އާދީއްތަ20171203

އާކުރެވުނީ: 09:46:14

އަދަބީ ތަރިކަ ދިރުވުން ހުށި!

adabee-tharika-dhuruvunމި މައުޟޫޢުގެ މުހިއްމުކަމާއި އެކުވެސް، ކަމުގެ ބޮޑުކަން ހިތަށް އަރައި، ނިކަމެތި އަޅުގަނޑުގެ ވިސްނުމުގެ ކޮށިކަމާއި މި ފަހަރު މި ލިޔަން ޤަސްތުކުޅަ އުސްލޫބަށް އަޅުގަނޑު ނުފަރިތަކަމުގެ މައްޗަށް ސަހަރޯ ހީވެ، މިގޮތުގައި ހިމޭނުން އިނދެވޭތާ ދުވަސްގަނޑެއް ވުމަށް ފަހު، މާތް ދޭވަތާއިން އަޅުގެ ހިތް މިކަމަށް ޖައްސަވައި ތައުފީޤު ދެއްވައިފި ހިނދު، އެކަލާނގެ ކަށަކުޅަދުންވަންތަކަމާއި ރަޙްމަތްވަންތަކަން ހިތް މައްޗަށް ގެނެސް، އެކަލާނގެއަށް ޙަމްދާއި ޝުކުރު ކުރާ ޙާލު، މިކަމަށް އަޅު ފަށައިގަންނަމެވެ.

ދަންނައެ! ދިވެހިބަހުގައި ''ތަރިކަ'' އޭ ބުނެވޭ ހިނދު، އެއިން ކުރެވޭ މަޢުނައެއް ކަމުގައި، ދިވެހިބަސް ފޮތުގައި ލިޔެފައިވެޔޭ، ތަރިކައީ، ''މަރުވެފައިވާ މީހާގެ މުދައު'' ކަމުގައްޔާއި، ''ކާބަފައިން ދޫކޮށްފައިވާ ތަކެތި'' ކަމުގައި. ފަހެ، މިތަނުގައި އަޅު ނަގާ ހުށީ، ތަރިކައިގެ މަޢުނައެއް ކަމުގައި ފަހުން މިބުނެވުނު ބަހެވެ. އެހެންކަމުން، ތަރިކައަކީ، ޤަދީމީ ތަކެތިން ކުރެ، ހިފާ ގެންގުޅޭ ތަކެއްޗާއި، ޘަޤާފީ، ޢިލްމީ، އަދި ފިކުރީ މުދައު ހިމެނި ޝާމިލުވާގޮތުން، ކާބަފައިން އަޅުގަނޑުމެންނަށް ދޫކޮށްފައިވާ ތަކެއްޗެވެ.

ހަމަ މި މޭރުމުން، ''އަދަބަކީ'' ކޮބައިތޯ ބެލުމުގެ ގޮތުން، ދިވެހި ބަސްފޮތް ހުޅުވައި ބެލި އިރު، އޭގެ އެއް މަޢުނައެއް ކަމުގައި ވާރިދުވެގެންވާތީ އަޅަށް ފެނުނީ، އެއީ، ''ބަހުގެ ޢިލްމު'' ކަމުގައެވެ. މީގެ ތެރޭގައި، ބަހެއްގައި ހިމެނޭ އަޑުތަކާއި، އެކި ޒަމާންތަކަށް ބެހިގެންދާ ގޮތުން، އެ ބަހެއްގެ ހަމަތަކާއި، ބަސްކޮށާރާއި، އެ ބަހެއްގެ ބަހުރުވަ އާއި، އެ ބަހަކުން ބަސްމޮށެއުޅޭ ރާގަކާއި، ލިޔެ އުޅޭ އުސްލޫބާއި މިފަދަ ކަންކަން ހިމެނޭ ހުށި މެއަ.

