ބުރާސްފަތި20201029

އާކުރެވުނީ: 08:43:52

ދަންތުރަ

dhanthuraތަނަކީ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދެވެ. ބަނޑުހައި ހޫނުކަމުގެ ހާންތީގައި ދުވާރުމަތީގައި އޮށޯވެލައިގެން އޮތީ ހިރިލާނެވަރުވެސް ނެތީމައެވެ. ކައިރީގައި ތިބި ކުޑަކުޑަ ތިން ކުދިން ރޮއި ހޭރެނީއެވެ. އެކަމަކު އެއިން ކުއްޖަކާ އަޅާލާނެހާ ހިތްވަރެއްވެސް ނެތެވެ. ވަށައިގެން ކޮޅުކޮޅަށް މީހުން ހިނގައި ބިނގައި ހަރަކާތްތެރި ވަމުން ދެއެވެ. ބައެއްފަހަރާ ގައިގައި އަޅައިގެންފައިވެސް ދެއެވެ. އެކަމަކު ބަލައިވެސް ނުލައެވެ. ކުދިންކޮޅު މަސަލަސް ކުރެވޭތޯ ކާ އެއްޗަކަށް އެދި އަތް ދިއްކޮށްލުމުން ފެންނަކަމަށް ހަދާ މީހަކުވެސްނެތެވެ.

މުޅި ތަނަށް ކަޅު އަނދިރިކަން ގެނެސް ދިފައިވާ ބޯ މެހި ބައިގަނޑުގެ ތެރެއިން ކުއްލިއަކާ ކުރިމައްޗަށް ހުއްޓުނީ އިސްކޮޅުން ދިގު، ބިޔަ،ބޮޑު ،ބިދޭސި ފިރިހެނެކެވެ. ގަދަ ފިޔާތޮށި ކުލައެއް މޫނުމައްޗަށް ވެރިވެފައިވާ މިމީހާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހެޔޮތެރިކަމާއި އޯގާތެރިކަމާއި އިޙުސާންތެރިކަމެވެ. ކުއްލިއަކާ މުޅިތަން ވަށައި ހޯދައިލީމެވެ. ރަނގަޅަށް ބަލައި ވިސްނައިލީމެވެ. އަންނަށް މިއިނދެވުނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދަކު ނޫނެވެ. އަމިއްލަ ރަށުގައެވެ. އަމިއްލަ ގޯތީގައެވެ. ހާމަކަން ބޮޑު ގޯތީގެ މެދުގައި އަޅާފައިވާ ސާންތިގަނޑު މަތީގައި ރޯނުބޮނޑިއެއް ވަށާށެވެ. ހަސަނުބޭގެ ފިހާރައިން ދަރަންޏަށް ނަގާފައިވާ ތަކެތީގެ އަގު ދެއްކުމަށްޓަކައެވެ.

ކުރިމަތީގައި އައިސް ހުއްޓުނީ ރަށު ސްކޫލުގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިނގިރޭސިވިލާތުގެ ރަޢިއްޔަތެއް ކަމުގައިވާ ޕޯލްއެވެ. ރަށު ސްކޫލުގައި މަސައްކަތް ކުރަމުން ދާތާ ދެ އަހަރެއްހައި ދުވަސްވެފައިވާ ޕޯލްއަކީ ރަށު އެންމެންގެ ގާތް އެކުވެރިއެކެވެ. އެންމެންނަށްވެސް ހެޔޮ އޯގާތެރިއެކެވެ.

ޕޯލް ގެއަށް އައީމާ ހައިރާންކަމެއް ލިބުނެވެ. ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ. އޭނާއަކީ މީގެ ކުރިއަކުން ދުވަހަކުވެސް އަހަރެމެންގެ ގެއަށް ވަދެ އުޅުނު މީހެއް ނޫނެވެ. ރަށުގެ ގިނަ ބަޔަކާ ގުޅުން އޮތްކަމުގައިވިޔަސް އަހަންނާ މާބޮޑު ގުޅުމެއް އޮންނަ މީހެއްވެސް ނޫނެވެ. ފުރަތަމަވެސް ފެށީ ޙާލު އަޙުވާލުގެ ވާހަކައިންނެވެ. ޙާލުގެ ވާހަކަ ކިޔައިދީ ނިމުނުއިރު އަހަންނެކޭ އެއްފަދައިން ޕޯލްއަށްވެސް ވަނީ ރޮވިފައެވެ. ހުރިހާކަމެއްވެސް އިރާދަފުޅު ކުރެއްވިއްޔާ ދާނީ ރަނގަޅަށް ކަމަށް ބުނެ ދެރަނުވުމަށް އެދުނެވެ.ކުދިންކޮޅު ބޮޑުވަންދެން ވީވަރަކުން އެހީތެރިވާނޭ ކަމަށް ބުންޏެވެ.

ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ގޮސް ޕޯލްއަކީ އެމީހަކު ދުށުމަށްޓަކައި އަހަރެމެންގެ ޢާއިލާ ކޮންމެ ހިނދުކޮޅެއްގައިވެސް ކެތް މަދުވެފައިވާ މީހަކު ކަމުގައި ވެއްޖެއެވެ. އޭނާގެ އޯގާތެރިކަމާއި އަޅާލުން ބޮޑުކަމުންނެވެ. މަޑުމައިތިރިކަމާއި ހިތްހެޔޮކަމުގެ ސަބަބުންނެވެ. ލޯތްބާއި ކުލުނު ލިބޭތީއެވެ. ނަޞޭޙަތްތަކާއި ދަރުސްތައް ލިބޭތީއެވެ. މާތްވެގެންވާ އިސްލާމްދީން ދަސްކުރުމަށްޓަކައި ހުންން ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ. ޕޯލް އަންނަ ކޮންމެފަހަރަކުވެސް ކީރިތި ޤުރުއާނުގެ ތަރުޖަމާއެއް ގެނެއެވެ. އެ ކިޔައިދީ އޭގެ ފުރިހަމަކަމުގެ ވާހަކަ ދައްކައެވެ. ދުވަސްކޮޅަކުން އޭނާ އިސްލާމްވާން ބޭނުންވާ ވާހަކަ ދައްކަން ފެށިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެމެން ދެމީހުންގެ ގުޅުން މަރުދުވަހާ ހަމަޔަށް ދެމިގެންދާނޭފަދަ ގުޅުމަކުން ގުޅިގެން ދިޔައެވެ. ޕޯލްއާއި ޕޯލްގެ ޢާއިލާގެ ފަރާތުން ވަރަށް ގިނަ އެހީތައް ދިޔައީ ލިބެމުންނެވެ. އެހެންކަމުން ދިރިއުޅުމުގެ ޙާލަތު ރަނގަލުވެ މުޅި ޢާއިލާއަށް ފާގަތިކަމާއި އާރޯކަން ލިބިގެން ދިޔައެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. ރަށުގައި ޕޯލް ހުރުމަށް ހަމަޖެހިފައިވާ މުއްދަތު ހަމަވުމުން އަހަރެމެންގެ ޢާއިލާ ގޮވައިގެން އިނގިރޭސިވިލާތަށް ދާން ނިންމިއެވެ. ދަރިންކޮޅަށް ކިޔަވައި ދިނުމަށެވެ. ބައެއްފަހަރާ ޤަބޫލުކުރަންވެސް ދަތިވެއެވެ. މިއީ ހުވަފެނެއްބާއޭވެސް ހިތަށް އަރައެވެ.

ޤަބޫލުކުރަން ދަތިނުވާންވީ ސަބަބެއްވެސް ނެތެވެ. އަހަރެންގެ ފިރިމީހާ ހަސަނު މިދުނިޔެ ދޫކޮށް ދިޔައީ އުމުރުން ފަސް އަހަރުން ދަށުގެ ކުޑަ ކުޑަ ޔަތީމު ތިންކުދިން އަހަންނާ ހަވާލުކޮށްފައެވެ. އަޅާލާނެ އެއްވެސް ވާލެއް ޔާރެއް ނެތި، އާމްދަނީއެއް ލިބޭނޭ އެއްވެސް މަގެއްނެތި ނުހަނު ނިކަމެތި ޙާލެއްގައި ދިރިއުޅުމާ ހަނގުރާމަ ކުރަމުން ދާއިރު އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ނުވާތާ އެންމެ ކުޑަމިނުން ޙާލުދެކިލަން ދިރުއުޅެމުންދާ ޖިފުޓިގަނޑަށް ވަދެލާނެ މީހަކުވެސް އަހަރެމެންގެ މުސްލިމު މުޖުތަމަޢުން ނުވެއެވެ. ވީއިރު މާދުރު ވިލާތަކުން އައިސް ހުރި ފަރަންޖީއަކުގެ ހިތުގައި މިފަދަ ރަޙުމެއް ކުލުނެއް އުފެދިދާނެބާއޭ ހިތަށް އަރަނީއެވެ. ނޫނެކެވެ. މިއީ ހަމަ ޙަޤީޤަތެކެވެ. ޕޯލްއާއެކު އަހަންނާއި އަހަރެންގެ ތިން ކުދިން އިނގިރޭސިވިލާތުގެ ހީތްރޫ އެއަރޕޯޓަށް ފޭބިއިރު ޕޯލްގެ ޢާއިލާގެ މީހުން ކީ ވަރަށް ހޫނު މަރުޙަބާއެކެވެ. ކުޑަ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ކުދިން ސްކޫލަށް ވައްދާ ހުރިހާ ކަމެއްވެސް ބަރާބަރަށް އިންތިޒާމްވެ ހަމަޖެހިގެން ދިޔައެވެ. ކުދިންކޮޅު ވަރަށް މޮޅެވެ. ވަރަށް ރަނގަލު ނަތީޖާ ހޯދައެވެ. އެކުދިން ހޯދާ މޮޅު ނަތީޖާ އެއްފަރާތެއްގައި ބާއްވާފައި އެންމެ އުފާވާ ކަމަކީ އެކުދިންނަށް ލިބެމުންދާ ރީތި އަޚުލާޤާއި ފުރިހަމަ ތަރުބިއްޔަތެވެ. ވާހަކަދެއްކުމުގައި އެހުންނަ މަޑުމައިތިރިކަމާއި އިޙްތިރާމް ކުރުމުގެ މާތް ސިފައެވެ.

