އަންގާރަ20181113

އާކުރެވުނީ: 08:43:52

ވެލެންޓައިން ދުވަސް

ނަމަވެސް މިދުވަހަކީ ކިހިނެތް ފެށުނު ދުވަހެއް ބާވައެވެ؟ މިއީ ބައެއްގެ ދީނީ ކަމެއް ހެއްޔެވެ؟ ނުވަތަ ވަކި ދީނަކަށް ނިސްބަތް ނުވާ ބައިނަލް އަޤްވާމީ އިޙްތިފާލެއް ހެއްޔެވެ؟ މިދުވަހުގެ ހަޤީޤަތަކީ ފަހެ ކޮބައިހެއްޔެވެ؟

ދުނިޔޭގެ ކަންކޮޅުތަކުގައި މިދުވަސް ޢާއްމުކޮށް ފާހަގަކުރެވެން ފެށުނީ ދާދި ފަހުން ކަމުގައިވިޔަސް މީ ވަރަށް ކުރީއްސުރެ ބަޔަކު މީހުން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. އާދެ މީ ރޯމަނުންގެ އިންބަރާޠޫރިއްޔާއަށް ކިރިސްޓިޔަން ދީން އައުމުގެ ވެސް މާކުރިން އެތާގެ ބުދުތަކަށް އަޅުކަން ކުރި މީހުން ފާހަގަކުރި ދީނީ ޢީދެކެވެ. އޭގެ ފަހުން އެމީހުން ދީނެއްކަމުގައި ކިރިސްޓިއަން ދީން ޤަބޫލުކުރަން ފެށިފަހުންވެސް އެ ދުވަސް ފާހަގަ ކުރަމުން އައެވެ. 

ބުދުތަކަށް އަޅުކަންކުރި ޒަމާނުގައި އެމީހުން އެދުވަސް ފާހަގަ ކުރީ އެއީ ކަލާނގެ ތަކުގެ ލޯބި ރަމްޒުކޮށްދޭ ދުވަހެއްގެ ގޮތުގައެވެ. ނަމަވެސް ކިރިސްޓިޔަން ދީނަށްފަހު އެދުވަސް ވެގެން ދިޔައީ ލޯބީގައި ޝަހީދުވެގެން ދިޔަ މީހުންގެ ދުވަހަކަށެވެ. އާދެ އެ ދުވަސް އެ މީހުން ނިސްބަތްކުރާ ސެއިންޓް ވެލެންޓައިން އަކީ އޭނާއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުން ދޭހަވާގޮތުގައި ލޯބީގެ މަގުގައި ޝަހީދުވެވަޑައިގެންނެވި ފާދިރީއެކެވެ. 

މިދުވަހާއި ބެހޭގޮތުން ތަފާތު ވާހަކަތައް އެކި ގޮތް ގޮތަށް ރިވާވެފައިވެއެވެ. އޭގެ ތެރެއިން މަޝްހޫރު އެއް ވާހަކައަކީ، އެއީ ރޯމިޔުލަސް އަށް ( ރޯމް ގެ ބާނީ ) އެއް ދުވަހަކު އަންހެން ވަލުކުއްތާއެއް ކިރުފޮދު އެރުވިއެވެ. އަދި އޭގެ ސަބަބުން އޭނާ އަށް ބާރާއި ބުއްދި ލިބިވަޑައިގެތެވެ.

ރޯމަނުން މި ޙާދިޘާ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ މަހުގެ މެދުތެރޭގައި ބޮޑެތި އިޙްތިފާލްތައް ބާއްވާ އުޅުނެވެ. އަދި މި ދުވަހުގެ ރަސްމިއްޔާތުގެ ތެރޭގައި ކުއްތާއަކާއި ބަކަރިއެއް ކަތިލައެވެ. އެއަށްފަހު ހެދިހުރި ހަށިގަނޑު ރީތި ދެ ޒުވާނެއްގެ ގައިގައި ކަތިލެވުނު ކުއްތާއާއި ބަކަރީގެ ލޭ އުނގުޅައެވެ. އެއަށްފަހު ލޭތައް ކިރުން ދޮވެލައެވެ. ދެން، ބޮޑުވެގެންވާ ފުޅަނދެއް ރަށުތެރޭގައި ދުއްވައެވެ. އޭގެ އެންމެ ކުރީގައި ތިބެނީ އިސްވެ ދެންނެވުނު ދެ ޒުވާނުންނެވެ. މި ދެމީހުންގެ އަތުގައި ދެ ކޮޅު ހަން އޮވެއެވެ. އަތުޖެހޭ މީހެއްގެ ގައިގައި ވިއްޔާ އެ ހަންގަނޑު އުނގުޅައެވެ. ރޯމަނުންގެ އަންހެންވެރިން މިކުޅިވަރުގައި ބައިވެރިވުމުގެ ގޮތުން، މީގައި އުނގުޅެން އަމިއްލައަށް ހުށަހެޅިގަނެއެވެ. އެމީހުން ގަބޫލުކުރާގޮތުން މިކަމުގެ ސަބަބުން ކުދިން ނުލިބޭ ބައްޔަށް ޝިފާ ލިބެއެވެ.

