ހޯމަ20200928

އާކުރެވުނީ: 08:43:52

ގިޓާކުޅޭ ޒުވާނާ

 guitaristގިޓާކުޅޭ ޒުވާނާއަށް އަދި ކިރިޔާ ހަމަ، ނަވާރަ އަހަރު ފުރުނީއެވެ. އޭނާގެ ވަޒީފާއެއް ނެތެވެ. ވަޒީފާއެއް ނެތީ އޭނާ ވަޒީފާ އަދާކުރަން ބޭނުން ނުވާތީއެވެ. ނިތްކުރިން ދާ އޮހޮރުވަންވީ ކީއްކުރަންހެއްޔެވެ؟ އޭނާގެ ދޮށްޓަކަށްވެސް ހަގަކަށްވެސް ޢާއިލާގައި ކުއްޖަކު ނެތެވެ. އެދޭ ކޮންމެ އެއްޗެއް ލިބުމުގައި ދަތިކަމެއް ނެތެވެ. ބޭނުން ކޮންމެ ކަމެއް ކުރެވެއެވެ.އެކަކުވެސް ހަމަ ހިލާ އޭނާޔާއި، ސުވާލެއް ނުކުރާނެއެވެ. ތެދަށް ބުނާނަމަ، އޭނާޔާއި ސުވާލު ކުރާނޭ މީހަކުނެތެވެ. އޭނާ ވަނީ އެކަންޏެވެ. އޭނާ ހައްދެއްނެތް މިންވަރަށް މިނިވަނެވެ.

ގިޓާކުޅޭ ޒުވާނާ ވަރަށް ހިއްކެވެ. ހުސްގަޔާއި ހުންނައިރު، އަރިކަށީގެ ކަށިތައް އެނގޭވަރުވެއެވެ. ދެލޯވަނީ ވަޅުވަދެފައެވެ. ޒުވާނާ ފެނުމުން އަހަރެން ހަނދާންވަނީ އޮޝްވިޓްޒްގެ ޤައިދީންގެ ފޮޓޯތައް މަތީންނެވެ. ޒުވާނާގެ އިސްކޮޅު އާދައިގެ ވަރެކެވެ. އޭނާގެ ބޯ އާދައިގެ ވަރަށްވުރެ ދިގެވެ. އޭނާގެ އުޅުން ފަހަކަށް އައިސް ހިމޭންވެފައި، ބަސްމަގުކުރެވެ.

ގިޓާކުޅޭ ޒުވާނާ، އޭނާގެ ގިޓާގެ ނަރުފަށްތަކުގައި ކޮށްޓަން ފެށުމުން ނިކުމެގެން އަންނަނީ، މިޔުޒިކުގެ ފުރިހަމަކަމެވެ. އެއިން އޭނާގެ ރޫޙަށް ހަމަޖެހުން ގެނެސްދެއެވެ. ގިޓާގެ މިޔުޒިކު އޭނާ އެހެން ދުނިޔެއަކަށް ގެންގޮސްދެއެވެ. ގިޓާ ކުޅެމުންދާއިރު، އޭނާގެ ދެލޯ ހުންނަނީ މެރިފައެވެ. އޭނާގެ ނަފުސް އޮންނަނީ މިޔުޒިކުގެ ތެރެއަށް ގެނބިފައެވެ.

އޭނާޔަކީ ދުވާލު ނިދާ، ރޭގަނޑު ހޭލާހުންނަ މަޚްލޫޤެކެވެ. އަތުގައި ގިޓާނެތްނަމަ، އޭނާ އިންނާނީ ބަންދު ކޮޓަރީގައެވެ. ބަންދު ކޮޓަރީގެ ތެރޭގައި އޭނާ ވަރަށް ގިނަ ކަންތައްތައް ކުރެއެވެ. އެއީ ހައިރާންވާހައި މޮޅު ކަންކަމާއި، ހައިރާންވާހައި ގެއްލުންހުރި ކަންކަމެވެ. އޭނާ ކޮމްޕީޓަރުން ޗެޓްކުރެއެވެ. ބެރެކި ފޮޓޯބަލައެވެ. އޭނާ ކުރެހުމުގެ ފަންނަށް ލޯބިކުރެއެވެ. ކުރަހަނީ މަޝްހޫރު ލަވަކިޔުންތެރިންގެ ތަސްވީރާއި އޭނާގެ ކުރީގެ ލޯބިވެރިންގެ ތަސްވީރެވެ. އޭނާގެ ޚިޔާލުތަކުގައި، ފަންސޫރާއި ތެޔޮކުލައިން ކުލަޖެއްސި ކަމުގައިވިޔަސް، ގިނައިން ކުލަޖައްސަނީ މިޔުޒިކުންނެވެ. މިއީ އޭނާކުރާ ޙައިރާން ކުރުވާ ކަންކަމެވެ.

