ހޯމަ20200727

އާކުރެވުނީ: 08:43:52

މޯލު-ޑިވުސް

maolu_divesސިޔާސީ ބައެއް ފަރާތްތަކުން، ބޭރުގެ ނުފޫޒު ދިވެހިންގެ ކަންކަމުގެ ތެރެއަށް ވައްދަން އުޅޭ އުޅުން، މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ދިވެހިރާއްޖޭގެ ކަންކަމުގައި ބޭރުގެ ފަރާތްތަކަށް ގޮތްކިޔުމުގެ ޙައްޤެއް ނެތޭ ދިވެހި ސަރުކާރުން ބުނިކަމުގައި ވިޔަސް، ޚުދު ސަރުކާރު ވެސް ދިވެހިންގެ ކަންކަމު ތެރެއަށް ބޭރު މީހުން ވައްދައެވެ. އަދި، އެހެންނަމަވެސް ސަރުކާރުން އެހެން ބުނީތީ، ނުވަތަ މައުމޫން އެހެން ވިދާޅުވީތީ، އަނެއްބަޔަކު ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި މެދު ކަންބޮޑުވާކަން ފާޅުކޮށްފިއެވެ.

މި ބައި މީހުންގެ ޙުއްޖަތަކީ ދިވެހި ރާއްޖެ ބޭރުގެ އެހީއަށް ބަރޯސާވެފައި އޮތް މިންވަރެވެ. ބޭރުގެ އިންސާނީ އެހީދޭ ޖަމާޢަތްތަކުން ވާ އެހީތައް ހުއްޓާލަފާނެކަމުގެ ވާހަކައެވެ. ސުނާމީ ކާރިސާއިން މިސާލުދައްކަމުންނެވެ. އެހެން ނަމަ ވެސް ސަރުކާރުން އެހެން ބުނި ބުނުން އެއީ އެދަރަޖައަށް ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. ބޭރުގެ އިންސާނީ ޖަމާޢަތްތަކުން އިންސާނީ ކާރިސާތަކުގައި ޤައުމުތަކަށް އެހީވަނީ އެތަންތާގެ ޚާރިޖީ ސިޔާސަތަށް ބަލާފައެއް ނޫނެވެ. ދާދި ފަހުން މިޔަންމާރަށް ކުރިމަތިވި ކާރިސާގައި، އެ ޤައުމުގެ ސަރުކާރާ ސީދާ ދުޝްމަނު ޤައުމުތަކުން ވެސް އެވަގުތު ތިބީ އެހީތަށް އޮއްސަން ތައްޔާރަށެވެ.

މި ނޫން އެހެން ގޮތްގޮތުން، ތަރައްޤީއަށް ކަހަލަ ކަންކަމަށް ދެވޭ އެހީތަކަކީ އެހެން ޤައުމުތަކާ މެދު ބޭއްވޭ ގާތް ގުޅުމެއްގެ މައްޗަށް ބިނާވާ އެއްޗެއް ކަމުގައި ވިޔަސް، މިނިވަން ދައުލަތަކުން، ތިމަންމެންނީ މިނިވަން ޤައުމަކީމުކަން އެހެން ޤައުމުތަކަށް ހަނދާންކޮށްދިނުމީ އެއީ އެ ޤައުމުތަކާ ވެވޭ ޢަދާވާތްތެރިކަމެއް ނޫނެވެ. އަދި އެއީ އެ މީހުން އެހީ ކަނޑާލަފާނެ ވަރުގެ ނުރައްކާ ކަމެއް ވެސް ނޫނެވެ.

މިފަދަ ރީތި ޙުއްޖަތްތައް ދައްކައިގެން، ބޭރު މީހުން ދިވެހިންގެ ކަންކަމުގެ ތެރެއަށް ވެއްދުމުން، އަޅުގަނޑަށް ސިފަވަނީ، ކުޑަކުދީން އެއްކުއްޖަކު އަނެއް ކުއްޖާގެ ޝަކުވާޔައިގެން ބޮޑެތިމީހުން ކައިރިޔަށް ދާ ދިޔުމެވެ. ބޮޑުމީހާ ގާތު އަނެއްކުއްޖާގެ ވާހަކަ ކުޓުވާލުމަށް ފަހު، ތިމާޔާ މެދު ރުހުން ހޯދުމަށް އުޅޭ ގޮތެވެ. މިއީ ވަރަށް އަމިއްލައެދުން ބޮޑު އަދި އެހާމެ ތަޞައްރަފު ނުފުދޭ ސިފައެކެވެ.

