އާދީއްތަ20180923

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް މަޒްމޫނު ޒިންމާދާރުވުމަށާއި އަމިއްލަވަންތަކަމަށް، ތިބާ ފަހެ ލޯތްބެއް ނުކުރައްވަމުތޯއެވެ؟

ޒިންމާދާރުވުމަށާއި އަމިއްލަވަންތަކަމަށް، ތިބާ ފަހެ ލޯތްބެއް ނުކުރައްވަމުތޯއެވެ؟

amilla-vantha-kamai-loabi-nukuranމިއީ، މަޢުލޫމާތު ބަދަލުކުރުމުގެ ރަން ޒަމާނެވެ. ތަފާތު ޥަޞީލަތްތައް މެދުވެރިކޮށް މަޢުލޫމާތު ފެތުރުމުގެ ދޮރު ހުޅުވިފައިވާއިރު، އެތައް ބަޔަކު ދަނީ، މިދެންނެވި ދޮރުން ލިޔުންތެރިކަމުގެ ތެރެއަށް ވަންނަމުންނެވެ. ނޫސް މަޖައްލާތަކަށް، ނުވަތަ އިންޓަނެޓް މަޖައްލާތަކަށް، ނުވަތަ ވެބްސައިޓްތަކަށް ލިޔަމުންނެވެ. ނުވަތަ އަމިއްލަ ބްލޮގްތައް ހަދައި، ލިޔުންތައް ޝާޢިއުކުރަމުންނެވެ. މިއީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. ތަނެއްގައި ލިޔުންތެރިކަން ކުރިއަރައި ދިޔުމަކީ، އެ ތަނެއް ތަހުޒީބުވާކަމުގެ އަލާމާތެކެވެ. ފިކުރީ އިންޤިލާބެއްގެ ފެށުމެވެ. ވިއަވަތި ޙަޟާރާތެއް ބިނާކުރުމަށް އެޅޭ ބިންގަލެވެ. އަރުތައަށް ލޯބިކުރާ ހުނަރުވެރި ފަންނުވެރީން އުފެދޭ ކަމުގެ ނިޝާނެކެވެ.

މިހެން ނުވާންވީ ސަބަބެއް ނެތެވެ. ދިރާސާތައް ދައްކާގޮތުން، ލިޔުންތެރިކަމަކީ، ކޮންމެ ބަހަކުން ލިޔުނުކަމުގައިވިޔަސް، ލިޔުންތެރިޔާގެ ވިސްނުން ތަރައްޤީކޮށްދޭ ކަމެކެވެ. އިންތިޒާމީ ގޮތެއްގައި، އަވަހަށް ވިސްނަން ދަސްކޮށްދޭ ތަމްރީނެކެވެ. ޚިޔާލު ތަނަވަސްކޮށްދޭ ކަމެކެވެ. ނަޒަރު ފުޅާކޮށްދޭ ކަމެކެވެ. ފާޑުކިޔުމުގެ ޤާބިލިއްޔަތު އިތުރުކޮށްދޭ ކަމެކެވެ. ހަނދާން ގަދަކޮށްދޭ ކަމެކެވެ. ބަސްމޮށުންތެރިކަމަށް ތިމާ މޮޅުކޮށްދޭ ކަމެކެވެ. ތިމާގެ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކޮށްދޭ ކަމެކެވެ.

މިންދާނަ ކިޔުންތެރިޔަކަށް ވުމަށް އެހީވެދޭ ކަމެކެވެ. ތިމާގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ ކަމެކެވެ. ތިމާގެ އަމިއްލަ ނަފްސް ދެނެގަތުމަށް ހުޅުވޭ ދޮރެކެވެ. ތިމާގެ ކިބާގައިވާ ހުނަރުތައް ދެނެގަތުމަށް ކޮށްލެވޭ އަޖުމައެކެވެ. ތިމާއާއި އެހެންމީހުންގެ ވިސްނުން ހުންނަ ގޮތް ދެނެގަނެވޭ ކަމެކެވެ. ތިމާގެ ފިކުރީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ޘަޤާފަތަށް ތިމާގެ ލޯ ހުޅުވައިދޭ ކަމެކެވެ. މުޖުތަމަޢުގެ ކަންކަމަށް ތިމާ އަހުލުވެރިކޮށްދޭ ކަމެކެވެ. ތިމާގެ އަމިއްލަ ޝަޚްޞިއްޔަތު އެހެން މީހުންނަށް ގަލަމުން ތަސްވީރުކޮށްދެވިދާނެ ބާރުގަދަ ޥަޞީލަތެކެވެ.

