ބުރާސްފަތި20201029

އާކުރެވުނީ: 08:43:52

އެއީ މާޒީއެވެ.

eimazee 
ނަދީމަށް އެންމެ ފުރަތަމަ މާޔާ ފެނުނީ އެއޮފީހުގެ ފަރާތުން ބޭއްވި ސަމިނާރއަކުންނެވެ. އެއީ އަޖައިބެއް ކަހަލަ ބައްދަލުވުމެކެވެ. ފުރަތަމަ ފެނިލުމުންވެސް ނަދީމަށް މާޔާ އާއި ދޭތެރޭ އެހެން ގޮތެއް ހީވިއެވެ. މީހުން ބުނެއުޅެއެވެ. ލޯބިވެވޭނީ ތިމާއަށް ރަނގަޅަށް އެނގޭ، ތިމާގެ މިޒާޖާ ގުޅޭ ކަހަލަ މީހަކު ދެކެއެވެ. އެކަމަކު ނަދީމް އާއި މާޔާގެ މިޒާޖުގައި ގުޅޭ އެއްވެސް ކަމެއްނެތެވެ. މާޔާއަކީ އާދައިގެ ސާދާ ދިރިއުޅުމަށް ލޯބިކުރާ ރާއްޖެތެރޭގެ ޢާއިލާއަކަށް އުފަން މަޑުމައިތިރި ކުއްޖެކެވެ.

އެކަމަކު ނަދީމަކީ ޒަމާނީ ފެޝަނަށް ގޮސް ހުސްވެފައިހުރި މާލޭ ކުއްޖެކެވެ. މާޔާއަކީ ދިރިއުޅުމާއި މެދު ވަރަށް ފުންކޮށް ވިސްނާ ކުއްޖެކެވެ. ތިމާގެ މުސްތަޤުބަލް އުޖާލާ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މާޔާ ކުރެއެވެ.

އެއާއި ޚިލާފަށް ނަދީމް ދެކޭގޮތުގައި ދިރިއުޅުމަކީ މަޖާކުރުމާއި ބޭކާރު ކަންތައްތައް ކުރުމެވެ. އެހެން ގޮތަކަށް ބުނަންޏާ ކުޅޭ ކުޅޭ ކުޅިވަރެކެވެ. އެދުވަހު ސެމިނާރ ނިންމާފައި ބިލެތްމީރު ކުރަން އުޅުމުގެ ތެރޭގައި ދެމީހުން ބައްދަލުވިއެވެ.

ހެދިކާ އަޅަން ތަށި ނަގަން އުޅުމުގެ ތެރޭގައި ދެމީހުނަށް ވެސް ހިފުނީ އެއްތައްޓެއްގައެވެ. ކޮންމެ މީހަކަށް ވެސް ބަލާލެވުނީ އަނެކަކުގެ މޫނަށެވެ. މާޔާ ރީތި ހިނިތުންވުމެއް ހަދިޔާ ކުރުމަށް ފަހު ރަކި ގޮތަކަށް އިސްދަށަށް ޖަހާލިއެވެ. އަދި ތަށިން އަތް ދޫކޮށްލިއެވެ. ނަދީމް ހުރީ ގޮތުގައެވެ. މާޔާ ކިތައްމެ ގިނަ އިރަކު ތަށިން ދޫނުކޮށް ހުރިނަމަވެސް ނަދީމް ދުލެއް ނުކުރީހެވެ. އެއަށްވުރެ ނަދީމް މާ ގޮތްދޫނުކުރާނެއެވެ.

