ހުކުރު20201030

އާކުރެވުނީ: 08:43:52

އެކަނިކޮށްފަ ނުދޭ

ekanikoffaކޮޓަރީ އެނދުމަތީ ހަރަކާތް ހުއްޓިފަ ކަހަލަ ގޮތަކަށްއޮތް ނިހާން ފެނުމާއެކު ކުރިއަށް ވުރެ ބޮޑަށް އޭނަގެ ހިތަށް އަސަރު ކުރިއެވެ. ނިހާން އަބަދުވެސް ކުރާ ޝަކުވާއަކީ ދަރިފުޅުގެ ކަންކަމުގަ ޝަހޫ ފަރުވާ ކުޑަކުރާ ކަމުގެ ޝަކުވާއެވެ. އެކަމަކު ދުވަކުވެސް ޝަހޫއަކަށް އެކަން އިސްލާޙެއް ނުކުރެވެއެވެ. ދެން ނުވެސް ކުރެވޭނެއެވެ. މިހާރު މިއޮތީ މާލަސް ވެފައެވެ. ޝަހޫ މަޑުމަޑުން ނިހާން ގާތު އެނދުގައި އިށީނެވެ. ނިހާންގެ ދެލޮލުން ކަރުނަ ފައިބާ މަންޒަރު ފެނިފައި ޝަހޫއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. އޭނަ މަޑުމަޑުން ނިހާންގެ އަތުގައި ހިފިއެވެ. ނިހާން ޝަހޫގެ އަތް ދުރުކޮށްލުމަށްފަހު އަނެއް ފަރާތަށް އެނބުރުނެވެ.

 ނިހާނަކީ އަބަދު ވެސް ހިތްވަރު ގަދަ ކަމަށް ދަޢުވާ ކުރާ މީހެކެވެ. ޝަހޫ ނިހާންގެ ކޮނޑުގައި ހިފާ އޭނައާ ދިމާލަށް އަނބުރާލިއެވެ. ނިހާން ހަމަ ރަނގަޅަށް ވެސް ރޮނީއެވެ. ޝަހޫ އެދުވަހު ނިހާނަށް ވުރެ ހިތްވަރު ގަދަވާން މަސައްކަތް ކުރިއެވެ. އެކަމަކު ޝަހޫއަށް ނިހާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެދެވުނީ އެންމެ ފަހަރަކުއެވެ. އޭގެ ފަހުން ޝަހޫއަށް ހިތްވަރުދީ، އޭނަ ހަމަ ޖައްސަން މަސައްކަތް ކުރީ ނިހާނެވެ. ނިހާން ޝަހޫދެކެ ލޯބިވާވަރު އޭނައަށް އިޙްސާސްވީ އެދުވަހުއެވެ. އެކަމަކު ޝަހޫގެ ސަބަބުން ނިހާންގެ މުޅި ދިރިއުޅުން ބަދަލުވީއެވެ.

ކޮންމެ ދުވަހަކު ނިހާން އޮފީހުން އައިސް އެންމެ ފުރަތަމަ ވެސް ބަލާނީ ޝިމަން ކޮބާތޯއެވެ. ދަރިފުޅު ފެނުނީމަ ނޫނީ އެންމެ ކުޑަމިނުން ފައިދަށުގަ ހުންނަ ބޫޓުވެސް ނިހާނަކަށް ނުބޭލޭނެއެވެ. އޮފީހުން އައިސް އިރު އޮއްސެންދެން ޝިމަން ގޮވައިގެން އުޅޭނީ ނިހާނެވެ. އިރު އޮއްސި 7 ޖަހާއިރު ޝަހޫ އޮފީސް ނިންމާފައި އަންނަންދެން ޝިމަންގެ ހުރިހާ ކަމެއް ބަލަހައްޓަނީ ވެސް ނިހާނެވެ. ދުވަހަކު ވެސް އުނދަގޫވެގެން ޝަކުވާއެއް ނުކުރައެވެ. ކޮންމެދުވަހަކު ޝަހޫ އަންނަ އިރު މުޅި ގޭތެރެ އޮންނާނީ އެފުށް މިފުށަށް ޖަހާފައެވެ. ޝަހޫ ކިތަންމެ ދުވަހަކު ރުޅި އައިސްގެން އެއްޗިހި ކިޔައެވެ. އެކަމަކު ނިހާން ބުނަނީ ދަރިފުޅު ބޭނުންވާ ކަންތައްތައް ކޮށްދިނުމަކީ ބައްޕަގެ ހިތްހަމަ ޖެހުން ކަމުގައެވެ. މީހުން ބުނެއުޅެއެވެ. ދަރިން ބޮޑަށް ލޯބިވާނީ މަންމަދެކެއެވެ. އެކަމަކު އެމީހުންގެ ދަރިފުޅު ތަފާތެވެ. އޭނަ ބޮޑަށް ލޯބިވަނީ ނިހާން ދެކެއެވެ. އެއްވެސް ރެއަކު ނިހާނާއެކު ނޫނީ ޝިމަންއަށް ނުވެސް ނިދޭނެއެވެ. އޭނަ ނިންދަވަން ނިހާން ކިޔައިދޭ ނާނާގެ ލަވަ ދުވަހަކުވެސް ފުރިހަމައެއް ނުވެއެވެ. އެއަށް ވުރެ ކުރިން ޝިމަން ނިދާނެއެވެ. '' މަޑުން މީއޮވެ ނިދާލާތޯ ކިޔޭކިޔޭ ނާނާ '' ލަވައިގަ ކިޔާހެން މަޑުމަޑުން އޮވެ ނިދާލާނެވެ. ނިހާންގެ އެއުފާތަށް ފޭރިގަތީ ޝަހޫގެ ފަރުވާ ކުޑަ ކަމެވެ.

