ބުދަ20200701

އާކުރެވުނީ: 08:43:52

ހިތް ރޮއްވާފައި......

hihrovvafai

ހުޅަނގު މޫސުމުގެ ދުވަހެއްކަމުން ކަނޑު އާދައިގެ ވަރަކަށް ގަދައެވެ. ކަނޑުގެ ކޮންމެ ރާޅެއްވެސް އަނެއް ރާޅާ ތޮޅެމުންދެއެވެ. ކޮންމެ ރާޅެއްވެސް ކަނޑުގެ ވެރިކަން ބޭނުން ވެގެން އުޅޭކަހަލައެވެ. ނަދާ އާއި ނިހާން ތިބީ ހުޅުމާލެ ފެރީތައް ކައިރީ، މާލޭ ފަޅުގެ ބޭރުތޮށިގަނޑުމަތީގައެވެ. އެއީ ކޮންމެވެސް ވަރަކަށް ހަލަބޮލި ސަރަހައްދެކެވެ. އެކަމަކު ވަރަށް ގިނަފަހަރަށް މިދެލޯބިވެރިންގެ ބައްދަލުވުން ބޭއްވޭތަނެކެވެ. ފެރީތަކުގެ އިންޖީނުގެ އަޑާއި،

ފެރީތަކަށް އަރާ ތިބޭ މީހުންގެ ހުނުމާއި ސަކަރާތުގެ އަޑު ކިތަންމެ ރަނގަޅަކަށް ވެސް ފެރީ ނައްޓާލާ ގަޑީ އެމީހުނަށް އިވޭނެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް އެމީހުން ސަމާލުކަމެއްނުދެއެވެ. ދެމީހުންވެސް ތިބީ ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ. ނިހާން މަޑުމަޑުން އޭނަގެ އަތް ނަދާގެ އަތްމަތީބޭއްވިއެވެ. ނަދާ ދިޔައީ ސިއްސައިގެންނެވެ.

'' އަނހަ! ކިހިނެއް ތިވީ؟.. ކޮންކަމަކާ ތިވިސްނަނީ މާވަރަކަށް؟... ދެން އެކަމާ ނުވިސްނާ... ކޮންމެވެސް އެއްތާކު އުޅޭނީއޭ....ކޮންމެ ގޮތެއްވިޔަސް އަހަރުމެން ދެމީހުން އުޅޭނީ އެކީއޭ... އަހަރެން ނަދާ ދޫކޮށެއްނުލާމޭ...'' ނިހާނު ނަދާ އޭނާއާއި ގާތްކޮއްލަމުން ބުންޏެވެ.

'' އަހަރެން އެކަމަކާ ނުވިސްނަމޭ.. އަހަރެންގެ ހިތަށް މިއަރަނީ ކަނޑުގެ ރާޅުތައްމީ ހާދަހާ އަނިޔާވެރި އެއްޗެކޭ...މިކަނޑުގެ ތެރެއަށް އަހަރެން ގެނބިމަރުވެއްޖެއްޔާ ނިހާން އަށް ކިހިނެއްބާއޭ ވާނީ؟ '' ނަދާ ނިހާންގެ ކޮނޑުގައި ބޯއަޅާލިއެވެ.

ނަދާއަށް އަބަދުވެސް ވިސްނޭނީ އެކަހަލަ ކަމަކާއެވެ. ނަދާ ނެތްދުނިޔެއެއްގައި ނިހާނަށް ވާނެގޮތަކާމެދުއެވެ. އެދުވަހަކުން ނިހާން ދުނިޔެއަށް މޮޔަވެދާނެއެވެ. ޔަޤީނެވެ. ނަދާއާއި ވަކިން އެންމެ ސިކުންތެއް ހޭދަކޮށްލާކަށް ވެސް ނިހާނަކަށް ފަސޭހައެއްނުވާނެއެވެ. އެއަށް ވުރެ އެދެހިތުގެ ގުޅުން މާބޮޑެވެ.

'' ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ '' ނިހާން ސުވާލުކުރިއެވެ.

'' އެންމެ ރަނގަޅު އަހަރެންވެސް މީ އެނަމާބޯޓު ބަންޑުންޖަހާލި ހާދިސާގަ މަރުވި މީހެކޯ...އެހެން ވެއްޖެއްޔާ ދެން ... ދެން ނިހާ..........'' ނަދާގެ ޖުމްލަ ފުރިހަމަ ނުވަނީސް ނިހާން ނަދާގެ އަނގަ މަތީ އަތްއެޅިއެވެ.

