Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ޅެން އިންތިޒާރުގެ ނިމުން

އިންތިޒާރުގެ ނިމުން

galaxy-m10

ކަޅުކޮށް ބަނަކޮށް ފުސްމޫނު ދައްކައި ހިނދު އުޑާ 

ހަމަހިމޭންކޮށް ޖައްވު ޒައްރާވެސް ހުރިތަނުން ނުގުޑާ

ނެތޭ ހިނދު ގަސްކަރައިގައި ހިލަމެއް އުޑުގައި ވިލާ ބޯވެދާ

ސަރާސަރު ހިކި ބިންތައް ކަޅި ވިއްދައިގެން ތިބެނީ މައްޗަށެވެ. މަތިން ވެހޭ ފެންތިއްކަށެވެ.

ވިއްސާރަ ވެހެނީ ބުނެ އަންގަމުންނެވެ.

ބިމާއެވެ. އިންތިޒާރުގެ ނިމުންއައީއެވެ. އަހަރެން މި އަންނަނީއެވެ.

 

ވެޔޮ ހެދި ދަނޑު ބެދި ކުރިވަޅުލައިފި ހިނދު ފަޅާ 

ގަދަފެހިކުލައިގައި ފެތުރޭ ތަންމަތީ ދޮން ރީތި މާތައް އަޅާ

ބައެއް މާތައް ފޮޅޭ ހިނދު ކަރުގަނޑުގައި ފުށްޖެހި އިތުރަށް ނަލަވެލާ

މޭވާތަކައިގެން ގޮނޑިލުމަށްޓަކައި އެހެން މާތައް އެފުއްތަކުގެ މިލްކުވެރިކަމަށް ދަޢުވާކުރެއެވެ. ދުޢާކުރެއެވެ.

ޢަދުލުވެރި ރީތި ނަލަ މަޑުރޯޅިއަކަށް އެދެއެވެ. ވައިރޯޅި އަންނަނީ ބުނެ އަންގަމުންނެވެ.

މަލާއެވެ. އިންތިޒާރުގެ ނިމުންއައީއެވެ. އަހަރެން މި އަންނަނީއެވެ.

 

ބުރުހަމަ ހަނދާއި ގުޅިފައިވާ ހިތްތަކާއި އޭގެ ހަށްޓާ އޭގެ އަސްލު މަށްޓާ

ހަނދާއެކީ ނަށާ ދުނިޔެއާ، އެ އިރުވަށާ އެނބުރޭ ފަލަކާ އެއިން ނުނައްޓާ

އެއަތްތަކުގެ އޯގާތެރިކަމުގައި އިރު ވާ މިލްކީވޭއަށް ބަލަން ކައިރީ ފާޑަކަށް ވައްތާ

ބައެއް ގެލެކްސީތައް ވެސް ތިބެނީ ހިތި ހިތި އެވެ. ކަލާނގެ މިންވަރުފުޅުން ދިރުމުގެ ކަންފުޅަކަށް އެދިއެދިއެވެ.

ދިރުންތަކުގައިވާ އަސާސީ މާއްދާތަކާއެކު އެހިނދު ބިޔަ ތަރިތައް ގޮވަނީ ބުނެ އަންގަމުންނެވެ.

ދިރުމާއެވެ. އިންތިޒާރުގެ ނިމުންއައީއެވެ. އަހަރެން މި އަންނަނީއެވެ.

 

ދިރުމެއްހިރުމެއް ނެތް ތަކެތިވެސް ހިނގުމަށް މިހެން ސަބަބުތައް ޝަރުތުކުރެވި ވަންޏާ

މި އިންސާނާގައި ތަކުލީފު ލެއްވި އެ މައްޗަށް އިޚުތިޔާރު ދެއްވިވާއިރު، މިކަމަށް ކަލޭ އީމާން ވަންޏާ

ތިޔަ ހިތާވާ މުސްތަޤްބަލަށް ބަލާ ހިތެން ނީނދެ ސަބަބުތަކުގައި ހިފާށެވެ.

އާނއެކެވެ. އަހަރެން މި ވާހަކަދައްކަނީ ކަލެއާއެވެ. އަހަރެންމީ ކަލޭ އެދޭ ފޮނި ނަތީޖާއެވެ.

ކަލޭ ތި އެދެނީ އެކަނި ހިތުންނޫން ހެއްޔެވެ. ނިކަން ޢަމަލުން ކަމެއް ކޮށްބަލާށެވެ.

އޭރުން އަހަރެން ދުވެގަންނާނީ ބުނެ އަންގަމުންނެވެ.

ހިއްމަތްތެރިޔާއެވެ. އިންތިޒާރުގެ ނިމުންއައީއެވެ. އަހަރެން މި އަންނަނީއެވެ.

 

(ނިމުނީ)

 

ތަދު ބަސްބަހުގެ މާނަ:

ސަރާސަރު: ހ. އެކީ އެކައްޗަކަށް ށ. ގަސްގަހުގެ ހިޔާ ލިބުންނެތް

ކަޅި ވިއްދައިގެން: ކަޅި ހުއްޓައިގެން. އަސްލަކީ ކަޅިވިދުން. މާނައަކީ ބައްޔެއްގެ ސަބަބުން ނުވަތަ އެހެން ކޮންމެވެސް ކަމަކުން ލޮލުގެ ކަޅިހުއްޓިފައި ހުރުން. ކަންކުރާގެ އިޚްތިޔާރުން ކުރާނަމަ ކިޔާނީ ކަޅިވިއްދުން

ކުރިވަޅުލުން: ވެޔޮދުވާ ބާވަތްތަކުގެ ގަސްފަޅައި ވެޔޮދުވަންފެށުމުން ފެންލިބުމާއި އެހެނިހެންވެސް ކަންކަމަށް ފަހިކުރުމަށްޓަކައި ކޮންމެ ކުރިއެއްގެވެސް މޫލައިފައި ހުންނަދިމަދިމާ ދަށުން ކޮނެލައި އެމައްޗަށް ފަސްލައި ވަޅުލުން

މިލްކީވޭ: ދުނިޔެ ހިމެނޭ އިރުގެ ނިޒާމު ހިމެނޭ ގެލެކްސީ 

ވެއްތުން: އަނެކާގެ ކިބައިން އެދޭ ކަމެއް ހާސިލް ނުވާނެކަން އެނގުމަށް ފަހުވެސް އެމީހެއްގެ ކިބައިން އެކަމަށް އެދެވި އިންތިޒާރުކުރެވުން

ހިތެން: އެދެން. ހިތުން އެދޭ އެދުން

Comments