Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ފަންނު ވޯޓް ޑިސްނީ ކޮމްޕެނީ : ކާރޓޫން އުފައްދާ ކުންފުނިތަކުގެ ބޮންތީގައި

ވޯޓް ޑިސްނީ ކޮމްޕެނީ : ކާރޓޫން އުފައްދާ ކުންފުނިތަކުގެ ބޮންތީގައި

walt-disneyމިކީ މައުސް މިނީ މައުސް، ސިންޑްރެއްލާ، ބިއުޓީ އެންޑް ދަ ބީސްޓް ފަދަ އެތައް ގިނަ ގުނަ ކާރޓޫން ކެރެކްޓަސް ތަކެއް ދުނިޔެއަށް ތަޢާރަފް ކުރި ކުންފުންޏަކީ ވޯޓް ޑިސްނީ ކޮމްޕެނީ އެވެ. 1923 ވަނަ އަހަރު ވޯޓް ޑިސްނީ ކޮމްޕެނީ އުފެދުނު އިރު ކޮމްޕެނީގެ ނަމަކީ ވޯޓް ޑިސްނީ ޕްރޮޑަކްޝަންސް އެވެ. ކުންފުނީގެ ނަން ވޯޓް ޑިސްނީ ކޮމްޕެނީ އަށް ބަދަލު ކުރެވުނީ 1986ވަނައަހަރުގެ ތެރޭގައެވެ. ކާރޓޫން އުފެއްދުމުގެ ދާއިރާގައި އެންމެ ފުންނާބު އުސް ކުންފުންޏަކީ ވޯޓްޑިސްނީ ކޮމްޕެނީ ކަމުގައި ދެންނެވުމަކީ ކުށެއްނޫނެވެ.

20 ވަނަ ޤަރުނުގެ ކުރީކޮޅު އުފެދުނު ވޯޓް ޑިސްނީ ކޮމްޕެނީ ވަނީ ވަރަށް ގިނަ ފުރިހަމަ އުފެއްދުން ތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ. ޚާއްސަކޮށް ކާރޓޫން ފިލްމު އުފެއްދުމުގައި މިކުންފުނި ހޯދާފައިވާ މަޤްބޫލްކަން ފާހަގަކޮށްލެވެއެވެ. ''މިކީ'' އަދި ''މިނީ މައުސްގެ'' ކާމިޔާބަށްފަހު 1920ގެ އަހަރުތަކުން ފެށިގެން އަދި އަދަށް ދާންދެންވެސް ޢާންމުންގެ ނަޒަރުގައި ހޮލީވުޑުގެ އެންމެ ފާހަގަކޮށްލެވޭ ކާރޓޫން އުފައްދާ އެއްކުށްފުނި ކަމުގައި ވޯޓް ޑިސްނީ ވެގެން ދިޔައެވެ.

1937 ވަނަ އަހަރު އުފެއްދި ''ސްނޯވައިޓް އެންޑް ސެވަން ޑްވަރފސް'' އަކީ މިކުންފުނިން އުފެއްދި ފުރަތަމަ ދިގު ފިލްމެވެ. މިއީ ވަރަށް ގިނަބަޔަކަށް ކަމުދިޔަ ފިލްމެކެވެ. އަދި އެއްމެ ފުރަތަމަ އޮސްކާ އިނާމް ޙާސިލް ކުރި ކާޓޫން ފިލްމުވެސް މެއެވެ. 13ޑިސެމްބަރު 2001 ގައި ބީބީސީ.ކޮމް ގައި ޝާއިޢްކޮށްފައިވާ ރިޕޯޓެއް ބުނާގޮތުގައި އެމެރިކާގައި އެހާތަނަށް އެންމެ ހިޓްވި ތިން ކާރޓޫނަކީ ''ލަޔަން ކިންގް'' ، ''ޝްރެކް އެންޑް ޓޯއީ ސްޓޯރީ'' ، އަދި ''ސްނޯވައިޓް އެންޑް ދަ ސެވަން ޑްވަރފް'' އެވެ. މިތިން ކާރޓޫންވެސް އުފައްދާފައިވާ ޑިސްނީ ކޮމްޕެނީ އިންނެވެ.