މި ދަރަޖައަށް، އާދެ އެހެން ޤައުމުތަކުގެ ބޮޑުކަމާއި، އަޅުގަނޑުމެންގެ ނިކަމެތިކަމުގެ ވާހަކައިން ބޮޑެތި މިންބަރުތަކުގައި އަޅުގަނޑުމެން ދިވެހިންގެ ޤައުމީ ފަޚްރުވެރިކަން ޒަޚަމްވާ ފަދަ ގޮތްގޮތަށް ސިޔާސީ މީހުންގެ ވާހަކަ ހުންނަކަމީ ވަރަށް ވެސް ލަދުގަންނަން ޖެހޭ ނިކަމެތި ކަމެކެވެ.

ހަމަ އެފަދައިން، އަޅުގަނޑުމެންނަށް މިހާރު މި ލިބިފައިވާ ތަރައްޤީ ހަނދާންކޮށްދިނުމުގެ ނަމުގައި، އަޅުގަނޑުމެންގެ ކާބަފައިންނަކީ އެފްރިކާގެ ޖަންގަލީގައި އުޅޭ ޤަބީލާތަކެއް ފަދަ، އެއް ވެސް ތަމައްދުނެއް ޙަޟާރަތެއް ނެތް ބައެއްކަމަށް ސިފަކޮށް ސިހުރު ހާހޫރަޔާއި ފަންޑިތަ ނޫން އެއްޗެއް ނޭނގޭ ބައެއްކަމުގައި ބުނެ، ޙަޤީޤަތް އޮޅުވާލައި، މި ޤައުމުގެ ފަޚްރުވެރި ތާރީޚަށް ބަދު ބަސްތައް ބުނުމީ ވެސް ލަދުގަންނަން ޖެހޭ ކަމެކެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ހުރިހައި ސިޔާސީން ވެސް އެންމެ ބޮޑަށް ފޯކަސްކޮށްގެން އުޅޭ އެއް ސަރަހައްދަކީ ރާއްޖޭގެ އެންމެ ދެކުނެވެ. ވަކިން ޚާއްޞަކޮށް އައްޑޫ އަތޮޅެވެ. އެއީ ވަރަށް ފަޚުރުވެރި ތާރީޚެއް އޮތް ތަނެކެވެ. ޢިލްމީ ގޮތުން މުޅި ރާއްޖޭގައި އެންމެ ކުރިއަރާފައި އޮތް އަތޮޅެވެ. އެ އަތޮޅަށް ތަޢުލީމު އުނގެނުމަށް، މާލޭ ބޭބޭފުޅުން ވެސް ދަތުރުކުރެއްވިއެވެ. އޭގެ އިތުރުން، އެއީ ޒަމާނުން ސުރެ ވެސް، ވިޔަފާރީގެ ގޮތުން މާލެއާ ވާދަކޮށްލެވޭ، ނުވަތަ، އެޔަށް ވުރެ ކުރީގައި އޮތް އަތޮޅެކެވެ.

މިފަދަ ފަޚްރުވެރި ކަންތައްތަކެއް އެ އަތޮޅުގައި އޮތް އިރު ވެސް، ބައެއް މީހުން، އައްޑުއަތޮޅާއި މެދު ފަޚްރުވެރިވާން ބޭނުންވަނީ، އެ އަތޮޅުގައި އިނގިރޭސީން ބަނޑަހަޖައިގެން ތިބިކަމުގެ މައްޗަށެވެ. އަދި އިނގިރޭސީންގެ ޚަރަދުގައި ބިސްކޯދު ކެވުނުކަމުގެ މައްޗަށެވެ. ނުވަތަ އިނގިރޭސީންގެ ސަޤާފަތާ އެއްގޮތަށް ޖޯޑު ވަތުތަށީގައި ސައިބޮވުނީތީއެވެ. މާލޭ މީހުން ބޯތަށީގައި ހުތް ފާރޮށި ފޯކޮށްގެން ސައި ބުއި ޒަމާނުގައެވެ!! މިއީ ބައެއް މީހުން އެ އަތޮޅާ މެދު ފަޚުރުވެރިވާ ކަންކަމެވެ. ރާއްޖޭގައި ތަންކޮޅެއް ކުރިން ނިކުތް އިނގިރޭސި މަޖައްލާއެއްގައި ވެސް މިބާވަތުގެ ފަޚްރުވެރި ވާހަކަތަކެއް ޖަހާފައި އޮއްވާ އަޅުގަނޑު ދުށީމެވެ. ކުރިން ދެންނެވި ފަދަ ފަޚްރުވެރިވުން ޙައްޤު ޙަޤީޤީ ކަންތައް ހަނދާން ނައްތާލާފައެވެ.