'' ޝިމަން ވަކިވެގެން ދިޔައީ އަހަރެންގެ ސަބަބުން .... އަހަރެންގެ ފަރުވާ ކުޑަކަމުން '' ޝަހޫ ރޮމުން ވާހަކަ ދެއްކިއެވެ.

'' ނޫނޭ ... ޝަހޫގެ އެއްވެސް ކުށެއް ނެތް ... އެއީ ތަޤުދީރު .... ކެތްކުރަންވާނެ .... އަހަރެމެންގެ ދަރިފުޅުގެ ޢުމުރު ހަމަވީ ... އެކަމުގަ އެއްވެސް މީހަކު ކުރާނެ އެއްވެސް ކަމެއްނެތް '' ނިހާން ޝަހޫ ދިފާޢު ކުރާނެ ކަމަކަށް އޭނަ ހިއެއްވެސް ނުކުރައެވެ. އެޙާދިސާ ހިނގަން މެދުވެރިވީ ޝަހޫގެ ސަބަބުންނެވެ. ޝަހޫ ދަރިފުޅު އެކަނި ބައިންދާފަ ފިހާރައަށް ދާންވީ ކީއްކުރަން ހެއްޔެވެ؟ އަދި އަމުދުން ދޮރު ތަޅުނުލާ ދާންވީ ކީއްކުރަން ހެއްޔެވެ؟ ގެ ކައިރި ފިހާރައަކަސް ހަމަ މާބޮޑަށް ވެސް ފަރުވާ ކުޑަ ކޮށްލެވުނީއެވެ. ޝިމަންއަކީ ހަލަނި ކުއްޖެއްކަން ވެސް ޝަހޫއަށް އެނގެއެވެ. އެކަމަކު ވެސް އޭނައަށް އެވަރު ނުވިސްނުނެވެ. ނިހާން ޝަހޫއާ އެއްކޮޅަށް ހުރުމުން އޭނަގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބުނެވެ. އެކަމަކު ވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ދަރިފުޅު ނެތީމަ ގޭތެރެވެސް އޮތީ މުޅިން ފަޅުވެފައެވެ. ކޮޓަރިތެރޭ ވެސް އެއްވެސް ދިރުމެއް ނެތެވެ. ނިދަން އެނދަށް އެރިއިރު އެނދުވެސް ހީވަނީ މާ ޖާގަބޮޑު ހެންނެވެ.

