ބުރާސްފަތި20201015

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް މަޒްމޫނު އިންސާނުންނާއި ޖަނަވާރުން މުވާޞަލާތުކުރުމުގައި ހުރި ތަފާތުތައް

އިންސާނުންނާއި ޖަނަވާރުން މުވާޞަލާތުކުރުމުގައި ހުރި ތަފާތުތައް

insaanun-janavaarun-muvaasalathއިންސާނުންނާއި ޖަނަވާރުން މުވާޞަލާތުކުރުމުގައި އެއްގޮތް ސިފަތަކެއް ހުރި ފަދައިން ތަފާތުތަކެއް ހުރިކަންވެސް ޤަބޫލުކުރަންޖެހެއެވެ. އަޑުލެއްވުމުގައެވެ. ޙަރަކާތްކުރުމުގައެވެ. ހަމައެހެންމެ މުވާޞަލާތު ކުރެވޭ މިންވަރާއި ކުރާމިންވަރުގައެވެ. އަދި އެފަދަ އަޑުތަކާއި ޙަރަކާތްތައް، ޒަމާނާއި ވަގުތު އަދި ޙާލަތާ ގުޅުވާލެވޭ ދަނޑިވަޅުތަކުގައެވެ.

އެންމެފުރަތަމަވެސް ޤަބޫލުކުރަންޖެހެނީ ޖަނަވާރުފަދަތަކެތި އަޑުލައްވައިގެންނާއި ޙަރަކާތުން އިންސާނުންފަދައިން މުވާޞަލާތު ކުރިނަމަވެސް ލިންގުއިސްޓުގެ ހަމަތަކަށް ބަލާއިރު އެއަށް ބަހޭ ނުކިޔޭކަމެވެ.

ސަބަބެއްކަމަށް ބަހަވީ ޢިލަމުވެރިން ވިދާޅުވަނީ ޖަނަވާރުންނަށް އަޑުތަރައްޤީކުރުމުގައި އިންސާނުންނާ ފައިތިލަ ހަމަނުކުރެވުމެވެ. ބަސް (ލެންގުއޭޖު) އުފެދުމުގެ އަޞްލުކަމުގައި ބެލެވޭ އަޑުފަތިބަދަލުކުރުމުގެ ހުރިހާ ކާމިޔާބީއެއް ލިބިފައިވަނީ އިންސާނާއަށެވެ. އެއަޑުފަތި އަޑުފައްޗެއްގެ ގޮތުގައި އޭގެތެރެއަށް މޯފޮލޮޖީ، ސެމެންޓިކްސް އަދި ސިންޓެކްސް ސިފަތަކާއެކު އަނެކާއަށް ފަހުމްވާގޮތަށް ބަދަލުކޮށްލައިގެން މުއާމަލާތުކުރުމުގެ ޤާބިލްކަން ލިބިފައިވަނީ ހަމައެކަނި އިންސާނާއަށެވެ. 

ހަމައެހެންމެ އިންސާނުން އަޑު ބައިކުރާފަދައިން ވާހަކަދެކޭވޭކަމަށް ބުނާ ޖަނަވާރު ފަދަތަކެއްޗަށް އަޑުތައް އެކިއެކި ބައިތަކަށް ވަކިކުރުމުގެ ކުޅަދާނަކަން ލިބިފައި ނުވުމަކީވެސް ޖަނަވާރު މުޢާޞަލާތކުރުމަށް ބަސް ބޭނުން ކުރާކަމަށް ޤަބޫލުނުކުރެވޭ ސަބަބެކެވެ. މީގެއިތުރަށް  އިންސާނުން ވަރަށް ކުރުލަފުޒަކުން ފުންމާނައެއް ދޭހަކޮށްދޭއިރު ޖަނަވާރަށް އެޤާބިލުކަން ލިބިފައި ނުވާކަން ފާހަގަކުރަންޖެހެވެ. ވުމާއެކު މިފަދަ ކަންތައްތަކުންވެސް ދޭހަވަނީ އިންސާނުންނާއި ޖަނަވާރުން މުވާޞަލާތުކުރުމުގައި ތަފާތުތަކެއް ހުރިކަމެވެ.

