ހުކުރު20201009

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް މަޒްމޫނު ޕޮލައިޓްނަސް ތިއަރީ ނުވަތަ އަދަބު އިޙްތިރާމްގެ ޤަވާޢިދު

ޕޮލައިޓްނަސް ތިއަރީ ނުވަތަ އަދަބު އިޙްތިރާމްގެ ޤަވާޢިދު

adhab-ihthiraamuge-qavaaidhu
އިންސާނުން މުވާޞަލާތުކުރުމުގައި އެއްބަޔަކު އަނެއްބަޔަށް އަދަބުވެރިވެ އިހްތިރާމް އަދާކުރުމަކީ މުވާޞަލާތުކުރުން ކާމިޔާބު ކުރުމަށް ވަރަށް މުހިއްމުކަމެކެވެ. މީގެ އިތުރުން އެކަމުގެ ސަބަބުން އެއްބަޔެއްގެ ހިތުގައި އަނެއްބަޔަކަށްޓަކައި ގަދަރާއި އިހްތިރާމް އުފެދެއެވެ. އަނެކާއަށް އެއްވެސް ކަހަލަ އަދަބެއް އިހްތިރާމެއް އަދާކުރަން ނުދަންނަ މީހާއަކީ މުޖުތަމަޢުގައި ޤަދަރުކުރެވޭ މީހަކަށް ނުވެއެވެ. އަދި އެފަދަ މީހުންނަކީ އެއްވެސް އަގެއްނެތް ބައެއްގެ ގޮތުގައި ބެލެވެއެވެ. ވުމާއިއެކު މުޖުތަމަޢުގައި އުޅޭ މީހުންގެ ލޯތްބާއި ރުހުން، އިޙްތިރާމާއި ގަދަރު ލިބިގަތުމަށްޓަކައި އަދަބު އިހްތިރާމްގެ ގަވާޢިދަށް ތަބަޢަ ވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މައުމޫން ޢަބުދުލްޤައްޔޫމް (1989- ޞ 15 ) ހާމަކުރައްވާފައިވަނީ " ތިމާގެ މާތްކަން އެންމެ ބޮޑަށް ހާމަކޮށްދޭ ސިފައަކީ ވާހަކަދެއްކުމުގައި ހުންނަ މާތްކަމެވެ. ކޮންމެފެންވަރެއްގެ ކޮންމެ ކަހަލަ މީހަކާ ވާހަކަދެއްކިޔަސް އެމީހަކަށް ކަމޭހިތުމުގެ މާތްކަމެވެ. މަޑުމައިތިރިކަމާއިއެކު ރީތިބަހުން މުޚާތިބު ކުރުމުގެ މާތްކަމެވެ."

އަދަބު އިޙްތިރާމްގެ ޤަވާޢިދު ނުވަތަ ޕޮލައިޓްނަސް ޕްރިންސިޕަލް އަކީ 1973މ. ގައި ރޮބިން ލޭކޯފް ޝާއިޢުކުރި ލިޔުމަކުން މަޝްހޫރުވި ތިއަރީއެކެވެ.

ބަހުގެ  ޢިލްމުގައި ޕޮލައިޓްނަސް ބުނެދިނުމުގައި ބޭނުންކުރާ ލަފުޒަކީ 'Face ' އެވެ.  ޔޫލޭ ޖޯޖް (2000 - ޞ 60) ހާމަކުރާގޮތުގައި " Faceމިލަފުޒުގެ މާނައަކީ މުޖުތަމަޢުގައި ތިމާގެ އަމިއްލަ ތަސްވީރެވެ. މިއިން އިޝާރާތްކުރަނީ އެމީހެއްގެ ޖަޒުބާތާއި އިހްސާސްތައް އަނެކާއަށް ދެގެގަނެވޭނެކަމަށް އުއްމީދުކުރާކުރުމެވެ. ޕޮލައިޓްނަސްއަކީ އެކަކު އަނެކަކާއި ވާހަކަދެއްކުމުގައި އަނެކާގެ އިހްސާސްތަކާއި ޖަޒުބާތުތައް ދެނެގަނެ އެކަންކަމަށް ހޭލުންތެރިވެ ވާހަކަދައްކާ ދެއްކުމެވެ." މިގޮތުން ބަލާއިރު ޕޮލައިޓްނަސްއަކީ އެހާލަތެއްގެ ގޮތުން ބައެއްފަހަރު އިޖްތިމާޢީ ދުރުކަމެއް އަދި އަނެއްބައިފަހަރު އިޖްތިމާޢީ ގާތްކަމެއް އުފައްދާ ކަމަކަށް ވެއެވެ. މިގޮތުން މިއުފައްދާ ދުރުކަމަކީ މުވާޞަލާތުކުރާ ދެމީހުންގެ މެދުގައިވާ ތަފާތުގެ ސަބަބުން ކުރަންޖެހޭ އިހްތިރާމަށް ވެދެއެވެ. މިސާލަކަށް ބަލާނަމަ ދަރިވަރަކު މުދައްރިސަކާއި ދައްކާ ވާހަކައިގައި ވާނީ މިފަދަ ދުރުކަމެކެވެ. ގާތްކަން ދޭހަކޮށްދެނީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މިއުފައްދާ ގާތްކަމުގެ މިސާލަކީ ދަރިވަރަކު ހަމަ އެފަދަ އެހެން ދަރިވަރަކާއި ދައްކާވާހަކައެވެ.

ވިކިޕީޑިއާ. އޯރގް Wikipedia.org  ( 2006 ) މިސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި  ލިންގުއިސްޓިކް ޢިލްމުގައި 'Face ' މިލަފުޒު ފުރަތަމަ ބޭނުންކުރައްވާފައިވަނީ، އާރވިންގް ގޮފްމަން Erving Goffman (1963) ގައި ޝާއިޢުކުރެއްވި އާޓިކަލެއްގައެވެ.

ޕޮލައިޓްނަސްގެ ތެރޭގައި ނެގެޓިވް ޕޮލައިޓްނަސް އާއި ޕޮޒިޓިވް ޕޮލައިޓްނަސް ހުންނަކަން ފާހަގަކުރައްވަމުން ޔޫލޭ ޖޯޖް ( 2000 - ޞ 61 ) ހާމަކޮށްފައިވެއެވެ. "އަހަރެމެން އަނެކާއާއި ކުރިމަތި ލުމުގައި އެމީހެއްގެ ނެގެޓިވް ފޭސް (Face) ގެ ބޭނުންތަކަށާއި ޕޮޒިޓިވް ފޭސް (Face) ގެ ބޭނުންތަކަށް ސަމާލުކަންދޭން ޖެހޭނެއެވެ. ނެގެޓިވް ފޭސް ބޭނުންވާނީ މިނިވަންކަމަށެވެ. އެހެން މީހުންގެ އުނދަގުލުން އެކަހެރިވާށެވެ. މިތަނުގައި ނެގެޓިވް މިލަފުޒުގެ މާނައަކީ ގޯހެއް ނޫނެވެ. އެއީ ހަމައެކަނި ޕޮޒިޓިވްގެ އިދިކޮޅެވެ. ޕޮޒިޓިވް ފޭސް ބޭނުންވާނީ އެހެން މީހުންނާއި ގުޅޭށެވެ. އެހެން މީހުންގެ ގްރޫޕުގައި ހިމެނޭށެވެ. އޭނާގެ ބޭނުންތައް އެހެން މީހުންނާއި ޙިއްޞާ ކުރާށެވެ."

ނެގެޓިވް ޕޮލައިޓްނަސްގައި އަބަދުވެސް އެހެން މީހުނަށް އުނދަގޫކުރެވޭކަމަށް ގަބޫލުކޮށް މަޢާފަށް އެދޭނެއެވެ. އަދި އެހެން މީހުންގެ ބޭނުންތަކަށާއި އެހެން މީހުންގެ ވަގުތަށް އިސްކަންދޭނެއެވެ. ޕޮޒިޓިވް ޕޮލައިޓްނަސްއިން ދައްކައިދެނީ އެބައިވަންތަކަމެވެ. ވާހަކަދައްކާ ދެފަރާތުގެ ބޭނުމަކީވެސް އެކައްޗެއްކަމެވެ. ހާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީވެސް އެކައްޗެއްކަމެވެ.

ފިނަގަން އާއި ބައިވެރީން ( 1997 - ޞ 354 ) ހާމަކުރާގޮތުގައި " އަހަރެމެން ކޮޓަރިއެއްގައި ބަންދުވެގެން ތިބޭއިރު ނުވަތަ އެކަނިވެރި ހިނގާލުމަކަށް ގޮސް އަތިރިމަތީގައި ހުންނައިރު އަހަރެމެން ބޭނުންވާނީ ނެގެޓިވް ޕޮލައިޓްނަސްއެވެ. މިއާއި ޚިލާފަށް ޕާޓީއަކަށް ގޮސްއުޅޭއިރު ނުވަތަ ރައްޓެއްސަކާއިއެކު ކެއުމަކަށް އިންސާފުކުރާއިރު ބޭނުންވާނީ ޕޮޒިޓިވް ޕޮލައިޓްނަސްއެވެ. ތިބާގެ ރައްޓެއްސަކަށް ވަރަށް އަމިއްލަ ވާހަކައެއް ކިޔައިދިނުމަށްފަހު ހަމްދަރުދީއަށް އުއްމީދުކުރާނަމަ އެތަނުގައި އެބޭނުންވަނީ ޕޮޒޮޓިވް ޕޮލައިޓްނަސްއެވެ."