ވުމާއިއެކު، އިސްވެދިޔަ ލަފުޒުތަކަށް ވިސްނާ ފިކުރު ކުޅައުމަށް ފަހު، އަދަބީ ތަރިކައިގެ ތަޢުރީފެއް ކަމުގައި، އަޅު ލިޔާ ހުށީ، ''އަދަބީ ތަރިކައީ، ބަހުގެ ޢިލްމުގެ ތެރެއިން، ކާބަފައިން އަޅުގަނޑުމެންނަށް ދޫކޮށްފައިވާ ތަކެތި'' މިހެންނެވެ.

ދެން ފަހެ، މި ތަޢުރީފުގެ މައްޗަށް ބިނާކޮށް، ދިވެހިބަހުގެ އަދަބީ ތަރިކައިން ހިމެނޭ، އިސްވެ ބުނެވުނު ތަކެތިން ކުރެ، މި ޒަމާނާއި ހަމައަށް އައި އިރު، ނެތެމުންދާ ތަކެތީގެ ތެރޭގައި، ޤަދީމީ ލިޔުންތެރިކަމާއި، ލިޔުންތެރިކަމުގައި އެއިރު ބޭނުންކުޅަ އުސްލޫބާއި ބަސްކޮށާރު ވާކަމަށް ޓަކައި، އެ ތަކެތި ހިމާޔަތްކޮށް، އެ ތަކެތީގެ އަޞްލު ނުގެއްލޭނެހެން، އަންނަނިވި ޖީލުތަކަށް ވާޞިލް ކޮށްދިނުމީ، އަޅުގަނޑުމެން ދިވެހީންކުރެ، އަދު ދިރިތިބީންގެ މައްޗަށް ވާޖިބުވެއްޖެ އަމާނަތެއް ކަމުގައި ނިކަމެތި އަޅަށް ވިސްނޭތީ، މިކަމުގެ މުހިއްމުކަމާއި ބެހޭ ގޮތުން، ޘަޤާފަތާއި ބެހޭ ޢިލްމުގެ ޕްރޮފެސަރެއް ކަމަށްވާ، ސްމޮލިޝް، އެކަލޭގެފާނުންގެ ''ޓްރޭޑިޝަން އެން ކޯ ވެލިޔޫޒް'' އޭ ކިޔުނު މަޒުމޫނުގައި ލިޔުއްވާފައިވާ ވާހަކައިން ބައެއް ނަމަވެސް، މި ހިސާބުން މިލިޔުމުގައި ހިމަނާލުމަށް ޤަސްތު ކުޅައީމެވެ.

ފަހެ، އޭނާ ލިޔުއްވަތޭ، ތާރީޚާއި ޘަޤާފަތުގެ އެންމެ މުހިއްމު ރަމްޒަކީ، އިންސާނުން މޮށެ އުޅޭ ބަސް ކަމަށާއި، ބަޔަކު މީހުން، އެމީހުންގެ މާޒީގެ އަދަބީ ޢިލްމީ ތަރިކައިން ދަރުސް ލިބިގަނެ، އެ މައްޗަށް މުސްތަޤްބަލް ބިނާކޮށްގެން މެނުވީ، ހަމަ ހިލާ އެބައެއްގެ ޘަޤާފަތެއް، އަދި ކިއެއްތަ، އަދަބިއްޔާތެއް އަދި ފަލްސަފާއެއް ވެސް ކުރިޔެއް ނާރާނެޔޭ. އަދިވެސް ލިޔުއްވަތޭ، މާޒީއާއި އެ އޮންނަ ''ކަލްޗުރަލް ބޮންޑު'' އެބަހީ، ޘަޤާފީ ގުޅުން، ގެއްލިއްޖެ ނަމަ، ދެން އުފެދޭ ހުށީ، އޭގައި މާބޮޑު އަމިއްލަވަންތަކަމެއް ނުހުންނަ، ބޭރުގެ ވިޔަ އެކޭ. މިކަމުގެ ސަބަބެއް ކަމުގައި އޭނާ ބުނުއްވަތޭ، އެއްޗެއްގައި އަމިއްލަވަންތަކަން އަށަގަންނަ ހުށީ، ގިނަ ދުވަހު މި ވުޖޫދުގައި ކޮންމެވެސް ސިފައެއްގައި އެ އެއްޗެއް ދެމިހުރެ، އެ ތަރައްޤީވެގެން އައިސްކަމަށް. އެއްވެސް ޙާލެއްގައި، މީސްތަކުން އެ ބަދަލުކޮށްގަނެ، ފުރައުއްތަކޮށް ގެންނަކުން ނޫން ކަމަށާއި.

