ހޯމަ20200629

އާކުރެވުނީ: 08:43:52

ހަމައެކަނި ލޯބި

onlylov

އެއީ މިދިޔަ އަހަރުގެ މިދުވަހެވެ. އަހަރެންގެ ލޯބިވެރިޔާއާއިއެކު، މެންދުރުކެއުމަށްފަހު، އަހަރެން އޭނާއަށް ޝަކުވާކުރީމެވެ. '' މީ ލޯބިވެރިންގެ ދުވަސް.. ކީއްވެމިއަދު އަހަންނަށް މަލެއް ނުދިނީ؟'' އޭނާ ބުމަ މައްޗަށް ހިއްލާލާފައި ބުންޏެވެ. '' ކީއްކުރަންދޭ މަލެއް؟ ތީ އަހަރެގެން އެއްވެސް މީހެއްނޫނެއްނު؟'' '' އެހެންވިއްޔާ އެންމެ ކުޑަމިނުން އަހަންނަށް ކާޑެއް ފޮނުވައިދީ..'' އޭނާގެ ރާގުހުރިގޮތުން، ދެރަވެފައި އަހަރެން ބުނީމެވެ. '' އާނ. އާނ. ކައިގެން ގޮސް އަހަރެން އީ-ކާޑެއް ފޮނުވާނަން.'' އޭނާ ބުންޏެވެ.

އީ-ކާޑެއް އެއީ ދެން ކޮންއެއްޗެއްހެއްޔެވެ؟އެކަމަކުވެސް ކުރާނެކަމެއް ނެތެވެ. އެއީ އޭނާގެ މިޒާޖެވެ. '' ކާޑު އަހަންނަށް އީމެއިލްކުރޭ. އަހަރެން އިންތިޒާރުކުރާނަން '' ހިނިތުންވުމެއް ގެނެސްފައި އަހަރެން ބުނީމެވެ.

ލޯބީގެ އެއްވެސް ޢިބާރާތެއް އޭނާގެ ކާޑުގައި ބޭނުންނުކުރާނެކަން އެނގޭ ޙާލުގައިވެސް، އަވަހަށް ކައިގެންގޮސް ކާޑުބަލާލާ ހިތްވިއެވެ. އަހަރެން މިދަނީ އަނެއްކާވެސް އޮފީހަށޭ، އަވަހަށް ކާޑު ފޮނުވައްޗޭ ކިޔާފައި، އޮފީހަށް އައިގޮތަށް ކޮމްޕިއުޓަރ ހުޅުވާފައި ނެޓަށް ވަދެފީމެވެ. މެއިލް ބޮކްސްގައި އެއްވެސް އާ އެއްޗެއް ނެތެވެ. މާޔޫސްކަމާއިއެކު ފެންކަޅިވެފައިވާ ލޮލަކުން، އިންބޮކްސްއަށް ބަލަހައްޓައިގެން އިންއިރު، ގޮނޑުދޮށަށްޖަހާ ރާޅުތަކެއްފަދައިން، އަހަރެމެން ދެމީހުން ފުރަތަމަ ބައްދަލުވިގޮތް، ހަނދާނަށް އަންނަމުންދިޔައެވެ.

އަހަންނާއި އޭނާއަކީ އަވައްޓެރިންނެވެ. ފަހަރެއްގައި ޤަބޫލުކުރަން ދަތިވެދާނެއެވެ. އެކަމަކު އެންމެ ކުޑައިރުއްސުރެ، އެކަކު އަނެކަކާއި ތިބެނީ ރުޅި މޫނުހަދައިގެންނެވެ. އެކަކު އަނެކަކާއި ވަރަށް ގިނަ ކަންކަމުގައި ޒުވާބުކުރަމެވެ. އޭނާގެ ގެޔާއިޖެހިގެން އުޅެންޖެހޭތީ، އޭރު އަހަރެންގެ މައިންބަފައިންދެކެވެސް އަހަރެންނަށް ރުޅިއާދެވެއެވެ.