އެއިޓްޗިޝަން ޖީން ( 1999 - ޞ 104 ) ހާމަކޮށްފައިވެއެވެ.

"- ދޮރު ލައްޕާ!
- އެއްޗެކޭ ހީނުކޮށް ދޮރުލައްޕާލަ ދީފާނަންތަ؟
- މިތަން މިއޮތީ ހާދަހާ ވައި ބަންދުވެފައޭ!

ތިބާ ކޮންމެވެސް މީހަކު ލައްވައި ދޮރުލައްޕަން ބޭނުންވެގެން މަތީގައިވާ ތިން ބުނުމުން ކޮންމެ ބުނުމެއްވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ފުރަތަމަ ބުނުމަކީ ހަމަ ސީދާ އަމުރެކެވެ. އެގޮތަށް ބުނެފިނަމަ ކޮންމެ މީހަކުވެސް ހީކުރާނީ ތިބާއީ އެއްވެސް އަދަބެއްނެތް މީހެއްކަމުގައެވެ."

1973މ. ގައި ރޮބިން ލޭކޯފް ޝާއިޢުކުރި ލިޔުމުން މަޝްހޫރުވި ޕޮލައިޓްނަސް ޕްރިންސިޕަލް މައިގަނޑު 3 މެކްސީމަކަށް ބަހާލާފައިވެއެވެ.  އެއީ:

1- އުނދަގޫ ނުކުރާށެވެ.
2- ފުރުޞަތު ދޭށެވެ.
3- އަޑުއަހާމީހާ ހިތްހަމަޖައްސައިދޭށެވެ. މިއެވެ. އަޒުލިފާ އަޙުމަދު (2006).

ޕޮލައިޓްނަސް ޕްރިންސިޕަލްގެ ފުރަތަމަ މެކްސީމް (އުނދަގޫ ނުކުރާށެވެ.) އަށް ތަބާވުމަށްޓަކައި އަނެކާއަށް އުނދަގޫ ވެދާނެ ކަމަށް ފެންނަ ހުރިހާކަމަކުން ދުރުވާންޖެހެއެވެ. އަދި މިފަދަ ހާލަތެއްގައި ކޮންމެހެން ވާހަކަދައްކަންޖެހިގެން ވާހަކަދައްކާ ނަމަ ނުވަތަ އެފަދަ ފަރާތަކުން ކަމަކަށް އެދޭނަމަ ކޮންމެވެސް ސިފައެއްގައި މަޢާފަށް އެދެންޖެހެއެވެ. އަޒުލިފާ އަހުމަދު (2006) ހާމަކުރާގޮތުގައި "ފުރަތަމަ މެކްސީމްގެ އަލީގައި ލިންގްއިސްޓިކް ގޮތުން މާބޮޑު ބޭނުމެއްނެތް، އެއްވެސް އައު މަޢުލޫމާތެއް ނުހިމެނޭ ޢިބާރާތްތަކުގެ ބޭނުން ވިސްނެއެވެ."  މިފަދަ ޢިބާރާތްތަކަކީ "އެއްޗެކޭ ހީނުކޮށް އެހެރަ ދޮރު ހުޅުވާލަ ދީބަލަ!" މި ބުނުމުގައި މިހިމެނޭ 'އެއްޗެކޭ ހީނުކޮށް' މިފަދަ ބަސްކޯޅިތަކެވެ. މި ބުނުމުގައި 'އެއްޗެކޭ ހީނުކޮށް' މިބަސްކޯޅީގެ ބޭނުމަކީ ދޮރުހުޅުވައި ދިނުމަށް އެދުމުގެ ކުރީން އެކަންކުރުމުގައި އެފަރާތަށް އެއްވެސް ކަހަލަ އުދަގުލެއް ދިމާވެދާނެކަމަށްޓަކައި މަޢާފަށް އެދުމެވެ. އަދި އެފަރާތަށް އިހްތިރާމްކުރާކަން ހާމަކޮށްދިނުމެވެ. މިގޮތުން ޕޮލައިޓްނަސް ޕްރިންސިޕަލްގެ ފުރަތަމަ މެކްސީމްއާއި ޚިލާފްނުވުމަށެވެ.

ޕޮލައިޓްނަސް ޕްރިންސިޕަލްގެ ދެވަނަ މެކްސީމް ( ފުރުޞަތު ދޭށެވެ.) އަށް ތަބަޢަވުމަށްޓަކައި އެދޭ އެދުމާއި ކުރާ އަމުރާއި އާދޭސް ފަދަ ސްޕީޗް އެކްޓްތައް ސުވާލެއްގެ ސިފައިގައި ޢިބާރާތްކުރެއެވެ. މިސާލަކަށް "ފެންފޮދެއް ގެނެސް ދީފާނަންތަ؟" މި ބުނުމަކީ 'ފެންފޮދެއް ގެނެސްދީބަލަ!' މި އަމުރު ސުވާލެއްގެ ގޮތުގައި ޢިބާރާތްކޮށްގެން ޕަރފޯމް ކޮށްފައިވާ ސްޕީޗްއެކްޓެކެވެ. މިގޮތަށް އަމުރު ސުވާލަކަށް ބަދަލުކުރުމުން އެކަންކޮށްދިނުމުގެ ފުރުޞަތުވެސް އަދި އެކަން ކޮށްނުދީ އެކަމަށް އިންކާރު ކުރުމުގެ ފުރުޞަތުވެސް އެ ބުނުން ރައްދުވާ ފަރާތަށް އެވަނީ ލިބިދީފައެވެ. މިގޮތުން އެފަރާތަށް ކުރަންޖެހޭ އަދަބު އިހްތިރާމް ކޮށްގެނެވެ. މިގޮތުން ކަމެއްކުރުވުމަށް އިތުރަށް ބާރު އެޅުމުގެ ގޮތުން، ކުރާސުވާލު ނަފީގެ ނޫނަކާއިއެކު ގެނެއެވެ. ގިނަފަހަރު މިގޮތަށް ނަފީގެ ނޫނު ގެނެސްފައި ހުންނަނީ އާދޭސްކުރާ ހާލަތްތަކުގައެވެ. މިސާލަކަށް "ފެންފޮދެއް ގެނެހެއް ނުދޭނަންތަ؟" މިގޮތަށް ސުވާލު ބަދަލުކުރުމުން  "ފެންފޮދެއް ގެނެސް ދީފާނަންތަ؟" މިހެން ބުނުމަށްވުރެ އިންކާރު ކުރުމުގެ ފުރުޞަތު އެބަހަނިވެއެވެ. އަދި ފެންފޮދެއް ގެނެސްދިނުމަށް މާބޮޑަށް އެދޭކަން ދޭހަވެއެވެ. ނަމަވެސް މި ދެގޮތަކީވެސް ދިވެހިބަހުގައިވެސް ބޭނުންކުރާ، ދެވަނަ މެކްސީމްއާއި ޚިލާފްނުވެ މުވާޞަލާތުކުރެވޭނެ ދެ ސްޕީޗްއެކްޓެވެ.

އަޑުއަހާ މީހާ ހިތްހަމަޖައްސައިދިނުމަކީ ޕޮލައިޓްނަސް ޕްރިންސިޕަލްގެ ތިންވަނަ މެކްސީމްއެވެ. މިގޮތުން ބައެއްފަހަރު އަޑުއަހާ މީހާ ހިތްހަމަޖައްސައި ދިނުމަށްޓަކައި ހަގީގަތް ހާމަކުރަން ފަސްޖެހެން މަޖުބޫރުވާ ހާލަތްތައްވެސް އާދެއެވެ. މިސާލަކަށް: ވަރަށް ގާތްމީހަކު ވަރަށް ބުރަ މަސައްކަތުން ކުރެހުމެއް ކުރަހާ ނިންމާލުމަށްފަހު އެރީތިތޯ ސުވަލުކުރުމުން މި މެކްސީމްއަށް ތަބަޢަވާކަމަށް ވާނަމަ އެކުރެހުން ރީތި ނޫނަސް ރީތި ނޫނެކޭ ނުބުނެވޭނެއެވެ. ކަނޑައެޅިގެން ރީއްޗޭ ނުބުންޏަސް ބުނަން ޖެހޭނީ އޭނާ ހިތްހަމަޖެހޭނެ ކޮންމެވެސް ޢިބާރާތެކެވެ. މިސާލަކަށް 'ތިހާ ބުރަ މަސައްކަތުން ކުރެހި ކުރެހުމެއް ހުތުރު ވާނެތަ؟' މިހެން ބުނެވިދާނެއެވެ. އޭރުން އޭނާއަށް ހިތްހަމަޖެހުންވެސް ހޯދައިދެވުނީއެވެ. އަދި ކަނޑައެޅިގެން ދޮގެއް ނުހަދާވެސް ފަރުޖެއްސުނީއެވެ. މިގޮތުން ތިންވަނަ މެކްސީމްއާއި ޚިލާފްނުވެ މުވާޞަލާތުކުރެވޭނެއެވެ.

