ބުރާސްފަތި20181115

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް މަޒްމޫނު ބައެއް ބަސްތައް ދިވެހިވެފައި ވާއިރު.. ހައިރާންކުރަނިވި ޙަޤީޤަތް

ބައެއް ބަސްތައް ދިވެހިވެފައި ވާއިރު.. ހައިރާންކުރަނިވި ޙަޤީޤަތް

bas-dhivehi-vefai-vaairuކޮންމެ ބަހެއްގައި ވެސް ބޭރު ބަސްބަހުގެ ލަފްޒު ކޮންމެސް ވަރަކަށް ހުންނާނެއެވެ. އެގޮތުން އެ ބަހެއްގެ އަމިއްލަ ލަފްޒުތަކުގެ ޚަޒާނާއަށް އިތުރު ލަފްޒުތަކެއް ވަނުމުގެ ސަބަބުން ބަސް އިތުރަށް މުއްސަނދިކޮށްދެއެވެ. އިނގިރޭސި ބަހަށް ''އެޓޯލް'' ވަދެފައި ވަނީ އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަހުންނެވެ. ދިވެހި ބަހުގައި އޮންނަ ''އަތޮޅު'' އިންނެވެ. މީގައި ފާހަގަކޮށްލަންޖެހޭ ތަންކޮޅަކީ، ''އަތޮޅު'' އިނގިރޭސިން ބަލައިގެންފައި އެވަނީ އިނގިރޭސި ބަހުގެ ވަޒަން ނުގެއްލޭގޮތަށް، އިނގިރޭސި ދުލަށް ފަހިވާ ގޮތަށް ކަމެވެ. ވުމާއެކު، ''އެޓޯލް'' ވެފައި އެ އޮތީ އިނގިރޭސިވަންތަ އިނގިރޭސި ލަފްޒަކަށެވެ.

މިއީ ހުރިހާ ބަހެއްގައި ވެސް އެކަން އޮތް ގޮތެވެ. ޒަމާނުންސުރެ ދިވެހި ބަހަށް ވެސް ލައްކަ ގިނަ ބޭރު ބަސްތައް ވަދެފައި އެބަހުއްޓެވެ. އަދި ހަމަ އެހެންމެ، އެ ބަސްތައް އޮތީ ނުހަނު ދިވެހިވަންތަކަމާ އެކު ދިވެހިވެފައެވެ. ނަމަވެސް މިހާރުގެ ބައެއް ދިވެހިން، ދިވެހިބަހަށް ވައްދާ ބައެއް ބޭރުބަސްތައް، ދިވެހި ދުލާ ނުކިއްސަރު ގޮތަކަށް ވައްދައެވެ. އެހެން ވުމުގެ ސަބަހުން، ބަހުގައި އެ ހުންނަ އެމުނުންގަނޑު އަގަޑަބަގަޑަވެ، ހުންނަންޖެހޭ ހަމަހަމަކަމާއި ދުލަށް ފަސޭހަ ރީތި ގޮތް ގެއްލި، ދިވެހި ބަސް، ފާޑެއްގެ ''ބޮލިރަވަ'' ގަނޑަކަށް ވެއްޖެއެވެ. ދިވެހިބަހުގެ މައި ބަހުރުވައިގައި މަދުން ބޭނުންކުރެވޭ ޑަވިޔަނި ޓަވިޔަނި ފަދަ އަކުރުތައް ގިނަކުރަން ޖެހި، ބަހުގައި ހުންނަ އޮމާން އަޑު، ހިކިހޯލިބިންދާ އަޑަށް ބަދަލުވެއްޖެއެވެ. ވާހަކަދައްކާ އަޑު މުރަނަވެ ޓަޓަރަވެއްޖެއެވެ.

މި މަޒުމޫނުގައި އަލިއަޅުވައިލެވޭތޯ މި އުޅެނީ މި މައުޟޫއަކަށް ނޫނެވެ. މިއީ ތަންކޮޅެއް ހިތާމަވެރި މައުޟޫއަކަށް ވީހިނދި، މިވާހަކަ ތަންކޮޅެއް ފަހަށް ބާއްވާފައި ފުރަތަމަ އުފާވެރި މައުޟޫއަކަށް ލިޔެވޭތޯ ބަލާނަމެވެ.