ސްކޫލުގައި އުޅޭ ތަންކޮޅެއް، ސީނިއަރު ކުއްޖަކަށް އަހަރެންގެ ހިތްކިޔެވެ. އެކަމަކު އަހަންނަށް ފަހުން އެނގުނުގޮތުން، އޭނާގެ ބައިވަރު 'ލޯބިވެރިން' ތިބެއެވެ. އެކަން އެނގުމުން، އަހަންނަށް ރޮވުނެވެ. ގިސްލެވުނެވެ. އަހަރެންގެ މިހާރުގެ ލޯބިވެރިޔާއަށް ހިތް ހަދިޔާކުރެވުނީ އެހާ ހިސާބުންނެވެ. އޭނާ ހިމޭންކަމާއިއެކު، އަހަރެން އޭނާގެ މެޔާއިލައި ފިއްތާލިއެވެ. '' އަހަރެން ބުނީމެއްނު. އެއީ ރަނގަޅު ކުއްޖެއް ނޫނޭ!'' އަހަރެންގެ ހިތްހަމަޖައްސައިދިނުމަށް އޭނާ މަސައްކަތްކުރިއެވެ.

އޭނާގެ ދެއަތުގެ ތެރޭގައި އެރޭ އެއްކޮށް، އަހަރެން ރުއީމެވެ. އަދި އޭނާއާއިމެދު އަހަރެންދެކޭގޮތް، މުޅިން ބަދަލުވާން ފެށިއެވެ. ދެމީހުންގެ މެދުގައި ކުރިން ހިނގަމުން އައި ކަންތައްތައް، މުޅިން އެހެން ސިފައަކަށް ބަދަލުވާން ފެށިއެވެ.

އަހަރެމެން އޭގެ ފަހުންވެސް އަރައިރުންވަމެވެ. އެކަމަކު އޭނާގެ ބެލުންތަކުން އަހަރެން ލަދުގަނެއެވެ. އޭނާ ގާތުގައި ހުންނަނަމަ، ހިތް ބާރަށް ތެޅެން ފަށައެވެ. އަހަރެމެން ދެމީހުންނަށްވެސް، އެކަކު އަނެކަކުދެކެ ހަމަ ރަނގަޅަށް ލޯބިވެވިއްޖެއެވެ.

ލޯބިވިއެއްކަމަކު އެވާހަކަ ބުނާކަށް އެކަކުވެސް ބޭނުމެއްނުވެއެވެ. އަހަރެން އެހެން ފިރިހެނަކާއިއެކު، ކެއުމެއްގައި ބައިވެރިވިތަން އަހަރެންގެ ލޯބިވެރިޔާއަށް ފެނުމުގެ ކުރިން، ދެމީހުން އެކީގައި، ލޯބިވެރިންގެ ދުވަސްވެސް ހޭދައެއްނުކުރަމެވެ. އެރޭ އަހަރެންގެ ގޭގެ ދޮރުކައިރީގައި، އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. އަހަރެން ފެނުމުން، ދެން ކޮންމެއަހަރެއްގެވެސް، ލޯބިވެރިންގެ ދުވަހުގެރޭ، ރޭގަނޑުކެއުމަށް އެކީގައި ދާނެކަމަށް ބުންޏެވެ. ހަރުކަށި ރާގަކަށް އޭނާ އެހެން ބުނިކަމުގައިވިޔަސް، އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖެހީމެވެ. އެއަށްފަހު، އަހަރެމެން ކޮންމެ ވެލަންޓައިންޑޭއެއްވެސް ހޭދަކުރަނީ އެކީގައެވެ.

ބަލާބެލުމަށް އަހަރެމެންގެ މެދުގައި، އެއްވެސް ގުޅުމެއް އޮންނާނެހެން، ބަޔަކަށް ހީނުވެދާނެއެވެ. އެކަމަކު ޙަޤީޤަތުގައި، ދެމީހުންގެ ހިތުގައިވެސް ޖަހަމުންދިޔައީ ހަމަ އެއް ވިންދެކެވެ. އެކަމަކު އަހަރެންގެ ހުރިހާ އިޝާރަތަކާއިއެކުވެސް، އޭނާ އަހަންނަށް 'ރަސްމީކޮށް' ލޯބި ހުށަނާޅާތީ، ދެމީހުންގެ މެދުގައިވާ ގާތްކަން ދުވަހެއް ދުވަހަކަށް ދިޔައީ ދުރުވަމުންނެވެ.