'' ކޮއްކޮ ބައްޕަ ދެކެ ވަރަށް ލޯބިވޭ .... އެކަމަކު މަންމަޔާ ރުޅި .... މަންމަ ކޮއްކޮ ދެކެ އެއްވެސް ލޯތްބެއް ނުވޭ ..... ބައްޕަ ލޯބިވޭ .... ބައްޕަ ކޮއްކޮއާ އެކީ ކުޅެން ވެސް ކުޅޭ ... މަންމަ ދުވަހަކުވެސް ނުކުޅޭ '' ޝަހޫ ބަލަން ހުއްޓާ ޝިމަން އައިސް ނިހާންގެ އުނގުތެރެއަށް ވަނެވެ. ޝަހޫ ކުށްވެރި ކުރަމުންނެވެ. އަދި މަޑު މަޑުން ނިހާންގެ މޫނަށް ދޮނެއް ދިނުމަށްފަހު ދުވެފައި ގޮސް ކޮޓަރި ތެރެއަށް ވަނެވެ. ޝަހޫ ގޮވިއެވެ. ހިތަށް ތަދުވެގެންނެވެ. ދަރިފުޅު ގައިގަ ބައްދާލާ ހިތުންނެވެ. އެކަމަކު ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. ޝަހޫ ދެތިން ފަހަރު ގޮވިއެވެ. ލޯބިވާ ވާހަކަ ވެސް ބުންޏެވެ. ދަރިފުޅާއެކީ ކުޅޭނަމޭވެސް ބުންޏެވެ.

'' ދަރިފުޅާ!!! '' ޝަހޫއަށް ހޭލުވުނު އިރު އޭނަ އޮތީ ދާހިއްލާ ފޯވެފައެވެ. އޭނައަށް މުޅި ކޮޓަރިތެރެ ހޯދަން ފެށުނެވެ. ޝިމަން ފެނޭތޯއެވެ.

'' ކިހިނެއްވީ ޝަހޫ '' އޭރުވެސް ނިހާން އޮތީ އަދި ނުނިދާ ހޭލައެވެ.

'' ޝިމަން އެބައުޅޭ ... މިކޮޓަރީގަ އެބައުޅޭ .... އަހަރެން ބަލަން ހުއްޓަ ދެންމެ އައިސް ވަނީވެސް '' އޭނަ ތެދުވިއެވެ

'' ތިވާނީ ހުވަފެނަކަށް ... ޝަހޫއަށް ވެސް އެނގެއެއްނު ދަރިފުޅު މަރުވިތާ

މިހާރު 3 ދުވަސް ވެއްޖެކަން ... ދެން ކިހިނެއް މިކޮޓަރީގަ އޭނަ އުޅޭނީ '' ނިހާން ޝަހޫއަށް ވިސްނަދިނެވެ.

'' އަހަރެންގެ ދަރިފުޅު އަހަރެން ދެކެ ވަރަށް ރުޅި އައިއްސަ ހުރީވެސް .... ބުނީ މަންމަ ދެކެ އެއްވެސް ލޯތްބެއް ނުވެޔޯ ... އަދި އެއްފަހަރު ޝިމަން އަންނާނެ ނަމަ '' ޝަހޫއަށް ރޮވެން ފެށުނެވެ.

'' ކޮންކަހަލަ ވާހަކައެއް ތިދައްކަނީ .... އެއީ ޝަހޫގެ ވެސް ލެޔޭ ... ކީއްވެތަ ޝަހޫދެކެ އޭނަ ލޯބި ނުވާންވީ؟ .... ތިގޮތަށް އަމިއްލަ ނަފްސު ކުށްވެރި ނުކޮށް، ހަމަ ޖެހިލައިގެން ނިދާލަބަލަ .... އޭރުން ތިކަހަލަ ހުވަފެނެއް ނުފެންނާނެ '' ނިހާން ޝަހޫ އެނދުގައި ބޭއްވިއެވެ. އޭނަ ނިހާނަށް ފުރަގަސް ދީގެން އޮވެ ރޮމުން ގެންދިޔައެވެ. އޭނައަށް ނުފެންނަ ގޮތަށް އޮތް އިރު ނިހާންގެ ލޮލުން ވެސް ކަރުނަ ފައިބަމުން ދިޔައެވެ.