މި ދުވަހާއި ބެހޭގޮތުން ދެކެވޭ އަނެއް ވާހަކައަކީ ރޯމަނުންގެ ތެރޭގައި ކިރިސްޓިޔަން ދީން ފެތުރެންފެށިފަހުން، މީލާދީން ތިިންވަނަ ޤަރުނުގައި، އިންބަރާޠޫރު ކުލައުޑިއަސް ދެވަނަ، އެމަނިކުފާނުންގެ ސިފައިންނަށް ކާވެނި މަނާކުރެއްވިއެވެ. ސަބަބަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުން، ކާވެނި، އެމީހުންގެ ހަނގުރާމަތަކަށް ހުރަސްއަޅާކަމެވެ. ނަމަވެސް އެދުވަސްވަރު އުޅުއްވިކަމަށް ބުނެވޭ ފާދިރީއެއް ކަމުގައިވާ ވެލެންޓައިން، ސިއްރިޔާތުގައި މިކަމާއި ޚިލާފަށް ސިފައިންގެ ތެރެއިން ކާވެނިކުރަން ބޭނުންވެފައިތިބި ޒުވާނުންގެ ކާވެނިކޮށްދެއްވަން ފެއްޓެވިއެވެ. ކޮންމެއަކަސް އިންބަރާޠޫރަށް މިކަން އެނގިވަޑައިގެން، ފާދިރީ ޖަލުގައި ހައްޔަރުކުރެއްވިއެވެ. އަދި އޭނާއަށް މަރުގެ ޙުކުމް އިއްވެވިއެވެ. މިދުވަސްވަރުގައިމެ، ވެލެންޓައިން ޖަލުގައި ހުންނެވި ހުންނެވުމުގައި، ޖަލުގެ ބަނޑޭރިއަކަށް ހުރި މީހާގެ އަންހެން ދަރިފުޅާ ހިތްޕުޅާހަމަކުރެއްވިއެވެ. އަދި އެ ލޯބި އޭނާ ވަންހަނާކުރެއްވިއެވެ. އެއީ ފާދިރީންނަށް ލޯބީގެ ގުޅުންތަކާއި ކާވެނި އެމީހުންގެ ޝަރީޢަތުގައި ޙަރާމްކަމަކަށް ވީތީއެވެ. ނަމަވެސް އިންބަރާޠޫރު އޭނާއަށް އާ ގޮތެއް ހުށަހެޅުއްވިއެވެ. އެއީ އޭނާ ނަޞާރާ ދީން ދޫކުރައްވައި، ރޯމަނުުންގެ ކަލާނގެ ތަކަށް އީމާން ވެވަޑައިގަތުމެވެ. ބަދަލުގައި އޭނާ ޖަލުން ސަލާމަތްކުރައްވައި، އަރިސް މީހުންގެ ތެރޭ ހިމެނުއްވުމުގެ އަދި އޭގެ އިތުރުން އެމަނިކުފާނުގެ ޅީދަރިކަލަކަށް ހައްދަވައި ދެއްވާނެއެވެ. ނަމަވެސް ވެލެންޓައިން އޭނާގެ ދީނުގައި ސާބިތުކަންމަތީ ހުންނެވީއެވެ. އެއަށް ފަހު އޭނާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރެވުނެވެ. އެއީ މީލާދީ ސަނަތުން 270 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން މި ފާދިރީއަށް ސެއިންޓެއްގެ ލަޤަބު އެރުވުނެވެ.

ކުރީ ޒަމާނުގައި މިދުވަސް ފާހަގަކުރުމުގެ ގޮތުން، ފިރިފުރާވަރަށް އަޅާފައި ތިބޭ އަންހެންކުދިން ގެ ނަން ކަރުދާސްކޮޅުކޮޅުގައި ލިޔެ މޭޒެއްމަތީގައި ބަހައްޓާފައި ހުންނަ ދޮލަނގަކަށް އަޅައެވެ. އެއަށް ފަހު ކާވެނިކުރަން ބޭނުންވެފައި ތިބޭ ޒުވާން ފިރިހެންކުދީން ގެނެސް، އެތަނުން ކަރުދާސްކޮޅެއް ނަގަން ދެއެވެ. އަދި ކޮންމެ ޒުވާނަކުވެސް އޭނާއަށް ނެގޭ ނަމެއް ނިޞްބަތްވާ އަންހެންކުއްޖާގެ ޚިދުމަތުގައި އަހަރުދުވަސް ހޭދަކޮށްލައެވެ. މިއީ ދެމީހުންގެ އުޅުން އެކަކު އަނެއްކަކު ދަސްކޮށް އަޖުމަބަލާލުމުގެ ގޮތުންނެވެ. އޭގެފަހުގައި ދެމީހުން އިންނަނީއެވެ. ނުވަތަ އަލުން އެކުޅިވަރުގައި ބައިވެރިވަނީއެވެ. 