ތަންކޮޅެއް ކުރިން ދިވެހިބަހަށް ވަދެފައި ހުރި ބައެއް ބަސްތައް ދިވެހިވެފައި ހުރީ ވަރަށް ވެސް ދިވެހިކޮށެވެ. އޭގެ ތެރެއިންވެސް، ދިވެހިކަން ގަދަ ބައެއް ބަސްބަސް ފާހަގަކުރެވެއެވެ. އާދެ ދިވެހިކަމުން ގޮސް، އެއީ ބޭރުބަހެއްކަން ފާހަގަކުރަންވެސް ދަތި ބައެއް ބަސްބަސް އެބަހުއްޓެވެ. މިތަނުގައި ބަލައިލަން މި އުޅެނީ އެފަދަ ދެތިން ބަހެއްގެ މައްޗަށެވެ.

މިވާހަކަޔައިގެން ކުރިޔަށް ނުގޮސް، އިހަށް ޢަރަބި ލަފްޒެއްގެ ވާހަކަ ދަންނަވާލިޔަދެއްވާށެވެ. އެއީ އިނގިރޭސި ބަހުން ނޫނީ ފަރަންސޭސި ބަހުން - ޔަގީނެއްނޫން- ޢަރަބި ބަހަށް ވަދެފައި އޮތް ''ކަރަފާތަ'' އެވެ. މިއީ ކަރުގައި އަޅާ ޓައީ އަށް ޢަރަބީން ބޭނުންކުރާ ނަމެކެވެ. އެމީހުންގެ ދުލުން އެހެން ކިޔާ އިރު އަޑުއަހާ މީހާއަށް ހީވާނީ ''ކަރު ފައްތާ'' އޭ ކިޔާހެންނެވެ. ދިވެހިބަހުން މިހެން ބުނެފިނަމަ ނެރެވޭނެ މާނައަކީ ''އެއެއްޗެއްގެ ތެރެއަށް ކަރު، ފައްތާ އެތި'' އެވެ. ޓައީގެ މަޅިގަނޑުތެރެއަށް ފައްތަނީވެސް ކަރު ތާއެވެ. އެހެން ނަމަވެސް، ދިވެހި ބަހުން މި ޢިބާރާތް ބޭނުންކުރުމަކީ އެހާ އަދަބުވެރި ރީތި ގޮތެއް ނޫނެވެ. ކޮންމެގޮތެއް ވިޔަސް، މިބަސް ވެސް ޢަރަތްބަށް ވުރެ މާ ދިވެހިކަން ގަދައެވެ.

މައިގަނޑު މައުޟޫއަށް ވަންނައިރު ފުރަތަމަވެސް ސިކުނޑިއަށް އަންނަނީ، އިސްލާމީ ތާރީޚީ ބައެއް ޙާދިޘާތަކެވެ. ހަމަ އެއާއެކު، ވާހަކަކިޔާ މީހުންގެ ޝައުޤުކުރަނިވި ވާހަކަތަކެވެ. ދަތުރުކުރަންދާ މީހުން ކަނޑާފައިހުރި ބައިސާތަކެވެ. ކުރެހުންތެރިންގެ ފިހިން ފަވާލެވިފައިވާ ރީތި ތަޞްވީރުތަކެވެ. މި ހުރިހާ ދާއިރާއެއްގެ ވާހަކަތަކާއި މަންޒަރުތައް އިވި ފެނި ވުމަކީ މާކުރީއްސުރެވެސް، އަޅުގަނޑުމެންނަށް އާދަވެފައިހުރި ކަންތަކެވެ. ވީއިރު ދިވެހިންގެ މާޙައުލުގައި ނެތެއްކަމަކު ދިވެހިންގެ ބަހުގައި، ކުޅަދުންވަންތަކަމުގެ އެ ރީތި ހައިބަތުހުރި ހެތްކަށް ކިޔާ ނަން އެބަ އޮތެވެ. ދަންނަވަން މި އުޅެނީ ''ފަރުބަދަ''އި ގެ ވާހަކައެވެ.