މި މޭރުމުން ފިކުރުކޮށް ވިސްނާ ބަލާއިރު، ބަހެއް ކުރި އަރާނެކަމަށް މިއަޅާ ދެކެނީ، އެ ބަހެއްގެ ޤަދީމީ ތަރިކައިގައި އަދަބީ ގޮތުން ހުރި މުއްސަނދިކަމުގެ ތެރެއިން، ޖުމުލަތަކުގެ ދިގުކަމާއިއެކުވެސް، ސިފަކުރުމުގައި އެ ހުންނަ އަޖާއިބުކުރަނިވި ސަރީޙަކަމާއި، ފަށުއިކަމާއި، ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުމުގައި އެ ހުންނަ ތޫނުކަމާއި، ލިޔުންތެރިޔާ މައުޟޫޢަށް ދެއްވާ އަހައްމިޔަތުކަމާއި، އެ ބޭކަލެއްގެ ހިތްޕުޅުގައި އެކަމަށް އެ އޮންނަ ލޯތްބަކާއި ޝައުޤުވެރިކަމެއް ދައްކުވައިދިނުމަށް ބޭނުންކޮށްފައި އެ ހުންނަ ލިޔުންތެރިކަމުގެ ވައްޓަފާޅި ފަދަ ކަންކަން މިހާރުގެ އަދީބުން މަޢުރިފާކޮށް ދެނެގަތުމާއެކު، އެ ކަންކަން މިޒަމާނުގެ ލިޔުންތަކުގައި، ޒަމާނާއި ގުޅޭ ގޮތުން ބައްޓަން ކުރައްވައި، މަދަރުސާތަކުގައި ކިޔަވައިދެވޭ ބަހުގެ ޢިލްމާއި އަދަބިއްޔާތުގެ ތެރެއިން، ޤަދީމީ ލިޔުންތައް ފަހުމްކޮށް ދިރާސާކުރުމާއި، އެ ކަންކަން ހިސާބަކަށް ނަމަވެސް ފަރިތަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދީ، އެ ކުދީންގެ ހިތް އެ ކަމަށް ޖައްސުވައިގެން ނެވެ.

މިބުނި ބަހުގެ މައްޗަށް ދަލީލުކުރާ ކަމެއް ކަމުގައި އިނގިރޭސި ބަހުގެ އަދަބިއްޔާތުގައި އުނގަންނައިދެވޭ، ޝެއިޚް ޒުބައިރުގެ ތަމްޞީލުތައް ފުދޭމެއަ. އެހެނީ، އިނގިރޭސި ބަސް މިއަދާއި ހަމައަށް އައި އިރުވެސް، އެ ބަހުގައިވާ މިދެންނެވި ފަދަ ލިޔުންތައް، މަދަރުސާތަކުގައި ދިރާސާކޮށް ހެދޭ ކަމީ، އެ ބަސް ކުރިއަރައިދާ އެއް ބުނިޔާދު ކަމުގައި އެ ބަހުގެ މާހިރުން އިއްތިހާދު އެވަނީ، ސަބަބެއް ނެތިއެއް ނޫންކަން މިއަޅާ ހަމަ ރަނގަޅަށް ދެނެހުރީތީ އެވެ.