އޮފީހަށް ނިހާން ދިޔައީ ވެސް ޝަހޫ ކިޔާވަރުންނެވެ. ޝަހޫ އެކަނި ގޭގަ ބައިނދާފަ ދާން ނިހާން ވަރަށް ދެކޮޅު ހެދިއެވެ. ގޭގަ ހުރެއްޖެއްޔާ ނިހާނަށް ވެސް އެހަންދާން ތަކާ ދުރަކަށް ނުދެވޭނެއެވެ. އެހެން ވާން ވެއްޖެއްޔާ ނިހާން ބަލިވެސް ވަދާނެއެވެ. އޭރުން ވެސް ދެރަވާނީ ޝަހޫއެވެ. ކޮންމެހެން ނިހާން އޮފީހަށް ފޮނުވީވެސް އެހެންވެއެވެ. އޮފީހުގަ ހުރެގެން ވެސް އިރު އިރުކޮޅާ ނިހާން އޭނައަށް ގުޅައެވެ. ޝަހޫގެ ޙާލު ކިހިނެއްތޯ ބަލާށެވެ. ކޮންމެ ފަހަރަކު ވެސް ނިހާން ގުޅާ އިރު ޝަހޫއަށް ހުރެވެނީ ރޯށެވެ. ނިހާން ގޭގަ އުޅޭ ގަޑީގަ ރޯން ފަސޭހަ ނުވީމައެވެ. ހިތްފުރެންދެން ރޯލަން ބޭނުންވަނީއެވެ. އެކަމަކު ފޯނުން ވާހަކަ ދައްކަނީ ވަރަށް ހަމަ ޖެހިގެން ކަމަށް ހެދިގެން ހުރެއެވެ.

'' ކޫލްތަ ހަމަ؟ ސުޕަރ ކޫލްތަ؟ '' ނިހާން ޔަޤީން ކުރަން ބޭނުންވިއެވެ.

'' އާނއެކޭ ... ކީއްވެތަ ގަބޫލު ނުކުރެވިގެން ތިއުޅެނީ؟ '' ޝަހޫ ބުންޏެވެ.

'' އެކަމަކު ހާދަ ރަތޭ ލޯ '' ނިހާނަށް ޝަހޫ ފެންނަ ކަހަލައެވެ. އޭނައަށް ދެލޯ ފޮހެލެވުނެވެ.

'' ދެން ބާއްވާ ... ތިއުޅެނީ މަސައްކަތަށް ކަޓު ޖައްސަންދޯ ... ބާއްވާ ... ބާއްވާ .... ދެން ގެއަށް އައިސް '' ޝަހޫ އަވަސް އަވަހަށް ފޯނު ބޭއްވިއެވެ.

ފޯނު ބޭއްވުމާއެކު އޭނަގެ ރުއިން އިތުރަށް ގަދަވިއެވެ. ދަރިފުޅު ވަކިވުމުގެ އިތުރުން ނިހާން އޭނައާ މެދު ވިސްނާވަރު އިޙްސާސް ކުރެވުނީމަވެސް ދެރަވެއެވެ. ނިހާނަށްޓަކައި އޭނައަށް ކޮށްދެވުނީ ކޮން ކަމެއް ހެއްޔެވެ؟

 

އެދުވަހު ނިހާން ގެއަށް އަންނަން ވާއިރަށް ޝަހޫ ކައްކާ، ކާންހަދާ ތައްޔާރުވިއެވެ. އޭނަ އެއްކޮށް ހަމަ ޖެހިއްޖެކަން ދެއްކުމުގެ ގޮތުން ތަފާތު ގޮތަކަށް ފުނާ އަޅާ ނަލަހެދިލިއެވެ. ނިހާނަށް އެންމެ ރީތި ރަތް ކުލައިގެ ހެދުން ވެސް ލިއެވެ. މޫނުމަތިން އުޖާލާކަމާ އުފާވެރިކަން ދެއްކުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިއެވެ. ނިހާނަށްޓަކައެވެ. ނިހާން އުފާކޮށްދިނުމުގެ ބޭނުމުގައެވެ. އެކަމަކު އެހުރިހާ ކަމެއްވެސް ވީ ބޭކާރެވެ. ގެއަށް އައިސް ވަދެވޭ އިރަށް ނިހާންގެ މޫޑު ބަދަލު ވެއްޖެހެން ހީވިއެވެ. ނިހާން އައިގޮތަށް އައިސް ސޯފާގަ އިށީނެވެ. ޝަހޫ އައިސް ނިހާން ގާތު އިށީނެވެ. ނިހާން ހަމަ އެއްވެސް ވާހަކައެއް ނުދައްކާ އިންގޮތަށް އިނީއެވެ.

'' މާ ވަރުބަލި ދުވަހަކީތަ؟ '' ޝަހޫ އެހެން މައުޟޫއަކަށް ވާހަކަ ދެއްކޭތޯ ފެށިއެވެ. ނިހާން އިނީ ޝިމަން މަތިން ހަނދާންވެފަ ކަން އެނގޭތީއެވެ.

'' ނޫން '' ނިހާންގެ ޖަވާބު ވަރަށް ކުރެވެ.