އޭނާ ކުރާ ގެއްލުންހުރި ކަންކަން...

ހައްދުތައް ފަހަނައަޅައި ގޮސްފިނަމަ، ކޮންމެކަމެއްވެސް އެއީ، ދެވިހިފާ ކަމަކަށް ވެދެއެވެ. އޭނާ ވަނީ ދެވިހިފާފައެވެ. އޭނާ ދެވިހިފާފައި ވަނީ އޭނާގެ ގިޓަޔަށެވެ. މިޔުޒިކަށެވެ. ބެރެކި މަންޒަރަށާއި ގަންޖާޔަށެވެ. ސިގިރޭޓަށެވެ. ދާދި އިހަށް ދުވަހު އޭނާވަނީ ގަންޖާގެ ބަދަލުގައި، ހެރޮއިން ބޭނުންކުރަން ފަށާފައެވެ. އެ އާއިއެކު، އޭނާގެ ހަށިގަނޑުގައި އަޅާވޭން އިތުރުވެފައިވެއެވެ. ގިޓާކުޅޭ ޒުވާނާ ބައްޔެވެ. ހަމަ، ވަރަށް ބައްޔެވެ.

ޒުވާނާގެ މަންމައަކީ، އިޖްތިމާޢީ އަންހެނެކެވެ. މުޖުތަމަޢުގައި މަޤާމެއް ހޯދުމަށް ހޭބޯނާރާ މަސައްކަތްކުރާ އަންހެނެކެވެ. ގިޓާކުޅޭ ޒުވާނާގެ ފަނަރަވަނަ އުފަންދުވަސް ފާހަގަކުރިތާ ދެދުވަސް ފަހުން އޭނާގެ މަންމަ ދޫކޮށް ބައްޕަދިޔައެވެ. ބައްޕަ ބުނީ މަންމަ އާއިއެކު، ކެތްވާވަރު ނުވީކަމަށެވެ. ވީމާ، މަންމަގެ މަގުން މަންމަ ދާން ދޫކޮށްލީ ކަމަށެވެ. މަންމަ ބުނަނީ އަދި އެހެން ވާހަކައެކެވެ. ގިޓާކުޅޭ ޒުވާނާ އުމުރުން ފަނަރަ އަހަރުގައި، މައިބަފައި ހުރެ ޔަތީމުވީއެވެ.

ޔަތީމުވުމުން އޭނާ އެހީ ހޯދީ އޭނާގެ މަދު ރައްޓެހިންނާއި، އުފަންދުވަހުގެ ހަދިޔާއަކަށް ބައްޕަ ދިން ގިޓައިންނެވެ. ހިމާޔަތް ހޯދީ އުފަންދުވަހު އޭނާޔަށް ލިބުނު ކޮޓަރިންނެވެ. ދެން ރައްޓެހިން ދިއްކޮށްލި ސިގިރޭޓުންނެވެ.

 

[2]

މަންމަ ދުނިޔެ އާރާސްތުކުރަނީއެވެ. މަންމަ މަޝްހޫރެވެ. ޓީވީއަށް އަރައި، ދަރިން ތަރުބިއްޔަތު ކުރާނޭގޮތް ކިޔައިދެއެވެ. ރޭޑިޔޯއަށް ބަސްދީގަތުން ދެއެވެ. ނޫހަށްލިޔެއެވެ. އެއީ، ''އެކުވެރި އަންހެނުންގެޖަމިއްޔާ'' ގެ މުޅި ރޫޙެވެ.