އަނެއް ބަޔަކު، ސިޔާސީ މައިދާނުގައި، އިނގިރޭސީންގެ ތާއީދު ހޯދުމުގެ ގޮތުން، އިނގިރޭސީންނަށް ކުރުނީސްކޮށް ދެކަކޫ ޖަހަނީ ވެސް ލަދުގަންނަ ދަރަޖައަކަށެވެ. މިބައި މީހުން ނެރޭ ނޫހެއް ނުވަތަ ވެބްސައިޓެއްގައި، އިނގިރޭސި މަތީ ފެންވަރު ބޭފުޅެއްގެ ނަން ޖަހާލަން ވިޔަސް، އޭނާގެ ނަމުގެ ކުރިޔަށް އެތައް ހާސް ލަޤަބެއް އިތުރުކޮށް، ޚުދު އިނގިރޭސި ނޫސްތަކުން ވެސް އެމީސް މީހުންނަށް ނާރުވާ ފަދައަކުން ޢިއްޒަތްއަރުވާތީ ފެނެއެވެ.

އިނގިރޭސީން، އައްޑުއަތޮޅުގައި އެމީހުންގެ ޢަސްކަރީ ތަރަހައެއް ހަދައިގެން ތިބި އިރު، ލަޝްކަރުގެ އަރާމަށް އެންމެ އެކަށީގެންވާ ގޮތަށް އައްޑުއަތޮޅު ބަދަލުކޮށްލިއެވެ. ވައިގެބަނދަރެއް ހެދިއެވެ. ހަސްފަތާލާއި، މި ނޫންވެސް ޚިދުމަތްތައް ދޭންފެށިއެވެ. އަދި މި މީހުންނަށް މިފަދަ ލައްޒަތުގައި އުޅެވެން އޮތީ އައްޑޫ ރައްޔިތުންގެ ފުށުން ކޮންމެވެސް ޚިދުމަތްތަކެއް ލިބިގެންނެވެ. އައްޑޫ ރައްޔިތުންނަކީ އެމީހުންނަށް އެއިރު ލިބެން އޮތް އެންމެ ރަނގަޅު އަގުހެޔޮ މަސައްކަތު މީހުންނެވެ. އައްޑުއަތޮޅުގެ ޖިއޮގުރަފީ ރަނގަޅަށް އެނގޭ އެންމެ ރަނގަޅު އާރުކާޓީންނެވެ. ވީމާ އައްޑޫ ރައްޔިތުންނާ އެކުވެރިގުޅުމެއް ބޭއްވިކަމީ އިނގިރޭސިންގެ ވިސްނޭކަމެވެ.

އިނގިރޭސީންނަކީ ތިޔަ ބުނާފަދަ ދީލަތި ރަނގަޅު ބައެއްކަމަށް ދައްކައި، އިނގިރޭސީން ޒަމާނުގެ ފާގަތިކަމާއި ގްލޯރީކަމުގެ ވާހަކައިން ޒިކުރާ އާކޮށް ކަރުނައަޅާއިރު، އަޅުގަނޑު ހިތަށް އަރަނީ، މި ކުޑަކުޑަ ދިވެހި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި އެމީހުންނަށް ހޮސްޕިޓާގަނޑެއް އަޅާލަ ނުދެވުނީ ކީއްވެބާއެވެ. ޖަވާބު ވަރަށް ސާފެވެ. އެއީ އިނގިރޭސީންނަށް އެކަމުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެތާގައި، އެމީހުންގެ ޖީބުން އެއިރުން ބައިލާރި ނަމަވެސް ގެއްލިދާނެތީއެވެ. ދިވެހި ސަރުކާރުން ހުރަސްއެޅީއޭ ވިދާޅުނުވައްޗެވެ.