މެއިލްބޮކްސްއަށް ބަލަހައްޓައިގެން އިނދެފައި، ކުއްލިއަކަށް އަހަންނަށް އާދެވިއްޖެއެވެ. އޭނާ ލޯބިވާވާހަކެއް ނުބުނާނެއެވެ. ކާޑެއްވެސް ނުފޮނުވާނެއެވެ. އޭނާ ހީކުރަނީ ކީކޭކަމަށް ހެއްޔެވެ؟

އަހަރެން އޭނާގެ ސެލްފޯނަށް ގުޅާލީމެވެ. ''ހެލޯ!'' އޭނާ ފޯނުނެގިއެވެ. '' އަހަންނަކަށް ކާޑެއް ނުލިބޭ!'' އަވަހަށް އަހަރެންގެ ނުރުހުން އޭނާއަށް ފާޅުކުރީމެވެ. ''ކާޑެއް ނުލިބެއޭ! އެކަމަކު ފޮނުވައިފިން.'' ވާހަކަދައްކާގޮތުން ހީވަނީ އޭނާ ވަރަށް އަވަދިނެތި އުޅޭހެންނެވެ. އެކަމަކާއި އަހަރެން އަޅައެއްނުލަމެވެ. '' ނުލިބޭ އަހަންނަކަށް.. އަލުން ފޮނުވާ!'' އަނެއްކާވެސް އަހަރެން ވަރަށް ބާރަށް ބުނީމެވެ. '' އޯކޭ.001 ފަހަރުވެސް ފޮނުވިދާނެ. އެވަރު ފުދޭނެތަ؟'' ކެތްތެރިކަމެއްނެތި އޭނާ ބުންޏެވެ. އޭނާގެ ރާގުން، އަހަރެންގެ ރުޅިގަނޑު އަނެއްކާވެސް ދިޔައީ މައްޗަށެވެ. ލޯބިވެރިން އެކަކު އަނެކަކާއި ވާހަކަދައްކަނީ މިހެންހެއްޔެވެ؟ '' ދެން އަޅާނުލާ . ކާޑުފޮނުވާނެކަމެއްނެތް. ޑިނަރއަށް އަހަރެން ބަލައި އަންނާނެކަމެއްވެސް ނެތް. އަހަރެން އެކަނި ގޮސް ކައިފާނަން.'' '' ކުޑަކުދިން އުޅޭހެން ނޫޅެބަލަ! އަސްލުވެސް އަހަރެން މިއުޅެނީ ވަރަށް ބުރަކޮށް..!'' އޭނާ އަހަންނަށް ވިސްނައިދެވޭތޯ އުޅުނެވެ.

''އަހަރެންމީ ކުޑަކުއްޖެކޭ..!!'' ވަގުތުން އަހަރެން ފޯނު ބޭއްވީމެވެ. ލޮލުން އޭރު ކަރުނަތިކިތައް ކޯތާފަތްމައްޗަށް ފައިބަމުން ދެއެވެ. ކުޑަކުދިންގެ މިޒާޖު ހުރީ އަހަރެންގެ ގައިގައި ހެއްޔެވެ؟ މިއޮއްހުރިހާ ދުވަހެއްވީއިރު، އަހަންނަށް މަލެއްވެސް. ކާޑެއްވެސް، ލޯބީގެ އެއްވެސް ޢިބާރާތެއްވެސް އަހަންނަށް ނުފޮނުވުން އެއީ، އޭނާ އަހަންނާއިމެދު އަޅާނުލާ ކަމުގެ ހެއްކެއް ނޫންހެއްޔެވެ؟ އަހަރެން އެދުނީ ހަމައެކަނި އެންމެ އީ-ކާޑެއް ފޮނުވައިދިނުމަށެވެ. އެއީ އެހާވަރުގެ ކަމެއް ހެއްޔެވެ؟

