އާދީއްތަ20180624

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ފަންނު ދިވެހި ފިލްމުތަކުގެ ރުއިމާއި ރިސާލަތު.

ދިވެހި ފިލްމުތަކުގެ ރުއިމާއި ރިސާލަތު.

dhivehi-filaa-ruinއޭޝިޔާގެ އައްސޭރިފަށު ސަރަޙައްދުތަކަށް މިފަހުން އެރި ސުނާމީގެ ޙާދިސާއަކީ ފަހުގެ ތާރީޚުގައި އިންސާނުން ދުށް އެންމެ ބޮޑު ކާރިސާއެވެ. އެތައް ބައެއްގެ ޢާއިލާތައް ގެއްލި ގެދޮރާއި ރަށްތައް ނެތި ދިޔަ ބިރުވެރި ޙާދިޘާއެކެވެ.

އެ މުޞީބާތުގައި ގެއްލުން ލިބުނު ޤައުމުތަކުގެ ރައްޔިތުން އެމީހުންނަށް ލިބުނު މުޞީބާތް ތަޢުބީރުކުރުމަށް، ރޮއި ހޭރި، ބިންމައްޗަށް ވެއްޓި، ހެދުން ވީދާ، ބޮލަށް ވެލިފުރާ، މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއްކުރި މަންޒަރު ޓީވީތަކުން ފެނިގެން ދިޔައެވެ. އެމީހުންގެ އެ ޢަމަލުތަކަށް މަލާމަތްކުރެވެން އެބަ އޮތްހެއްޔެވެ؟

މި ހުރިހާ މަންޒަރުތަކަކުން ވެސް އަޅުގަނޑުގެ ހިތައް އެންމެ އަސަރުކުރީ، ކުޑަކުއްޖަކު އުރާލައިގެން ހުރި ދިވެހި އަންހެނެއްގެ މޫނުމަތީގެ ތަޢުބީރު ފެނުނު ހިނދުއެވެ. އޭނާ ވާހަކަދެއްކީ ހިތްވަރާއެކީއެވެ. ދެ ލޮލުން ހުރީ ކަރުނަ ހިލިފައެވެ. ވަކި ހިސާބަކުން އަޑުބެދުނެވެ. އަރުތެރޭގައި ލަގޮނޑި ތާށިވި ކަހަލައެވެ. އެއަށްފަހު ނުހިފެހެއްޓިގެން ރޮވުނެވެ. އެ މުޞީބާތުގައި ގެއްލުން ލިބުނު ހުރިހާ ދިވެހިންގެ ވެސް ޢަމަލުތައް ހުރީ މިދެންނެވި ކަހަލަ ގޮތަކަށެވެ.

މިއީ އިސްލާމީ ތަހުޛީބުން ދިވެހިންގެ ގައިގައި ހަރުލައިފައި ހުރި ސިފަތަކުން އަދި ވެސް ފުހެވިގެން ނުދާ ރީތި ސިފައެކެވެ. މުޞީބާތަށް ކެތްކުރުމާ އެކު، ހިތާމަ ފާޅުކުރުމުގައި ގޮތްބޮޑު ނުކުރުމެވެ. ހެދުން ވީދާ، އަތްފައިން ގޯސް ނުހެދުމެވެ.

ދިވެއްސަކަށް ވެސް ހިތާމަވެރިކަމެއް ދިމާވުމުން އޭނާގެ މޫނުމަތިން އެކަން ފާޅުވާނެއެވެ. އަނގަޔަށާ މޫނުގެ ވަނާތަކައް ވަންނިވަންނި ނޭރުވިޔަސްވެހެވެ. ހަމަ އެހެންމެ އޭނާގެ އަޑުގައި ވެސް ރިހުމެއް އެކުލެވޭނެއެވެ. "ދޮންބެ ތޮޅުނީއޭ" ކިޔާފައި އަންނަ ކުޑަކުއްޖަކު އަޑަށް އެ ލައްވާ ތުރުތުރާއި، ބައިކުޅަބައި ރުއިމުގެ ރާގު ނުގެންގުޅުނަސް ވެހެވެ.

މީގައި އަޖައިބު ވާންޖެހޭ ކަމަކީ ދިވެހި ވަންތަ ދިވެހި ފިލްމުތައް އުފައްދަން ބޭނުންވާ ފަރާތްތަކަށް ދިވެހިން ގެ މިކަހަލަ އަދާތަކާއި، އާދަތައް ނޭނގޭތީއެވެ.

ދިވެހި ފިލްމެއްގައި، ލޯބިވެރިޔާ ކަޓާފައި ހުރި ބޮޑު ފިރިހެނަކު ވެސް، އެވާހަކަ ރައްޓެއްސަކަށް ކިޔައިދޭ އިރު އޭނާގެ ނިތްކުރިޔަށް ރޫ އަރުވައި، ދެބުމައިން ހިތާމައިގެ ނިޝާންކުރަހައިގެން، ރޮވޭތޯ އުޅޭ އުޅުން އެއް ގޮތަކަށް ވެސް ޙަޤީޤީއްޔަތަކަށް ނުފެތެއެވެ.

