ހުކުރު20201023

އާކުރެވުނީ: 08:43:52

ހަނދާންތަކެއް

handaan

އަހަރެންގެ ނަމަކީ އާސިޔަތެވެ. ޢުމުރުން މިވީ ނަވާރަ އަހަރެވެ. އަހަރެން މި ކިޔައިދެނީ ކުރުވާހަކައެއް ނޫނެވެ. ހަނދާންތަކެކެވެ. އަހަރެންނަށް ހީވަނީ، އަހަރެން މިހާރު މި ގުނަނީ ޙަޔާތުގެ އެންމެ ފަހު ދުވަސްތައް ހެންނެވެ. ނަމަވެސް މިއީ ހަމަ ހީއެކެވެ. ތަޤްދީރު އެނގޭނީ ކާކަށް ހެއްޔެވެ؟ ..........

އަހަރެންގެ މާމައަކީ، އެހެންމީހުންގެ މާމަމެންނެކޭ އެއްގޮތަށް މުސްކުޅިއެކެވެ.

މޫނުގައި ވަނީ ރޫޖެހިފައެވެ. މާމަގެ ޒުވާން ދުވަސްވަރެއް އަހަރެންނެއް ނުދެކެމެވެ. ޔަގީނުންވެސް އަހަރެންގެ މާމަ މުސްކުޅިވުމުގެ ކުރިން ވަރަށް ރީތި ވާނެއެވެ.

މާމަ އުޅޭގޮތުން މާމަގެ ފިރިއެއް ހުރިކަމާއިމެދު އަހަރެންގެ ހިތުގައި ސުވާލު އުފެދެއެވެ. ދުވަހަކުވެސް ކާފަގެ ވާހަކަ މާމަ ދައްކާތީ އަހަރެން ނާހަމެވެ. ނަމަވެސް އަހަރެންގެ ކާފައެއް ނެތްނަމަ އަހަރެންނެއް ނުހުންނާނެ ނޫންހެއްޔެވެ؟

ބޭރުގޭތެރޭގައި ފޮޓޯލޯގަނޑެއް އެލުވާފައި ހުރެއެވެ. އޭގައިވަނީ ، ނުރަވެފައިވާ ތުނބުޅިއެއް ލާފައިވާ ހިމަ ތޮޅި އިސްކޮޅުން އާދައިގެ ވަރެއްގެ މުސްކުޅި ފިރިހެނެކެވެ. ބޮލުގައި އޮތީ އަރިއަކަށް އޮތް ތާކިހަލެކެވެ. ލައިގެން ހުރީ އެއް ކުލައިގެ ފޮތީގެ ގަމީހެކެވެ. މަންމަ ބުނެގެން އަހަރެން ކާފަ ކިޔަނީ އެ ފޮޓޯ ލޯގަނޑަށެވެ. ބަލާ ބެލުމަށް އަހަރެން ކާފައޭ މިކިޔާ މީހާ ޖަހަނީ ދުވަހަކުވެސް މީހަކާނީންނާނެ މީހެއްގެ ވައްތަރެވެ. ކައިވެނީގެ ހަޔާތެއް ވޭތުކުރެވިދާނެ މީހެއްގެ ސިފަ ހަމަ އެއްގޮތަކަށްވެސް ނެތެވެ.

މާމަ ވަރަށް ގިނައިން ވާހަކަ ކިޔައިދެއެވެ. އެއީ ރަސޫލުންނާއި ނަބިއްޔުންގެ ވާހަކަތަކެވެ. މާމަ ކުޑައިރު ކުޅުނު ކުޅިވަރު ތަކުގެ ވާހަކަ ތަކެވެ. ތިންމުގޯލިއޭ ކިޔާ ކުޅިވަރަކާއި ލެއް ކިޔާކުޅިވަރެކެވެ. ދެން ފަންކުޅުމޭކިޔާ ކުޅިވަރެއްގެ ވާހަކައެވެ. އަހަރެންނަށް މި ކުޅިވަރުތަކުގެ ވާހަކަތައް ވަނީ ވަރަށް ހެއްވާ، މަޖާ ވާހަކަ ތަކަކަށެވެ. އަހަރެން ކުޅެ އުޅޭ ބާސްކެޓާއި ނެޓްބޯޅައިގެ ވާހަކަ ބުނެފިނަމަ، މާމަ ވަރަށް ކޮސްވެއެވެ. މުސްކުޅިންނަކީ ވަރަށް އަވަހަށް ކޮސްވާ ބައެކެވެ.