އިނގިރޭސީން އިސްތިޢުމާރުކޮށްގެން ތިބި ބައެއް ޤައުމުތަކުގައި އެޤައުމުތަކުގެ ރައްޔިތުން މެރި ގޮތަށް، ދިވެހިން ނުމަރައި ދޫކޮށްލިކަން، އެއީ އެމީހުންނަށް ޝުކުރުކުރަން ޖެހޭވަރުކަމެއްތޯއެވެ؟ އަދި، އެމީހުންގެ މަސައްކަތު މީހުންގެ ގޮތުގައި މަސައްކަތްކުރުމުން، އެޔަށް ޙައްޤުވާވަރަށް ނުވަތަ އެއަށް ވުރެ ކުޑަ މުސާރައެއް ދީ، އެމީހުންގެ ހަސްފަތާލުތަކުގައި އެރަށު މީހުންނަށް ބޭސްފަރުވާކޮށްދިނުމީ ވެސް މާ ބޮޑު ޝުކުރަކާއި ތަޢުރީފެއް ޙައްޤުވެ، ދަރިދަރިކޮޅަށް ދާންދެން ފެންނާނެ ހެން ރިހީގެ ފިލާތަކުގައި ރަން އަކުރުން ލިޔެ މިސްކިތު މިޙުރާބުގައި ބަހައްޓަން ޖެހޭވަރު ކަމަކީތޯއެވެ؟

އަޅުގަނޑުމެން މި ދަރަޖައަށް އަޅުގަނޑުމެންގެ ޝާނު ދައްކޮށްލާކަށް ނުޖެހެއެވެ. އައްޑުއަތޮޅުގައި އިނގިރޭސިން ތިބި އިރު، އިނގިރޭސީންނަށް އެއްވެސް ގޯނާއެއް ނުކޮށް، އެމީހުންނާ އެކު އެކުވެރި ގުޅުމެއް ބޭއްވިކަމީ އެމީހުން އައްޑޫ ރައްޔިތުންނަށް ޝުކުރުކުރަން ޖެހޭ ކަމެކެވެ. އެއީ އިނގިރޭސީން، އެމީހުންގެ ޤައުމުގައި އަހަރަކު އެއްފަހަރު 'ތޭންކްސް ގިވިން ޑޭ' އެއް ފާހަގަކުރަން ޖެހޭވަރު ކަމެކެވެ. އޮޅުވައިނުލައްވާށެވެ.

ކޮންމެއަކަސް، އިނގިރޭސިންނަކީ، ދެކުނުގެ ތިން އަތޮޅު އެއްކޮށްލުމަށްފަހު މުޅިން އެހެން ދިވެހިރާއްޖެއެއް ވުޖޫދުކުރުވި ބައެކެވެ. ސުވައިދީބުގެ ނަމުގައެވެ. މިއީ އިނގިރޭސީން އައްޑޫ ރައްޔިތުންނަށް ހަދިޔާކުރި އަނެއް ދިވެހިރާއްޖެކަމަށް ވާނަމަ ހާސްފަށުން ސަލާމެވެ. ނުވަތަ، އާ އުސްމިނެއް ނަމަ ފުދިއްޖެއެވެ.

އަދި ކަން އޮތީ މިހެންކަމަށް ވާނަމަ، އިނގިރޭސީންގެ ރަޙްމަތުން ފުރިގެންވީ ޙިމާޔަތުގެ ދުވަސްތައް ނިމުމަކަށް ގެންނެވިކަމީ، އިބްރާހީމް ނާޞިރު މި ދިވެހި ޤައުމަށް ވެލެއްވި ވަރަށް ވެސް ބޮޑު ޚިޔާނާތެކެވެ!

އިނގިރޭސީންނާ ދުޝްމަންވާށެކޭ ނޫނެވެ. އިނގިރޭސިންދެކެ އިންސާނީ އުޚުއްވަތްތެރިކަމުގެ ލޯބި ނުވާށެކޭ ވެސް ނޫނެވެ. އިނގިރޭސީންގެ ލަފާ ނުހޯދާށެކޭ ނޫނެވެ. އަދި އިނގިރޭސީންގެ އެހީ ނުހޯދާށެކޭ ނޫނެވެ. އަދި އިނގިރޭސީން އަޅުގަނޑުމެންނަށް އިހުސާނެއް ވެފައި އޮތް ނަމަ ޝުކުރު ނުކުރާށެކޭ ވެސް ނޫނެވެ.