އަހަރެން ފޯނުގެ ވާގަނޑު އުފުރާލާފައި، މޯބައިލް ފޯނުވެސް ނިއްވާލީމެވެ. އޭނާގެ އެއްވެސް ވާހަކައެއް އަޑުއަހާކަށް، އަހަރެން ބޭނުމެއް ނޫނެވެ. އޮފީސް ކޮޓަރިން ބޭރަށްނުކުމެ، ހޮސްޕިޓަލުގެ ރިސެޕްޝަނިސްޓު ގާތު، އެއްވެސް ފޯނުކޯލެއް، އަހަންނަށް ފޯވާޑުނުކުރުމަށް ބުނީމެވެ. އަހަރެން ބޭނުންވީ، ހުރިހާ ސަމާލުކަމެއް، މަސައްކަތަށް ދޭށެވެ. އިމަޖެންސީ ޙާލަތްތައް ގިނަކަމުން، އޮފީހަށް އައިތާ ގަޑިއެއްހާއިރު ފަހުން، ކުރިން ހިނގައިދިޔަ ހުރިހާކަމެއް، ހަނދާނުން ފުހެވިއްޖެއެވެ.

ސާމާނުތައް އެއްކުރަމުން ދިޔައިރު، އެމްބިއުލެންސްގެ އަޑު، އިމަޖެންސީ ރޫމުގެ ބޭރުން އިވެމުންދިޔައެވެ.

ދޮރުހުޅުވާލާފައި ބޭރަށް ނުކުމެ ބަލާލިއިރު، މީހަކު އެނދަށް އަރުވަނީއެވެ. ''ޑރ. ލަޖްނާ. މިޕޭޝަންޓްއަށް ބައްލަވާލައްވާ!'' ފަސްޓްމެޑިކް އަހަރެންގެ ކިބައިން އެދުނެވެ. '' އޭނާއަށް ކިހިނެއްވީ؟'' އަހަރެން އަހާލީމެވެ. އޭރު އެންމެން އުޅެނީ، އީ.އާރް.އަށް އޭނާ އަވަހަށް ވެއްދޭތޯއެވެ. ލޭތައް އޭނާގެ ހަށިގަނޑުން ފައިބަމުންދެއެވެ. '' ކާރު އެކްސިޑެންޓެއް. ވަރަށް ސީރިއަސް. ފަހަރެއްގައި މަރުވެސް ވެދާނެ!'' އޭނާ ހާސްވެފައި ބުންޏެވެ. އަހަރެން އެމީހުންނާއިއެކު، ބާރަށް އޮޕަރޭޝަން ކޮޓަރިއާއިދިމާއަށް ދުއްވައިގަތީމެވެ. އެހާ ހިސާބަށް ދިޔަތަނާ، އެމީހާގެ ނޭވާލުމާއި ހިތުގެ ހިނގުން، ހުއްޓުނު ވާހަކަ ނަރުސްކުދިން ބުންޏެވެ.'' ޝޮކަށް ރެޑީވޭ!'' އަހަރެން ހަމަޖެހިލާފައި އެމީހުނަށް ބުނީމެވެ. މީހުންގެ ފުރާނަ ސަލާމަތްކުރުމަކީ، އަހަރެންގެ ވާޖިބެކެވެ. އެހެންކަމުން މާއަވަސް އަރައިގަނެގެން ގޯހެއް ހެދުނު ދީގެން ނުުވާނެއެވެ.އެކަމަކު އެނދުގައި އޮތްމީހާ ފެނުމުން، އަހަރެންގެ ހަމަޖެހުމާއި ސާބިތުކަން މުޅިން ގެއްލިއްޖެއެވެ. އޮޕަރޭޝަންކުރާ މޭޒުމަތީގައި އެއޮތީ އަހަރެންގެ ލޯބިވާއެވެ. '' ނޫން..ނޫން. '' އަވަހަށް ޕެޑްލްތައް އަތުލާފައި، ހުއްޓުމެއްނެތި އޭނާއަށް ޝޮކްދޭން ފަށައިފީމެވެ. ޝޮކްގެ ސަބަބުން، އޭނާގެ ހަށިގަނޑު، ކުއްލިއަކަށް މައްޗަށާއި ތިރިއަށް ޙަރަކާތްކުރަމުންދިޔައެވެ.