މިގޮތަށް ވާހަކަ ދެކެވެމުންދާއިރު، ވިސްނާލަންޖެހޭ އަނެއްކަމަކީ އަޑު ނުވަތަ އަޑުފަތި މިއަންނަނީ އިންސާނެއް ވިޔަސް ޖަނަވާރެއް ވިޔަސް ވަރަށް ސިސްޓެމިކްކޮން (އެކޯއިން) ރިދަމެއްގެ ގޮތުގައިކަމެވެ. އަޑުފަތި ކިތަންމެ އެއްގޮތްނަމަވެސް އިންސާނުން ލައްވާ އަޑުތައް ތަފާތުވަމުންދެއެވެ. ތަފާތު މަރުހަލާތަކުގައި ކަފިވެގެންދެއެވެ. ނަތީޖާ އަކަށްވަނީ ވަގުތާ ޙާލަތާ ގުޅޭގޮތުން މުވާޞަލާތު ކުރުމުގެ  ޤާބިލްކަން އިންސާނާއަށް ލިބިފައިވުމެވެ. އިންސާނުން ވާހަކަދައްކާ ބަސްބަހުގައި ބޭނުންކުރާ އަޑުތަކުން މާނަދޭހަވަނީ ވަކި ޤަވައިދެއްގެމަތިން އެއްއަޑު އަނެއްއަޑާ ނުވަތަ އަޑުތަކާގުޅުމުންނެވެ. މިއަޑުތައް ވަކިގޮތަކަށް އެތުރުމުން ލަފުޒު އުފެދެއެވެ. ނަމަވެސް  މިސިފައެއް ޖަނަވާރުންގެ އަޑުތަކަށް ލިބިފައި ނެތެވެ.  

އިންސާނާ ބޭނުންނަމަ ކަމެއްހިނގި ވަގުތާބެހޭގޮތުން، ހިނގަހިނގާ ހުންނަކަމަކާ ބެހޭގޮތުން އަދި ވެދާނެކަމަކާބެހޭ ގޮތުން ވާހަކަދައްކާ ޚިޔާލުފާޅުކުރެވޭއިރު، (މިސާލަކަށް) ކުކުޅަށް މިކުރެވޭހާވެސް ކަމަކީ އަޑުލައްވައިގެ އޭތި ބިސްއަޅައިފިކަން ބުނެދިނުމެވެ. ބިސްއެޅީ ކޮންއިރަކު ކޮންތާކަށް ކިހިނެތްކަން ބުނެދޭކަށް ނޭނގެއެވެ. އަދި ލައްވާ އަޑުތަކުން ކުޑަނަމަވެސް ލަފުޒެއް ނުބުނެވެއެވެ.

މީގެއިތުރުން ފާހަގަކުރަންޖެހޭ އަނެއްކަމަކީ ޖަނަވާރުންނާއި ޚިލާފަށް އިންސާނާ މުވާޞަލާތުކުރުމުގެ ޤާބިލަކަން އިތުރުކަމެވެ.  ކޮންމެ އިންސާނަކުވެސް ދުނިޔެއަށް އުފަންވާއިރު ދުނިޔޭގެ ހުރިހާބަހަކުން ވާހަކަދެއްކުމަށް ބޭނުންވާނެ އަޑުފަތި އޭނާގެ ސިކުނޑީގައި ހަރުލާފައި ހުރެއެވެ. މިއަޑުފަތި ތަރައްޤީކުރުމަށާއި ދޫކޮށްލުމަށް ބާރުދެނީ އޭނާ އުޅޭ މާހައުލެވެ. މާނައަކީ ލިބިފައިވާ އަޑުތަކުން އޭނާގެކިބާގައި ތަރައްޤީވާނީ ހަމައެކަނި އުޅޭ މާހައުލުން ލިބޭ އަޑުތައް އެކަންޏެވެ. އެހެން އަޑުތައް ޖެހޭނީ އަމިއްލައަށް ތަރައްޤީކުރާށެވެ. މިދެންނެވި އުސޫލަށް ޖަނަވާރު ބަލާއިރު އިންސާނާއަށް ލިބިފައިވާ އެއްވެސް މަރުހަލާއެއް ނުވަތަ އިނާޔަތެއްވިޔަސް ޖަނަވާރަށް ނުލިބެއެވެ. ހަމައެކަނި ލިބިފައި އޮންނަހާވެސް އެއްޗަކީ އުފަންވުމުގައި ލިބޭ މަދުއަޑުފައްޗެވެ. މިއަޑުފަތި އިންސާނުންފަދައިން ތަރައްޤީކުރުމުގެ ބާރު ޖަނަވާރުންނަކަށް ނުލިބެއެވެ. ކަން މިހެން އޮތްއޮރު ލިބިފައިވާ އަޑުގެ މިންވަރުވެސް ތަފާތެވެ.

