Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން ކުރަމޭ ދުޢާ

ކުރަމޭ ދުޢާ

kuramey-dhuaއަރަހުށި  އިލާހީ ޙަޟްރަތަށް ކުއްތަންވަމުން ކުރަމޭ ދުޢާ
އޮނަސައްތަ އިސްމުން ރިވެތި މާތް ފަށަމުން އަޅާ ކުރަމޭ ދުޢާ

ޢާލަމްތަކަށް ހުރި ރަޙްމަތެއް ކަމުގައި ފޮނުއްވެވި ޞާޙިބާ
ކައު މާތް ނަބިއްޔާއަށް ސަލާމް ޞަލަވާތް އަދާ ކުރަމޭ ދުޢާ

ސާބިތުކަމަށް އެދެމުން އަޅާ ޣާފިލްކަމުން ވެވިގެން ނަޖާ
ޞާލިޙް އަޅުން ތެރެއިން އަޅާ އެދި ލެއްވެވުން ކުރަމޭ ދުޢާ

ހެޔޮގޮތުގަ އަބަދު ލަހައްޓަވާ ހެޔޮ ޙާލުގައި އަޅު ލައްވަވާ
ހެޔޮ އާ ނުަބައިވެސް ދައްކަވާ ހެޔޮކަންތަކަށް ކުރަމޭ ދުޢާ

އިސްލާމްކަމާ އީމާންކަމުން މިހިތަށް އުފާތައް ދެއްވަވާ
ވަސްވާސްތަކާ ފުރުހެލިވުމަށް އެދެމުން އަޅާ ކުރަމޭ ދުޢާ

ރިޒްޤާއި ބަރަކާތް ވެއްސަވާ ރަޙްމަތް ތިބާ ފަތުރުއްވަވާ
ނިޢްމަތް އިލާހީ ވެއްސެވުން އެދެމުން އަޅާ ކުރަމޭ ދުޢާ

މުސްލިމްތަކުންނަށް ދިންނެވުން އިސްލާމްދީނަށް ކުރިއެރުން
ނަޞްރާ ނަޞީބާ ދެއްވެވުން އެދި ދަންނަވާ ކުރަމޭ ދުޢާ

ދިވެހީންތެރޭ އެކުވެރިކަމާ އިސްލާމްކަމާ ތެދުވެރިކަމާ
ދިވެހީންގެ ޤައުމަށް އަމްނާއަމާން އެދި ދަންނަވާ ކުރަމޭ ދުޢާ

މިދުޢާ އިޖާބަކުރައްވަވާ އަޅަމެންގެ އެންމެން ދިންނަވާ
ދެދުނިޔެ ބާއްޖަ ކުރެއްވެވުން ތެދު ނިޔަތުގައި ކުރަމޭ ދުޢާ

ރަޙްމާން ރަޙީމް މަތިވެރި އިލާހް ސުބުޙާނަ ރައްބީ ޔާ އިލާހް
ޢަރްޝާއި ކައުނުގެ ވެރި އިލާހް، މީއޭ އަޅާ މިކުރާ ދުޢާ               

Comments