މާމަ ދިގެއްނޫނެވެ. މުސްކުޅިކަމުން އޮންނަނީ ކުރިމައްޗަށް ގުދަށެވެ. އެހެންވެ، މާމައަށް އުޑެއް ނުފެންނާނެއެވެ. ތަރިތަކުގެ ރިހި އަލި، ހަނދުގެ ޖާދުވީ ހަނދުވަރު މާމައަށް ޖެހޭނީ އެހެން މީހަކު ސިފަކޮށްދޭށެވެ. ''ފަތިހެއްގެ މަންޒަރު'' މިޅެމުގައި ފަތިސް ދަންމަތީގެ ހިތްގައިމު މަންޒަރު ބޮޑުފެންވަޅުގޭ ސީދީ ސިފަކޮށްދޭ ގޮތަށެވެ. މާމަގެ ގައިގާވަނީ ހުސް ރުލެވެ. އެއިން ރުލެއްގެ ފެށުނުކޮޅެއްވެސް ނިމުނުކޮޅެއްވެސް ނުހޯދޭހާ ގިނަ ރުލެވެ. އެކަމަކު މާމައަކީ ސާދާ މީހެކެވެ. ތާހިރު މީހެކެވެ. މާމަގެ ވަނީ އޮފުއަރާ ރިހި ނަރުފަށްތަކެއް ކަހަލަ އިސްތަށިގަނޑެއްކަން އެނގެނީ ބުރުގާ ރަގަޅުކޮށްލާ ވަގުތު ބޯފެނުމުންނެވެ. އަތުގައި ތަސްބީޙަ ފައްޗެއް އަބަދުވެސް އޮވެއެވެ. ކިޔާނުކިޔާ ނޭނގޭވަރަށް ތުންތަޅުވަމުން ލުއިލުއިކޮށް ގޭތެރޭގައި ހިނގާނެއެވެ.