ހިތާމައެއް ދިމާވާ ކޮންމެ ފަހަރަކު އެއްވެސް އިންސާނަކު އެވަރަކަށް ނުއެއް ރޯނެއެވެ. އަދި އަމުދުން ރައްޓެއްސަކަށް ވާހަކަ ކިޔައިދޭއިރު، އެފާޑަށް، ގިސްލުމާ އެކު ތުރުތުރުލާ އަޑުން ވާހަކަ ދައްކާނީ ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަ ޖެހި، ދެން ހަމަ ނަފްސު މަތަ ނުވީމައެވެ. އެހާލަތަށް ގޮސްފައި ތިބޭ މީހުން ކޮންމެސް ވަރަކަށް ނަފްސު މައިތިރިކޮށްފައި ނޫނީ މީހަކާ ވާހަކަ ދެއްކުމީ ވެސް ދުރުކަމެކެވެ. ޚާއްޞަކޮށް ދިވެހީންނެވެ.

މީހަކު އެހެރީ ހިތާމައިންކަން ފިލްމެއްގައި ދެއްކިދާނެއެވެ. އެވަރަށް ނުރުޔަސްވެހެވެ. މޮޅު މުމައްޘިލަކަށް އެއީ މުސްތަޙީލުކަމެއް ނޫނެވެ. ނިތްކުރިޔަށް ރޫނާރުވާ، އަނގައިގެ ދެމިޔަކަން، ހުޅެވިހަނދެއް ވަތައްޖެހީމާ އޮންނަހެން ނެހެދިޔަސް ވެހެވެ. ސުނާމީގައި ފެނިގެން އެދިޔައީ އޭގެ މިސާލުތަކެވެ.

ފަހެ ސުނާމީގައި ޓީވީއަށް ނެގިފައި ހުރި މަންޒަރުތައް މުރާޖަޢާކޮށް، އަލުން ބަލައި، ދިވެހިން ހިތާމަކުރާ އިރު މޫނުމަތީގެ ތަޢުބީރުތައް ހުންނަ ގޮތް، ފިލްމު އުފައްދާ މީހުން ދިރާސާކުރުން ހުއްޓެވެ.

ދިވެހި ފިލްމުތަކުން ގިނައިން ދޭ ރިސާލަތަކީ ވެސް، ލޯތްބަކީ އެއްފަހަރު ވެވޭ އެއްޗެކޭއެވެ. ލޯބިވެރިޔާ ނުލިބުމުން މުޅި މީހާގެ ޙަޔާތް ބަރުބާދުވީކަމުގައެވެ. ފަހެ ދިވެހި އަންހެނުންނަކީ ލޯބިވާ ފިރިމީހާ މަރުވުމުން ވެސް އޭނާގެ ޙަޔާތް ބަރުބާދުކޮށްލާ ބައެއް ނޫނެވެ. މުޅި ޢުމުރުގައި ހުދު ސާޅި އަޅައިގެން އުޅުމަކީ ދިވެހިންގެ ޘަޤާފަތެއް ނޫނެވެ. ދިވެހި އަންހެނުން ދެވަނަ ފަހަރަށް ވެސް އަދި ތިންވަނަ ފަހަރަށް ވެސް، ހިތްވަރާއެކު ތެދުވެ ހަށިފޮޅާލައި، ދިރިއުޅުން އަލުން އާރާސްތުކުރެއެވެ.

ލޯބީގެ ފިލްމުތަކުގައި ދައްކަނީ، ކޮންމެސް ސަބަބަކާ ހުރެ ލޯބިވެރިޔާ ނުލިބިގެން އޭނާ އެގޮތުގައި ޢުމުރު ހޭދަކޮށްލާ މަންޒަރެވެ. ފަހަރުގައި މީހަކާ ނީނދެ ދުނިޔެވީ ޙަޔާތް ބޭކާރުކޮށްލަފާނެއެވެ. ނުވަތަ، ކޮންމެސް ސިފައެއްގައި ޖާނު މަރާލަފާނެއެވެ. އޭނާގެ ލޯތްބަށް ހުރަސްއެޅި މީހުންނަށް ލިބޭ ޢިބުރަތެއްގެ ގޮތުންނޯލައެވެ.