މިގޮތަށް ނުސީދާކޮށް ދޮގު ހަދައިގެން ނަމަވެސް މުވާޞަލާތުކުރަން ޖެހެނީ އިޖްތިމާޢީ ގުޅުންތައް ދެމެހެއްޓުމަށްޓަކައެވެ. އަދި އެހެން މީހުންނާއި އެކުގައި މަސައްކަތްކޮށްގެން ކަންތައްތައް ނިންމުމަށްޓަކައެވެ. މިއީ މުވާޞަލާތުކުރުމުގެ މައިގަނޑު ދެބޭނުންކަމަށް ވާތީއެވެ. މިފަދަ ހާލަތްތަކުގައި ދޮގެއް ނުހަދަންވެގެން "ނޫނެކޭ. ތިކުރެހުން ރީޢްޗެއްނޫނޭ" ބުނެފިނަމަ ވަރަށް ބޮޑެތި މައްސަލަތަކާއި ކުރިމަތިވާނެއެވެ. އެގޮތުން ކުރެހުން ރީތިތޯ ސުވާލުކުރިފަރާތް ސުވާލުކޮށްފައި އެވަނީ ކުރެހުން ރީތިވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމަކާއި އެކުގައި ކަމަށްވާތީ ކުރެހުން ރީތިނޫންކަމަށް ބުނުމުން އޭނާއަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން މިދެފަރާތުގެ ގުޅުމަށް ހީނަރުކަން އަންނާނެއެވެ. އަދި އެހެންމީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫޙަށް ބުރޫ އަރާނެއެވެ. ވީމާ މިއީ މުވާޞަލާތުކުރުމުގެ މައިގަނޑު ދެބޭނުމާއި ފުށުއަރާ ކަމަކަށްވާތީ މިގޮތް ބޭނުންކުރުމަކީ ޕޮލައިޓްނަސް ޕްރިންސިޕަލްގެ މެކްސީމްތަކާއި ފުށުއަރާކަމަކަށް ވާނެއެވެ.

މުވާޞަލާތުކުރުމުގެ ދެބޭނުމާއި ފުށުނާރާނޭހެން ވާހަކަދެއްކުމަށް މީހުން ސަމާލުކަން ދިން ނަމަވެސް އަދި ޕޮލައިޓްނަސް ޕްރިންސިޕަލަށް ތަބާވެގެން ވާހަކަދައްކަން އުޅުނުކަމުގައި ވިޔަސް މިކަންތައްތަކާއި ފުށުއަރާ ހާލަތްތައް އާދެއެވެ. ޔޫލޭ ޖޯޖް ( 2000 - ޞ 63 ) ހާމަކުރާ ގޮތުގައި އިމަޖެންސީ ހާލަތްތަކުގައި މިކަންތައްތަކަކަށް ސަމާލުކަމެއް ނުދެވޭނެއެވެ. މިގޮތުން 'މިތަނުން ދުރައްދޭ' ، 'ތީގައި އަތްނުލާ!' މިފަދަ އަމުރުތައް ކުރިނަމަވެސް އެ އަމުރު އެކުރީ އަމުރު ކުރުމުގެ ފެލިސިޓީ ކޮންޑިޝަން ހަމަވެގެން ކަމުގައި ވާނަމަ އަޑުއަހާ މީހާ އެކަމަކަށް ކިޔަމަންވާނެއެވެ. އަދި ޕޮލައިޓްނަސްއަށް ތަބާނުވާތީ ނުވަތަ މުވާޞަލާތު ކުރުމުގެ ދެބޭނުމާއި ފުށުއަރާތީ މައްސަލައެއްވެސް ނުޖައްސާނެއެވެ. މިސާލަކަށް:

"ރަށުގެ އެންމެ ބޮޑު ކަންވެރިޔާ ޖަޢުފަރުގެ ބޯލާކޮޅުގައި ހުރެ ދުންބަހައްޓައިގެން ކިޔަވައެވެ. ނަމަވެސް ވާކަމެއް ޙަރާމެވެ. ގެންފައި ހުރި ބިރުގައި ޖަމީލުގެ އަޑަށް ދުވަހަކުވެސް ނާންނަ އަމުރުވެރި ރާގެއް ވެރިވިއެވެ. ވަގުތުން ހުރިހާ މީހުން ގެއިން ނުކުންނަން އެންގިއެވެ."
އިބްރާހިމް ޙުސައިންމަނިކު. ( 1998- 11،12 ) ތޮއްޑޫ ދަތުރު" މިވާހަކައިން ނަގާފައި.....

މަތީގައިވާ ލިޔުންކޮޅުގައި ފާހަގަކުރެވިފައި އެވާ ބުނުމަށް ބަލާއިރު މިއީ ޕޮލައިޓްނަސް ޕްރިންސިޕަލަށް ތަބާވާ ބުނުމެއް ނޫނެވެ. ނަމަވެސް މިހާލަތުގެ ސަބަބުން އެ ބުނުން ޕޮލައިޓްނަސްއާއި ޚިލާފް (ވައިލޭޓް) ވިޔަސް އެއީ އަޑުއަހާމީހުންނަށް އަދަބު އިހްތިރާމް އަދާނުކުރީކަމުގައެއް ނުބެލެވެއެވެ. ސަބަބަކީ ބަލިވެ އޮތް ޖަޢުފަރަކީ ޖަމީލަށް ބޮޑުބޭބޭ ކިޔާ ކުއްޖަކަށް ވުމުގެ އިތުރަށް ޖަމީލު ނުހަނު ލޯބިވާ ކުއްޖެއް މެއެވެ. ޖަޢުފަރު އޮތް ގެއަކީ ޖަމީލުގެ ކޮއްކޮ ޖަމާލުގެ ގެއެވެ. އެވަގުތު ޖަޢުފަރުގެ ކަންތައްތައް ބެލެހެއްޓުމާއި އިސްކޮށް ހަވާލުވެ ހުރީ ޖަމީލެވެ. ގޭތެރެއަށް މީހުން އެއްވެ ތޮއްޖެހިފައި އޮތުމުން ބަލިވެ އޮތް ކުއްޖާއަށް ފަރުވާ ކުރުމަށް އުނދަގޫވެ ގޭތެރެ ހާސްވާނެއެވެ. އެއްވެ ތިބި މީހުންނަކީ ހަމަ އެކަނި މަންޒަރު ބެލުމަށް އައިސްތިބި ބަޔަކަށް ވާތީ އެމީހުންނަކީ އެތަނަށް ބޭނުން ބައެއްވެސް ނުމެނޫންމެއެވެ. ވުމާއި އެކު ޖަމީލު ބުނި ބުނުމަކީ ފެލިސިޓީ ކޮންޑިޝަން ހަމަ ބުނުމެކެވެ.

"ހުނ. ހޫނ. ކަލޭ ދާތާކަށްދޭ. މަގެއް ކުޑައެއްނޫން." ނަފްރަތުން ފުރިގެންވާ އަމިއްލަ އަޑު ކަންފަތުގައި ޖެހުމުން ޚުދު ޢާދިލުވެސް އަންތަރީސްވިއެވެ. ސަމީރު ބައިސްކަލުން ފޭބިއެވެ. "މިއައީ ޢާދިލު ހޯދަން. ކޮންރާގަކަށްތި ވާހަކަދައްކަނީ؟."
އިބްރާހިމް ޙުސައިންމަނިކު. ( 1998- 90 ) "ދެބީރައްޓެހިން" މިވާހަކައިން ނަގާފައި.....