ދަންވަރު 12 ޖަހާ ބޮޑުވެއްޖެއެވެ. ނަދީމް ގެއަށް އައިސް ހެދުން ބަދަލު ކުރުމަށްފަހު އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. ނިދާލަން ބޭނުންވެފައި ހުރިވަރުން އަވަހަށް ލޯމަރާލިއެވެ. އެކަމަކު ނިދޭގޮތެއް ނުވިއެވެ. ނަދީމްގެ ލޮލުގެ ކުރިމަތީގައި ސިފަވަމުން ދިޔައީ މިއަދުގެ ޙާދިސާއެވެ. އެމައުސޫމު މޫނެވެ. އެސާދާ ހިނިތުންވުމެވެ. އިސްދަށަށް ޖަހާލި ރަކިގޮތެވެ. ނަދީމަކަށް އެކަހަލަ ސިފަތަކެއް އަސްލަކު ކަމަކު ނުދެއެވެ. އެކަމަކު އެކަންތައް ހަނދާން ވަނީ ކީއްވެހެއްޔެވެ؟ ކޮންމެވެސް ގޯހެއް އުޅޭހެން ހީވެއްޖެއެވެ. ނޭނގި ނަމަވެސް މާޔާއަށް ނަދީމްގެ ހިތުން ޖާގަދެވުނީ ބާއެވެ. ނަދީމް ހިތަށް އެރިއެވެ. މިވެވުނީ ލޯބި ބާއެވެ؟ އެކަމަކު ނަދީމް ލޯބި ޤަބޫލެއް ނުކުރެއެވެ. ނަދީމް ދެކޭގޮތުގައި އެއީ ހަމަ މީސްމީހުން ރޮމޭންޓިކް ވާން ވެގެން ކިޔާއެއްޗެކެވެ.

މާޔާގެ ޙާލަކީވެސް ހަމަމިއެވެ. ނަދީމަށް ވުރެ ރީތިމީހަކު މާޔާއަށް ދުވަހަކު ވެސް ނުފެންނަކަހަލައެވެ. މާޔާގެ މުޅިހިތް އެއްކޮށް ނަދީމް ގެންގޮއްސިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ނަދީމްއާއި ބައްދަލު ކުރާހިްވަނީއެވެ. ނަދީމްއާއި ވާހަކަ ދައްކާލާ ހިތްވަނީއެވެ. އެކަމަކު އެކަން ކުރާނެ ގޮތެއް ނޭނގެއެވެ.

ނަދީމްގެ މިޚިޔާލީ ތަސްވީރުތައް ފަރުދާ ކޮށްލީ ކުޑަކުޑަ ޢަފާގެ މަޑުމަޑު ދެއަތް ނަދީމްގެ ލޯމަތީއެޅުމުންނެވެ.

'' ކާކުތޯތޯ؟؟ '' ޢަފާ އަޑު ބަދަލު ކުރަން މަސައްކަތް ކުރަމުން އަހާލިއެވެ.

'' ބައްޕަގެ ލޯބިވާ........ ''

'' ނޫނެކޯ.. މީ މަންމައެއް ނޫނޯ! '' ނަދީމަށް އެއްބައި ނުބުނެވި އުޅެނިކޮށް ޢަފާ ބުންޏެވެ.

ޢަފާގެ ޢުމުރަކީ އެންމެ 12 އަހަރެއްކަމަކު، އެކަހަލަ އެއްޗިހި ބުނެލާކަށް އޭނާ ޖެހިލުމެއް ނުވެއެވެ. ނަދީމް ރުޅިނާންނާނެކަން އެނގޭތީއެވެ. ނަދީމް ޢަފާގެ އަތުގައި ހިފާ ކުރިމައްޗަށް ގެނެސް ވަރަށް ލޯބިން ބައްދާލިއެވެ. އޭރުވެސް ކިޔަމަންތެރި ޚާދިމެއްހެން ކެސެޓް ލަވައިއްވަމުން ދިޔައެވެ. ނަދީމަށް މިހާރު އެންމެ ރީތިލަވައެވެ.

'' ފެނުނީއްސުރެ އޭނާ ހިތް އެދެނީ ބައްދަލު ވެލުމޭ... ނިދި ގެއްލިއްޖޭ ކިޔަމުން މިދަނީ މިތުރާގެ ނަމޭ... ކިހިނެއްހޭ ޙާލު ބަޔާން ކޮށްދޭނީ ލޯބިންދެން ... ތިޔަސޫރަ ހިތުން ނުފިލާނޭ ކެރިހުރެ ވަޢުދުވަމޭ .... ފުން ހަނދާނުން ހިތްވެއްޖޭ ދިވާނާ ... ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ.. '' ނަދީމް ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ލަވައިގެ ރާގާ އެއްވަރަށެވެ.