މިދެންނެވި ޚިޔާލަށް އިތުރަށް ވިސްނާލާއިރު ފެންނަނީ ދިރާސާތަކުން މިކަމަށް ހޯދާފައިވާ ހޯދުންތަކެވެ. އެހެނީ އިންސާނުން ބޭނުންކުރާ ގިނަބަސްބަހުގައި  ތިރީސް ނުވަތަ ސާޅިސް އަޑު ބޭނުންކުރެވޭއިރު ގެރިއަށް ގޮއްވެނީ އެންމެ ދިހަ އަޑުކަމަށާއި ކުކުޅު ހާލަށް ވިހި އަޑުކަމަށާއި އެންމެ ބުއްދި ރަނގަޅުކަމަށް ބުނާ ހިޔަޅާއި ގޮރިއްލާއަށް ލެއްވެނީ ތިރީސް އަޑުކަމަށް ވެއެވެ.  މިއީ ދިރާސާތަކުގެ ނަތީޖާތަކަށްވާއިރު، ލިބިފައިވާ މަދު އަޑުތައް ބައިބަޔަށް ބައިކޮށް އައުގޮތްގޮތަށް ރާވަން ޖަނަވާރަށް ނޭންގޭކަންވެސް ފާހަގަކުރަން ޖެހެއެވެ. ނަމަވެސް އިންސާނާއަށް ލިބިފައިވާ ގިނައަޑުތައް އެތައް ގޮތަކަށް ބައިކުރެއެވެ. ގިނައަޑުތަކުން ކޮޅެއްނެތްހާ ގިނަލަފުޒު އުފައްދައެވެ. މާނައެއް ދޭހަވާގޮތަށް އުފެދޭ މިލަފުޒުތަކުން ޖުމުލަ އުފައްދައެވެ.

ވުމާއެކު މިއިން ދޭހަވަނީ އިންސާނުންނަށް ލިބިފައިވާ އަޑެއް ޖަނަވާރުންނަށް ލިބިފައިވިނަމަވެސް އަޑުގެ މިންވަރާއި އަޑު ތަރައްޤީކުރުމުގައި ތަފާތުތަކެއް ހުރިކަމެވެ.  ޖަނަވާރުން މުވާޞަލާތުކުރުމުގައި ބޭނުންކުރާ އަޑުފަތި މިގޮތަށް ތަރައްޤީގެ މަރުހަލާތަކެއް ނެތީ ވަކިޤަވައިދެއް ނެތުމުންނެވެ.  ހަމައެހެންމެ މުވާޞަލާތުކުރުމުގައި ގެންގުޅޭ ޙަރަކާތާއި އިޝާރާތްތައްވެސް އިންސާނުން ބޭނުންކުރާހާ ބާރުހުރި ގޮތްގޮތަށް ޖަނަވާރަށް ބޭނުން ނުކުރެވޭކަންވެސް  ފާހަގަކުރެވެއެވެ. މިކަމަކީ އުފެދުމާއި ވިސްނުމުގެ ތަފާތުކަމަށްވުމަކީ ދުރުކަމެއްނޫނެވެ. އެނގޭހާވެސް ކަމަކީ އިންސާނުންނާއި ޖަނަވާރު މުވާޞަލާތުކުރުމުގައި ހުރިހާ ގޮތަކުންވެސް ތަފާތުކަމެވެ.

 

 

* ޙުސައިން ޙަބީބް، ނ.ފޮއްދޫ

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.