މަތީގައިވާ ޑައިލޮގް ކޮޅުގައި ޢާދިލް ބުނެފައިވާ ބުނުމަކީ ޕޮލައިޓްނަސްއާއި ފުށުއަރާ ބުނުމެކެވެ. މިކަން ޢާދިލްގެ ބުނުމަށް ސަމީރު ދީފައިވާ ޖަވާބުންވެސް ހާމަވެއެވެ. ޢާދިލް ވާހަކަދެއްކި ރާގާއި މެދު ސަމީރު ހުރީ ހިތްހަމަނުޖެހިފައެވެ. މިއިން އެނގޭ އެއްޗަކީ އާދިލު އެހެން އެބުނީ އެބުނުން ބުނުމަށް އެކަށީގެންވާ ހާލަތެއްގައި ނޫންކަމެވެ. އަދި އާދިލަކީ ސަމީރާއި ދިމާއަށް އެފަދަ އެއްޗެއް ބުނަން އެކަށީގެންވާ މީހެއްވެސް ނޫންކަމެވެ. ވީމާ ފެލިސިޓީ ކޮނޑިޝަން ހަމަނުވާ ހާލަތްތަކުގައި މިފަދަ "ހުނ. ހޫނ. ކަލޭ ދާތާކަށްދޭ." ބުނުންތައް ބޭނުން ކުރުމުގެ ސަބަބުން ޕޮލައިޓްނަސް ޕްރިންސިޕަލް އާއި ޚިލާފް (ވައިލޭޓް) ވުމުގެ އިތުރަށް މުވާޞަލާތު ކުރުމުގެ ދެބޭނުމާއިވެސް ފުށުއަރާނެއެވެ. އެކަމުގެ ސަބަބުން އިޖުތިމާޢީ ގުޅުންތަކަށް ބުރޫއަރާނެއެވެ. އާދިލް، ސަމީރާއި މެދު ހިތްހަމަ ނުޖެހިފައި ވާނަމަ ސަމީރާއި ރީތިގޮތުގައި ވާހަކަދައްކައިގެން އެމައްސަލަ ހައްލުކުރަން އުޅުނު ނަމަ ފަސޭހައިން ހައްލުވީހެވެ. މިހާރު މިވީގޮތުން އިތުރަށް މައްސަލަ އުފެދި ހިތްހަމަ ނުޖެހުން އިތުރުވީއެވެ. މައުމޫން އަބުދުލްޤައްޔޫމް (1989- ޞ 15 ) މިފަދަ ހާލަތްތަކާއި ބެހޭގޮތުން ވިދާޅުވެފައިވަނީ "ރުޅިވެރިކަމާއި ނުރުހުމުގެ ހޫނުގަނޑުގެ ތެރޭގައި އަޑުގަދަނުކޮށް، އަދަބާއި ޚިލާފް ބަސްބަހާއި ޢިބާރާތްތައް ބޭނުންނުކޮށް، މަޑުމައިތިރިކަމާއިއެކު ވާހަކަދެއްކޭނީ ހަމައެކަނި މާތްމީސްމީހުންނަށެވެ."

ކޮންމެ މުޖުތަމަޢެއްގައިވެސް ވާހަކަދެއްކުމުގައި އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމަށް ވިސްނައެވެ. ނަމަވެސް އެކި މުޖުތަމަޢުގައި ގަބޫލުކުރެވޭ / ނުކުރެވޭ ކަންތައްތައް ތަފާތުވެދާނެއެވެ. މިގޮތުން ތާފާތު އެންމެ ބޮޑަށް ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:

- ވާހަކަދައްކާއިރު އެކަކުވެސް އަނގައިން ނުބުނެ ދޫކުރެވޭ ހުސްވަގުތު.
- ހުށަހެޅުން ގަބޫލުކުރުމުގައި ނުވަތަ ނުކުރުމުގައި ގެންގުޅޭ އުސޫލުތައް.
- ތަޢުރީފް ބަލައިގަންނަ ގޮތް. ހިމެނެއެވެ. (އަޒުލިފާ އަޙުމަދު - 2006)

އަދަބު އިހްތިރާމްގެ ގަވާޢިދަކީ ވަރަށް ބޮޑަށް އެބައެއްގެ އާދަކާދައާއި ސަގާފަތަށް ބުރަވާ އެއްޗެކެވެ. އެއްބައެއްގެ ސަގާފަތުގައި އަދަބުކުޑަ ކަމަކަށް ވާކަމެއް އެހެން ބައެއްގެ ސަގާފަތުގައި އެފަދަކަމަކަށް ނުވެ ހިނގައިދާނެއެވެ. އަޒުލިފާ އަޙުމަދު (2006) ވިދާޅުވެފައިވާގޮތުގައި ބްރައުން އާއި ލެވިންސަން 1978ގައި އެކިމުޖުތަމަޢުތަކުގައި ޕޮލައިޓްނަސް ޕްރިންސިޕަލް ބޭނުންކުރެވޭގޮތް ބެލުމަށް ކުރި ދިރާސާތަކުން ފެނުނު ގޮތުގައި އެކި މުޖުތަމަޢުތަކުގައި ވާހަކަދެއްކުމާއި އަދަބު އިޙްތިރާމް އަދާކުރާގޮތް ތަފާތު ނަމަވެސް ހުރިހާ މުޖުތަމަޢެއްގައިވެސް މިކަން ކޮންމެވެސް ސިފައެއްގައި އޮވެއެވެ. އަދި އެ ހުރިހާ ގޮތްތަކަކީވެސް ވަރަށް އެއްގޮތް އަސްލަކުން އައިސްފައިވާ ކަންތައްތަކެވެ.

މިގޮތުން ދިވެހީން އަދަބު އިހްތިރާމް އަދާކުރަން ގެންގުޅޭ ގޮތްތަކަކީ އެހެން ގައުމެއްގެ ބަޔަކު ގެންގުޅޭ ގޮތްތަކަކަށް ނުވެވެސް ހިނގައިދާނެއެވެ. އަދަބު އިހްތިރާމް އަދާކުރުމަކީ ހަމައެކަނި ދައްކާ ވާހަކައިން ކުރާ ކަމެއް ނޫނެވެ. ތިމާގެ ބަހާއި ޢަމަލުން މިކަން ދެއްކިދާނެއެވެ. މިގޮތުން އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގައި ވަކި ބާވަތެއްގެ ހެދުމެއް އެޅޭނީވެސް ކަނޑައެޅިފައިވާ ފެންވަރެއްގެ ބަޔަކަށެވެ. މީގެ އިތުރުން ތަޢުލީމް ޙާޞިލްކުރުން ފަދަ އަސާސީ ބޭނުންތައްވެސް ޚާއްޞަކުރެވިފައިވަނީ މި ގަވާޢިދުގެ މަތީންނެވެ. މިއިން ދައްކުވައިދެނީ އެދުވަސްވަރު ދަރަޖައިގެ ތަފާތުކުރުންތައް އޮތްވަރާއި އެފަދަ މަތީ ދަރަޖަ ދެވިފައިވާ ފަރާތްތަކަށް ކުރަންޖެހޭ ގަދަރާއި އިހްތިރާމެވެ.

ރަނިން:    އެހެންވިއްޔާ މަބުނިކަމެއް ކޮށްދީފާނުތަ؟

އުނބުށޭމު:   އާދެ! ނުކެރޭނީ ކީއްވެގެންތޯ؟ އަޅުގަނޑަކީ ހަމަ ތިޔަބޭފުޅުންގެ މަސްގަނޑެއް ނޫންތޯ؟

ރަނިން:    މިރޭ އިރުއޮއްސުނީމާ މަ ތައްޔާރުކުރާނަން އަޑަފި ރުމާކޮޅެއް. އެރުމާކޮޅު ހިފައިގެންގޮސް ކަޅު މުޙައްމަދު  މަނިކުފާނު  އަތްޕުޅަށް އަރުވާ. އެރުވީމާ ވިދާޅުވާނެ ކާކު ކުޅަ ހަދިޔާއެއްހޭ؟ ދަންނަވާ ބުރަކިރަނިން ކުރެއްވި ހަދިޔާއެކޭ! ވިދާޅުވާނެ އެކަމަނާ ވަކިއެއްޗެއް ވިދާޅުވިހޭ؟ ދަންނަވާ! އާދޭހޭ! ބުރަކިރަނިން ވިދާޅުވިޔޭ މީހުން ނިދައި، ފައިހިލަވަޅު އޮބުނީމާ، ހަކުރާ ގަނޑުވަރަށް ވަޑައިގެން ބައްލަވާށޭ! މިކަންތައް ކޮށްދޭން ކެރޭނެތަ؟

އުނބުށޭމު:  އާދެ! ނުކެރޭނީ ކީއްވެގެންތޯ؟ އަޅުގަނޑަކީ ހަމަ ތިޔަބޭފުޅުންގެ މަސްގަނޑެއް ނޫންތޯ؟
މުޙައްމަދު ޖަމީލް ( 1988 – 63،64 ) "ބުރަކި ރަނިން ޑްރާމައިން ނަގާފައި."