އަހަރެންގެ ޢަމަލުތައް ހުރިގޮތުން، ބިރުގެންފައިވާ ނަރުސްކުދިންތައް، އެހެން ޑޮކްޓަރެއް ހޯދުމަށް ދުއްވައިގަތެވެ. އެމީހުން ހީކުރީ އަހަރެން މޮޔަވީކަމަށެވެ. ކޮންމެ ގޮތެއްވިޔަސް ހެވެވެ. އަހަރެން ބޭނުންވީ އަހަރެންގެ ލޯބިވެރިޔާގެ ފުރާނަ ސަލާމަތްކުރާށެވެ. އަހަރެމެން އަރާރުންވިޔަސް، އޭނާ ލޯބިވާކަން ޢަމަލުން ނުދެއްކިޔަސް، މިހާރަކު އަހަރެންގެ ފަރުވާލެއް ނެތެވެ. އޭނާ މަރުވެގެން ނުވާނެއެވެ. އަދި އަހަންނަށް ފޮނުވަން ޖެހޭ ކާޑުވެސް އެއޮތީ ނުފޮނުވިއެވެ.

ޕެޑްލްތައް އެއްލާލާފައި، ވީހާވެސް ބާރެއްލާފައި، އަހަރެން އޭނާގެ ހިތައް ފިތަން ފަށައިފީމެވެ. އެކަމަކު އޭނާ އެންމެ ކުޑަމިނުން، ''ތަދުވެއޭ'' އެއްވެސް ނުބުނެއެވެ. އޭނާގެ މެރިފައިވާ ލޮލާއި، ހަމަހިމޭންކަމުގެ ސަބަބުން، އަހަރެންގެ ހިތުގައި ވޭން އަޅަން ފެށިއެވެ.

ޑރ. މަހުދީ އަހަރެން އެތަނުން ދުރުކޮށްފިއެވެ. '' ސޮރީ. އޭނާ އެއޮތީ މަރުވެފައި!'' އޭނާ އަހަރެންގެ ކޮނޑުގައި އަތްބާއްވާލާފައި ބުންޏެވެ. '' ނޫން. އޭނާ މަރުވެގެން ނުވާނެ. ޕްލީޒް!'' އަހަރެން ރޯން ފެއްޓީމެވެ. ''ޑރ. ލަޖްނާ. ނަފްސު ކޮންޓްރޯލްކުރޭ! ތީ ޑޮކްޓަރެއްނު!'' އަހަންނަކީ ޑޮކްޓަރެކެވެ. އެކަމަކު އަހަންނަކީ އިންސާނެއްވެސްމެއެވެ.މަރުވެފައި އެއޮތީ އަހަރެންގެ ލޯބިވެރިޔާއެވެ. ޑރ. މަހުދީއަށް އެކަން ނުވިސްނޭންވީ ކީއްވެހެއްޔެވެ؟

އޭގެ ފަހުން، ލޯބިވެރިޔާގެ އޮފީސް ރަޙުމަތްތެރިއެއް ގާތު، އެދުވަހު އެހާ އަވަހަށް، އަހަރެންގެ ލޯބިވެރިޔާ އޮފީހުން ދިޔައީ ކީއްވެގެންތޯ އެހީމެވެ. އޭނާ ބުނީ އަހަރެން ފޯނު ބޭއްވީމަ، އެތައްފަހަރަކު އޭނާ އަހަންނަށް ގުޅަން އުޅުނުކަމަށެވެ. އެންމެފަހުން، ނުގުޅިގެން، ދެރަވެގެން ހޮސްޕިޓަލަށް އަންނަންވެގެން އުޅެނިކޮށް، ބޮޑު ޓްރަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގީއެވެ. މިވާހަކަތައް އިވުމުން، އަހަރެން ހަމަ އެއްކޮށް ގަނޑުވިއެވެ. ހުރިހާވެސް ސަބަބަކީ އަހަރެންނެވެ. އަހަރެންގެ ރުޅިގަނޑެވެ. އޭނާ މަރުވީ ހަމައެކަނި، މެއިލް ނުކުރެވުނު ކާޑެއްގެ ސަބަބުންނެވެ. އޭގެ ފަހުން، އަހަރެން ކަންކަމާއިމެދު އަބުއިކޮށް ވިސްނަން ފެށީމެވެ.