ފަހެ މިކަމުގައި ހުރި ފަސާދައެއްގެ ބޮޑުކަމުން، ކިރިސްޓިޔަނު ދީނުގެ ދަންނަބޭކަލުން މިކަމާ އިދިކޮޅަށް ނުކުންނަވައި އެކަން ހުއްޓުވައިފިއެވެ، އެހެންވެ މި އާދަ ފެތުރިފައި އޮތް އިޓަލީވިލާތުން މިކަން މުޅިން ހުއްޓުނެވެ. 

އޭގެ ފަހުން، މިކަން އަނެއްކާ މީލާދީން އަށާރަވަނަ ޤަރުނާއި، ނަވާރަވަނަ ޤަރުނުގައި އިޙުޔާކުރެވެން ފެށުނެވެ. އެގޮތުން އެދުވަސްވަރު ހުޅަނގު ބައެއް ޤައުމުތަކުގެ ފޮތްވިއްކާ ތަންތާ ވެލެންޓައިން ފޮތުގެ ނަމުގައި ކުދިކުދި ފޮތްތަކެއް ވިއްކިއެވެ. އެފޮތުގައި، ޢިޝްޤީ ބައެއް ޅެންތަކާއި، ލޯބީގެ ސިޓީތައް ލިޔާނެ ގޮތްގޮތް ހިމަނާފައިހުރެއެވެ. އަދި ލޯބިވެރިޔާއަށް ފޮނުވާ ކާޑުތަކުގައި މީގެ ޅެންތައް ނަގައިގެން ޒުވާނުން ލިޔެއުޅުނެވެ. 

ވިލް ޑިޔުރާންޓް، އޭނާގެ ''ދަ ސްޓޯރީ އޮފް ސިވިލައިޒޭޝަން'' މިފޮތުގައި ލިޔުއްވާފައިވާގޮތުން، ފައްޅީން ނެރެވުނު ކަލަންޑަރެއްގައި ކޮންމެ ދުވަހަކީވެސް ވަކި ސެއިންޓަކަށް ޚާއްސަ ދުވަހެއް ކަމުގައި ހަމަޖެއްސުނެވެ. އިނގިރޭސިވިލާތުގައި ސެއިންޓު ވެލެންޓައިން ދުވަސް، ފިނިމޫސުމުގެ ފަހުކޮޅު ފާހަގަ ކުރެވުނެވެ. އެމީހުން ބުނާގޮތުން، އެދުވަސް އައިސް ޖެހުމުން، ޖަންގަލިތަކުގައި އުޅޭ ދޫނި ސޫފާސޫފި އާ ހިތްވަރަކާއެކު ޖޯޑުވާން ފަށައެވެ. އަދި ޒުވާނުން އެމީހުން ލޯބިވާ އަންހެން ކުދިން އުޅޭ ގޭގޭގެ ކުޑަދޮރުތަކުގެ އޮޅިމަތީގައި މާ ބަހައްޓާ އުޅުނެވެ. 

ސެއިންޓް ވެލެންޓައިންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރެވުނު ދުވަސް ކަމުގައިވާ 14 ފެބުރުއަރީއަކީ ލޯބީގެ ޢީދެއްކަމުގައި ޕޯޕް ހަމަޖެއްސެވިއެވެ.

ކަން މިހެން އޮތް އިރު ވެލެންޓައިން ދުވަހަކީ ކިރިސްޓިއަނުން، އެމީހުންގެ ސެއިންޓެއްގެ ޒިކުރާ އާކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެއްކަން ޔަޤީނެވެ. އަދި އެއަށްވުރެ ކުރިން ރޯމަނުން އެމީހުންގެ ކަލާނގެތަކުގެ ލޯބީގައި މިދުވަސް ފާހަގަކުރިއެވެ. އަދި ބުނެވޭގޮތުން މީހަކަށް އެންމެ ފުރަތަމަ ފޮނުވުނު ވެލެންޓައިން ކާޑަކީވެސް މިދެންނެވި ސެއިންޓު އޭނާ ޖަލުގައި ހުންނެވިއިރު ހިތްޕުޅާހަމަކުރެއްވިކަމަށް ބުނެވޭ އަންހެންކުއްޖާއަށް އޭނާ ފޮނުއްވި ކާޑެވެ. މިކާޑުގައި އޭނާ ސޮއި ކުރައްވާފައިވަނީ، ''ކަލާގެ ވެލެންޓައިން'' މި ޢިބާރާތް ލިޔުއްވާފައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.