މަތީގައިވާ ޑައިލޮގްކޮޅުން ދައްކައިދެނީ ރާއްޖޭގައި ގަނޑުވަރުތެރޭ ބޭފުޅުން އުޅުއްވިޒަމާން، އާދެ! ރާއްޖޭގައި ވިރާސީ ރަސްކަން ކުރެވެމުން ދިޔަ ދުވަސްވަރު އެފަދަ ގަނޑުވަރުތެރޭ ބޭފުޅުން ވާހަކަ ދެއްކެވުމުގައި ޕޮލައިޓްނަސް ބޭނުންކޮށްފައިވާ ގޮތެވެ. މިޑައިލޮގްކޮޅުގައި ފުރަތަމަ ރަނިން ބުނެފައިވާ ބުނުން "އެހެންވިއްޔާ މަބުނިކަމެއް ކޮށްދީފާނުތަ؟" މިއީ އުނބުށޭމު ކައިރިން ކަމަކަށް އެދިފައިވާ އެދުމެކެވެ. ރަނިންގެ ގަދަރާއި އިއްޒަތަށް ބަލާއިރު އަދި އުނބުށޭމަކީ އެބޭފުޅުންގެ ނޯކަރަކަށް ވާއިރު ރަނިންނަށް "އަހަންނަށް މިކަންތައް ކޮށްދޭށޭ" ބުނެ އަމުރުވެސް ކުރެވިދާނެއެވެ. ނަމަވެސް މިތަނުގައި ރަނިން މިވަނީ ޕޮލައިޓްނަސް ބޭނުންކޮށްފައެވެ. މިގޮތުން އަމުރުކުރުމުގެ ބަދަލުގައި އޭނާގެ އެދުން ސުވާލެއްގެ ސިފައިގައި ހުށަހަޅާފައެވެ.  އުނބުށޭމަށްވަނީ އެކަންތައް ކޮށްދެވެން ނެތްނަމަ އިންކާރު ކުރުމުގެ ފުރުޞަތު ލިބިދީފައެވެ. މިގޮތުން ރަނިން އެވަނީ ޕޮލައިޓްނަސްގެ ދެވަނަ މެކްސީމްކަމަށްވާ 'ފުރުޞަތު ދޭށެވެ.' އަށް ތަބާވެފައެވެ. އަނެއްކާ ކުރަންވީ ކަންތައް ބަޔާންކުރުމަށް ފަހުވެސް ރަނިން ވަނީ އޭނާގެ އެދުން "މިކަންތައް ކޮށްދޭން ކެރޭނެތަ؟" ތަކުރާރުކޮށް ހުށަހަޅާފައެވެ.

ރަނިން އެދިފައިވާ އެދުމަށް އުނބުށޭމު ދީފައިވާ ޖަވާބަށް ބަލާއިރު ފާހަގަކުރެވޭ ކަމަކީ ޕޮލައިޓްނަސްގެ ތިންވަނަ މެކްސީމް ކަމަށްވާ 'އަޑުއަހާ މީހާ ހިތްހަމަ ޖައްސައިދޭށެވެ.' އަށް ވަރަށް ބޮޑަށް ތަބަޢަވެ ވާހަކަ ދައްކާފައި ވާކަމެވެ. މިގޮތުން ރަނިން އެދިފައިވާ އެދުން ފުއްދައިދޭނެ ކަމަށް ބުނުމަށްފަހު ބުނެފައިވާ "އަޅުގަނޑަކީ ހަމަ ތިޔަބޭފުޅުންގެ މަސްގަނޑެއް ނޫންތޯ؟" މި ބުނުމަކީ ރަނިންގެ ހިތްހަމަޖައްސައި ދިނުމަށް ބޭނުންކޮށްފައިވާ ބުނުމެކެވެ.

މަތީގައިވާ ޑައިލޮގްކޮޅުން ފާހަގަކުރެވޭ އިތުރު ކަންތައް ތަކަށް ބަލާއިރު ދިވެހިބަހުން ވާހަކަ ދެއްކުމުގައި ބޭނުން ކުރާ ތިން ދަރަޖަ ބަސްކޮށާރުން ފާހަގަކުރެވެއެވެ. މިގޮތުން ދިވެހިބަހުގައި މިބޭނުން ކުރެވޭ ތިން ދަރަޖަ ހާމަކޮށްދޭ ލަފުޒު ތަކަކީވެސް އެކަކު އަނެކަކަށް އިހްތިރާމްކުރާ މިންވަރު ދައްކައިދޭ ލަފުޒުތަކެކެވެ. އަދި މިކަމުގެ ސަބަބުން މުޚާތަބުކުރެވޭ ފަރާތަށް ހިތްހަމަޖެހުން ލިއްބައިދެއެވެ. އަދި އެފަރާތަކަށް ނިސްބަތްކުރަންޖެހޭ ދަރަޖައިން މުޚާތަބު ނުކޮށްފިނަމަ އެފަރާތަކާއި ދޭތެރޭ ހިތްހަމަ ނުޖެހުން އުފެދެއެވެ. މިގޮތުން ބަލާނަމަ ޕޮލައިޓްނަސްގެ ތިންވަނަ މެކްސީމަށް ތަބަޢަވެ އަޑުއަހާ މީހާ ހިތްހަމަޖައްސައި ދެނީ ކަމުގައި ބެލިދާނެއެވެ.

މޭނާ:      އަހަރެން  މިހާރު މިހެން ބަލަން އޮވެއޮވެވެސް ފޫހިވެދާން އުޅެޔޭ. ހާދަހާވާ ކަވި މަސައްކަތެކޭ.

ސިއްތީފާނު: ( އެލިބާސް ކުރިމަތީހުރި މޭޒު މައްޗަށް އެއްލާލާފައި ) އުހް! މިބޭއްވީޔޭ. އަޅުގަނޑު ކުރާ ކަންތައްތައް ބައްލަވާން އޮންނަވާންވެސް ކަލޭފާނު ފޫހިވާހެން އަޅުގަނޑަށްވެސް ހީވާތާ ދުވަސްކޮޅެއް ވެއްޖެޔޭ.

މޭނާ:    ނާނާ! އަދި ތިޔަ ލިބާސް އިހުހިފައިގެން އެއިންހެން ނިކަން އިނދެބަލާށޭ. އެހެން އިނީމާ ރީތިމެޔޭ.
ޙުސައިން ސަލާޙުއްދީން. ( 2000- ޞ 182 ) " ދޮންބީފާނު ވާހަކައިން...."

މަތީގައިވާ ޑައިލޮގް ކޮޅުގައިވާ ވާހަކަތަކަށް ބަލާއިރުގައި ޕޮލައިޓްނަސް ބޭނުންކޮށްފައިވާ ކަމަށް ފާހަގަކުރެވެއެވެ. މިގޮތުން 'މޭނާ' އެންމެ ފަހުން ބުނެފައިވާ  " ނާނާ! އަދި ތިޔަ ލިބާސް އިހުހިފައިގެން އެއިންހެން ނިކަން އިނދެބަލާށޭ. އެހެން އިނީމާ ރީތިމެޔޭ." މި ބުނުމަކީ ކުރިން މޭނާ ބުނެފައިވާ ބުނުމުގެ ސަބަބުން ސިއްތީފާނުގެ ހިތުގައި އުފެދުނު ޝައްކާއި ވަހުމް އަދި ހިތްހަމަ ނުޖެހުން ފިލުވާލައި ހިތްހަމަޖައްސައިދިނުމަށް ބުނެފައިވާ ބުނުމެކެވެ. ވީމާ މޭނާ މިވަނީ ޕޮލައިޓްނަސްގެ ތިންވަނަ މެކްސީމަށް ތަބަޢަވެ އަޑުއަހާމީހާ ހިތްހަމަޖައްސައި ދީފައެވެ.

އެކަމަނާ:   ތެދަށް ނަންގެންފިއްޔާ ދެން އަޅުގަނޑު ދާނެ ތާކަށްދާން ދޫކުރައްވައި ފާނުތޯޔޭ!

ވަޒީރު:     އާއެކޭ! އަހަރެމެން ބަލާން ހުރި ގޮތްގޮތުން ބަލައި ދޮގު ތެދު ވަކިވުމުން އެދެން ވީއްލުނީޔޭ.
ޙުސައިން ސަލާޙުއްދީން. ( 2000- ޞ 218 ) " ދޮންބީފާނު ވާހަކައިން...."

މަތީގައިވާ ޑައިލޮގްކޮޅުގައި 'އެކަމަނާ' ގެ ބުނުމަކީ ޕޮލައިޓްނަސް ޕްރިންސިޕަލްގެ ދެވަނަ މެކްސީމްކަމަށްވާ 'ފުރުޞަތު ދޭށޭ' އަށް ތަބަޢަވެ ބުނެފައިވާ ބުނުމެކެވެ. ސަބަބަކީ އެކަމަނާ ވަޒީރު ގާތުން އެދިފައިވާ އެދުމަކީ ވަޒީރަށް އެކަމަނާ އެއެދުނު އެދުމަށް އިންކާރުކުރަން ބޭނުންނަމަ އެކަމަށް އަދި އެއްބަސްވާން ބޭނުންނަމަ އެކަމަށްވެސް ފުރުޞަތު ދީފައި އެދިފައިވާ އެދުމެކެވެ. ނަމަވެސް ވަޒީރަށް ލިބިފައިވާ އިންކާރު ކުރުމުގެ ފުރުޞަތުގެ ބަދަލުގައި ބޭނުންކޮށްފައިވަނީ އެއްބަސްވުމުގެ ފުރުސަތެވެ.

ކާސިންފުޅު:    އައްސަލާމް ޢަލައިކުމް.

މޭނާ:        ވަޢަލައިކުމުއްސަލާމް. ތިޔަ ދުރުވަނީ ކޮންތާކަށްތޯ.

ކާސިންފުޅު:    މިދަނީ ގޭދޮށަށް.
ޙުސައިން ސަލާޙުއްދީން. ( 2000- ޞ 248 ) " ދޮންބީފާނު ވާހަކައިން...."