އަހަރެންނާއި އަހަރެންގެ މާމައަކީ ދެ ރަހްމަތްތެރިންނެވެ. ބައްޕަ އަރިއަތޮޅު ކުރަމަތީގައި މަސައްކަތްކުރާއިރު، މަންމަ ގިނަވަގުތު ހޭދަކުރަނީ ހޮސްޕިޓަލުގައެވެ. ބައްޕަ އެއީ ވަޑިއެކެވެ. މަންމަ އެއީ ނަރުހެއްގެ އިތުރަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ވެސް މެއެވެ. ވީމާ، ގޭގައި އަހަރެންނާއިއެކު ގިނަ ވަގުތު ހޭދަކުރަނީ މާމައެވެ. ހެނދުނު އިސްކޫލަށް ދާން ކޮންމެ ދުވަހަކު މާމަ، އަހަރެން ހޭލައްވާ ގޮވާ ނަގާނެއެވެ. ކިރުތައްޓަކާ ދޮންކެޔޮވަކެއް ދީފައި ކިޔަވަން ފޮނުވާނެއެވެ. ފަތިސްނަމާދަށް ހޭނުލާތީ އަނގަ ހުއްޓާނުލާ އެއްޗެހި ގޮވަމުން ކިރުތަށި ގިރައިދީ ހަދާނެއެވެ. ދަބަސް ނެރެދީ ބުރަކަށީގައި އަޅުވައިދޭނެއެވެ. ގޮވައިގެން އިސްކޫލަށް ދާނެއެވެ. އިސްކޫލުން ނިމުމުން ޤުރުއާން ކުލާހަށް ގެންދާނެއެވެ. ކުލާހަށް އަހަރެން ވަނުމުން ޤާރީއާ ތުންގުޅުވައިގެން އެ ކިޔާ އެއްޗެއް ކިޔާނެއެވެ. ޕުރައިމަރީ އިސްކޫލުގައި ހަތް އަހަރު ކިޔެވުމަށްފަހު އަހަރެން ވަނީ ސެކަންޑަރީ އިސްކޫލަށެވެ. ސެކަންޑަރީ އިސްކޫލަށް ވަނުމުން ބައްޕަ ބައިސްކަލެއް ގަނެދިނެވެ. އެހާ ހިސާބުން އިސްކޫލަށް ދިޔުމުގައި، މާމަގެ ބޭނުން ކެނޑުނެވެ. އެކަނި އިސްކޫލަށް ދާންފަށައިފީމެވެ. ރައްޓެހިންވެސް ގިނަވާން ފަށައިފިއެވެ. މާމައާއި ދުރުވަމުން ދާން ފަށައިފިއެވެ. މާމަ، ދޭ ނަސޭހަތްތައް އަޑުއަހަން ހިމޭނުން އިންނަން އުދަގޫވާންފެށީ ރައްޓެހިން ގިނަވާން ފެށި ހިސާބުންނެވެ. ނަމާދަށް ބައެއް ފަހަރު ނުދެވެން ވެސް ފެށިއްޖެއެވެ. އެކަމަކު މުޅިން ހުއްޓައެއް ނުލަމެވެ. މާމަ ކިޔައިދިން ރަސޫލުންނާއި ނަބިއްޔުންގެ ވާހަކަތައް ހިތަށްއަރާފައި ބިރުގަންނަނީއެވެ. ކުޑަކޮށް މާމައާ ދުރުވެވުނަސް އަހަރެންނަކީ މާމަގެ ކުއްޖެއްކަމުގެ އިހްސާސް ކެނޑިގެނެއް ނުދެއެވެ. މާމަ ދެކެ ލޯބިވާތީ ވާހަކަ ދައްކަމެވެ.

މާމައާއި ވާހަކަ ދައްކާއިރު، އިގިރޭސި ބަސް ބޭނުންކުރާތީ މާމަ ނުރުހެއެވެ. އެއްދުވަހަކު ފިޝަރީޒް ސައެންސް ފިލާވަޅެއް ހެދުމަށް ކަންނެއްޔެއްގައި މިންއަޅަން ފެށުމުން މާމަ ހައިރާންވިއެވެ. ތިއީ ކީއްކުރަން ހާވާ ހަޑިއެއް ހޭ އެހިއެވެ. މަސްވެރިކަން ކިޔަވަނިއްޔޭ ބުނުމުން މާމަގެ އަނގަ ހުޅުވުނެވެ. ގާވެފައި ހުރެފައި ކުއްލިއަކަށް ފުރާނައައި ކަހަލަ ގޮތަކަށް ހަރަކާތެއް ގެނެސްފައި މާމަބުނީ މަސްވެރިކަން ކިޔަވާނީ ފިރިހެން ކުދިން ކަމަށެވެ. މާމަ ބުނި ގޮތުން އަންހެން ކުދީން މަސްކައްކާނީ އެވެ. މަސްވެރިކަން ކިޔަވައިދެއްވާ ޓީޗަރަކީ އަންހެނެކޭ ބުނުމުން މާމައަށް އަނގަޔަށް ގޮތެއް ހަދާލެވުނީތީ ދުށީމެވެ. އަހަރެން މަހަށް ދާން ފަށައިފާނެތީ މާމަ ނުތަނަވަސް ވީއެވެ.

