ލިޔުއްވީ: ނާދިރު ޚަލީލީ
ތަރުޖަމާ: އަޙްމަދު ޝަމީނު ދޮންމަނިކު
ނިދި ނާންނަނީ ނަމަ، އޭ ކަންނެތް ފަރާނަޔާއެވެ. މި ފުރަ ދަމަށް، މި ހިމޭން ރަށަށް، މި ގުގުރި ދަމާ އުޑަށް. ވާނީ ކިހިނަކުންކަން ހީވޭހެއްޔެވެ. ރޭގެ ހަތަރުދަން ހޭދަވެ، ތި ހިތަށް ފަތިސްވެއްޖެ ނަމަ ވާނީ ކިހިނަކުންކަން ހީވޭހެއްޔެވެ. ފޮޅޭ މަލުން، ބިމުގެ ސަޠަޙަ ފުރި ބެދިއްޖެނަމަ، އަދި އެއީ ހައްތަހާ ތިބާ އިންދައި ހެއްދި ގަސް ނަމަ ވާނީ ކިހިނަކުންކަން ހީވޭހެއްޔެވެ.
ތިބާގެ ދީލަތިކަމާއި ކުލުނުގެ ސަބަބުން ދެތިން މީހުނަށްނަމަވެސް ޙަޔާތުގެ މާނަ އެނގުނުނުނަމަ ވާނީ ކިހިނަކުންކަން ހީވޭހެއްޔެވެ. މާ ރުނބައެއް ފުރާ ހުރި ތާޒާ ޚުމޫރު މިހާރުވެސް މަސްތުވެފައި ވާ ބޯތަކަށް އޮއްސައިފި ނަމަ ވާނީ ކިހިނަކުންކަން ހީވޭހެއްޔެވެ. ދާށެވެ. އަވަހިއްޔާ އަވަހަސް ދާށެވެ. ގޮސް ތި ނަފުރަތު ކުރާ މީހާއަށްވެސް ލޯބި ހުށަހަޅާށެވެ. ތިބާގެ އަތްމައްޗަށް އެ ހިތްތައް މަޑުމޮޅިވެޖެއްޖެނަމަ ވާނީ ކިހިނަކުންކަން ހީވޭހެއްޔެވެ.