'' ތިހެނެއް ނުވާނެ .. ކިހިނެއް އަހަރެމެން ދެމީހުން ވަކިވާނީ؟ '' ނިހާންގެ ހިތުގެ ތެޅުމުގެ އަޑު އިވޭވަރަށް ނިހާން ނަދާ ގާތްކޮށްލިއެވެ.

އެއީ ތެދެކެވެ. ހިތެއްގައި އެހެން ހިތަކަށްޓަކައި ލޯބި އުފެދޭނެ އެންމެ ބޮޑަކަށް އެދެމީހުންގެ ހިތުގައި ވަނީ ލޯބި އުފެދިފައެވެ. އެދެލޯބި ވެރިންނަކީ ދެހަށިގަނޑަކަސް އެއްފުރާނައެކެވެ. އެކަކަށްވެސް އަނެކަކާއި ނުލާ އެންމެ ހިނދުކޮޅެއްވެސް ހޭދައެއްނުކޮށްލެވޭނެއެވެ.

'' އެނގޭތަ އަހަރެންގެ ހިތަށްއަރާ އެއްޗެއް؟ '' ނިހާން ސުވާލު ކޮށްލިއެވެ.

ނަދާ އެއްވެސް ޖަވާބެއްނުދީ އިނީއެވެ. ނިހާންގެ ހިތުގެ ތެޅުމުގެ އަޑުއަހާށެވެ. ފަހަރަކު ވިންދެއް ފަހަރަކު ވިންދެއް ޖަހަމުންދާ އަޑުގެ ތެރެއަށް ގެއްލިފައެވެ.

'' ކޯއްޗެއްތޯއެއް ނާހާނަންތަ؟ '' ނިހާން ނަދާގެ މޫނު އޭނަގެ މޫނާއި ސީދާކޮށްލަމުން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

'' އެނގެއޭ ތިހިތަށް އަރާއެއްޗެއް... ތިވިސްނަނީ އަދިވެސް އަހަރެމެން މެރީކޮށްގެން އުޅޭނެ ތަނަކާމެދުއެއްނު..'' ނަދާ ހުރީ ހަމަ ރަނގަޅަށްވެސް ދެރަވެފައެވެ.

'' ނޫނެކޭ... މަހިތަށް މިއަރަނީ ނަދާ ހާދަލޯތްބޭ.... މަވެސް ޝާޢިރަކަށް ވީނަމައޭ... އެހެންނަމަ ތަޢުރީފުގެ ބަސްތައް ހުއްޓާނުލާނަމޭ.... އެހެން ނޫނީ މަ މޮޅު ލަވަކިޔުންތެރިއަކަށް ވީނަމައޭ.... އެހެންނަމަ މަކިޔާ ހުރިހާ ލަވައެއްވެސް ނިސްބަތް ކުރާނީ ނަދާއަށޭ... މަށަށް ހަމަ ޔަޤީން ޝާޢިރަކަށް ވެސް ނަދާ ސިފަކުރާކަށް ނޭގޭނެ.... މަށަކީ ހާދަ ނަސީބުގަދަ މީހެކޭދޯ.! '' ނަދާގެ ހިތްހަމަ ޖައްސައި ދެވޭތޯ ނިހާން މަސައްކަތް ކުރަމުންގެންދިޔައެވެ.

އެކަމަކު ނަދާ އެވާހަކަ އާއި ގަޔާވާ ގޮތެއްނުވިއެވެ. އެއަށްވުރެ ނަދާގެ ބޯ މާރަނގަޅެވެ. ނިހާން އެހެން ވާހަކަ ދެއްކިއަސް ނިހާންވެސް އެކަމާ ވިސްނާނެއެވެ. އެމީހުނަށް ދިމާވެފައިވާ މައްސަލައަކީ އެއަށްވުރެ މާބޮޑު މައްސަލައެކެވެ. ނަދާގެ މަންމަބޭނުން ވަނީ މިހާރުވެސް ނަދާ ރަށަށްދިއުމަށެވެ. ނަދާވެސް ބޭނުންވަނީ ކައިވެނީގެ ފަހުން ދިރިއުޅުން ރަށަށް ބަދަލުކުރާށެވެ. ނިހާންވެސް ބޭނުންވަނީ ހަމަ އެގޮތެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. ނިހާންގެ ވަޒީފާއެވެ. ނަދާގެ ރަށުން ރަނގަޅު ވަޒީފާއެއް ނުލިބިދާނެތީއެވެ. އެހެންނޫނަސް މިހާރު ނިހާން އަދާކުރާ ވަޒީފާވެސް ދޫކޮއްލައިފިއްޔާ ދެން އަލުން އެހެން ވަޒީފާއެއް ހޯދަން ވެސް ފަސޭހަ ނުވާނެތީއެވެ. އެހެންކަމުން އެރަށުން ވަޒީފާއެއް ލިބޭތޯ ދާންވެސް ނުކެރެއެވެ. އެރޭގެ ބައްދަލުވުން ނިމުނީވެސް ވަކި ގޮތެއް ނުނިމިއެވެ. އެކަމަކު ނަދާ މިހާރު ނިހާން އާއި ވަކިން އުޅޭކަށްވެސް ބޭނުމެއްނުވެއެވެ. ނަދާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ނިހާންގެ މީހަކަށް ވާށެވެ. އެކަމަކު އެކަން ވާން އޮތީ މިކަންތައް ޙައްލުވެގެންނެވެ. އެއީ ކައިވެނިކޮށްގެން އުޅޭނެ ވަކިތަނެއް ނޭގެނީސް ކައިވެނިކުރަން ނިހާން ބޭނުން ނުވާތީއެވެ.