ސެކަންޑަރީ ސްކޫލް ނިމިއްޖެއެވެ. ރައްޓެހިންނާއި ރަހުމަތްތެރިން ވަރަށް ގިނަވެއްޖެއެވެ. މާމައާއި ވާހަކަ ދެއްކުން މަދުވެއްޖެއެވެ. ކުރިއާ ޚިލާފަށް ވާހަކައިގެ ކޮންމެވެސް ހިސާބަކުން މާމައާއި ދެބަސް ވެވެން ފެށިއްޖެއެވެ. މަންމަ މޮބައިލެއްވެސް ހޯދައި ދީފިއެވެ. ހަރުވާޅު ހެދުން ޓޮޕަށް، ހަރުވާޅު، ޖީންސަށް ބަދަލުކޮށްލައިފީމެވެ. އަހަރެންގެ ހެދުމަށާއި ބޮލަށް އައި ބަދަލު ފެނި، މާމަ ހާސްވެއްޖެއެވެ. އެކަމަކު އަނގައިންނެއް ނުބުނެއެވެ. އެއީ ޒުވާބު ނުކުރަން ވެގެން ކަންނޭގެއެވެ. ހުރީ ހިމޭނުންނެވެ. އާދައިގެ މަތީން ތަސްބީހަ ފަތި ހިފައިގެންނެވެ.

އޯލެވެލް ނަތީޖާ ލިބި، ސީއެޗްއެސްއީ އަށް ވަނުމަށް މާލެދެވޭތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ. މާމަ ހުރިގޮތެއް ނޭގެއެވެ. އުފަލެއްވެސް ދެރަވުމެއްވެސް މާމަގެ ރޫގިނަ މޫނުން ފާޅެއްނުވެއެވެ

ފުރަތަމަ މަލްބަރޯ ނަގައިރޯކޮށްލީ ރިޝްމީމެންގެ ގޭގައި އޮތް ޕާޓީއެއްގައި އައްދު ބުނެގެންނެވެ. އެއީ، މާލެފައިބާންދާން ފުރުމުގެ ހަފުތާއެއް ކުރިއެވެ. އެރޭ، އައްދު އަހަރެންނަށާއި ރިޝްމީއަށް އަޖައިބު ދެއްކީ ސިގިރޭޓް ދުމުން ބޮޅުހަދައިގެންނެވެ.

މާލޭގައި ހޭދަކުރި ދެއަހަރަކީ މާމައާއި އެންމެ ދުރުގައި ހޭދަކުރެވުނު ދެއަހަރެވެ. އެއީ އެހާތަނަށް އަހަރެންނަށް އެންމެ ބޮޑު މިނިވަންކަމެއް ލިބުނު ދެއަހަރެވެ. މާލޭގައި އިންއިރު، ފޯނުކޮށްފައި ކިހިނެއްހޭ އަހާލުން ފިޔަވައި މާމައާއި ވަރަށް ވާހަކަ ނުދައްކަމެވެ. މާމަ ވާހަކަ ދައްކަން ފަށައިފިނަމަ، ފޯނު ބޭއްވުމުގެ ކުރިން ކޮންމެވެސް ކަމަކާ ކުޑަކޮށް ނަމަވެސް ދެބަސް ވެވެއެވެ. ދެބަސް ނުވާން ހުއްޓަސް ވެވެއެވެ. ވާގޮތެއް ނޭގެއެވެ.

ސީ.އެޗް.އެސް.އީ ގައި ފުރަތަމަ އަހަރުގެ ކިޔެވުން ނިންމާފައި ޗުއްޓީގައި ރަށަށް އަތުވެއްޖައީމެވެ. މާމަގެ މުސްކުޅިކަން ހުރީ ހަމަ ކުރީގެވެސް ހުރިވަރަށެވެ. އަހަރެންގެ ހިތަށް އެރިއެވެ. މުސްކުޅިކަމަކީ ވަކިވަރަކަށް ވުމަށްފަހު، ހުއްޓޭ ކަމަކީބާއެވެ. މާމަގެ މޫނަށް ރޫ އިތުރުވެފައިވާ ހެނެއް ހިޔެއް ނުވެއެވެ.