'' ހިނގާ ކާން ... ނިހާނަށް ވަރަށް މީރު އެއްޗެއް ހަދާފަ ހުންނާނެ '' ޝަހޫ ނިހާންގެ އަތުގައި ހިފަމުން ތެދުވަން މަސައްކަތް ކުރިއެވެ. އެކަމަކު ނިހާން އެއްވެސް އެއްޗެކޭ ނުބުނެ އިނީއެވެ.

'' އަހަރެން ވެސް ވަރަށް ބަނޑުހައޭ ... ހެޔޮދޯ އަހަރެން ބަނޑަށް މަރުވިޔަސް '' ޝަހޫއަށް ބުނެވުނީ ވަގުތާ އެކަށީގެންވާ ވަރުގެ އެއްޗެއް ނޫނެވެ.

'' ތިހެން ނުބުނޭ ޝަހޫ ... އަހަރެން އެކަނި ވެދާނެ .... އަހަރެން ނޭދެން ދުވަހަކުވެސް ޝަހޫ އަހަންނާ ވަކިވެގެން ދާކަށް ... ޝަހޫ ނޫނީ އަހަރެންގެ ދެން ހުރީ ކާކު؟ .... ހުރި ހަމަ އެކަނި ދަރިފުޅު ވެސް ވަކިވެ ދިޔައީ .... އަހަރެންގެ ހިތަށް ހާދަ ތަދެއް ވެއޭ .... އަދި އޮފީހުން އައިސް ވަނީމަ މާބޮޑަށް އެސޮރު މަތިން ހަނދާންވޭ .... ހިތަށް އަރާ އަދި އެއްފަހަރު ފެންނާނެ ނަމައޭ ވެސް '' ނިހާން ޝަހޫގެ މޫނު ގެންގޮސް އޭނަގެ މޭގައި ޖައްސާ ބާރަށް ފިތާލިއެވެ. އޭނަގެ ހިތަށް ކުރާ އަސަރު ޝަހޫއަށް އިޙްސާސް ވާހާ ބާރަށެވެ. އަދި ހިތުގައި ގިނަވެފަ ހުރި ޝަކުވާތަށް ބޭރު ކުރަމުންދިޔައެވެ.

'' އަހަރެން ހީކުރިން އަހަންނަކީ ވަރަށް ހިތްވަރު ގަދަ މީހެއް ކަމަށް ... އެކަމަކު ކަމަކާ ޖެހުނު ދުވަހު އަހަރެންގެ ނެތް އެއްވެސް ހިތްވަރެއް '' ނިހާންގެ އެޖުމްލަތަކުން ޝަހޫގެ ހިތް ވެސް ކުދި ކުދި ވާން އުޅޭ ކަހަލައެވެ.

'' ތިކަހަލަ ވާހަކަ ނުދައްކަބަލަ .... ނިހާން ހިތްވަރު ގަދައޭ .... ވަރަށް ބޮޑަށް ހިތްވަރުގަދައޭ .... އަހަރުންނަށް އަދި ދަރިއަކު ލިބިދާނޭ ... ހަމަ ޝިމަން ކަހަލަ ލޯބި ލޯބި ދަރިއެއް އިރާދަކުރެއްވިއްޔާ ލިބޭނޭ ..... ތިހާ އަވަހަކަ މާޔޫސް ނުވެބަލަ .... އަހަރެން މިހިރީނު ... އަހަރެން ހުއްޓާ ދުވަހަކު ވެސް ނިހާން އެކަންޏެއް ނުވާނޭ '' ޝަހޫ ނިހާނަށް ހިތްވަރު ދިނެވެ. ނިހާންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ވެސް ހުއްޓުވިއެވެ. އޭނައަށް އެހިތްވަރު ލިބުނީ ނިހާންގެ ސަބަބުންނެވެ. ނިހާން ކަހަލަ ފިރިއަކު ލިބުނީތީ އޭނަ ފަޚުރުވެރިވިއެވެ.

 

ދުވަސްތައް މާޒީވަމުން ދާވަރަކަށް ޝިމަންގެ ހަނދާންތައް ވެސް އެޢާއިލާއާ ދުރަށް ދިޔައެވެ. އެމީހުންގެ ހިތާމަ މަޑުމަޑުން ފިލަމުންގޮސް އާދައިގެ ވަރަކަށް ދިރިއުޅުން ހަމަ ޖެހުނެވެ. ތަޤްދީރު އެމީހުނަށް މެދުވެރި ކުރެއްވި ގޮތާމެދު ޝުކުރުކޮށް، ޙަޔާތުގެ ބާކީބައި އުފަލާ، ހިތްހަމަ ޖެހުމުގަ އުޅެން މަސައްކަތް ފެށިއެވެ. ނަމަވެސް ދަރިއަކު ނެތުމުގެ ފަޅުކަން އެމީހުނަށް ވަރަށް ބޮޑަށް އިޙްސާސް ވަމުންދިޔައެވެ.