ވަރަށް ވެސް ދިވެހިވަންތަ ދިވެހިންގެ ދުލަށް ފަސޭހަ ރީތި ލަފްޒެކެވެ. މި ބަހުގެ އަޞްލަކީ ކޮބައިބާއެވެ. ބަލާބެލުމަށް މި ބަސް އުފެދިފައި މި އޮތީ ދިވެހި ބަހުގައި އޮންނަ ދެ ނަމެއް އެކުވެގެންނެވެ. ''ފަރު'' އާއި ''ބަދަ'' އަކީ ދިވެހި ބަހުގައި އޮންނަ ހުރިހާ ދިވެހިން ވެސް ދަންނަ، ޙަޤީޤީ ދިވެހި ދެ ބަހެވެ.

ފަރަކީ ކޮބައިތޯއެވެ؟ އާދެ އެއީ މުރަކައާއި ގަލުން މޫދުގައި ހިކިފައި ހުންނަ ތަންތަނެވެ. މިދެންނެވީ ބަސްފޮތުގައި އެބަހުގެ މާނަ ލިޔެވިފައި އޮތް ޢިބާރާތަކުން ނޫނެވެ. ނަމަވެސް ''ފަރު'' ގެ މާނައަކީ މިއީ ކަމުގައި ބުނެވިދާނެއެވެ. ވީއިރު، ޤުދުރަތުން އެއްގަމާއި ކަނޑު ވަކިކުރެއްވި އިރު، ބިމުގެ ބައްރުތަކަކީ ވެސް ފަރުތަކެއް ކަމުގައި އުޞޫލެއްގެ ގޮތުން (ފަހަރެއްގައި) ބުނެވިދާނެއެވެ. އަމުދުން، ދިވެހި ބޯދާ ބަހެއްގައި ''ފަރޮންކަރަބަހަދާނަ'' ފަދަ ލަފްޒެއް އޮތުމުން މިކަމަށް ބާރުލިބެއެވެ. އެބަހުގެ މާނައެއްކަމުގައި ދިވެހި ބަސްފޮތް ބުނަނީ ''ބިންތަކުގެ ވެރިޔާ'' ކަމަށެވެ. ވީމާ ''ފަރު'' އާއި ''ބިން'' އާ ކޮންމެސް ގުޅުމެއް އެބަ ވާހެން ހީވެއެވެ.

''ފަރުބަދަ''އި ގެ އަނެއް ބުރި ''ބަދަ'' އަކީ ވެސް ވަކި މާނައެއް ދޭހަވާގޮތަށް އޮންނަ ވަކި ލަފްޒެކެވެ. ދިރޭއެއްޗެއްގެ މައިކަށި ވަކިވަކިކޮށްލުމުން އޮންނާނީ ''ބަދަ'' ތަކެކެވެ. އުއްދަނޑި، އޮނުފަދަ އެއްޗެހި ވެސް އުފެދިފައި އެ ވަނީ ބަދަތަކަކުންނެވެ. ވީއިރު ދަންނަވަން މި އުޅޭ ވާހަކައަކީ ފަރުބަދައަކީ ވެސް، ބިންގަނޑު ޖިޔޮލޮޖީގޮތުން އުފެދިފައި އޮތް އިރު ވަކިން ނުކުމެ މައްޗަށް އަރާފައި ހުރި ބަދަ ތަކެއް ކަމުގައި ސިފަކުރެވިދާނެވާހަކައެވެ.