'' ބައްޕަ ކީއްވެތަ އަބަދު ތިލަވަ ޖަހަނީ ؟ '' ޢަފާ ވަރަށް ޝައުގުވެރިކަމާއި އެކު ސުވާލުކުރިއެވެ.

'' މީ ބައްޕައަށް ވަރަށް ރީތި ލަވައެއް '' ނަދީމް ވަރަށް ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ.

އެކަމަކު އަބަދުވެސް ބައްޕަ ޖަހާނީ ތިކަހަލަ މަޑުމައިތިރި ލަވަ.. ކޮއްކޮއަށް ކަމުދަނީ ތަންކޮޅެއް އަވަސްލަވަ.. ގޭތެރޭ އުޅޭއިރު އަބަދުވެސް އިވޭނީ ކޮންމެވެސް ހިތާމަވެރި ނާނާއެއްގެ އަޑު.. ހުންނާނީ ނިދި އައިއްސަ... ކީއްތަވާނީ ތަންކޮޅެއް ފޯރިގަދަ އަވަސް ލަވައެއް ޖެހިއްޔާ... ވަރަށް ފޫހިވޭ. '' ޢަފާ ޝަކުވާތައް އަމުނާލިއެވެ. ނަދީމް ހުރީ ބުނާނެ އެކައްޗެއްވެސް ނޭނގިފައެވެ. ވާނީވެސް އެހެންތާއެވެ. އެއީ ނަދީމްގެ ވެސް ކުރީގެ ޙާލެވެ. ގެއަށް ވަދެއްޖެއްޔާ ހުންނާނީ ބޮލަށް އުނދަގޫވެފައެވެ. މަޑުމައިތިރި ލަވަ އަބަދު އިވޭތީއެވެ. ނަދީމަށް ކަމުދަނީ ޔޫރަޕްގެ ޕޮޕް މިއުޒިކެވެ. އެހެން ކަމުން ނަދީމް ގިނަވަގުތު އުޅެނީ ބޭރުގައެވެ. އެކަމުގެ ސަބަބުން ވެސް ނިކުތީ އިތުރު މައްސަލައެކެވެ. މާޔާގެ ޝަކުވާތައް ފެށުނީއެވެ. ލޯބިނުވާ ކަމުގައި ބުނެއެވެ. ނަދީމް މާޔާއަށް ކެއަރ ނުކުރާ ކަމުގައި ބުނެއެވެ.

'' ދުވަހަކުވެސް އަހަންނާއި އެކީ ހޭދަ ކޮށްލާނެ ވަގުތެއް ނަދީމަށް ވާކަމަކަށް ނުވޭ. އަބަދުވެސް ބިޒީ ބިޒީ . ހުކުރު ދުވަހެއް އަޔަސް ކޮންމެވެސް ރައްޓެހި ބަޔަކާއި އެކީ ދަތުރެއް ނޫނީ މަހަށް ދާން ޖެހިފަ އޮންނަނީ. ނަދީމްގެ ހުރިހާ ވެސް ބަޔަކީ ރައްޓެހިން . އެކަމަކު ބުނާނެ އެންމެ ލޯބިވަނީ އަހަރެން ދެކެއޭ . އަހަންނަކަށް ހެޔޮ ތިކަހަލަ ލޯބި ނުވިޔަސް. '' މާޔާގެ މިކަހަލަ ޝަކުވާތަކުން ނަދީމަށް ވަރަށް ރުޅިއާދެވެއެވެ. އެކަމަކު ވެސް ނަދީމް މާޔާ ދެކެ ވަރަށް ލޯބިވެއެވެ. އެހެންކަމުން ކިތައްމެ ރުޅިއަޔަސް ދުވަހަކުވެސް ރައްދެއް ނުދެއެވެ. ގޯހެއް ހެދިދާނެތީއެވެ. ނަދީމް މާޔާ ގެއްލޭކަށް ބޭނުމެއްނޫނެވެ. މައްސަލައަކީ އެންމެ މައްސަލައެކެވެ. ދެމީހުންގެ ވެސް މިޒާޖު މާބޮޑަށް ތަފާތީއެވެ.