އެކަމަކު ހަމަ ކޮންމެ ދެނޭވާއެއް ދޭތެރޭ، އަޅުގަނޑުމެންގެ ޟަޢީފުކަމާއި، އިނގިރޭސީންގެ މޮޅުކަމާއި، އަޅުގަނޑުމެންގެ ކަޅުކަމާއި (ހީވަނީ ކަޅު ހަމަކީ ވެސް ދަށް އެއްޗަކީހެން) އެމީހުންގެ ދޮންކަމުގެ ވާހަކަ، މިހެން ގޮސް، ދިވެހީންނަކީ އެއްވެސް އެއްޗަކަށް ނުވެ، ދިވެހިންނަކީ -ހަމަ އެކަނި ތިމާ ފިޔާވައި- އިތުބާރުކުރުން ޙައްޤު ބަޔަކަށް ވެސް ނުވެ، ހުރިހައި ވެސް އެއްޗަކީ ހުޅަނގުކަމާއި، ހުޅަނގަކީ އުޑުން ބާވައިލެއްވި އެއްޗެއްހެން ހީވާ ދަރަޖައަށް ބަހާއި ޢަމަލުން އެކަމަށް ތަޢުރީފާއި ސަނާކިޔޭ ކަމީ ހަމަ ޙަޤީޤަތުގައި ވެސް، ދިވެހި ވިންދެއް މިބައިމީހުންގެ ހިތުގައި ނުޖަހާތާގައި، އިންސާނެއްގައި ހުންނަން ޖެހޭ ޢިއްޒަތުއްނަފްސު ވެސް ނުހުންނަކަމުގެ ހެތްކެކެވެ.

އަޅުގަނޑުމެންނަކީ މިހާރު މިނިވަން ދައުލަތަކަށް ނިޞްބަތްވާ، މިނިވަން މުސްތަޤިއްލު ކަނދުރާތަކެއްގެ ވެރި ބައެކެވެ. ކުރީގެ އިސްތިޢުމާރީ ސާހިބާގެ މާތްކަމާއި މޮޅުކަމުގެ ވާހަކަތައް ހަނދާންކުރާކަށް މިހާރަކު ނުޖެހެއެވެ. އަދި އިނގިރޭސި ސިންގާސަނާގެ މަތިވެރިކަމާއި، ރާނީގެ ޚިދުމަތުގައި ތިބޭ ބަޔަކަށް އަޅުގަނޑުމެން މިހާރު ވާކަށް ނުޖެއެވެ. މިވާހަކަ މި އުޅުއްވާ ކެނޑިޑޭޓުންނަށް، ކޮންމެވެސް ބޭފުޅަކު ނަންގަނެދެއްވަބައްލަވާށެވެ.

ރިޔާސީ ކެމްޕެއިނު ކުރައްވާ ބޭފުޅުންނަށް މާ ރަނގަޅު އެހެން ލަފައެއް އަޅުގަނޑު އަރުވައިފާނަމެވެ. ތިޔައިގެން ބޭފުޅަކަށް ދިވެހިރާއްޖޭގެ ވެރިކަން ލިބިވަޑައިގަތުން ޝަރުޠުކުރައްވައި، އިނގިރޭސީންނާއި ނުވަތަ އެނޫން ވެސް އެ ފަދަ މުއްސަނދި ބޮޑު ގައުމަކާއި އެކު ޑީލެއް ހައްދަވާށެވެ. އެ ޤައުމަށް ޖިޒީދައްކައިގެން، އެތާގެ ދިދަ ނަގައިގެން އެމީހުންގެ ޕާސްޕޯޓުގައި އަޅުގަނޑުމެންނަށް ތިބެވޭގޮތަށެވެ. ބަދަލުގައި، ދިވެހި ޤައުމުގައި ބަނދަރުތަކާއި، ހޮސްޕިޓާތައް އަޅައި، އެއްރަށް އަނެއްރަށް ފާލަންތަކުން ގުޅާލަދޭގޮތަށެވެ. އަޅުގަނޑު ހިތުން، މި ޝަރުޠު ޤަބޫލުކޮށްގެން ދިވެހި ރާއްޖެ ތަރައްޤީކޮށްދޭނެ މުއްސަނދި ޤައުމުތައް ދުނިޔޭގައި ހުންނާނެއެވެ. އަދި އެއިރުން، މުޅިން އާ ނަމަކާއެކު އާ އުސްމިންތަކެއްގައި އުޅޭނެ މޯލުންގެ ޑިވުސެއް، އަނެއް ދިވެހިރާއްޖެ ކަމުގައި ދެކިގެން، ނުހަނު އުފާ ފާގަތިކަމުގައި އުޅެން ދިވެހިންނަށް ލިބުނީއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.