އުރުދުން ގެ ހޮޓާ ގޮއްވުމުގެ ޙާދިސާގައި މުސްޠަފާ ޢައްޤާދު ޤަތުލުވެއްޖެ
- އާދަމް ފަޔާޒު މުޙައްމަދު
- 13 ނޮވެމްބަރު 2005
ބައިނަލްއަޤުވާމީ މަޝްހޫރުކަމެއް ލިބިފައިވާ، ސޫރިޔާއަށް އުފަން، ހޮލީވުޑުގެ އުފެއްދުންތެރިޔާ އަދި ތައްޔާރުކުރުންތެރިޔާ، މުސްޠަފާ ޢައްޤާދު މި ނޮވެންބަރު މަހު އެގާރަވަނަ ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފިއެވެ.
އޭނާ ނިޔާވީ، މި މަހު ނުވަ ވަނަ ދުވަހު އުރުދުން ގެ ގްރޭންޑް ޙަޔާތު ހޮޓަލުގައި ދެވުނު ޖާނުމަރާލުމުގެ ބޮމުގެ ޙަމަލާގައި ވަރަށް ބޮޑަށް ޒަޚަމްވުމުގެ ސަބަބުން ފަރުވާދެވެމުން ދަނިކޮށެވެ. މި ޙަމަލާގައި އޭނާގެ އަންހެންދަރިފުޅު ވަނީ ވަގުތުން ނިޔާވެފައެވެ.
ޢައްޤާދު އުރުދުން އަށް އައީ ހުކުރުދުވަހު އަލްޢަޤަބާގައި ބޭއްވޭ ކާވެނި ޙަފްލާއެއްގައި ބައިވެރިވާށެވެ. ބޮން ގޮވި ވަގުތު އޭނާ ހުރީ ހޮޓަލުގެ މައި މާލަމުގައި ބެއިރޫތުން އައި އޭނާގެ އަންހެންދަރިފުޅު ރީމާ އަށް ބައްދަލުކުރާށެވެ.
ޢައްޤާދު އުފަންވެފައި ވަނީ 1943 ވަނަ އަހަރުގައި، ސޫރިޔާގެ ޙަލަބަށެވެ. އަދި ސިނަމާ ކިޔެވުމަށްޓަކައި، 1954 ވަނަ އަހަރު އެމެރިކާއަށް ދަތުރުކޮށް، ކެލިފޯނިޔާގައި ހުންނަ ލޮސްއެންޖަލީސް ޔުނިވަރުސިޓީގައި މަސްރަޙީ ފަންނު ކިޔެވިއެވެ. 1958 ގައި އެތަނުން ދަސްވެނިވުމަށް ފަހު، ހޮލީވުޑުގައި މަސައްކަތްކުރިއެވެ. އެގޮތުން އޭނާ އަކީ ބައިނަލްއަޤުވާމީ މަޝްހޫރުކަމެއް ހޯދި ޢަރަބި، އެންމެ މަޝްހޫރު ތައްޔާރުކުރުންތެރިޔާ އެވެ.
އޭނާގެ އެންމެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި، 'ޛަ މެސެޖް' (ރިސާލަތު) (1976) ހިމެނެއެވެ. 'ޛަ މެސެޖް' އަކީ އިސްލާމްދީނާ ބެހޭގޮތުން ހެދިފައިވާ އެންމެ މުހިއްމު އެއް ފިލްމެވެ. މި ފިލްމުގައި އެމެރިކާގެ މުމައްޘިލު އެންތޮނީ ކްއީން ބައިވެރިވެފައި ވެއެވެ. . މި ފިލްމުގައި އޭނާ ކުޅެފައި ވަނީ ޙަމްޒަތުގެފާނުގެ ދައުރެވެ.
އަދި ހަމަ އެހެންމެ، ލީބިޔާގައި އިޓަލީގެ އިސްތިޢުމާރާ ދެކޮޅަށް ޖިހާދުކުރި ބަޠަލް، ޢުމަރުލް މުޚުތާރު ގެ ޙަޔާތުގެ މައްޗަށް ކުޅެވުނު ފިލްމު 'ޢުމަރުލް މުޚުތާރު: ލަޔަން އޮފްދަ ޑިޒާޓް' (ޢުމަރުލް މުޚުތާރު: ޞަޙަރާ ގެ ސިންގާ) (1980) އަކީ ޢައްޤާދު އުފައްދައި ތައްޔާރުކުރި ފިލްމެކެވެ. ފިލްމުގެ ބަޠަލަކީ އެންތޮނީ ކްއީނެވެ
8 ފިލްމު ހިމެނޭ ބިރުވެރި ފިލްމު ސިލްސިލާ 'ހަލޮޥީން' ގެ އުފެއްދުންތެރިޔާ އަކީ ވެސް މުސްޠަފާ ޢައްޤާދެވެ. މި ފިލްމުތަކަށް ވެސް ވަނީ ވަރަށް ބޮޑު ކާމިޔާބެއް ލިބިފައެވެ.
އޭގެ އިތުރުން، އިސްލާމީ ބަޠަލު ޞަލާޙުއްދީނު އަލްއައްޔޫބީ ގެ ޙަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމުގެ ޚިޔާލު ވަރަށް ކުރިން ސުރެވެސް އޭނާ އައީ ކުރަމުންނެވެ. ތަފާތު އެތައް ހުރަސްތަކަކާ ހުރެ މި ފިލްމު ވުޖޫދަށް ނުނެރެވުނުކަމުގައި ވިޔަސް، އޭނާ ނިޔާވި އިރުވެސް އައީ އެކަމަށް ތައްޔާރީތައް ކުރަމުން ކަމުގައި ޚަބަރުލިބެއެވެ. އެގޮތުން 2004 ވަނަ އަހަރު އޮތް ނޫސްވެރިން ބައްދަލުވުމެއްގައި، 'ސަލާޙުއްދީން' ނަގާނެ ތަނަކަށް އުރުދުން އިޚުތިޔާރުކުރިކަން، ޢައްޤާދު ވަނީ އިޢުލާންކޮށްފައެވެ.















