ހޯމަ20181119

އާކުރެވުނީ: 08:43:52

ވާހަކަ ތަޢާރަފުކުރުން

vaahaka-thaaaraf-kurunވާހަކައެއްގެ ތަޢާރަފް ނުވަތަ ރިވިއު ލިޔުން އެއީ އެ ވާހަކައެއް ފޮތް ފިހާރަތަކާ ހަމައަށް އައުމުން ނުވަތަ އަންނަން ތައްޔާރުވުމުން ވަރަށް ފޯރިއާއެކު މަޖައްލާތަކުން ކޮށްއުޅޭ ކަމެކެވެ.

ބުނެވޭ ގޮތުގައި ތަޢާރަފް ނުވަތަ ރިވިއު ކުރުން އެއީ އަދަބުގެ ވަކިވައްތަރެކެވެ. ވާހަކައަށް އަދަބީގޮތުން ފާޑުކިޔުމަކީ ވާހަކައިގެ ތަޢާރަފް ލިޔުމާއި ތަފާތު ކަމެއްކަމަށް ވީނަމަވެސް، ވާހަކައިގެ ތަޢާރަފުން ފާޑުކިއުމުގެ އަސަރު ފެނެއެވެ. އެހެނީ ވާހަކައާމެދު ތަޢާރަފް ލިޔާލިޔުންތެރިޔާގެ ޚިޔާލު ހާމަކުރަމުންދާއިރު ކުރެވޭނީ ތަޢްރީފު ނުވަތަކިޔޭނީ ފާޑެވެ. ނުވަތަ ކުރެވޭނީ މިދެކަންތަކެވެ.

މިސަބަބަށްޓަކައި، ބައެއް ލިޔުންތެރީން ތަޢާރަފްލިޔުން، އެއީ އަދަބީ ފާޑުކިޔުމާއި ތިމާގެކަމެއްހުރި ފަންނެއްކަމަށް ބަލައި އަދަބީ ފާޑުކިޔުމުގެ ވައްތަރުތަކުގެ ތެރޭގައި ހިމަނައެވެ. ވާހަކައިގެ ތަޢާރަފް ލިޔުން އެއީ ބޭރު ޤައުމުތަކުގައި ކިތަންމެ ޢާއްމު ކަމެއް ކަމަށް ވިޔަސް، ދިވެހި އަދަބުގައި އެއީ އަދި އެހާ ޢާއްމު ކަމެއް ނޫނެވެ. ތިރީގައި މިވަނީ ވާހަކައެއް ކިޔުމަށް ފަހު، އެ ވާހަކައިގެ ތަޢާރަފު ލިޔުމުގައި އެޅިދާނެ ދިހަ ފިޔަވަޅު ވަރަށް ހަލުވިކޮށް ލިޔެލާފައެވެ.

ދިހަފިޔަވަޅު:
1- ލިޔަންފެށުމުގެ ކުރިން ވާހަކައިގެ ތަޢާރަފުގައި ހިމަނަން ގަސްތުކުރާ ނުކުތާތައް ނޯޓްކޮށްލާށެވެ.

2- ތަޢާރަފް ލިޔަމުންދާއިރު ކިޔުންތެރިޔާ އެއީ ރަޙްމަތްތެރިއެއްކަމަށް ޚިޔާލަށް ގެނެސް، އޭނާއަށް ވާހަކަ ކިޔައިދެނީ ކަމަށް ހިތަށް ގެނުވާށެވެ. ނަމަވެސް ތަޢާރަފެއް ލިޔުމަކީ ހަމައެކަނި ވާހަކައިގެ ޚުލާޞާއެއް ކިޔުންތެރިޔާއަށް ހުށަހެޅުން ނޫންކަން ހަނދާންބަހައްޓަންވާނެއެވެ.

3- ފުރަތަމަ ޕެރެގުރާފުގައި މުސައްނިފުގެ ނަމާއި ވާހަކައިގެ ނަން ހިމަނާށެވެ. ފޮތް ލިޔުނީ ކާކު ކަމެއް، ފޮތުގެ ނަމަކީ ކޮބައިކަމެއް ނޭނގޭ މަޝްހޫރު ފޮތްފޮތުގެ ތަޢާރަފް ނުވަތަ ރިވިއު ކިޔުންހާ ފޫހިކަމެއް ނޯންނާނެއެވެ.

4- ކޮންމެ ޕެރެގުރާފެއްގައި ވެސް ހިމަނާނީ ގަސްތުކުރި ނުކުތާތަކުގެ ތެރެއިން އައު ނުކުތާއެކެވެ.

5- ތަޢާރަފުގެ ކުރީކޮޅުގައި ވާހަކައިގެ މައިގަނޑު މައުޟޫ ނުވަތަ މައުޟޫތައް ބަޔާންކުރާށެވެ.