ދެން ފަހެ، ދިވެހި ބަހުގައިވެސް ހުރި މިބާވަތުގެ ތަރިކައިގެ ތެރެއިން، ފަޟީލަތުއްޝައިޚް، އަލްމަރްޙޫމް، ޙުޞައިން ޞަލާޙުއްދީނުގެ ''ސީރަތުއް ނަބަވިއްޔާ'' އާއި ''ދޮންބީފާނު'' ވާހަކަ އަދި އަލްމަރްޙޫމް އަޙްމަދު ކާމިލްދީދީގެ ''ރިވާޔަތު މޫސާ ވަ ޒުލޭޚާ'' ފަދަ ވާހަކަތަކާއި އެދުރު ޢުމަރު މާފަތްކަލޭފާނުގެ ރައިވަރުތަކާއި ބޮޑުފެންވަޅުގޭ ސީދީގެ ޅެންތައް ފާހަގަ ކުރެވޭ ހުއްޓެވެ. މި އެންމެހައި ތަރިކައިގެ ތެރެއިން، ''ދޮންބީފާނު'' ވާހަކަ ފަދަ ބައެއް ވާހަކައީ، މިޒަމާނަށް އައި އިރު ވެސް، މަދަރުސާގެ މަތީ ޘާނަވީ ގްރޭޑްތަކުގައި، އިސްވެ ބުނެވުނު ބީދައިން، ދިރާސާ ކުރެވެމުން އަންނަ އަދަބީ ލިޔުންތައްކަން އަޅު ދެނަހުރިން މެއަ. މާތުރަ، އެކަން ކުރެވެމުން އަންނަ ވައްޓަފާޅިއަށް ވިސްނާއިރު، ބައެއް މަދުވާކަމަށް ނިކަމެތި އަޅުގަނޑަށް ފާހަގަވާތީ، އަދި މިލިޔުމުގެ އެއް މަޤްޞަދަކީ ވެސް އެއީ ކަމަށް ކުރިންވެސް ޤަސްތު ކުޅައީތީ، އެ ވާހަކަ މިތަނުގައި ކުރު ގޮތަކަށް ނަމަވެސް ގެނެސް ގަންނަ ހުށީމެވެ.

ފަހެ، މިހާރު ދިވެހި އަދަބިއްޔާތު ކިޔަވައިދެވޭ ގޮތަށް ބަލާއިރު، ފާހަގަވެޔޭ އަދަބީ ތަރިކައިގެ ދިރާސީ މަސައްކަތް ދަރިވަރުން ފުރިހަމަ ކުރަމުން އަންނަ ނަމަވެސް، އެ ކުދީންގެ ހިތްތަކުގައި އެ ކަމަށް ޝައުޤުވެރިކަން އަށަގަންނަމުން ނާންނަ ކަން. އަދި ކިއެއްތަ، އެއީ ބުރަވެގެންވާ ފޫހި މަސައްކަތެއް ކަމަށް ގިނަ ކުދީން ދެކޭ ކަމީ، ހިތާމަ ހުރި ކަމެއް މެއަ. މިކަން މިހެންވުމުގެ އެއް ސަބަބެއް ކަމުގައި އަޅަށް ވިސްނެޔޭ، އެއީ ކިޔަވައިދިނުމުގެ ވައްޓަފާޅިއާއި ބަހުގެ އުސްތާޛުން މިކަމާއިމެދު ދެކެވަޑައިގަންނަވާ ގޮތްކަމުގައި. ދެން ފަހެ، އަޖާއިބުކުރަނިވި ޙަޤީޤަތެއްތާއޭ، މިދެންނެވި އުސްތާޛުންގެ ތެރެއިން ގިނަ ބޭކަލުންނަށްވެސް ޤަދީމީ ލިޔުންތަކުގައިވާ މުއްސަނދިކަމާއި ރިސާލަތު ސަރީޙަކޮށް މަޢުރިފާކޮށް ދެނެ ނުގަނެވޭ ކަމަށްޓަކައި، އެ ލިޔުންތައް އެއީ މާ ކުރީ ޒަމާނެއްގެ އުސްލޫބަކުން މާ އިހުގެ ގޮތަކަށް ލިޔެފައިވާ އެއްޗެއްކަމަށާއި، އެއީ މިޒަމާނަށް ފެތޭނެ އެއްޗެއް ނޫންކަމަށް ޙުއްޖަތް ދައްކަވައި އެ ގޮތަށް ދަރިވަރުންނަށް ވިސްނައިދެއްވަން އުޅުއްވާކަން.