މަތީގައިވާ ޑައިލޮގްކޮޅުންވެސް ދައްކައިދެނީ ދިވެހިބަހުގައި ޕޮލައިޓްނަސް ބޭނުންކޮށް އުޅޭ ވަރަށް ރީތި ގޮތެކެވެ. އެއީ އެކަކު އަނެކަކާއި ބައްދަލުވުމުގައި ފުރަތަމަ ސަލާމް ކުރުމެވެ. އެކަކު އަނެކަކާއި ބައްދަލުވާއިރަށް ފުރަތަމަ އަމިއްލަ ވާހަކަތައް ފަށައި ވާހަކަދައްކަން ފެށުމުގެ ބަދަލުގައި ފުރަތަމަ ސަލާމްކުރުމަކީ އިސްލާމީ ރިވެތި އާދައެކެވެ. އަދި އެކަކު އަނެކަކަށް އިހްތިރާމްކޮށް ގަދަރުކުރާކަން ދޭހަކޮށްދޭ ކަމެކެވެ. އަދި ދެން ދައްކަންއޮތް ވާހަކައަށް ތަން ހޯދުމަށްވެސް ފުރަތަމަ ސަލާންކުރުން ވަރަށް މުހިއްމެވެ.

ސިއްތި ޠާހިރާ:   ބަލަ ތިޔަދަނީ މަށަށްވެސް އަދި ބޭގަމް ސާހިބަށްވެސް ސަލާމްނުކޮށޭ. ކަމަކު ނުދާނެޔޭ.

ޖަލްޖަލާ:       އަޅުގަނޑު މިހިރީ ގިތެޔޮ ނަގާފައި އަތްވެސް ނުފުހެޔޭ. މާފުކުރައްވާށޭ.
ޙުސައިން ސަލާޙުއްދީން. ( 2000- ޞ 311 ) " ދޮންބީފާނު ވާހަކައިން...."

މަތީގައިވާ ޑައިލޮގްކޮޅުގައި 'ޖަލްޖަލާ' ބުނެފައިވާ ބުނުމަށް ބަލާއިރު ދިވެހި ބަހުގައި ޕޮލައިޓްނަސް ބޭނުންކޮށްއުޅޭ ވަރަށް ރީތި ގޮތެއް އެބަ ފާހަގަކުރެވެއެވެ. އެއީ އޭނާއަށް 'ސިއްތި ޠާހިރާ' ހިތްހަމަ ނުޖެހޭ ގޮތަކަށް ކަންތައް ކުރެވުނީތީ މަޢާފަށް އެދިފައި ވާތީއެވެ. އަދި އޭނާއަށް ސަލާމް ނުކުރެވުނު ސަބަބުވެސް ވަރަށް ރަގަޅަށް ބުނެދީފައި އެބަވެއެވެ. މިގޮތުން އަޑުއަހާމީހާ ހިތްހަމަޖައްސައި ދިނުމުގެ ސަބަބުން ޕޮލައިޓްނަސް ޕްރިންސިޕަލްގެ ތިންވަނަ މެކްސީމަށް ތަބަޢަވެފައި އެބަވެއެވެ.  އަދި މަޢާފަށް އެދުމަކީ ފުރަތަމަ މެކްސީމް 'އުނދަގޫ ނުކުރާށެވެ' އަށް ތަބަޢަ ނުވެވުނީތީ އެކަމަށް މަޢާފަށް އެދި ބުނެފައިވާ ބުނުމެކެވެ. މިގޮތުން ޖަލްޖަލާ އަކީ ސިއްތި ޠާހިރާއަށް  ގަދަރާއި އިޙްތިރާމްކުރާ މީހެއްކަން އެބަހާމަވެއެވެ. އަދި  ދެ މީހުންގެ ވާހަކައިގައި ބޭނުންކޮށްފައިވާ ލަފުޒުތަކުގެ ތަފާތަށް ބަލައިލުމުން ދެމީހުންނަކީ ދިވެހި ބަހުގައި ބޭނުންކުރާ ދަރަޖަތަކުގެ ތެރެއިން ތަފާތު ދެ ދަރަޖައަކުން މުޚާތަބު ކުރެވޭ ދެފަރާތްކަން ހާމަވެއެވެ. އެއީ ސިއްތި ޠާހިރާ ބޭނުންކޮށްފައިވާ ' ބަލަ ތިޔަދަނީ ، މަށަށްވެސް ' މިލަފުޒުތަކުން އޭނާ ޖަލްޖަލާއަށް މުޚާތަބުކުރަނީ އެންމެ އާދައިގެ ބަހުރުވައިންކަން ހާމަވެއެވެ. އަދި ' އަޅުގަނޑު ، މާފުކުރައްވާށޭ ' މިލަފުޒުތައް ބޭނުން ކޮށްފައިވުމުން ޖަލްޖަލާ ސިއްތި ޠާހިރާ އާއި މުޚާތަބުކުރަނީ މާތްދަރަޖައިންކަން ހާމަވެއެވެ.

މިޒަމާނުގައި މިދެންނެވިފަދަ ފެންވަރުގެ ތަފާތުކުރުން ތަކުގެ ސަބަބުން ދިރިއުޅުމުގެ އަސާސީ ބޭނުންތައް ނުފުއްދިފައި ތިބެންޖެހޭ ބަޔަކު ނެތަސް މިހާރުވެސް ތަފާތު ދަރަޖައިގެ މީހުންނަށް މުޚާތަބުކުރުމުގައި ބޭނުންކުރާ ބަސްކޮށާރު ތަފާތެވެ. މިއީ ފެށުނީއްސުރެވެސް އަޅުގަނޑުމެން ދިވެހީން އަދަބު އިހްތިރާމް އަދާކުރުމުގައި ގެންގުޅޭ ޢާންމު އުސޫލެވެ. ވާހަކަދެއްކުމުގައި މުޚާތަބުކުރެވޭ ފަރާތަކާއި އެކަށިގެންވާ ދަރަޖައެއްގެ ބަސްކޮށާރެއް ބޭނުންކުރުމެވެ. މިގޮތަށް މިބަސްކޮށާރު ބޭނުން ކުރުމާއިއެކުވެސް ޕޮލައިޓްނަސްގެ މެކްސީމްތަކަށް ތަބާވެ ވާހަކަދައްކާކަން ފާހަގަކުރެވެއެވެ.

"އާޞިމާމެން އޮފީހުން ފޮޓޯކޮޕީއެއް ހައްދަވައި ދެއްވަފާނަންތޯ؟ މިއުޅެނީ ކަސްޓަމަށް ހުށަހަޅަންޖެހޭ އިންވޮއިހުގެ ކޮޕީއެއް ހައްދަންޖެހިގެން. ރަޝީދުގެ ފޮޓޯކޮޕީ މެޝިން އަދި ހުރީ ގެނައިގޮތަށް ކަސްޓަމުގާ."

"އަސްލު ފޮނުވައިފިއްޔާ ހަދައިދީފާނަން."
އިބްރާހިމް ޙުސައިންމަނިކު. ( 1998- 63،64 ) "އާއަހަރުގެ ޕާޓީ" މިވާހަކައިން ނަގާފައި.....

މަތީގައިވާ ޑައިލޮގްކޮޅަށް ބަލައިލުމުން ދިވެހިބަހުގައި އަދަބު އިހްތިރާމްކުރުމަށް ބޭނުންކުރާ ދަރަޖައިގެ ތަފާތުތައް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެއީ ރަޝީދުގެ ބުނުމުގައި 'ހައްދަވައި ދެއްވަފާނަންތޯ' މިބަސްކޯޅިން އާޞިމާއަކީ މާތްދަރަޖައިން މުޚާތަބުކުރެވޭ ފަރާތެއްކަން ދޭހަވެއެވެ. މީގެ އިތުރުން ރަޝީދު، އާޞިމާގެ ގާތުން ފޮޓޯކޮޕީ ހަދައިދިނުމަށް އެދިފައި އެވަނީ އާޞީމާ ބޭނުންނަމަ ރަޝީދުގެ އެދުމަށް އިންކާރު ކުރުމުގެ ފުރުޞަތު ދީގެނެވެ. ވިމާ ރަޝީދު ވާހަކަދައްކާފައި އެވަނީ ޕޮލައިޓްނަސް ޕްރިންސިޕަލްގެ ދެވަނަ މެކްސީމް 'ފުރުޞަތު ދޭށެވެ.' އަށް ތަބަޢަވެ ހުރެއެވެ. މިކަންތައްތަކުން ރަޝީދު، އާޞިމާއަށް ކުރާ ގަދަރާއި އިޙްތިރާމް ހާމަވެއެވެ.

މަރިޔަމް ދަހިވެތި ލޮލަކުން ރަންފަށަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އަނގައިންވެސް ނުބުނެ ރަންފަށް އަނބުރާ މަތީނަށް ދިނެވެ.

"އަނެއްކާ ބޭނުން ނޫނީތަ؟" މަތީނު ލޯބޮޑު ކޮށްލިއެވެ.

މަރިޔަން ފިނި ނޭވާއެއް ލިއެވެ. އަދި އިސްޖާހަލައިގެން ހުރެ ބުންޏެވެ.

"މަތީނު އަހަރެންގެ މައްޗަށް ހިތްބަރު ނުކުރާނެކަމަށް ހީކުރަން."