މިއަދަކީ ޖޫން މަހުގެ 11 ވަނަދުވަސްކަމުން ނަދީމް ފެންވަރައިގެން ތައްޔާރުވަމުން ދިޔައީ ގިފްޓްޝޮޕަކަށް ދާށެވެ. ޢަފާ ސްކޫލުން އަންނަން ވާއިރަށް ހަދިޔާއަކާ މާބޮނޑިއެއް ގެނެސްދޭށެވެ. ޢަފާގެ އުފަންދުވަސްވީމައެވެ. އެހެން ނޫނީ ޢަފާ ރުޅިގަދަވާނެއެވެ. އުފަންދުވަސް ފާހަގަ ނުކުރާތީ ދެރަވެގެން އުޅޭނެއެވެ. ޢަފާއަކީ ނަދީމް އާއި މާޔާ އާއި ދެމީހުންގެ މިޒާޖުން ވެސް ބައެއް ލިބިފައި ހުރި ކުއްޖެކެވެ.

ކައިވެންޏަށް އަހަރު ފުރޭ ދުވަސް ފާހަގަ ނުކޮށްގެން، މާޔާ ރޯރުއިން ވެސް ނަދީމަށް ވަނީ ފެނިފައެވެ. ކޮންމެ އެނިވަރސަރީއެއްގަވެސް މާޔާ ނަދީމަށް ހަދިޔާދެއެވެ. އެކަމަކު މާޔާއަށް ހަދިޔާއެއްދޭން ހަނދާން ނުހުންނަތާގަ، މާޔާދޭ ހަދިޔާވެސް ވަނީ ނަދީމް މާގަޔާވާ އެއްޗަކަށް ނޫނެވެ. ގަމީހެއް ނުވަތަ ޓީޝާޓެއް ދީފިއްޔާ އޭގެ ކުލައިގެ މައްސަލަ ޖެހޭނެއެވެ. މާޔާއަށް ރީތިވާނީ މަޑު ކުލަކުލައެވެ. އެކަމަކު ނަދީމަށް ކަމުދާނީ ކުލަގަދަވި ވަރެކެވެ. އެއީ ކައިވެންޏަށް އަހަރު ފުރޭ ދުވަހުގެ ހާލެވެ. އަދި މާޔާގެ އުފެންދުވަސް އެއަށްވުރެ މާހާލުބޮޑެވެ. އަމިއްލަ އުފަންދުވަސްވީމަ މާޔާ އަމިއްލައަކަށް ހަނދާނެއް ނުކޮށްދެއެވެ. ގިނަ އަހަރުތަކުގައި އެދުވަސް ދާތާ ހަފްތާއެއްފަހުން ވެސް ހަނދާންވެދާނެއެވެ. ދެން ވާގޮތަކީ މާލަސްވީމަ '' ހެޕީ ބިލޭޓެޑް ބާތުޑޭ ލޯބީ. '' މިހެން ބުނެލާފަ ފުއްދާލެވެނީއެވެ. މިކަހަލަ ކަންތައްތައް ދިމާވަނީ ނަދީމް މާޔާ ދެކެ ލޯބި ނުވާތީކީ ނޫނެވެ. އުފަންދުވަސް ފާހަގަ ކުރުމާއި، އެނިވާރސަރީ ފާހަގަ ކުރުމަކީ ނަދީމް އެހާ ޝައުޤުވެރިކަން ހުންނަ ކަންތައްތަކަކަށް ނުވަނީއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ގޮސް ނަދީމްގެ ޙަޔާތަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ނަދީމަކީ މިހާރު ކުރީގެ ނަދީމެއް ނޫނެވެ. އޭނާގެ މިޒާޖުގެ ވަރަށް ގިނަކަންތައްތައް ވަނީ މިހާރު ބަދަލުވެފައެވެ. ގޮތްދޫ ނުކުރުމާއި، މީހުނާމެދު ވިސްނުމާ، މިހިރަ މިހިރަ ކަންތައްތަކަކީ ކުރިން ނަދީމް އެއްގޮތަކަށް ވެސް ދަންނަ ކަންތައްތަކެއް ނޫނެވެ. މިރޭވެސް ނަދީމް ތައްޔާރުވަމުން އެދަނީ ޢަފާ ގޮވަިގެން ސްކޫލަށްދާށެވެ. ބެލެނިވެރިންގެ ބައްދަލުވުމެއް އޮތީމައެވެ. އެކަމަކު މާޔާއާއި އެކީ ޕާޓީއަކަށް ދާން ވެސް ނަދީމް ލަދުގަނެއެވެ. އަންހެނުން އަތުކުރީގައި ހިފައިގެން ޕާޓީތަކަށް ދިއުމާއި، ފިހާރަތަކަށް ދިއުމަކީ ނަދީމް އެންމެ ކުރާހިތްނުވާ ކަންތައްތަކެވެ.