ކިތަންމެ ދެރަވެފައި ހުއްޓަސް، އޭނާ މަރުވިއިރު ރުއިފަހުން، އަހަރެން ނުވެއްރޮމެވެ. މެއިލް ޗެކްނުކުރާތާ ދުވަސްތަކެއްފަހުން، އެއްދުވަހަކު، މެއިލް ބޮކްސް ހުޅުވާލީމެވެ. އަހަންނަށް މީހަކު މެއިލްކުރާނެކަމަކަށް ހިތަށްވެސް ނާރައެވެ. އެކަމަކު މެއިލްބަލާލިއިރު، އޭގައި 100 މެއިލް އޮތެވެ. ޖަންކުމެއިލްކަމަށް ހީކޮށް، ޑިލިޓްކޮށްލަން އުޅެނިކޮށް، އެހެން މެއިލްއެއް އަތުވެއްޖެއެވެ. އޭގައިވަނީ ސިސްޓަމް އެރޯއެއްގެ ސަބަބުން، ކުރިން މެއިލް ނުފޮނުވުނީކަމަށެވެ. އަދި ޑިލޭއަށް މަޢާފްކޮށްދޭށެވެ. މެއިލް ފޮނުވާފައިއޮތީ އަހަރެންގެ ލޯބިވެރިޔާއެވެ.

އަހަރެން ތެޅިތެޅިއޮތް ހިތަކާއިއެކު، ފުރަތަމަ މެއިލް ހުޅުވާލީމެވެ. އެއީ ލޯބިވެރިންގެ ދުވަހު، ފޮނުވާފައި އޮތް ކާޑެކެވެ. ކާޑުަގައިވަނީ ވަރަށްލޯބި ފިނިފެން މަލެކެވެ. ކާޑުހުޅުވެމުންދިޔައިރު، '' އޮންލީ ލަވް '' ގެ ރާގު ކުޅެވެމުންދިޔައެވެ. އަހަރެންނަށް ހުއްޓުން އަރާފައިކަހަލަގޮތަކަށް އިނދެގެން ދެން ބަލާލެވުނީ، އޭގައި ލިޔެފައިވާ ޢިބާރާތްކޮޅަށެވެ.

'' ހަނދާނެއް އުފެއްދޭނީ ހަމައެކަނި ލޯބްބަކަށެވެ. ކުޑަހިނދުކޮޅެއް، ނިމުމެއްނެތް ދިގުވަގުތުތަކަކަށް ބަދަލުކޮށްލެވޭނީވެސް ހަމައެކަނި ލޯބްބަށެވެ. ކަލާއެތާވީއިރު، މުޅިދުނިޔެވެސް، ވަރަށް ޒުވާނެވެ. އޭރު ދުނިޔޭގައި އެއްވެސް ލަވައެއް ނުކިޔެއެވެ. ކަލާދިރިއުޅުނީ ހަމައެކަނި، ލޯތްބަށްޓަކައިކަން އަހަރެން ހަނދާން އެބަހުއްޓެވެ. އަދި އެލޯބި އަހަންނަށް ދިންގޮތްވެސް ހަނދާން އެބަހުއްޓެވެ.''

މިލަވައިގެ ހުރިހާ ލަފުޒުތަކެއްވެސް، އަހަރެމެންގެ ޙަޔާތާއި ގުޅެއެވެ. އޭނާ ދުނިޔޭގައި ހުރިއިރު، އަހަރެން ވަރަށް ޅައެވެ. ކޮންމެދުވަހަކުވެސް، ބަހުސްކޮށް ޒުވާބުކުރާނެ މައުޟޫޢުތައް އޭރު ހުއްޓެވެ. އެކަމަކު، އޭނާ ދިއުމުން، އަހަރެންގެ ޙަޔާތުގައި މިއަދު މިވަނީ، ހަމައެކަނި ހަނދާންތަކެކެވެ. ކާޑުގައި ލިޔެފައިވާ ޢިބާރާތްކޮޅު ކިޔާ ނިމުމާއިއެކު، ބޭއިޚްތިޔާރުގައި އަހަންނަށް ގިސްލައި ބާރަށް ރޯން ފެއްޓުނެވެ. އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން، ކީބޯޑު ތެމެމުން ދިޔައެވެ.

އަހަރެން 100 ފަހަރު މެއިލްއަށް ރިޕްލައި ކުރީމެވެ. އަދި '' އޮންލީލަވް'' 100 ފަހަރަށް ޖެހީމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.