'' ހިއެއް ނުވޭދޯ ދުވަހަކު މިގޭގަ ކުޑަ ކުއްޖަކު އުޅުނުހެންވެސް '' ޝަހޫ އެވާހަކަ ފެއްޓީ ޝިމަންގެ ހަނދާންތައް އާކުރާކަށް ނޫނެވެ. އެކަމަކު ނިހާނަށް މާނަ ނެގުނީ އެހެން ގޮތަކަށެވެ.

'' އަނެއްކާ ވެސް އެވާހަކަދޯ .... ޝަހޫ ބުނީމެއްނު ދެން އެވާހަކަ ނުދައްކާނަމޭ ''

'' އަހަރެން މިއުޅެނީ އެވާހަކަ ދައްކާކަށް ނޫނޭ .... އަހަރެން ހިތަށް އަރާ އެއްޗެއް އެނގޭތަ؟ '' ޝަހޫ ނިހާނާ ސުވާލު ކުރިއެވެ.

'' އަހަރެން ހިތަށް އަރަނީ އަވަހަށް އަނެއްކާވެސް ކުއްޖަކު ހޯދަންވީއޭ .... އޭރުން ހުރިހާ ކަމެއް އެއްކޮށް ހަމަ ޖެހޭނު ''

'' ޝަހޫ ބޭނުން ގޮތެއް ... އަހަރެން ވެސް ބޭނުން ވީހާވެސް އަވަހަށް ކުއްޖަކު ... މަގޭ އަމިއްލަ ދަރިއަކު އަދި އެއްފަހަރު ބައްޕާއޭ ކިޔާފަ ގޮވާލާ އަޑު އަހާލަން ކެތްމަދުވެފަ މިހުންނަނީވެސް .... އެކަމަކު ޝަހޫގެ ހިތާމަތަށް ފިލާ ދަރިއަކު ހޯދަން ތައްޔާރު ވެވުނީމަ އެވާހަކަ ދައްކަން މިމަޑު ކުރީ '' ނިހާން ޝަހޫގެ އަތުގެ އިނގިލިތަކާ ކުޅެން އިނދެ ބުނެލިއެވެ. ދެމީހުން ވެސް ބޭނުންވަނީ އެއްގޮތެއް ކަމުން ދަރިއަކު ހޯދުމަށް އެމީހުން އެދުވަހު ނިންމިއެވެ.

 

މިފަހަރު ޝަހޫ ބަލިވެއިންކަން އެނގުނީ ބަލިވެ އިންތާ ތިންމަސް ވެސް ވީފަހުންނެވެ. ނިހާނަށް އެޚަބަރު ނުދީ ޝަހޫ ދުވަސް ކޮޅަކު މަޑުކޮށްލިއެވެ. އެއީ ނިހާންގެ އުފަންދުވަސް ކައިރިވަމުން އަންނާތީއެވެ. އެދުވަހު އުފާވެރި ސަޕްރައިޒެއް ދިނުމުގެ ބޭނުމުގައެވެ. އެކަމަކު އެދުވަސްވަރު ޝަހޫއަށް އަންނަމުން ދިޔަ ބަދަލުތަކުން ނިހާނަށް ޝައްކުވާން އުޅުނެވެ.

'' މިހާރު ހާދަ ވަރުދެރަވެފަ ހުންނަހެން ހީވެއޭ ... ކިހިނެއްވީތަ؟ އަނެއްކާ ބަލީތަ؟ ނޫނީ ކަމަކާ މާބޮޑަށް ވިސްނަނީތަ؟ '' ނިހާން އައިސް ވަތްއިރު ޝަހޫ އެނދުގައި އޮށޯވެ އޮތް ގޮތުން ނިހާނަށް އެއްޗެއް ހީވިއެވެ. ޝަހޫ ވަރަށް ޙަރަކާތްތެރި ގޮތަކަށް ތެދުވެލިއެވެ.