އާދޭހޭ. މިޒަމާނުގައި އަޅުގަނޑުމެން އެހައި ދިގު ޖުމުލަތަކަކުން ލިޔެ، ޖުމުލަތަކުގެ ނިންމުންތައް 'ހުށި'، 'މެއަ' އަށް ގެނެސް މި ސަކަރާތެއް ޖަހާކަށް ނުޖެހޭމެއަ. އަދި، ބަހަށް ބަދަލު އައުމަކީ، މާ ކުރީން ސުރެ ކަނޑައެޅިފައިވާ އިލާހީ ޤާނޫނެއްގެ ދަށުން ހިނގަމުން އަންނަ ދުނިޔޭގެ އާދައެއްކަމާއި، އެއީ ހަމަ ތަބީޢީ ބަދަލެއްކަމާއި އެކަން އިންސާނުން ގަދަބާރުން ކުރަން އުޅެގަނެގެން ބަހުގައި ހުންނަ ޠަބީޢީ ގޮތް ބައެއް ފަހަރު ނެތިދާކަމާއި މިހިރަ މިހިރަ ކަންކަން މިއަޅާވެސް ދެނަހުރިންމެއަ. މާތުރަ، ފަހެ މިކަންކަމީ، އެ ލިޔުންތަކަކީ ފޫހި އަދި ފަހުމް ކުރަން ދަތި އުނދަގޫ ލިޔުންތަކެއް ކަމަށް ދަލީލުކުރާ ކަމެއް ނޫން މެއަ. އަދި ކިއެއްތަ، އެހެންނަކުން ނޫނޭ، މިޒަމާނުގެ ދިވެހީންނަށް އެ ލިޔުންތައް ފަހުމްނުވުމުން ދަލީލުކޮށްދެނީ، އެބައިމީހުންގެ ވިސްނުމުގެ ކޮށިކަމާއި، ދިވެހި އަދަބިއްޔާތުގެ އެހާރާއި މިހާރާއި އޮންނަންވާ ''އަދަބީ ޘަޤާފީ ގުޅުން'' މުޅިން ކެނޑިފައިވާ ކަމެވެ. އެހެންޏާ، އެ ލިޔުންތަކުގައިވާ ރިސާލަތު ފަހުމްވާ ކަމަށްޓަކައި ތާއޭ އޭރުގެ ލިޔުންތެރީން އެ ލިޔުއްވި އެއްޗެއް އެ ލިޔުއްވި ގޮތަކަށް އެ ލިޔުއްވީ.

ފަހެ، ޤަދީމީ ލިޔުންތަކަށް އޮންނަ ޝައުޤުވެރިކަން ނެތި، އެ ކަމަށް ދަރިވަރުން ނުކުޅެދުންތެރިވުމުގެ ދެވަނަ ސަބަބެއް ކަމުގައި، އެ ކުދީންނަށް ދިރާސާ މަސައްކަތް ޙަވާލުކުރުމުގެ ކުރީން، އެ ކަމަށް ހޭނުވުމުގެ ގޮތުން ފުދޭވަރާއި ގާތަށްވެސް ތަމުރީނު ނުދެވުން ފާހަގަވޭ މެއަ. ދެން ފަހެ، މިކަމުގެ ޙައްލެއް ކަމުގައި، ޤަދީމީ އުސްލޫބުން ލިޔެފައި ހުންނަ އެބާވަތުގެ ލިޔުންތައް، ދިރާސާކުރުމަށް އެ ކުދީންނާއި ޙަވާލު ކުރުމުގެ ކުރީން، އޭގެ ނަމޫނާ ދިރާސާކުރުންތަކެއް ކިލާހުގައި މުދައްރިސް ނަންގަވައި ދެއްވުމާއި، އެ ފަދަ އުސްލޫބުން ލިޔުމަށް ދަރިވަރުންނަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން، އަދަބީ ތަރިކައިގެ މަޖައްލާއެއް ފަދަ އެއްޗެއް އެ ކުދީން ލައްވައި ތައްޔާރު ކުރުވުން ނިކަމެތި އަޅުގަނޑަށް ފެންނަކަމަށް ދަންނަވަމެވެ.