ނުވަތަ އެހެން ގޮތަކަށް ވިސްނަމާތޯއެވެ. ފަރަކީ މުރަކައާއި ގަލުން ހިކިފައި ހުންނަ ތަންތަނަށް ވީ ހިނދު، އެއްގަމުގައި ވެސް ''ފަރެއް''ގެ މިސާލުގައި ''ބަދަބަދައަށް''، ހަމަބިމުން މައްޗަށް ހިލިފައި ހުންނަ ތަންތަނަށް ދިވެހިބަހުގައި ''ފަރުބަދަ''އޭ ކިޔުނީ ކަމުގައި ވެދާނެއެވެ. އެކަމަކު ދަންނަވަންތޯއެވެ. ޙަޤީޤަތަކީ މިއިން އެއްވެސް ގޮތެއް ނޫނެވެ. ކަލިމައިގެ އަޞްލަކީ ހިންދީ ބަހުގައި އޮންނަ ''ޕަރްބަތު'' އެވެ. ގަބޫލުކުރަންވެސް ދައްޗެވެ!

ދެވަނަ ލަފްޒަކަށް ''ގުރުއަތުލުން'' ނަގަމާތޯއެވެ. ދިވެހި ސިކުނޑިއަކުން ވިސްނާ މީހަކަށް ފުރަތަމަ ވެސް މި ބަސް އަޑުއިވޭ އިރަށް، އެއީ އެއްޗެއް އަތަށްލުން، ނޫނީ އަތުގައިލުން ކަމުގައި ވިސްނާނެއެވެ. އަދިހަމަ އެހެންމެ އެބަސް ދެބައިކޮށްލުމުން، ދިވެހި ބަހުގެ ޙަޤީޤީ ދެ ލަފްޒަކަށް ބެހިގެންދެއެވެ.

ލަފްޒުގެ ފުރަތަމަ ބައި، ''ގުރު'' އަކީ ރުއްގަހުގައި އަޅާ ކާށިފަދަ އެއްޗެއްސަށް އަންނަ އުނިކަމެއްގެ ސަބަބުން، ބޮޑުވާންވާ ވަރަށް ބޮޑު ނުވެ، އަންނަންވާ ސިފަ ނައިސް، އޮރިއަކަށް އޮންނަ އެއްޗެއްސެވެ.

(އިނގިރޭސި ބަހުގައި ''ޑްވާފް'' އޭ މިކިޔާ ބާވަތުގެ މީހުން، ނުވަތަ ބޮޑުވާންވާ ވަރަށް ބޮޑުނުވެ ތިބޭ އިންސާނުންނަށް ވެސް ދިވެހި ބަހުގައި ''ގުރު'' ބޭނުންކުރެއެވެ.)

ވީ އިރު ''ގުރުއަތުލުން'' އަކީ އަތަށް ''ގުރެއް'' ލައިގެން ކުރާކަމެކެވެ. އާދެ ގުރުއަތުލުމުގައި، ބޭނުންކުރަނީ ކޮންމެ ފަދަ އެއްޗެއްކަމުގައި ވިޔަސް، އެ ބޭނުންކުރެވޭ އެއްޗަކަށް މަޖާޒީގޮތެއްގައި ގުރު ކިއިދާނެތާއެވެ. އަތުތެރެއަށް ގުރުކާއްޓެއް ނުލެވުނަސް ވެހެވެ. އަދި ހަމަ އެހެންމެ ގުރުއަތުލުމުގެ މަޤްޞަދު ޙާޞިލްވާ ކޮންމެ ކަމަކަށް ވެސް ގުރުއަތުލުމޭ ކިއިދާނެމެއެވެ. އެއީ ކޮންމެހެން އަތަށް އެއްޗެއްލައިގެން ނުފޮރުވައި، ގުޅިއަކަށް އަޅައިގެންވިޔަސް ވެހެވެ. ބަހަކީ އެކަހަލަ އެއްޗެކެވެ.