"ހިތްބަރޭ. އަހަރެންގެ ހިތް ހެޔޮ." މަތީނު މަރިޔަންގެ ވާހަކަ މެދު ކަނޑާލަމުން ބުންނެވެ.
އިބްރާހިމް ޙުސައިންމަނިކު. ( 1998- 20 ) "ދިންނެވުން" މިވާހަކައިން ނަގާފައި.....

މިޑައިލޮގްކޮޅަށް ބަލައިލުމުން ދިވެހިބަހުގައި ބޭނުންކުރާ ދަރަޖައިގެ ތަފާތުތައް ފެންނާކަށް ނެތެވެ. ނަމަވެސް ދެ މީހުންވެސް ވާހަކަދައްކާފައިވަނީ އެކަކު އަނެކަކަށް އަދަބު އިހްތިރާމްކޮށްގެންކަން ހާމަވެއެވެ. މިގޮތުން ބަލާއިރު މަރިޔަން ރަންފަށަށް ބަލައިގެން ހުރިގޮތުން މަރިޔަން އެފަށް ބޭނުންވެފައިވާވަރު ހާމަވެއެވެ. ނަމަވެސް މަތީނުގެ އެދުމަށް އިޖާބަދެވެން ނެތުމުން ރަންފަށް އަނބުރާ މަތީނަށް ދިން ދިނުމުން އެކަމަށްޓަކައި މަތީނުގެ ކިބައިން މަޢާފަށް އެދޭކަން ހާމަވެއެވެ. ވީމާ މަތީން، މަރިޔަންއަށްޓަކައި އުފުލި ބުރަޔަށްޓަކައި މަރިޔަން އެވަނީ ދެރަވެ މަޢާފަށް އެދިފައެވެ. އެގޮތުން މަރިޔަން އެވަނީ ޕޮލައިޓްނަސްގެ ދެވަނަ ފުރަތަމަ މެކްސީމް 'އުނދަގޫނުކުރާށޭ" ވައިލޭޓްކުރެވުނުކަމަށްޓަކައި މަޢާފަށް އެދި ޕޮލައިޓްނަސްއަށް ތަބަޢަވެފައެވެ. އޭގެ ބަދަލުގައި މަތީން އެދޭ ކަންތައް ކޮށްދެވެން ނެތުމުންނެވެ. "މަތީނު އަހަރެންގެ މައްޗަށް ހިތްބަރު ނުކުރާނެކަމަށް ހީކުރަން." މިއީ މަރިޔަން، މަތީނުގެ ކިބައިން މަޢާފަށް އެދުމަށް ބޭނުންކޮށްފައިވާ ބުނުމެކެވެ. މީގެ ޖަވާބުގައި މަތީން ބުނެފައިވާ "ހިތްބަރޭ. އަހަރެންގެ ހިތް ހެޔޮ." މި ބުނުމުން މަރިޔަންގެ ހިތްހަމަޖައްސައިދީ ޕޮލައިޓްނަސްގެ ތިންވަނަމެކްސީމަށް ތަބާޢަވެފައި އެބަވެއެވެ. އެއީ މަތީން، މަރިޔަންއަށް ހިތްބަރު ނޫންކަން ހާމަ ކުރުމާއިއެކު އިތުރަށް 'ހިތްހެޔޮ' މިޢިބާރާތް ގެނެސްގެނެވެ.

"ހާސަރަކީ .......ކަލޭ (ސަމީރު) މީހަކާއިންރޭގެ ޖާފަތަށް ބީރައްޓެއްސަކަށް ވާތީ މަށަށް ނުކީވާހަކަ." އާދިލްގެ އަރު ބެދުނެވެ.

"ޢާދިލް ވަރަށް ބޮޑަށް މަޢާފްކުރޭ. ކައިވެނީގެ ދުވަހާއިރޭ ވެފައިހުރި މަސްތުގައި ޢާދިލުމަތިން ކުޑަކޮށްވެސް ހަނދާންނުވީ." "ހަނދާން ނުވީއޭ."

"ހަމަރަގަޅަށްވެސް. އަމުދުން އެހެން އެވީ ދަޢުވަތުގެ ލިސްޓް ތައްޔާރުކޮށް ކާޑުތައް ބެހުން އިންތިޒާމްކުރެއްވީ މައިދައިތަމެންކަމުން. ޢާދިލު ދެން ހިތްކުޑައި ނުކުރޭ... ތިއީ މަގޭ ދެދުނިޔޭގެ ރަހުމަތްތެރިޔާ."
އިބްރާހިމް ޙުސައިންމަނިކު. ( 1998- 90 ) "ދެބީރައްޓެހިން" މިވާހަކައިން ނަގާފައި.....

މަތީގައިވާ ޑައިލޮގްކޮޅުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިލާއިރު ފާހަގަކުރެވޭ ކަމަކީ ޢާދިލަށް ސަމީރުގެ ފަރާތުން ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިފައިވާ ކަމެވެ. އެއީ ޢަދީލަށް ސަމީރުގެ ކައިވެނި ޕާޓީގެ ދަޢުވަތު ނުދިނީމައެވެ. އެކަމަށް މަޢާފަށް އެދި ސަމީރު އެވަނީ ޕޮލައިޓްނަސްއަށް ތަބަޢަވެފައެވެ. ނަމަވެސް އަނެއްކާވެސް އެއީ ހަނދާންނެތިގެން ވީކަމެއްކަމަށް ބުނުމުން އާދިލް ހިތްހަމަނުޖެހުން އިތުރަށް ބޮޑުވެފައި ވެއެވެ. ވުމާއިއެކު އަނެއްކާވެސް ތަކުރާރުކޮށް ސަމީރުވަނީ ޢާދިލްގެ ކިބައިން މަޢާފަށް އެދިފައެވެ. އެއީ  "ޢާދިލު ދެން ހިތްކުޑައި ނުކުރޭ" މިބަސްކޯޅީ ބޭނުން ކޮށްގެނެވެ. އަދި އިތުރަށް ޢާދިލްގެ ހިތްހަމަ ޖައްސައި ދިނުމަށްޓަކައި  "ތިއީ މަގޭ ދެދުނިޔޭގެ ރަހުމަތްތެރިޔާ." މިބަސްކޯޅި ބޭނުންކޮށްގެން ޕޮލައިޓްނަސްގެ ތިންވަނަ މެކްސީމް 'އަޑުއަހާމީހާ ހިތްހަމަޖައްސައިދޭށެވެ.' އަށް ތަބަޢަވެފައި އެބަވެއެވެ.

"ވަރަށް ގިނަ މަސައްކަތްތައް އެބައޮތްތޯ މިރޭ؟" އަހަރެން އެހީމެވެ.

"އާނ! ފަރްޝާގެ އެހީވެސް އެބަ ބޭނުންވޭ. ލިބިދާނެތަ؟" ޖަޢުފަރު އިނީ މާނަ އޮޅިފައެވެ.

"ލައްބަ!" އަހަރެންނަށް ދެވޭނެ އެހެން ޖަވާބެއް ނެތެވެ.
ބިންމާ އިބްރާހިމް ވަހީދު. ( 2000- ޞ 71 ) "ތުހުމަތު" މިވާހަކައިން ނަގާފައި.....

މަތީގައިވާ ޑައިލޮގްކޮޅަކީ ދިވެހިބަހުގައި އަދަބު އިހްތިރާމް އަދާކުރުމުގައި ގެންގުޅޭ އެންމެ އާންމު އުސޫލު ކަމުގައިވާ ތަފާތު ދަރަޖައިން މުޚާތަބުކުރުން ހިމެނޭ ޑައިލޮގްކޮޅެކެވެ. މިގޮތުން ފަރްޝާ، ޖަޢުފަރާއި މުޚާތަބުކޮށްފައިވަނީ މާތް ދަރަޖައިންނެވެ. ވުމާއިއެކު ޖަޢުފަރަކީ ފަރުޝާ ގަދަރުކުރާ އަދި އިހްތިރާމްކުރާ މީހެއްކަން އެބައެނގެއެވެ. ފަރްޝާގެ ސުވާލަށް ޖަޢުފަރު ދީފައިވާ ޖަވާބަކީ ޕޮލައިޓްނަސް ޕްރިންސިޕަލްގެ ދެވަނަ މެކްސީމް 'ފުރުޞަތުދޭށެވެ.' އަށް ފެތޭ ބުނުމެކެވެ. އެއީ ޖަޢުފަރު، ފަރުޝާގެ އެހީ ބޭނުންކަމަށް ބުނެފައި އަދި އިތުރަށް އެހީ ދެވިދާނެތޯ އަހާފައިއެވަނީ ފަރުޝާ ބޭނުންނަމަ އެކަމަށް އެއްބަސްވުމަށް އަދި ބޭނުންނޫންނަމަ އެކަމަށް އިންކާރުކުރުމަށް ފުރުޞަތު ދީފައެވެ. ވީމާ ޖަޢުފަރުވެސް އަދި ފަރުޝާވެސް ވާހަކަދައްކާފައިއެވަނީ ޕޮލައިޓްނަސް ޕްރިންސިޕަލްއަށް ތަބަޢަވެގެންނެވެ.