މި މޭރުން، މި ލިޔުމުގައި މިއަޅާ މި ހިންމަތް ކުޅަ ފަދައިން، އެ ކުދީންވެސް ހިންމަތް ކޮށްގެން، އެ އުސްލޫބުން އެންމެ ލިޔުމެއް ނަމަވެސް ކޮންމެ ކުއްޖަކު އަމިއްލައަށް ލިޔުމަކީ، އެ ލިޔުންތަކަށް އަހުލުވެރި ވުމަށް ކޮންމެހެން ބޭނުންވާނެ ކަމެއްކަން ބަހުގެ އުސްތާޛުން ހަނދުމަ ކުރުން ހުށިމެއަ. މާތުރަ، މީގެ މަޢުނައެއް ކަމުގައި ފަހެ ނުވެޔޭ، އަޅުގަނޑުމެން ޢާއްމު ދިރިއުޅުމުގައި އެންމެ ޤަދީމީ ގޮތަށް ބަސްމޮށެ އުޅުމާއި ރައިވަރު ކިޔައި އުޅުމެއް. ފަހެ، އެކަމުގެ ބުރަކަމަށް ޓަކައި، މިހާރު އެކަން އެހެން ނުވެސް ކުރެވޭ ހުށި މެއަ. އެހެންކަމުން، މިބުނި ބަހުގެ މުރާދަކީ، ޤަދީމީ ލިޔުންތަކުގައި އެ ހުންނަ އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަން މިހާރުގެ އަދީބުންނާއި މުސްތަޤްބަލުގެ އަދީބުންނަށް މަޢުރިފާކޮށް ދިނުމަށް މަސައްކަތް ކުޅައުމެވެ.

ދަންނައެ! އިސްވެ ބުނެވުނު ކަންކަން މަދަރުސާތަކުގައި ކުރެވޭ ހުށީ، ކިޔަވައިދެވޭ މުޤައްރަރުގައި އެކަމަށް އެފަދައަކުން ފުރުޞަތު ދެވިގެންކަން މިއަޅާއަށް ވެސް އެނގޭ މެއަ. އެހެންކަމުން، މުޤައްރަރު އެކުލަވާ ލައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމީ، އެ ކަމަށް މަގުފަހި ކުރުމުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ވީތީ، މި މޭރުމުން ޤަދީމީ ލިޔުންތަކުން ފާހަގަ ކުރެވޭ ލިޔުންތަކެއް ހޮވައި، އެ ލިޔުންތަކުގެ މައްޗަށް ބިނާކޮށް ފިލާވަޅުތައް ރާވައި، ދަސްކޮށްދެވޭނެ ހުނަރުތައް އެކަށައަޅައި ހެދުން ހުއްޓެވެ.