'' ހާދަލަހުން ތިއައީ؟ '' ޝަހޫ އެހެން ވާހަކައެއް ފެއްޓުމުގެ ގޮތުން ޝަކުވާ ކުރަން ފެށިއެވެ.

'' ލަސްތަ؟ ހަމަ ނިމޭއިރަށް އެންމެ ސިކުންތެއް ވެސް މަޑު ނުކޮށް ގެއަށް މިއައީ .... އެނގޭ ލޯބި އިންތިޒާރުގަ އިންނާނެކަން ވެސް ... އެހެންވެ މިހާއަވަހަށް މިއައީވެސް .... ހިނގާ ކާން .... ވަރަށް ބަނޑުހައިވެއްޖެ '' ނިހާން ޝަހޫގެ އަތުގަ ހިފައިގެން ހިނގައިގަތެވެ. ޝަހޫއަށް ވެސް މިހާރު އޭނަ ކުޑަކޮށް ތަތްކަން ފާހަގަ ކުރެވެއެވެ. ވާނީވެސް އެހެންނެވެ. ބަލިވެ އިނުމަކީ ކިހާ އުނދަގޫ، ބުރަ މަސްއޫލިއްޔަތެއްކަން އެނގޭނީ ހަމަ އެކަނި މައިންނަށެވެ. އެކަމަކު އެކަމަކީ ތިމާގެ ހިތްހަމަ ޖެހި އުފާވެރިކަން ދިރިއުޅުމަށް މަރުޙަބާ ކިޔާވެސް ކަމެކެވެ. އެއުފާވެރިކަން ވެސް އެންމެ ރަނގަޅަށް އިޙްސާސްވާނީ ހަމަ މައިންނަށެވެ. އެކަންތަށް މިއަދު ޝަހޫގެ ދިރިއުޅުން ދެވަނަ ފަހަރަށް އުޖާލާކޮށް ދީފިއެވެ. ޝަހޫގެ މާޒީގެ ހިތާމަވެރި ދުވަސްތައް އޭނަގެ ޙަޔާތުން ވަކިކޮށް މާދުރަށް ފޮނުވައިފިއެވެ. ނުފެންނަ ހިސާބު ދުރަށެވެ. ދުވަހަކުވެސް އޭނައާ ބައްދަލު ނުވާހާ ދުރަށެވެ. މިހާރު އެކަނިވެލާ ކޮންމެ ފަހަރަކު ވެސް ޝަހޫއަށް ބަލާލެވެނީ އޭނަގެ ބަނޑަށެވެ. ކުރިން ފަހަރާ ވަރަށް ތަފާތެވެ. ތިންމަސް ވީއިރުވެސް ބޭރުން ބަނޑަށް އެއްވެސް ބަދަލެއްނާދެއެވެ. އެއީ އޭނަގެ ނަސީބުވެސް ކަންނޭގެއެވެ. އެހެންނޫން ނަމަ ނިހާނަށް ހުރިހާކަމެއް އެނގުނީހެވެ.

 

