Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

mi_hindukolhu-kalaayaaekuހަނދުއެހެރީ އަރައެވެ. ބުނާކަހަލަ އެވެ.
ބައިވެރިޔާ އަންނަންދެން މަޑުކޮށްލަދޭން އެދޭށެވެ. މަޑުކޮށްލެވިދާނެ އެވެ.
އިރުކޮޅެއްތެރޭ ހަނދު އޮއްސޭނެ އެވެ.
ޔަގީންކަމެއްނެތް އިންތިޒާރެއްގައި އަހަރެން އިންދަ އެވެ.
އެ ހިނދުކޮޅު، އެ ހަމަހިމޭންކަން ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

އިރު ފެނުން ތޮޅިލައިފި އެވެ.
ގަންދެއްވި، ހެކިކުރެވުނު ވަގުތުކޮޅު މިއޮށް ދަނީ އެވެ.
އަވި ބާރުވެ، ދުވާލުގެ ހޭބޯނޭރުމުގައި ދުނިޔެ މަޝްޣޫލުވަނީ އެވެ.
އެ ހިނދުކޮޅު، އެމަންޒަރު، ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

އަސުރުން ތިރިވިފަހުން ވާރޭވެހެން ފެށި އެވެ.
ކޮންމެ ފެންތިއްކެއް ވަކިވަކިން ސުވާލުކުރެއެވެ. އެކަނި ތިހުރީ ކީއްވެހެއްޔެވެ.
ފެންތިކިތައް އަތުގުޅާލައި އިސާހިތަކު މަގުތައްމަތީ ބިޔަ މުޒާހަރާއެއް ފަށައިފި އެވެ. "ބައިވެރިޔާ!! ބައިވެރިޔާ!!"
އެ ހިނދުކޮޅު، އެ އިހުސާސް ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

ވިލާތައްކެހި އުޑުމަތި ސާފުވެއްޖެއެވެ. އިރުއޮއްސެނީ އެވެ.
އުޑުގެ ކޮންމެ ދިމާލަކުންވެސް އުޅެނީ، ވީ އެންމެ ޗާލު އައްޔެއް ދިއްލުވޭތޯ ބަލާށެވެ.
ޤުދުރަތުގެ އެކި ދިމާއަށް އަލިކޮށްގެންވެސް އެހެކިތައް މި ލޮލުގައި އަޅައިގަނޭތޯ އެވެ.
އެ ހިނދުކޮޅު، އެއަސަރު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

އޭ ލޯބިވެރިޔާ އެވެ! ތިބާއާ އަހަރެން މުޚާޠަބު ކުރަންވީ ކޮންނަމަކުންހެއްޔެވެ؟

ކަލާ ތިއީ ތައުބާއެވެ. ހަނދުވަރުގެ ފަނޑުއަލީގައި ކަލާއެކު ވުމަށް އަހަރެން އެދެމެވެ.
ކަލާ ތިއީ ޝަރުޢެވެ. ކޮންމެދުވަހަކާ ކުރިމަތިލުމަށް ތިބާ އަހަރެންގެ ޢަމަލުތަކާ އަތު ގުޅާލުމަށް އަހަރެން އެދެމެވެ.
ކަލާ ތިއީ ޝުކުރެވެ. ރިޒްޤުގައި ހިފުމަށް ކަލާ ގެ ދެއަތުން އަހަރެންގެ ދެއަތް އުފުލާ ދިނުމަށް އަހަރެން އެދެމެވެ.
ކަލާ ތިއީ އީމާނެވެ. ދުނިޔަވީ އަލިތަކުން އާޚިރަތަށް ތިބާ މަގު އަލިކޮށް ދިނުން އަހަރެން އެދެމެވެ.

ދުނިޔެމިއީ ކުޑަ ހިނދުކޮޅެކެވެ.
އެ ހިނދުކޮޅު، މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.
--------------
(ނިމުނީ)

Comments