ފަހެ، މިބީދައިން ކުރެވޭ މަސައްކަތަކުން މެނުވީ، ދިވެހި ބަހުގެ އެހާރާއި މިހާރު ގުޅުވައި، ''އަދަބީ ޘަޤާފީ ގުޅުން'' ބަދަހި ނުކުރެވޭ ހުށިމެއަ. އަދި ކިއެއްހޭ، ބަހުގެ ޤަދީމީ އުސްތާޛުން މުސްކުޅި ކުރެވުމުން، ނުވަތަ އެކަލާނގެ މަތިވެރި ނިޔާފުޅުގެ މަތީން، އެބޭކަލުން ދާއިމީ ނިޢުމަތުގެ ގޮވެއްޗަށް ދަތުރުފުޅު ކުރެއްވުމުން، ދިރިތިބީން އެކަން މައްޗަށް ރޮއި ހޭރި، ހިތާމަ ކުރުމުގެ ބަދަލުގައި، އެބޭކަލުން ހެޔޮ ޙާލުގައި ދިރިތިއްބަވަނިކޮށް، އެބޭކަލުންގެ އަރިއަހުން ދަރުސް ހޯއްދަވައިގެން، އުނގެނުމާއި އުނގަންނައިދިނުމުގެ ޥަޞީލަތްތައް ތައްޔާރުކުރުމީ، ދިވެހިބަހަކީވެސް އިނގިރޭސި ބަސް ފަދަ މުއްސަނދި އަދަބިއްޔާތަކާއި އަދަބީ ތަރިކައެއް އޮތް ބަހަކަށް ހަދައި، އެހާރާއި މިހާރު ގުޅުވުމަށްޓަކައި އޮތް އެންމެ މޮޅު އިތުރު ގޮތަކަން މި ދަނޑިވަޅުގައި ދެނެގަތުން ހުއްޓެވެ. އެބޭކަލުންގެ ޛިކްރާ އައުކޮށް އެބޭކަލުންނަށް ޙައްޤު ޤަދަރާއި ޢިއްޒަތް ދިނުމުގެ ގޮތުން ކުރަން އެންމެ ޖާއިޒު، އައުލާކަން ބޮޑުވެގެންވާ ކަމަކީވެސް، ފަހެ އެއީ މެއަ. އާދޭހޭ. ހަމަ މިހެންވެތާއޭ، މާތް ދޭވަތާއިންގެ ކީރިތި މޫރިތި ފޮތް ރައްކައުތެރިކުރެއްވުމަށް ޚުދު އެކަލާނގެ ޖާމިނުވެވޮޑިގެންވުމާއެކުމެ، އެކަމަށް އިންސާނުންގެ ތެރެއިން އެކަލާނގެ އިޚްތިޔާރު ކުރެއްވި ބަޔަކު، އިޚްތިޔާރު ކުރެއްވި ހިނދު، އެބޭކަލުންނަށް އެކަމަށް އިލްހާމް ދެއްވައި، ފަތްފުށްތައް ފޮތެއްގެ ސިފައިގައި ޖަމުޢު ކުރެއްވުމަށް ތައުފީޤު ދެއްވީ. އެހެންޏާ، އެކަލާނގެއީ، ފުދިވޮޑިގެންވާ، ޙަމްދު ލިބިވޮޑިގެންވާ، ޙުސްޠާހިރުވަންތަ ކަލަކު ކަމުގައި ފަހެ ނުވޭހޭ؟

އެހެންކަމުން، ސިޔާސަތުގެ ފެންވަރުގައި މަސައްކަތްކުރައްވާ، ''ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި''، ''ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒާއި''، މުދައްރިސުން ތަމުރީނުކުރާ ކުއްލިއްޔާތައް ފަދަ ސަރުކާރުގެ އިދާރާތައް ގުޅިގެން، އެހާރުގެ މައްޗަށް ބިނާކޮށް މިހާރު ރޭވުންތައް ރާވައި، މުޤައްރަރުތައް އެކުލަވާލައި، މަންހަޖަށް ގެންނަން ބޭނުންވާ އިސްލާޙެއް ގެނެސް، ދިވެހި އަދަބިއްޔާތުގެ ބަނަވަމުން އަންނަ މުސްތަޤްބަލު އުޖާލާކުރުމުގެ ގޮތުން، މަދަރުސާތަކުގައި ކިޔަވަމުން އަންނަ ބަހަށް ކުޅަދާނަ ކުދީންނަށް ވަކިން ޚާއްޞަކޮށް އަމާޒުކުރައްވައި މަސައްކަތްތަކެއް ކުޅައުން މި ހިނދުން މި ހިނދަށް ވާޖިބު ވެއްޖެ ކަމުގައި އަޅަށް ފެނެއެވެ.