މިއަދަކީ އެދުވަހަކަށްޓަކައި ކެތްތެރިކަމެއް ނެތި ޝަހޫ އިންތިޒާރު ކުރަމުން އައިދުވަހެވެ. އޭނައަށްޓަކައި އެހާ އޯގާތެރި ފިރިއަކު މިދުނިޔެއަށް އުފަންކުރުވި ދުވަހެވެ. އޭނަގެ ފުރާނަފަދަ ލޯބިވާ ފިރިމީހާގެ 82ވަނަ އުފަންދުވަހެވެ. މިއަދު އޭނަ ހުންނަނީ ހިތްއަވަސް ވެފައެވެ. ނިހާނަށް ވާނެ ގޮތް ނޭނގޭތީއެވެ. ނިހާން އުފަލުން މޮޔަވެސް ވެދާނެއެވެ. މިހާރުވެސް ނިހާން އުފަލުން ގޮސް އުޅޭނެގޮތް އޭނަގެ ލޮލުގެ ކުރިމަތީ ސިފަވެއެވެ. އެންމެ ފުރަތަމަ ވެސް ޝަހޫ އެޚަބަރު ދޭއިރަށް އެދެމައިން އެކީ އުރާލާނެއެވެ. ޝަހޫގެ ނިތްކުރީގަ ވަރަށް އޯގާތެރިކަމާއެކު ބޮސްދޭނެއެވެ. ދެން މަޑުމަޑުން ދެކޮލުގަ ފިރުމާލަމުން ވައި އަޑުން ''ތޭންކްސް ލޯބީ''އޭ ބުނެލާނެއެވެ. ހަމަ ޔަގީނުންވެސް އޭނަގެ ބަނޑުގައި ކަންފަތް ޖަހާނެއެވެ. ބަނޑަށް އެންމެ ތިންމަސް ކަންވެސް ހަނދާން ނުހުންނާނެތީއެވެ. ނިހާނަށް އެއުފާވެރި ޚަބަރު ދޭނެ ގަޑިއެއް ކަނޑައެޅުން ވެސް ވީ ޝަހޫއަށް ބޮޑު ކަމަކަށެވެ. ބައެއް ފަހަރު ނިހާން އޮފީސް ނިންމާފަ އަންނަ ގަޑިއަށް ތައްޔާރު ވުމަށް ވެސް ހިތަށް އަރައެވެ. އަނެއް ބައިފަހަރު ހަވީރު ވަންދެން އަދި މަޑުކޮށްލާނީއޭ ވެސް ހިތަށް އަރައެވެ. ނޫނީ ރޭގަނޑު ނިދާ ގަޑީ ވިޝްކުރާނީއޭ ވެސް ހިތަށް އަރައެވެ. އެންމެފަހުން ޝަހޫ ނިންމީ އެހުރިހާ ކަމެއް ރޭގަނޑަށް ފަސްކުރުމަށެވެ. އެކަމަކު ޝަހޫގެ ހުރިހާ އުއްމީދުތައް ފުނޑުފުނޑުވީ އޭނައަށް އެއްވެސް އެނގުމަކާ ނުލައެވެ. ނިހާން އޮފީހުން އައިސް ވަތްވަގުތާ ޝަހޫގެ ގައިގެ ބާރު ދޫވެގެން ތިރިވާންފެށި ވަގުތާ ދިމާވީ ހަމަ ނަސީބަކުންނެވެ. އެހެންނޫން ނަމަ އެފަކީރު އެކަނި ހަލާކުވީހެވެ.

''ކިހިނެއްވީ؟ '' ނިހާން އައިސް ޝަހޫ އަތްމައްޗަށް ނެގިއެވެ.

ޝަހޫ ހިނިތުން ވާން މަސައްކަތް ކުރިއެވެ. އެކަމަކު އެކަން ވެސް ވީ ބޭކާރެވެ. އޭނަގެ އެސްފިޔަތަކަށް ބަރުވަމުންގޮސް ދެލޯއެއްކޮށް މެރުނެވެ. ނިހާން ވަރަށް ބާރަށް ޝަހޫއަށް ގޮވަމުން ރޯންފެށިއެވެ. އަދި އަވަހަށް ޝަހޫ ހޮސްޕިޓަލަށް ގެންދިޔައެވެ. އެކަމަކު އޭނަގެ ދެލޯ ދެވަނަ ފަހަރަށް ހުޅުވަދޭނެ ފަދަ ބާރެއް އެއްވެސް މީހެއްގެ ނެތެވެ. އޭނަ މުޅި ޢުމުރަށް ނިހާނާ ވަކިވީއެވެ. ނިހާންގެ މިއުފަންދުވަހުގެ ހަދިޔާއާ ވެސް އެކީއެވެ. ނިހާން ދުނިޔެއަށް އުފަންވި ދުވަހު ނިހާން އެކަނި ކޮށްފަ ޝަހޫއަށް ޖެހުނީ ދަތުރުފަށާށެވެ. ނިހާން ޝަހޫގެ ނިވާވެފައިވާ މޫނުގެ ކައިރީ ބޯޖަހައިގެން އޮވެ ވަރަށް ރުޔެވެ. އެކަމަކު ނިހާން ހުއްޓުވާކަށް ޝަހޫއެއް ދެނެއް ނާންނާނެއެވެ. ނިހާންގެ ކޮންމެ ކަރުނަ ތިއްކެއް ވެސް އެދުވަހު ވާހަކަ ދައްކާ ކަހަލައެވެ. ކޮންމެ ގިސްލުމަކީވެސް ހިތާމައިން ފުރިގެންވާ ވޭނީ އާހެކެވެ. އެހުރިހާ ކަމެއް އެކުވެގެން ހިތާމަވެރި ލަވައެއް އިވޭ ކަހަލައެވެ. '' އެކަނި ކޮށްފަ ނުދާށޭ '' ބުނަމުންނެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.