފާއިތުކޮށްފިއެވެ. މިހާރު ބޭނުމީ ކަލާގެ އިސްތަށިގަނޑުން ހިމާޔަތެކެވެ. ކަލާގެ ލޮލުން އަލިކަމެވެ. ކަލާ ދުށުމައްޓަކައި އަހަރެންގެ ލޯ ކެތްތެރިކަމެއްނެތި އިންތިޒާރު އެބަކުރެއެވެ.''

ސިޓީއިން މާޒިން ހަގީގަތަށް ވެސް އަހަރެން ދެކެ ލޯބިވާކަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް ހިތާމައަކީ އަހަރެމެން ދެމެދުގައި ލެވިފައިވާ ފާރަކީ ކޮބައިކަން ނޭގުމެވެ. އެފާރު ހުރަސް ކޮށް އެކަކު އަނެކަކާއި ބައްދަލުކުރުމަށް ދާނޭގޮތް ނޭގުމެވެ. މިއީ ކޮންފަދަ ކަންތައްތަކެއް ހެއްޔެވެ؟.

ކައިވެނިކުރުމަށް އަހަރެމެން ރާވާތާ ދުވަސްތަކެއް ފާއިތުވެ ހިގައްޖެއެވެ. އެކަމަކު އޭގެ އެދެވޭ ނަތީޖާއެއް އަދިވެސް ފެންނަގޮތެއް ނުވެއެވެ. އެކަކު އަނެކާއަށް އިންތިހާ އަށް ބޭނުންވެއެވެ. މާޒިންއާއި ނުލާ ދިރިއުޅުން އަހަރެންނަކަށް ތަސައްވުރެއް ނުކުރެވެއެވެ. އަހަރެންނަށް މިކުރެވޭ އިހްސާސްތައް މާޒިން އަށް ވެސް ކުރެވޭނެކަން އަހަރެންނަށް އެގެއެވެ. މާޒިންއާ އެކު އޮންލައިންގައި ވެފައިވާ ބައްދަލުވުންތަކުން އުފާވެރިކަން އަހަރެންނަށް ލިބިއްޖެއެވެ. އޭނާ އަހަރެންނަށް އާ ދިރިއުޅުމެއް ހޯދައިދިން ކަހަލައެވެ. އެއީ މިދުނިޔެ މަތީގައި އަހަރެންނަށް އެންމެ ހެޔޮލަފާ އިންސާނާ އެވެ. އެކަމަކު އަހަރެންގެ އުއްމީދުތައް ހާސިލްވާނީ ކޮންދުވަހަކުން ކަމެއް ބުނެދޭކަން ނޭގެއެވެ. އެދުވަހެއް އައުމުން މާޒިން ހިތްފުރެންދެން ލޯބިކޮށް ދޭން އަހަރެން ހުންނާނަމެވެ.

ކޮންމެ ދުވަހަކު ހެދުނު އެކަލާންގެ އަށް އަހަރެން ހަމްދާއި ޝުކުރުކޮށް ދުއާ ކުރަމެވެ.އެއީ ދިރިއުޅުން ފާގަތިކޮށް އުފާވެރި މުސްތަގުބަލެއް ދެއްވާތޯއެވެ. އާޚިރުގެ ގޮވަތި ބާއްޖަވެރިކޮށް ދާއިމީ ނިއުމަތެއްގެ ފުރުސަތު ލިބޭތޯއެވެ.

ކޮންމެ ދުވަހަކު އެދުން ތެދުވެ އޭނާ އެދު އެއްކިބައިގައި އޮށޯވެގެން އޮންނަ މަންޒަރު ހިތަށް ގެނެސް އެކަމާ ވިސްނަން ވަގުތު ހޭދަކުރަމެވެ. ލޯބިން ދެމީހުން އުޅޭއިރު ހީވަނީ އުފާވެރިކަން އަހަރެމެން ވަށާލާފައިވާ ހެންނެވެ. އެޚިޔާލީ ތަސައްވުރުގައި މާޒިން އުގުގައި ލޯބިން އަހަރެން ގެންގުޅެއެވެ. އޭނާގެ ފިރުމުންތަކުން ހިތްހަމަޖެހުމާއި ރާހަތު ލިއްބައިދެއެވެ. މިދުނިޔެމަތީގައި ލޯތްބާއި ކުލުނާއި އޯގާތެރިކަން ނޫން ކަމެއް ނެތްހެން ވެސް ހީވެއެވެ. ޚިޔާލީ އެ އޮއިވަރުގައި މާޒިންގެ ހޫނު ނޭވާތަކުން ކޮންމެ ދުވަހަކު އަހަރެންގެ ހަށިގަނޑަށް ތާޒާކަން ގެނެސްދެއެވެ. އަހަރެމެންގެ ހިތްގައިމު އެވަގުތުތައް ޖާދޫއެއް ފަދައެވެ. އެއުފާވެރި ދުވަސްތަކަށް ނިމުމެއް އައުމަށް ބޭނުމެއް ނުވެއެވެ. ހިތުގެ އެންމެ ފުންމިނުން އޭނާ ދެކެ އަހަރެން ލޯބިވެއެވެ. މިކަމަށް ހިތުގެ އެންމެ ހިމަނާރު ވެސް ހެކިވާނެއެވެ.

ސިއްސައިގެން ގޮސްފައި ހޭލެވުނުއިރު އަހަރެންގެ ފިރިމީހާ ފުންނިއްޖެއްގެ ތެރޭގައި އޮވެ ގުގުރި ދަމަނީ އެވެ. ގަޑިއަށް ބަލާލެވުނު އިރު 4 ޖަހަނީ އެވެ. އަހަރެންނަށް ފެނުނީ ހުވަފެނެކެވެ. ހުވަފެނަކީ ބިލާހެކެވެ. އެއީ ހަގީގަތެއް ނޫނެވެ.

ކޮންމެވެސް ދުވަހަކުން..

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.