ނަމަވެސް، މިދެންނެވި ފައިދާތައް ލިޔުންތެރިޔާއަށް ކުރާނީ، ލިޔުންތެރިކަމުގައި އޭނާ ޒިންމާދާރު ވެގެންނެވެ. ހިތަށް އެރިހައި އެއްޗެއް ހިތަށް އެރިހައި ގޮތަކަށް ލިޔެ ނިންމާލުމަކުން އަދި ލިޔުންތެރިކަމުން ތިމާއަށް ކުރަންވާނެ ފައިދާތަކެއް ނުކުރާނެއެވެ. އަދި ކިއެއް ތޯއެވެ؟ އެހެން މީހުންގެ ލިޔުންތަކުން، ޙަވާލާ ދިނުމެއްނެތި، ވައްކަން ކުރާ އުޞޫލުން، ނަކަލުކޮށްގެން 'މަސްހުނި ގަނޑެއް' މޮޑެލުމަކުން ލިޔުންތެރިކަމުން ކުރަންވާނެ އެއްވެސް މަންފާއެއް ތިމާއަށް ނުކުރާނެ ހިނދު، އެކަމުން ތިމާއަށް ކުރާ ނޭދެވޭ އަސަރުތައް މާ ގިނަވާނެއެވެ. ވަރަށް ގިނަ ފަހަރު ތިމާ ފަޟީޙަތްވެ، ބޭޒާރުވާނެއެވެ. ކަން ވާނީ ވެސް އެހެން ނޫން ތޯއެވެ؟ ތިމާ އެހެން މީހެއްގެ ލިޔުމުން ނަކަލުކޮށްގެން ޝާޢިއުކުރާ ލިޔުން، އެ ލިޔުމުގެ ޙަޤީޤީ ވެރިފަރާތައް ވެސް ފަހެ ފެންނާނެ ނޫން ތޯއެވެ؟ މިހެން މިކަން ވެފައިވެސް އެބަ ހުއްޓެވެ. ނަމަވެސް، އަޅުގަނޑުގެ ނިޔަތަކީ، ބަޔަކު ފަޟީޙަތްކޮށް ނިކަމެތި ކުރުން ކަމުގައި ނުވާތީ، މި ލިޔުމުގައި އެ ވާހަކަތައް ތަފްޞީލު ކުރާކަށް ނެތީމެވެ.

ނަމަވެސް، އަޅުގަނޑު ހިތުން، ކޮންމެ ބޭފުޅަކު، ކޮންމެ ޥަޞީލަތެއް މެދުވެރިކޮށް، ކޮންމެ ވާހަކައެއް، ކޮންމެ މަޤްޞަދެއްގައި، ކޮންމެ ބަޔަކަށް އަމާޒު ކުރައްވައި، ކޮންމެ ނަމެއްގައި ލިޔުއްވި ނަމަވެސް، ޚިޔާރު ކުރައްވަން ވާނީ، އެކަމުގައި އޮންނަ އެންމެ ޒިންމާދާރު ގޮތެވެ. އަމިއްލަ އުސްލޫބަކުން، އަމިއްލަ ޚިޔާލު ހުށަހެޅުއްވުމަށް އިސްކަން ދެއްވުމާއެކު، އެހެން ލިޔުންތެރިޔަކާއި ޙަވާލާ ދެއްވަން ޖެހިލައްވާ ހިނދު، އެކަން ވެސް އުފަލާއެކު ކުރައްވަން ވާނެއެވެ. އެ ލިޔުންތެރިޔާގެ ޚިޔާލަށާއި، ލިޔުންތެރިކަމުގެ ފަންނަށާއި، އެބޭފުޅެއްގެ ޒާތަށް ޤަދަރުކުރެއްވުމުގެ ގޮތުންނެވެ. އަދި، އެ ލިޔުމަކުން ބަޔަކަށް ކޮށްފާނެ އަސަރަކަށް ވެސް ވިސްނާލެއްވުން ހުއްޓެވެ. ލިޔުންތެރިކަމަކީ، މަޢުލޫމާތު ފެތުރުމުގެ ބާރުގަދަ ޥަޞީލަތަކަށް ވާތީއެވެ. އެ ޥަޞީލަތުގެ ޒަރީޢާއިން ތެދު މަޢުލޫމާތު ފޯރުކޮށްދީ ޙަޤީޤަތް ހާމަކުރެވެއެވެ. ދޮގު މަޢުލޫމާތު ފޯރުކޮށްދީ މީހުންނަށް އޮޅުވައިވެސް ލެވެއެވެ. ތަނުގައި މަސްލަޙަތު ޤާއިމްކޮށްދެވެއެވެ. ތަނުގެ ހަމަޖެހުން ނަގާލެވެއެވެ. މީހަކު ނުވަތަ ބަޔަކު މަތިވެރިކޮށް ނިކަމެތިކޮށްލުމަށް ވެސް އެއީ ބާރުގަދަ ހަތިޔާރެއްކަން އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތަޖުރިބާއިން ވެސް މިދަނީ ހާމަވަމުންނެވެ.

ވުމާއެކު، ޒިންމާދާރުވެލެއްވުމުން މެނުވީ، ލިޔުންތެރިކަމުން ތިބާއަށް ހިންހަމަޖެހުން ލިބި، ލިޔުންތެރިކަމުން ތިބާއަށް ޙަޤީޤީ ފައިދާއެއް ނުކުރާނެއެވެ. ތިބާއަށާއި އެހެން މީހުންނަށް ވެސް އެންމެ މަންފާހުރި، ތަހުޒީބު ގޮތަކީ ވެސް އެއީ އެވެ. ޒިންމާދާރުވުމަށާއި އަމިއްލަވަންތަކަމަށް ތިބާ ފަހެ ލޯތްބެއް ނުކުރައްވަމުތޯއެވެ؟

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.