6- ތަޢާރަފް ނުވަތަ ރިވިއުކުރާއިރު ވާހަކަ ފެތެނީ ކޮން ވައްތަރެއްގެ ވާހަކަޔަކަށްކަން ބަޔާންކުރާށެވެ. އެއީ ލޯބީގެ ވާހަކައެއް ހެއްޔެވެ؟ ނޫނީ ސައިންސް ފިކްޝަންވާހަކައެއް ހެއްޔެވެ؟

7- މުސައްނިފު ވާހަކަ ލިޔެފައިވާ ގޮތާ ދޭތެރޭ ގަޔާވަނީ ނުވަތަ ނުވަނީ ކޮން ކަންތައްތަކެއްގެ ސަބަބުން ހެއްޔެވެ؟ އެކަންތައްތައް ބަޔާންކުރާށެވެ. މުސައްނިފު ނުވަތަ ވާހަކަ ކިޔައިދޭ ފަރާތު(ނެރޭޓަރ) ގެ ވާހަކަ ކިޔައިދިނުމުގެ "ރާގު" ހުރީ ކިހިނެއްހެއްޔެވެ؟ މަޖާގޮތެއް ހުރިހެއްޔެވެ؟ ސީރިއަސް ހެއްޔެވެ؟ ވާހަކަ ކިޔައިދީފައިވާ ގޮތަށް އެއްޗެއް ބުނެލާށެވެ. ވާހަކައިގެ މުހިންމު ޝަޚްޞިއްޔަތުތައް ސިފަކޮށްދޭށެވެ. ކަލާ، ޝަޚްޞިއްޔަތަކާ ގަޔާވަނީ ނުވަތަ ނުވަނީ ކީއްވެކަން ބަޔާންކުރާށެވެ. ވާހަކައިގެ ޝަޚްޞިއްޔަތަކާ ބެހޭގޮތުން ލިޔާއިރު އޭނާ ކުރިކަމެއް ނުވަތަ ބުނިވާހަކައެއް ހިމަނާލުމުން، އެއީ ކޮންކަހަލަ ޝަޚްޞިއްޔަތެއްކަން ތަޢާރަފް ކިޔާއިރު ކިޔުންތެރިޔާއަށް ދަނެގަންނަން ފަސޭހަވާނެއެވެ. މީގެ އިތުރަށް ތަޢާރަފްގައި ވާހަކައިގައި ދައްކުވައިދޭ ޒަމާނާއި ތަނަށް އަލިއަޅުވާލުން މުހިއްމެވެ.

8- ތަޢާރަފް ލިޔަމުންދާއިރު ފާހަގަކުރާ ޕޮއިންޓުތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން ވާހަކައިން ޖުމްލަ ނަގައިގެން ބޭނުން ކުރާށެވެ. މިއީ ހަމަ ކޮންމެ ފަހަރަކު ކުރަން މަޖްބޫރުކަމެއް ކަމަށް ނުވިޔަސް މިގޮތަށް ވާހަކައިގެ މުސައްނިފުގެ ޖުމްލަ ބޭނުން ކުރުމުން ކިޔާމީހާއަށް މުސައްނިފުގެ ޖުމްލަ ބޭނުންކުރާއިރު ތެދުވެރިވުމުގެ ގޮތުން ބަދަލު ނުގެނެސް ކޮމާކޯޅީގެ ތެރޭގައި ޖުމްލަ ލިޔާށެވެ.

9- ވާހަކައިގެ ތަޢާރަފްގައި ހަމައެކަނި ވާހަކަޔާ ބެހޭގޮތުން ލިޔުމުގެ ބަދަލުގައި ކަލާ ވާހަކަޔާ ދޭތެރޭ ދެކޭގޮތް ހުށައަޅާށެވެ. ރަނގަޅު ތަޢާރަފެއްގައި ނަމަ، ވާހަކަޔާމެދު ތަޢާރަފުކުރާ ފަރާތުގެ ޚިޔާލު ހުށައަޅާފައި ހުންނާނެއެވެ. އަދި އެ ޚިޔާލުގެ ސަބަބުން ކިޔުންތެރިން ފޮތާމެދު ޝައުޤުވެރި ނުވަތަ ފޫހިވެސް ކުރުވަފާނެއެވެ.

10- ވާހަކައިގެ މުސައްނިފާ ބެހޭގޮތުން މަޢްލޫމާތު ހޯދާށެވެ. ވާހަކައިގެ މުސައްނިފާ ބެހޭގޮތުން ހޯދާ މަޢުލޫމާތުތައްވެސް ތަޢާރަފުގައި ހިމަނާށެވެ. މުސައްނިފާ ބެހޭ މަޢުލޫމާތުތައް އެނގުމުން ކަލާއަށް ވާހަކަޔާ މެދު ޚިޔާލު ފާޅުކުރަން ފަސޭހަވާނެއެވެ. އެހެނީ، ވާހަކަޔަކީ މުސައްނިފުގެ ޚިޔާލުގެ އުފެއްދުމެކެވެ. ފަހަރެއްގައި މުސައްނިފަށް ދިރިއުޅުމުގައި ކުރެވިފައިވާ ތަޖުރިބާތައް އެއީ ވާހަކަ ލިޔުމުގެ ސަބަބަކަށް ވެފައި އޮވެދާނެއެވެ. އޭނާ ޤަބޫލުކުރާ އުސޫލުތަކުގެ އަސަރު ވާހަކައިން ފާޅުކޮށްދޭން މަސައްކަތް ކޮށްފައިވެސް އޮވެދާނެއެވެ. 


ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.