ކޮންމެއަކަސް، މިބަސް ދިވެހިންގެ ސިކުނޑިއަށް މިދެންނެވިގޮތަށް ނެގިފައިވާކަން ދޭހަވާ އެންމެ ބޮޑު އެއް ހެތްކަކީ، ގުރުއަތުލުމަށް، ''ގުރުލުން'' ވެސް ގިނަ ބަޔަކު ކިޔާކަމެވެ. ވީއިރު މިކަމަށް ބޭނުންކުރެވޭ އެއްޗެއް، އެއީ ފައިސާފޮއްޗެއްކަމުގައި ވިޔަސް، ނުވަތަ ކަރުދާސްކޮޅަކަށް ވިޔަސް، އެ އެއްޗަކަށް ބައެއް މީހުން ''ގުރު'' ކިޔައެވެ. މި ހިސާބުން، ދިވެހި ބަސްފޮތުގައި ''ގުރު'' މާނަކުރާ އިރު އިތުރު މާނައެއް ވެސް ހިމަނަންޖެހުނީއެވެ.

ނަމަވެސް ޙަޤީޤަތަކީ އަދި މިޔެއް ނޫނެވެ. ''ގުރުއަތު'' ގެ އަޞްލަކީ ޢަރަބި ބަހުގައި އޮންނަ ''އަލްޤުރްޢަހް'' އެވެ. ކަމަށް ބަލާ އިރު މި ނަން، ޢަރަބި ބަހަށް ވުރެވެސް ތިމާގެކަންބޮޑީ ދިވެހިބަހާހެން އަޅުގަނޑަށް ހީވެއެވެ.

އަދި އެހެން ބަހެކެވެ. އަސް އެއްޗެހި ބައިތިއްބަން ހަދާފައި ހުންނަ ގޭގެއަށް ދިވެހިބަހުގައި ''އަސްތަބީލާ'' ކިޔައެވެ. ބަސް އަޑުއަހާލުމުން ފުރަތަމައިނުންވެސް އެ އެއްޗަކީ އަހާ ގުޅުންހުރި އެއްޗެއްކަން ދޭހަވެއެވެ. ނަމަވެސް ބަސް ދެބަޔަށް ބަހާލުމުން ފަހަތަށް އޮންނަ ބައިގެ މާނައެއް ދިވެހިބަހަކު ނޯވެއެވެ. ''ތަބީލާ'' ކިޔާއެއްޗެއް ދިވެހިން ދަންނަ ކަމެއް ނުދެނެހުށީމެވެ. އެކަމަކު ''އަސްތަބީލާ'' އަކީ އަސް ބައިތިއްބަން ހަދާފައި ހުންނަ ތަނެއް ނަމަ، ''ތަބީލާ'' އަކީ އެފަދަ ތަންތަނަށް ކިޔާ ނަންތާއެވެ. އެހެންކަމަށް ވާނަމަ، ގެރި ބައިތިއްބާ ތަނަށް ''ގެރިތަބީލާ'' އާއި ޖަމަލު ބައިތިއްބާ ތަނަށް ''ޖަމަލުތަބީލާ'' ވެސް މީހަކު ކިޔާފާނެއެވެ. އަދި އެހެން ކިޔަންފަށައިފި ނަމަ އެދުވަހަކުން، ދިވެހި ބަހުގައި ''ތަބީލާ'' ގެ މާނައަކީ އެކި ކަހަލަ ޖަނަވާރުން ބައިތިއްބަން ހުންނަ ތަންތައް ކަމުގައި ވެދާނެއެވެ.

އެކަމަކު މި ބަހަކީ ވެސް، އަސްލު ދިވެހި ބަހެއް ނޫނެވެ. ދިވެހި ބަހަށް ވަދެފައި އޮތް ބޭރު ބަހެކެވެ. ޢަރަބި ބަހުގައި އެޔަށް ''އިސްޠަބްލް'' އަދި އިނގިރޭސި ބަހުގައި ''ސްޓެބްލް'' ކިޔައެވެ. ކަން މިހެން އޮތް އިރުވެސް، މި ބަހުގެ މިލްކުވެރިކަން ޢަރަބި ބަހާއި އިނގިރޭސި ބަހަށް ވުރެ ވެސް ބޮޑަށް ދިވެހިބަހުގައި، ބަސް އުފެދިފައި އޮތް ގޮތަށް ބަލާއިރު މާ ގަދައެވެ. މިއީ ހައިރާންކުރަނިވި ޙަޤީޤަތެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.