މިހާރު ހުރިހާ ކުދިންވެސް ތިބީ ބޮޑެތިވެފައެވެ. ކިޔަވައި ނިމިފައެވެ. އެކުދިން ހުރިހާ ކަމެއްވެސް ކުރަނީ ޕޯލްގެ ލަފަޔާ އިރުޝާދުގެ މަތީންނެވެ.ތަފާތު އެކިއެކި ކަންކަން ހިންގުމުގައި އުޅެނީ ވަރަށް އަވަދިނެތިއެވެ. އެހެންކަމުން މަންމަޔާ ބައްދަލުވެލާ ވާހަކަ ދައްކާލާނެ ވަގުތެއްވެސް ނުވެއެވެ. މަޑުމަޑުން ޕޯލްގެ އުޅުމަށްވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. ރުޅިގަދަވެ ރުންކުރުވާން ފެށިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެންގެ ޙަޔާތައް ބިރުވެރިކަމާއި ނާމާންކަން ވެރިވާން ފެށިއެވެ. ފާއިތުވަމުންދާ ކޮންމެ ދުވަސްކޮޅަކީވެސް ހިތްހަމަނުޖެހި ހާސްވެފައި ހުންނަން ޖެހޭ ދުވަސް ކޮޅަކަށް ވެގެން ދިޔައެވެ. އޯގާތެރިކަމާއި ލޯތްބާއި ކުލުނު ދީގެން އަހަރެންގެ މުޅި ހިތާއި ހަށިގަނޑު މިލްކު ކުރި ޕޯލްގެ އަނިޔާވެރިކަން އިންތިހާޔަށް ދިޔުމުންނެވެ. އޭނާގެ މަކަރުވެރި ރޭވުންތަކުންބަނގުރާ ބޮވެ، އެމީހުންގެ ދީނީ ޙަފްލާތަކުގައި ބައިވެރިވެ، ފައްޅިތަކަށް ދާން މަޖުބޫރު ކުރުވިއެވެ. އެންމެ ފަހުން ގޮސް ކުރިމަތީގައި،އަހަރެންގެ އެންމެ ހަނގު، ހުރި ހަމައެކަނި  އަންހެން ދަރިފުޅުގެ އިއްފަތްތެރިކަން ނަގާލައިގެން އޭނާ ހިތް ހަމަޖައްސަމުން ދިޔައެވެ. މިފަދަ ހިތްދަތި އަނިޔާވެރި ދިރިއުޅުމެއްގައި އުޅެމުން ދަނިކޮށް ހަތަރު އުދަރެސް ބައްދާލީ އިވުނު ކުއްލި ކަބަރަކުންނެވެ. ރާއްޖޭގައި ކްރިސްޗިއަން ދީނާ ބެހޭ ފޮތްތަކެއް ބަހައި ކްރިސްޗިއަން ދީން ފަތުރަން މަސައްކަތް ކުރަމުން ދަނިކޮށް ދޮށްޓަށް ތިބި ދެ ފިރިހެންދަރިން ހައްޔަރުކުރި ވާހަކައެވެ. މިހާރު މިވަނީ ގޮތްހުސްވެ ކުރާނެ ކަމެއް ނޭގިފައެވެ. އެނބުރި ރާއްޖެދެވޭނެ ގޮތެއް ނެތި އެ ނުބައި މަކަރުވެރި މީހާ ޖެހި ދަންތުރައިގައި ބެދި އަޅުވެތިވެފައެވެ. ފަޤީރުކަމުން އަޅުވެތިކަމަށް އާދެވިފައެވެ.

މިއަދު އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށާއި ލޮބުވެތި ޤައުމަށް ދޭންބޭނުންވާ މެސެޖަކީ މިއަދު ޢައިރު މުސްލިމުން އެބައިމީހުންގެ ދީން ފެތުރުމަށާއި ޤައުމުތައް އަޅުވެތި ކުރުމަށް ގެންގުޅޭ އެންމެ ބާރުގަދަ ހަތިޔާރަކީ ދީލަތި އެހީތެރިކަމެވެ. ވީމާ މިފަދަ ދީލަތި އެހީތަކަށް ދަހިވެތިވެނުގަނެ ހުޝިޔާރުވެ ތިބޭށެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރާށެވެ.

= ނިމުނީ =

 

* ކަވާސާގެ ނޯޓެއް:  މިއީ ޚިޔާލީ ވާހަކައެކެވެ. ވީމާ  ރާއްޖޭގައި އުޅޭ ބޭރު ކޮންމެ މީހަކީ މިފަދަ މީހެއްކަމަށް ހީކުރުމަކީ ވެސް ގޯހެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.