ވަލޓް ޑިސްނީގެ ޙަޔާތުގައި އޭނާގެ ކުންފުނިން އުފައްދާފައިވާ އެންމެ މަޤްބޫލް ކާރޓޫން ފިލްމުތަކުގެ ތެރޭގައި 1940ގައި ނެރެވުނު ޕިނޯކިއޯ އާއި 1950 ވަނަ އަހަރު ނެރެވުނު ސިންޑްރެއްލާ އާއި 1951ގައި ނުކުތް އެލައިސް އިން ވޮންޑަރލޭންޑ، 1953ގައި ޕީޓާރޕޭން އަދި 1959ގައި ނެރެވުނު ސްލީޕިންގ ބިޔުޓީ ހިމެނެއެވެ. މީގެ އިތުރުން ވޯޓް ޑިސްނީ ދުނިޔެ ދޫކުރިތާ އެއްއަހަރު ފަހުން ނުކުތް ޖަންގަލް ބުކް އަކީ ވެސް ފާހަގަ ކޮށްލެވޭ ފަދަ ކާރޓޫނެކެވެ. މިއިން ކޮންމެ ފިލްމަކީވެސް ތަފާތު އެވަރޑްސް ތަކުގައި އެއް އެވަރޑަށްވުރެ ގިނަ އެވަރޑް ޙާސިލް ކޮށްފައިވާ ފިލްމެވެ.

 

1966 ވަނަ އަހަރުގެ ތެރޭގައި ފުއްޕާމޭގެ ކެންސަރުގައި ވޯޓް ޑިސްނީ މިދުނިޔެ ދޫކުރުމުން ކުންފުނީގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައެވެ. ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި މާކާމިޔާބު އުފެއްދުންތަކެއް ނެރެވިފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. މިދުވަސްވަރު ނެރެފައިވާ ފާހަގަކޮށްލެވޭ މަދު ކާރޓޫންތަކުގެ ތެރޭގައި 1973ގައި ނެރެވުނު ''ރޮބިން ހުޑް'' ހިމެނެއެވެ.

''ހޫ ފޯރމްޑް ދަ ރޯޖާ ރެބިޓް'' ރިލީސްވުމާއި އެކު ޑިސްނީ ކުންފުނި އަލުން ވިދައިގަތެވެ. 1988ގައި ނުކުތް މިފިލްމަކީ ދިރޭތަކެއްޗާއި ކާރޓޫން ކެރެކްޓަސް އެކީގައި ހަރަކާތްތެރިވާ ތަން ދައްކުވައިދިން ފުރަތަ ހުށަހެޅުން ކަމުން، މިފިލްމަށް ވަރަށް އާދަޔާ ޚިލާފް ތަރުޙީބެއް ލިބިގެން ދިޔައެވެ. 1988 ގެ އެކަޑަމީ އެވަރޑްސްގައި މިފިލްމު ތިން އެވަރޑް ޙާސިލް ކޮށްފައިވެއެވެ.

ޖެހިގެން އައި އަހަރު ކުންފުނިން އުފެއްދި ''ދަ ލިޓްލް މަރމައިޑް'' އަކީވެސް މަޝްހޫރުވެގެން ދިޔަ ކާރޓޫން ފިލްމެކެވެ. މިފިލްމުގެ ލަވައެއްކަމަށްވާ ''އަންޑަރ ދަ ސީ'' އިން އޮސްކަރ އެންމެ މޮޅު ލަވައިގެ އިނާމް ލިބިފައިވެއެވެ. 1991 ގައި ނެރެވުނު ''ބިއުޓީ އެންޑް ދަ ބީސްޓް'' އަދި 2991ގައި ނެރެވުނު ''އަލާއުއްދީން'ގެ އިތުރުން 1994 ގައި ނެރެވުނު '' ދަ ލަޔަން ކިންގް'' އަދި 1999ގައި ނެރެވުނު ''ޓާރޒަން'' އަކީވެސް ވޯޓް ޑިސްނީ ކުންފުނީގެ ކާމިޔާބީތަކުގެ ލިސްޓްގައި ރަތް އަކުރުން ލިޔެވިފައިވާ ކާޓޫން ފިލްމު ތަކެކެވެ. މިއިން ކޮންމެ ފިލްމަކީވެސް ތަފާތު އެވަރޑްސް ތަކުގައި އެއް އެވަރޑަށްވުރެ ގިނަ އެވަރޑް ޙާސިލް ކޮށްފައިވާ ފިލްމެވެ.

2003 ވަނަ އަހަރުތެރޭގައި ވޯޓް ޑިސްނީ ކޮމްޕެނީން އުފެއްދި ފައިންޑިންގ ނީމޯ ކާރޓޫން ވަނީ އެކަޑަމީ އެވޯޑުސްގައި ވޭތުވެ ދިޔަ އަހަރުގެ އެންމެ މޮޅު އެނިމޭޓެޑް ފީޗަރ ފިލްމުގެ މަޤާމް ހޯދާފައެވެ. މީގެ އިތުރުން އެހެން ދެ ކެޓަގަރީއަކުން މިފިލްމު އޮސްކާ އަށް ނޮމިނޭޓްވެފައި ވެއެވެ. 1937 ވަނަ އަހަރުން ފެށިގެން 2003 ގެ ނިޔަލަށް މިކުންފުނިން 40 އަށްވުރެ ގިނަ ކާރޓޫން ފިލްމު އުފައްދާފައިވެއެވެ.

Comments