އެއްދުވަހަކު މާމަ އަހަރެންގެ ބުމައާއި ބޮލާއި އިގިލީގައި އަޅާފައިވާ އަނގޮޓިތަކާ ބެހިލައިފިއެވެ. މާމަ ބުނީ ތިއީ އާދަމުގެ ދަރިން ތިބެންވާނެގޮތެއް ނޫންކަމަށެވެ. އަހަރެން ބުނީ އަހަރެންނަކީ އާދަމުގެ ދަރިޔެއް ނޫންކަމަށެވެ. އިވޯލް ވެފައިވާ އެއްޗެއްކަމަށެވެ. ޖަވާބުގައި އަހަރެން ބޭނުންކުރި އިގިރޭސިބަސް ނޭގުނެއް ކަމަކު މާމަގެ ވަޅުވަދެފައިވާ ބޮޑުދެލޮލަށް ކަރުނަ ޖަމާވާތީ ދުށީމެވެ. އަހަރެންގެ ވިސްނުމާއި އަޤީދާއަށް އައި ބަދަލު މާމައަށް ވިސްނުނީކަމެއް ނުވަތަ ނޫންކަމެއް އަހަރެންނަކަށް ނޭނގެއެވެ. ކުރިއާ ޚިލާފަށް، އަހަރެންނާއި މާމަ ދެބަސްވާލެއް އިތުރުވާންފެށިއެވެ. ޗުއްޓީ ނިމި، މާލެދާންޖެހޭ ދުވަސް އައިސް ޖެހުނުއިރު، އަހަރެންނާއި މާމައާ ދެމެދު ގުޅުމެއްނެތެވެ.

އަހަރެން ވައްތަރު އެތައް ރައްޓެހިންނަކާ އަހަރެން ގުޅުން އުފައްދައިފީމެވެ. އެގުޅުމަކީ އަހަރެންގެ ދިރިހުރުމަށް މަޖުބޫރު ގުޅުމަކަށް ވެއްޖެއެވެ. ސީ. އެޗް.އެސް.އީގެ ދެވަނަ އަހަރުގައި ފުރަތަމަ ފަހަރަށް އަހަރެން ފުލުސް އޮފީހަށް ގެންދިޔައެވެ. އޭގެ ހަމަސް ފަހުން އަހަރެންނަށް އިންނަން ޖެހުނީ މާފުށީ ރިހެބްގައެވެ. ރިހެބްގައި އަހަރެއް ހޭދަކުރުމަށްފަހު، ރަށަށް އައި އިރު މާމަ ނިޔާވެއްޖެއެވެ.

މާމަ ބޭނުންކުރި ކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު މެޔަށް ގޮތެއްވާހެން ހީވެއެވެ. އެއާއި އެކު ތުރުތުރެއް ގަޔަށް ފެތުރިގެން ދެއެވެ. މާމަ ބޭނުންކުރި މުޞްޙަފާއި ތަސްބީޙަފަތި ވަރުނީސްކޮށްފައިހުރި އަލަމާރީ މަތީ ހިރަފުހުން ތަތްތެޅިފައި އޮތެވެ. ކޮޓަރީގެ ކަނުގައި ވަނީ މަކުނުވަލެވެ. ކޮޓަރި ފުރެންދެން ވަނީ މާމަގެ ހަނދާން ތަކެވެ.

އަހަރެންގެ ޙަޔާތުގައި މާމަ ނެތުމުން، ފުރާނުލެވޭ ފަދަ ހުސްޖާގައެއް މިހާރު އުފެދިފައިވެއެވެ. މީހެއްގެ މުހިންމުކަން މި އެނގެނީ އެމީހަކު ނެތުމުންނެވެ. މާމަގެ ވާހަކަތަކަށް ކަންފަތް ދެވުނު ނަމައޭ މިހާރު ހިތަށް އަރައެވެ.

އަހަރެންގެ މަންމައާއި ބައްޕަ ދުނިޔޭގައި އެބަ ތިއްބެވެ. އެ ދެމީހުން އަހަރެންނާއި ކުރިއަށްވުރެ ވަކި ގާތެއްވެސް ދުރެއްވެސް ނޫނެވެ. މަންމައާއި ބައްޕަ، އަހަރެންނަށްވުރެ ކުރިން ދުނިޔެ ދޫކޮށްފިނަމަ، މާމަ ނެތުމުން މިހާރު މި ކުރެވޭ އިހްސާސް އެދެމީހުންނާމެދު ކުރެވޭނެ ބާއެވެ؟ ބައެއް ފަހަރު އަހަރެންނަށް ޝައްކުވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.