'' މިރޭ އަހަރެމެން އޮފީސް ކުއްޖެއްގެ ވެޑިން އެބައޮތް.. އިންވައިޓް ކޮށްފަ އޮތީ އަހަރުމެން ދެމީހުނަށް '' ނަދީމް ރޭގަނޑު ފެންވަރާލަން ގެއަށް އަންނައިރަށް މާޔާ ބުންޏެވެ.

'' އޮފީސް އެހެން ކުދިންނާއި އެކީ ދާންވީނު ... އަހަރެން ނުގޮސްގެން އެއްޗެކޭ ބުނެފިއްޔާބުނޭ ކުޑަކޮށް ބައްޔޭ '' ނަދީމް ވަރަށް ފަރުވާކުޑަ ރާގެއްގައި ބުންޏެވެ. އެވަގުތު މާޔާގެ ލޮލުން ކަރުނަހިލުނެވެ. އެއްވެސް އެއްޗެކޭނުބުނެ ހުރީއެވެ. އެހިސާބުން ޕާޓީއަށް ނުދާގޮތަށް މާޔާ ނިންމިއެވެ. އެކަމަކު މާޔާ ހުރީ ޕާޓީއަށް ދާން ތައްޔާރުވެސް ވެގެންނެވެ. އެއީ އެކަހަލަ ކޮންމެ ވަގުތަކުވެސް ވާގޮތެވެ. ނަދީމް އެއްގޮތަކަށް ވެސް މާޔާގެ ހިތުގައި ޖެހޭނެވަރެއް ނުވިސްނާނެއެވެ. މާޔާ ދެރަވެދާނެތީއޭކިޔާފަ ބުނަންވާ އެއްޗެއްނުބުނެ ނުހުންނާނެއެވެ. މިކަހަލަ މައްސަލަ ތަކަކީ އަބަދުވެސް ދިމާވާ ކަންތައްތަކެވެ. އެހެން ކަމުން އެވަގުތު ކުޑަކޮށް ރޯލީމަ މާޔާއަށް ވެސް ފުދެއެވެ. ހުންނަނީ އާދަވެފައެވެ. ދެންފަހުން އެކަން ހަނދާންވެސް ނުހުރެއެވެ.

ޢަފާއަށް ބަނޑު ބޮޑުއިރުވެސް ކަންތައް ދިމާވީ މިހެންނެވެ. ނުވަމަސްދުވަހު ކޮންމެ މަހަކު އެއްފަހަރު ނޫނީ ދެފަހަރު ޑޮކްޓަރަށް ދެއްކިއިރު ، ދުވަހަކުވެސް ނަދީމް މާޔާއާއި އެކީ ޑޮކްޓަރަށް ނުދެއެވެ. އަބަދުވެސް ބުނާނީ މަންމަ ގޮވައިގެން ނޫނީ ކޮންމެވެސް ރައްޓެއްސަކު ގޮވައިގެން ދިއުމަށެވެ. ބުރަކަމުން ނުދެވޭނެ ވާހަކައެވެ. އެދުވަސްވަރަކީ މާޔާއަށް ނަދީމްގެ އޯގާތެރިކަމާއި، އެހީތެރިކަން އެންމެބޮޑަށް ބޭނުންވި ދުވަސްވަރެވެ. އެކަމަކު ނަދީމަށް އެކަމެއް ނޭނގެއެވެ. އެކަމާ މާޔާ ޝަކުވާވެސް ކުރެއެވެ. ބައެއްފަހަރަށް މާޔާއަށް އިޙްސާސްކުރެވެއެވެ. ބަނޑުގައި އޮތީ ހަމައަކަނި މާޔާގެ ދަރިއެކެވެ. އެހެން ނޫނަމަ ނަދީމަށް ވެސް އެވަރު ވިސްނުނީހެވެ. ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކުވެސް އެވަރަށް ނަސޭޙަތްދެއެވެ. ބުރަކޮށް ނޫޅުމަށާއި އަރާމު ކުރުމަށެވެ. އެހެން ނޫނީ މައިމީހާގެ އިތުރުން ދަރިފުޅަށް ވެސް ގެއްލުން ވެދާނެކަމުގައި ބުނަމުންނެވެ. އެކަމަކު އެކަންތައް ތަކަށް ދުވަހަކުވެސް ޢަމަލީސިފަ ގެނެވޭގޮތެއް ނުވެއެވެ.