އާދޭހޭ. ނަވާރަ ވަނަ ޤަރުނުގެ ކުރީ ކޮޅުގައި އުޅުއްވި، އިނގިރޭސި ބަހުގެ އަދީބު ޓީ.އެސް.އެލިއޮޓް، އެކަލޭގެފާނުންގެ ވިހި ބާބުގެ މައްޗަށް އެކުލެވިގެންވި ހަތަރު ބައި ހިމެނޭ ''ފޯ ކްއާޓެޓްސް'' އޭ ކިޔުނު މަޝްހޫރު ހަމްޒިއްޔާގައި ކިޔުއްވާފައި އެވަނީ، އެ މައްޗަށް ބަޔަކު މީހުން ޢަމަލުކޮށްފިނަމަ، އާޚިރު ނަތީޖާ ހެޔޮވާނެ، ހަމަ ޙައްޤު ތެދެވެ.

Time present and Time past

Are both perhaps present in Time future

And Time future contained in Time Past

ފަހެ، މި ބައިތުތަކުގެ މަޢުނައީ، ''މިހާރާއި އެހާރު މުސްތަޤްބަލުގައި ހިމެނިގެންވުން އެކަށީގެން ވެޔޭ، އަދި، މުސްތަޤްބަލު މާޒީގައި ހިމެނިގެންވޭ މެއަ.'' އެބަހީ، މިހާރުގެ ޙާލަތު ބިނާވެފައިވަނީ، މާޒީގައި ރޭވި ރޭވުންތަކާއި ކުޅަ ކަންކަމުގެ މައްޗަށް ކަމަށްވީ ހިނދު، މުސްތަޤްބަލަކީ އަބަދުވެސް މާޒީއެކެވެ. އެބަހީ، މުސްތަޤްބަލުގެ ޙާލަތަކީ، މާޒީގައިވީ ކަންކަމުގެ މައްޗަށް ބިނާކޮށް، މިހާރު ރޭވިފައިވާ ކަންކަން ޙަޤީޤަތަކަށް ވުމުން ނުކުންނަ ނަތީޖާއެވެ. އ.ހ

ދެން ފަހެ، މިއީ، އިންސާނީ ތަދުބީރު ކުރުމުގެ މައްޗަށް ބިނާކޮށްފައިވާ ''ދަ ރިލޭޓިވިޓީ އޮފް ޓައިމް'' އޭ ކިޔުނު ނަޒަރިއްޔާއަކަށްވީ ނަމަވެސް، މީގައި އެވަނީ ވަރަށް ބޮޑު ޙަޤީޤަތެއްކަން ދެނެގަތުން ހުއްޓެވެ. އެއީ، އަޅުގަނޑުމެން އަޅުގަނޑުމެންގެ ބަސް ދިރުވައި އާލާކުރުމަށްޓަކައި، އާދެ، ބަހުގައި ކުރިން އެހެރަ މުއްސަނދިކަން ދަމަހައްޓާ ތަރައްޤީކުރުމަށް ޓަކައި، މިހާރު ކުރެވޭ މަސައްކަތުގައި ޤަދީމީ ލިޔުންތަކުގެ ބޭނުން ހިފުމާއެކު، މުސްތަޤުބަލުގެ އަދަބީ ދުނިޔެ އާރާސްތުކުރުން އޭގައި ހިމޭނޭ ކަމުންނެވެ. ދެން ފަހެ، މި މޭރުމުން މަސައްކަތް ކުޅައުން ނުހަނު މުހިއްމުވެގެން ވޭމެއަ. އެހެނީ، ފަހެ އެއިރުން، މުސްތަޤްބަލުގެ އަދަބީ ދުނިޔެއަކީ، އޭގައި މާޒީގެ ކުލަ ޖެހިފައިވާ، އެފަދަ ރޯޝަން ތަނެއް ކަމުގައިވާ ހުށި ކަމީ، ބުއްދި ސަލާމަތުން، ހަމަހޭގައި ހުރި ކޮންމެ އާދަމުގެ ދަރިއަކަށް އެނގި ކަށަވަރުވެގެންވާނެ ކަމެކެވެ. ޥަﷲ އަޢުލަމް!

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.