"ކިހިނެއްވީ؟ އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟" ކެތުރީން ހަމަ ރަގަޅަށްވެސް ރަކިވެފައި ބުންޏެވެ.

"އޯ...ސޮރީ ސޮރީ... ވަދެވަދެ....މަރުޙަބާ!"

"ޝުކުރިއްޔާ" އަހަރެން ހުރަސްކުރަމުން ކެތުރީން ވަންއިރު ވަރަށް މީރުވަސްދުވާ ސެންޓެއްގެ ވަހުން އަހަރެންގެ ހަށިގަނޑަށް ދިރުމެއް ގެނެސްދިނެވެ.

"ވަރަށް ރީތި މިރޭ.." އަހަރެން ހަމަ ގަސްތުގައި އެތަޢުރީފް އޭނާއަށް ދޭހިތްވިއެވެ. ހިތް މަޖުބޫރު ކުރީއެވެ.

"އަނެއްކާވެސް ޝުކުރިއްޔާ" އެނދުގައި އިށީދެލަމުން ކެތުރީން ބުނެލިއެވެ.
ބިންމާ އިބްރާހިމް ވަހީދު. ( 2000- ޞ 275 ) "މަގޭނަޞީބު" މިވާހަކައިން ނަގާފައި.....

މަތީގައިވާ ޑައިލޮގްކޮޅުގައި ހިމެނޭ ފުރަތަމަ ބުނުމަށް ބަލާއިރު އެއީ ޕޮލައިޓްނަސް ޕްރިންސިޕަލްގެ ދެވަނަމެކްސީމް "ފުރުޞަތު ދޭށެވެ" އަށް ފެތޭ ބުނުމެކެވެ. ސަބަބަކީ ކެތުރީން އޭނާގެ އެދުން ފާޅުކޮށްފައި އެވަނީ ފައިޞަލް ( އަހަރެން ) ބޭނުން ނަމަ އެކަމަށް އިންކާރުކުރަން ނޫންނަމަ އެކަމަށް މަރުޙަބާކިޔަން ފުރުޞަތު ދީފައެވެ. ފައިޞަލް، ކެތުރީންގެ އެދުމަށް ކިޔާފައިވަނީ މަރުޙަބާއެވެ. މަރުޙަބާ މިލަފުޒު ބޭނުންކޮށްފައި ވުމުން އަދި އިތުރަށް ފައިޞަލްގެ ބުނުމުގައި ހިމެނޭ އަދަބުވެރިކަން ހާމަވެއެވެ. އަދި މީގެ އިތުރުން ފައިޞަލް ބުނެފައިވާ "އޯ...ސޮރީ ސޮރީ..." މި ބަސްކޯޅިއަކީ ކެތުރީން ގާތުގައި ވަންނާށޭ ނުބުނެ މާގިނައިރު މަޑުކުރެވުމުން ކެތުރީންގެ ގާތުން މަޢާފަށް އެދުމަށް ބުނެފައިވާ ބުނުމެކެވެ. ވީމާ މިއީ ޕޮލައިޓްނަސް ޕްރިންސިޕަލްގެ ފުރަތަމަ މެކްސީމް 'އުނދަގޫ ނުކުރާށެވެ.' ވައިލޭޓް ކުރެވިފައިވާތީ އެކަމަށް މަޢާފަށްއެދި ޕޮލައިޓްނަސްއަށް ތަބަޢަވުމަށް ބުނެފައިވާ ބުނުމެކެވެ.

އެތެރެއަށް ވަނުމަށް ފައިޞަލްދިން ދަޢުވަތު ގަބޫލުކުރުމަށް ފަހު ކެތުރީން ބުނެފައިވާ "ޝުކުރިއްޔާ" މިބުނުމަކީ ކެތުރީން އެދުނު އެދުން ފައިޞަލް ފުއްދައި ދިނުމުން އެކަމަށް ޝުކުރުވެރިވުމަށް ބޭނުންކޮށްފައިވާ ލަފުޒެވެ. އަދި މިއީ އެކަމުން ފައިޞަލަށް ހިތްހަމަޖެހުން ލިއްބައިދޭނެ ލަފުޒަކަށްވާތީ ކެތުރީންގެ މިބުނުމަކީ ޕޮލައިޓްނަސް ޕްރިންސިޕަލްގެ ތިންވަނަ މެކްސީމް 'އަޑުއަހާމީހާ ހިތްހަމަޖައްސައިދޭށެވެ.' އަށް ތަބަޢަވެ ބުނެފައިވާ ބުނުމެކެވެ. ކެތުރީންގެ ފަހުބުނުން ކަމުގައިވާ "އަނެއްކާވެސް ޝުކުރިއްޔާ" މިއީވެސް ހަމަ މިފަދަ ބަސްކޯޅިއެކެވެ. ކެތުރީންއަށް ތަޢުރީފްކުރުމަށް ފައިޞަލް ބޭނުންކޮށްފައިވާ ބަސްކޯޅި "ވަރަށް ރީތި މިރޭ.." މިއީވެސް ޕޮލައިޓްނަސް ޕްރިންސިޕަލްގެ ތިންވަނަ މެކްސީމަށް ތަބާވެ ބުނެފައިވާ ބުނުމެކެވެ. އެއީ ފައިޞަލް ހަމަ ގަސްތުގައި ކެތުރީން އުފާކުރުވަން ބޭނުންކޮށްފައިވާ ބަސްކޯޅިއެކެވެ. އެއީ ކެތުރީނަށް ހައްގު ތަޢުރީފެއް ނަމަވެސް ފައިޞަލް އެހެން ބުނެފައި އެވަނީ ކެތުރީން އުފާކުރުވުމުގެ މަޤްޞަދުގައެވެ.

ދިވެހިބަހުގައި ޕޮލައިޓްނަސް ބޭނުންކުރޭތޯއާއި ޕޮލައިޓްނަސް ބޭނުންކުރާނަމަ ކުރަނީ ކިހިނެއްތޯ ބެލުމަށް ކުރެވުނު މަސައްކަތުން ފާހަގަކުރެވުނު ގޮތުގައި ދިވެހިބަހުގައިވެސް އެހެނިހެން ބަސްތަކެކޭ އެއްފަދައިން ޕޮލައިޓްނަސް ނުވަތަ އަދަބު އިޙްތިރާމް ބޭނުންކުރުން އޮވެއެވެ. މިގޮތުން ދިވެހިބަހުގައި ބޭނުންކުރާ ތިން ދަރަޖައިގެ މުޚާތަބުކުރުންތަކަކީ އެންމެ ކުރީއްސުރެ ފެށިގެންވެސް ބޭނުންކުރަމުން އައިސްފައިވާ އުސޫލެކެވެ. މިކަމުގެ ސަބަބުން އެކަކު އަނެކަކަށް ކުރަންވާ އިހްތިރާމާއި ގަދަރު ކުރެވެއެވެ. އަދި ކުޑަކުދީން އެންމެ އާދައިގެ ބަހުރުވައިން ވާހަކަދެއްކުމުގެ ބަދަލުގައި މާތްދަރަޖައިން ވާހަކަ ދެއްކުމަކީ އެކުދީންނާއި ދޭތެރޭ މީހުންދެކޭގޮތް ރަގަޅުވެ ކުދީން ރަގަޅު މަގުން ދިޔުމަށް ބާރަކަށްވެސް ވެއެވެ. މިޒަމާނުގައި ބައެއްމީހުން ތިން ދަރަޖައިގެ ތަފާތުކުރުން ބޭއްވުން ރަގަޅު ނޫން ކަމުގައި ދުށްނަމަވެސް މިއީ އެމީހަކަށް ކުރަންޖެހޭ ގަދަރާއި އިހްތިރާމް ކުރުމަށް އޮންނަންޖެހޭ ވަރަށް މުހިއްމު ބައެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މީގެ އިތުރުންވެސް ރޮބިން ލޭކޯފް ކަނޑައަޅާފައިވާ ޕޮލައިޓްނަސް ޕްރިންސިޕަލްގެ ތިން މެކްސީމަށްވެސް ދިވެހިން ތަބާވެ ވާހަކަ ދައްކައެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިއާއި ޚިލާފަށް ވެސް ބޭނުންކޮށްފައި ހުއްޓާފެނެއެވެ. މީގެ ތެރޭގައި އެގޮތަށް ބޭނުންކުރުން އެކަށީގެންވާ ހާލަތްތަކާއި އެނޫން ހާލަތްތައްވެސް ހިމެނެއެވެ. ނަމަވެސް އެންމެންވެސް ގަބޫލުކުރާ އާންމު އުސޫލަކީ ޕޮލައިޓްނަސް ޕްރިންސިޕަލްގެ މެކްސީމްތަކަށް ތަބާވެ މުވާޞަލާތުކުރުމުގެ ދެބޭނުމާއި ފުށުނާރާނެގޮތަށް ވާހަކަދައްކާ އުސޫލެވެ.

* ރެފަރެންސް ލިސްޓް:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.