'' ނަދާ! މަންމަ ފޯނެއް..'' ނަސީމާ ފޯނު ހިފައިގެން އައިސް ނަދާގެ ކޮޓަރީ ދޮރުގައި ޓަކިޖަހަމުން ގޮވާލިއެވެ.

ނަސީމާއަކީ ދުރުހިލޭ މީހަކަސް ނަދާ އާއި ދޭތެރޭ ކަންތައްތައް ކުރަނީ އެއްބަނޑު މީހަކާމެދު ކަންތައް ކުރާގޮތަށް ވުރެވެސް ގާތްކޮށްނެވެ. ނަދާ ދޮރު ހުޅުވާފައި ފޯނު ހިފައިގެން އައިސް އަނެއްކާވެސް އެނދުމައްޗަށް ވެއްޓިގަތެވެ.

'' މަންމާ ކިހިނެއްތަ؟ '' ނަދާ ވަރަށް ނިދި އަޑަކުން ވާހަކަ ދެއްކިއެވެ.

'' ދަރިފުޅާ އަދިވެސް ނުހޭލަނީތަ؟ އެހެންވީމައޭ މަންމަ ބުނަނީ ދެން ރަށަށް އަންނާށޭ.... އާނ....ރަށަށް އައިމަ ދެން ތިހެން އެގާރަ ބާރަ ޖަހަންދެން ނިދާކަށް ނޯވެވޭނެއެއްނު... އެހެންވީމަ ނާންނާނެއެއްނު.... އެހެން ނޫނަސް ތިހިރީ ހަމަ ރަނގަޅަށް ވެސް ތިނިހާނެއްގެ އަވާގައި ޖެހިފަ.. އޭނަ ނޫޅޭ އިންނާކަށް ... އެހުސް ދަޅަ ހަމަ....މާލޭ ފިރިހެނުންގެ ވައްތަރޭ އެއީ... '' އަފީފާ އަމުނާލިއެވެ.

ނަދާ އައިރުޅީގަ ފޯނު ކަނޑަލިއެވެ. އެއްވެސް އެއްޗެކޭވެސް ނުބުނެއެވެ. ނިހާނާއި ބެހޭ ގޮތުން އެއްވެސް މީހަކުއެކަހަލަ ވާހަކަ ދައްކާ އަޑުއަހާކަށް ނަދާއަކަށް ކަތެއްނުކުރެވެއެވެ. އެއަށްވުރެ މާބޮޑަށް ނަދާ ނިހާންދެކެ ލޯބިވެއެވެ. ނިހާނަށް އިތުބާރުވެސް ކުރެއެވެ. އެކަމަކު މަންމަގެ ފޯނު ކަނޑާލެވުނީމަވެސް ދެރަވެއްޖެއެވެ.

އިރުކޮޅަކުން އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. ނަދާ އޮތީ ނުނަގަންވެގެންނެވެ. މަންމައާއި ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ރުޅިއައިއްސައެވެ. މާގިނައިން ފޯނު ރިންގުވާން ހެދީމަ، މަންމައަށް ވިސްނަދޭނީއޭ ހިތާ ފޯނުނަގާފައި ނަދާ ބުންޏެވެ.

'' ތީ މަންމައަށް ހީވާގޮތް... ނިހާން އަކީ އެއަށްވުރެ މާރަނގަޅު މީހެއް... އޭނަ އަހަރެން ދެކެ އެއަށް ވުރެ މާބޮޑަށް ލޯބިވާނެ '' ސަމާއަކަށް ކެތެއް ނުކުރެވެނެވެ. އައި ރުޅީގައި ފޯނު ޖެހިއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.