ނުވަމަހާއި އެގާރަވަނައަށްވީ ދުވަހު މާޔާގެ ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދެވުނެވެ.

'' އޮޕަރޭޝަން ކުރަން ޖެހޭނީ '' ޑޮކްޓަރު މާޔާ ބެލުމަށް ފަހު ބުންޏެވެ.

އޮޕަރާޝަން ކުރާ ކޮޓަރިއަށް ވައްދަން މާޔާ ގެންދިޔަ އިރުވެސް މާޔާ އޮތީ ނަދީމްގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އޭރުވެސް މާޔާ ތެޅީފޮޅެނީއެވެ. ނަދީމް މާޔާއަށް ހިތްވަރު ދެމުން ގެންދިޔައެވެ. ކޮޓަރި ތެރެއަށް ވެއްދިއިރު ވެސް މާޔާ ނަދީމްގެ އަތުން ދޫނުކުރުމަށް މަސައްކަތް ކުރިއެވެ. އެދުވަހު ނަދީމްގެ ހިތަށް އަސަރު ކުރިއެވެ. ނަދީމް ގެ ލޮލުން ވެސް ފުރަތަމަފަހަރަށް ކަރުނަ ތިއްކެއް ފޭބިއެވެ. ނަދީމްގެ ހިތް ބާރަށް ތެޅެމުން ގެންދިޔައެވެ. ކޮންމެވެސް ބޮޑު ކަމެއް ދިމާވާން އުޅޭކަމުގެ އިޙްސާސް ނަދީމަށް ކުރެވެމުންދިޔައެވެ. ކެތްތެރި ކަމެއްނެތި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އިރު ނަދީމް ހުރީ ދާހިއްލާ ފޯވެފައެވެ. އެކި ކަހަލަ އެއްޗިހި ހިތަށް އަރަމުން ދިޔައެވެ.

'' އަލަށް ބައްޕައަކަށް ވާން އުޅޭތީ ވާގޮތްބާއެވެ؟ ނޫނީ މާޔާ އޮޕަރޭޝަން ކުރަން ޖެހުނީމަ ހިތްނުތަނަވަސް ވަނީބާއެވެ؟ '' އެންމެ ފަހުން ނިންމީ ދަރިފުޅު ދެކޭހިތުން ހިތްއަވަސް ވެފައި ހުރީކަމަށެވެ.

އިރުގަނޑަކަށްފަހު ނަރުސް ކުއްޖަކު ދޮރު ހުޅުވާފައި ކުޑަކުޑަ ލޯބިލޯބި ދަރިއެއް ނަދީމްގެ އަތަށްދިނެވެ. ނަދީމަށް ދަރިފުޅު ބާއްވާނެ ގޮތެއް ވެސް ނޭނގުނެވެ.

'' ކޮބާ ނަދީމަކީ؟ '' ނަދީމް ދަރިފުޅު އުރަން ނޭނގިގެން އުޅެނިކޮށް އެހެން ނަރުސް ކުއްޖެއް ނިކުމެއް ބުންޏެވެ.