ގިޓާކުޅޭ ޒުވާނާގެ މަންމަ ޓީވީގައި އޮންނަ ބަހުސެއްގައި ބައިވެރިވާން ދިޔުމަށް ތައްޔާރުވަނީއެވެ. ލޯގަނޑު ކުރިމަތީހުރެ ސޫރަޔަށް ބަލާލިއެވެ. ކުދި މާޖެހި ހެދުން ގަޔަށް ހެޔޮކޮށްލިއެވެ. ތުންފަތަށް ހިނިތުންވުމެއް ގެނައެވެ. ''އަހަރެން ހާދަ ނަސީބު ގަދައެވެ.''

ކޮޓަރިން ނުކުމެ، ޒުވާން ދަރިފުޅުގެ ކޮޓަރީގެ ދޮރުގައި ޖަހާލިއެވެ. '' އައްދު... އައްދު.... މަންމަ މިދަނީ ބޭރަށް ..... ކައިގެން އޮވޭ!''

ކުއްލިއަކަށް ދޮރު ހުޅުވާލާ ހިތްވީ ކީއްވެގެން ކަމެއްނޭނގެއެވެ. ތަޅުގެ އަތްގަނޑުގައި ހިފާ އަނބުރާލިއެވެ. ދޮރުން އެތެރެއަށް ބޯދީ ބަލާލިއެވެ. އައްދު ލޯމެރިފައި، ހުސްގަޔާ، ކަށިމައްޗާހަމަޔަށް އަންނަ ސޯޓެއްލައިގެން އެނދުމަތީގައި އޮތެވެ. މަންމަ އެނދުގެ ބޯލާކޮޅަށް ހުއްޓި އައްދަށް ބަލައިލިއެވެ. އައްދުގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. މީހާ ހިނދުކޮޅަކަށް ގާވިއެވެ. ލޮލުން ކަރުނަ ހިލެމުންދާހެން އިހްސާސްވިއެވެ. އަތުގެ ނުފުށުން ލޯ ފޮހެލައި، މިނާފުއްޖަހައި ޖަރީކޮށްފައިވާ ރީތި އަތްދަބަހުން އަގުބޮޑު ފޯނު ނަގައި ސަތޭކަ ދެއަކަށް ގުޅާލިއެވެ.

''ހެޕީނެސްޓަށް ވަރަށް އަވަހަށް އެންބިއުލޭންސް ފޮނުވައި ދެއްވަބައްލަވާ... އާޖެންޓް''

މަންމަ ފުރަތަމަ ފަހަރަށް ކޮޓަރިތެރެ ބަލާލިއެވެ. ލޯ ގޮސް ހުއްޓުނީ، ކޮމްޕީޓަރު މޭޒުމަތީ އޮތް ސިރިންޖަށެވެ. ސިރިންޖުން ވަކިކޮށްލި ލޯ ގޮސް އަޅައިގަތީ ފާރުގައި ލައްގާފައިވާ ނަރު ކަނޑައިގެން ގޮސްފައިވާ ގިޓާގައެވެ.

''މާދަމާގެ ނޫހުގައި އެމީހުން ލިޔާނީ ކީކޭ ބާއެވެ؟''

މާދަމާގެ ނޫހުގައި އޭނާގެ ގިޓާކުޅޭ ދަރިފުޅުގެ ވާހަކަޔާއި، ޚުދު އޭނާގެ ޒާތީ ވާހަކަތައް ޖަހާނެކަންނޭނގެއެވެ. ލަދުން ބޯފަޅައިގެންދާވަރު ކޮށްލާނޭ ކަން ނޭގެއެވެ. ކުރެވޭނޭ ކަމެއްނެތެވެ.

މަޝްހޫރުވެވުނީތީ އެނާ ފުރަތަމަ ފަހަރަށް އަމިއްލަ ނަފުސްދެކެ ރުޅިއާދެވުނެވެ. ނޫހަށް ލިޔެވުނީތީ ދެރަވިއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.