'' އަޅުގަނޑު ... ކިހިނެއް ވީތޯ؟ '' ނަދީމަށް އަހާލެވުނެވެ.

'' މާޔާ ވަރަށް ޙާލު ދަރެ .. އޭނަ އެދެމުންދަނީ ނަދީމް ގެނެސްދިނު...... '' ނަރުސް ކުއްޖާގެ ޖުމްލަ ނުނިމެނީސް މަންމައަތަށް ދަރިފުޅު ދިނުމަށްފަހު ނަދީމް އެތެރެއަށް ވަނެވެ. މާޔާގެ އެނދާ ފޫޓެއްހާ ހިސާބަށް ނަދީމަށް އާދެވުނު އިރު މާޔާ އެންމެ ފަހު ނޭވާ ދޫކޮށްލީއެވެ. ނަދީމަށް ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އަދި މާޔާގެ އެނދު ކައިރީގައި ހުރެގެން އާދޭސް ކުރަމުން ގެންދިޔައެވެ.

''ނޫން ... އަހަރެން އެކަނި ކޮށްފަ ނުދޭ މާޔާ .. ޕްލީޒް ... ހެޔޮނުވާނެ.. އަހަރެން ކިހިނެއްތަ މާޔާއާއި ވަކިން އުޅޭނީ ... މާޔާ ނެތީމަ ދަރިފުޅު ބަލާނެ މީހަކުވެސް ނުހުންނާނު. ''

މާޔާގެ ނިމުންއައީ ކުއްލި ގޮތަކަށެވެ. އެއީ ނަދީމްގެ ޙަޔާތަށް މިހާބޮޑު ބަދަލު ތަކެއް ގެނުވި ސަބަބެވެ. ނަދީމަށް މާޔާގެ މުހިންމުކަން އިޙްސާސް ކުރެވުނީ މާޔާވަކިވެގެން ދިޔަފަހުންނެވެ. މިހާރު ނަދީމްގެ މިޒާޖަކީ މާޔާގަ މިޒާޖެވެ. މަޑުމައިތިރި ދިރިއުޅުމެވެ. ކަންކަމާމެދު ވިސްނުމެވެ. މީހަކު ދެރަވެދާނެ އެއްވެސް ކަމެއް މިހާރު ނަދީމް ނުކުރެއެވެ. ޚާއްޞަކޮށް ޢަފާ އުފަލުގަ ބަހައްޓަން ނަދީމް އަބަދުވެސް މަސައްކަތް ކުރެއެވެ. ޢަފާއަށް އަޅާލުމާއި ލޯބިދެއެވެ. އެއީ ހަމަ މާޔާއަށްޓަކައެވެ. މާޔާދެކެވީ ލޯތްބަށްޓަކައެވެ. މާޔާއަށް ދެވުނު ހިތްދަތިކަމަށްޓަކައެވެ.

މިހާރު ނަދީމްގެ ހިތަށްއަރައެވެ. '' މާޔާ އަދި އައްފަހަރު އެނބުރި އަންނާނެނަމައެވެ. އެކީގައި ޕާޓީތަކަށް ވެސް ދާނަމެވެ. އުފަންދުވަހު ހަދިޔާތަކާއި، ވަސްމީރުމާތަކުގެ ގުލްދަސްތާތައް ވެދުންކުރާނަމެވެ. މާޔާގެ ފަރާތުން ލިބޭ ކޮންމެ އެއްޗެއް ހިތުން ރުހުމުން ޤަބޫލުކުރާނަމެވެ. އެދެލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ފައިބާކަށް ފުރުސަތެއް ނުދޭނަމެވެ. ހިތް ފުރިގެން އުތުރި އަރާވަރަށް އޯގާތެރިކަމާއި ލޯބިދޭނަމެވެ. ދުވަހަކު ވެސް ހިތުގައި ނުޖައްސާނަމެވެ.'' އެކަމަކު މާޔާ ދެނެއް ނާންނާނެއެވެ. ނަދީމް އާއި އެކީވަނީ ހަމައެކަނި މާޔާގެ ހަނދާންތަކެވެ. އެއީ މާޒީއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.