އުފާވެރި ނިމުމަކުން ފިލްމު ނިންމަން ވުމުން ފިލްމު ހަދާމީހުން ޖަހާ މަޅިއަކީ، ދެލޯބި ވެރިން ދޭތެރެއަށް ހުރަހަކަށް ވާ ތިންވަނަ މީހާ، ވަރަށް ވެސް، ލާމަސީލު ރަނގަޅު މީހަކަށް ހެދުމަށް ފަހު ފިލްމު ނިމޭ އިރު، ކޮންމެސް ސަބަބަކާ ހުރެ މަރުވެ، ދެލޯބި ވެރިންގެ ދެމެދުން ނިކުތުމެވެ. މަރުވުމުގެ ކުރިން ބަލި ތަންމަތީގައި އޮވެ، ދެލޯބިވެރިން ގުޅުވާފައެވެ!! ސަރަސްވަތީ އޭނާގެ ލޯބިވާ ގަންގާ ގެ އައްޑަނައަކަށް ވެ ވަރަށް ވެސް ލާމަސީލު މަރަކުން މަރުވެ، ޖަމުނާއަށް މައިދާން ދޫކޮށްލާފައި ދިޔަ އުސޫލުންނެވެ.

ނުވަތަ، ސަންގަމުގައި ދެލޯބިވެރިންގެ ދެމެދަށް ނޭނގި ހުރެ ރަޙްމަތްތެރިޔަކަށް ވަދެވުމުން، އަސްލު ބަޠަލް ފިލްމު ނިމޭ ހިސާބުގައި މަރުވާ އުސޫލުންނެވެ. މި ފިލްމުގައި، ބަޠަލާ ފަހުން އޭނާގެ ފިރިމީހާ ދެކެ ލޯބިވެއެވެ. މިއީ ރަނގަޅު ރިސާލަތެކެވެ. އަދި ޙަޤީޤީ ދުނިޔެއަށް ފެތޭ ވެސް ކަމެކެވެ. ފިރިމީހާ އަކީ ކުށެއް ނެތް ރަނގަޅު މީހެކެވެ. ވީމާ ލޯބިވެވިދާނެއެވެ. އަދި ފިރިމީހާ އަށް ވަފާތެރިވާން ވެސް ވާނެއެވެ. އެހެން ނަމަ ވެސް އޭގެ ބަޠަލު އެހެދީ ރަނގަޅަށް ހެއްޔެވެ؟ އޭނާ އަކީ ތަޢުލީމީ ޒުވާނެކެވެ. ލޯބިވީ އަންހެން ކުއްޖާ ވަރަށް ވެސް ބުއްދިޤަބޫލުކުރާ ސަބަބަކާ ހުރެ ނުލިބުމުން މީހާގެ ޢުމުރު ދުއްވާލަންވީހެއްޔެވެ؟ އޭނާ އަށް ދެން ލޯތްބެއް ވުމުގެ ފުރުޞަތު ގެއްލުނީހެއްޔެވެ؟ ނުވަތަ، އެހެން މީހަކާ އެކު ޒަވާޖީ ޙަޔާތެއް ފެއްޓުމުން މާޒީގައި ވެވުނު ހުވާތަކާއި ޢަހުދުތައް އުވައިލެވުނީހެއްޔެވެ؟ ނުވަތަ އޭނާ ދުނިޔޭގައި ބެހެއްޓުމުން ފިލްމު 'ހެޕީ އެންޑިން' އަކުން ނުނިންމޭނީހެއްޔެވެ؟

ކޮންމެއަކަސް އޭނާ ވެސް މަރުވެގެން ދިޔައީ، ލޯބީގެ ލާމަސީލު ނަމޫނާއެއް ކަމުގައި ވެގެންނެވެ. ރަޙްމަތްތެރިޔާއަށް ވަފާތެރިކަންމަތީގައެވެ. ލޯބިވެރީންނަށާއި ރަޙްމަތްތެރީންނަށް، 'ޙަޤީޤީ' ލޯތްބާއި ވަފާތެރިކަން ބުނެދީފައެވެ!!

ހިންދީ ފިލްމުން މިސާލު ދެއްކިޔަސް، މިއީ ދިވެހި ފިލްމުތަކާއި، ތަމްޘީލުތަކުގައި ވެސް ކަންތައް ހިނގާ މަގެވެ.

މިކަހަލަ ކަންކަމަކީ ޙަޤީޤިއްޔަ ދިރިއުޅުމަށް ފެތޭ، އަދި ފަތުރަން ހެޔޮވާ ވަރުގެ ރިސާލަތްތަކެއްނޫނެވެ. ފަހެ، އިންސާނާ ވިސްނަން ޖެހޭނީ، ލޯބި އެއީ ހިތްތަކުގެ ވެރީންނަށް އަބަދު ވެސް ވެވޭނެ އެއްޗެއްކަމުގައެވެ. ފިރިމީހާ ނުވަތަ އަނބިމީހާ ޚިޔާނަތްތެރި ވުމުން، ނުވަތަ މަރުވެގެން، ނުވަތަ ވަރިވެގެން ވެސް ވަކި ވުމަކީ އެވަގުތު ކިތައްމެ ހިތާމައެއް އިޙްސާސްވާނެ ކަމެއްކަމުގައި ވިޔަސް، އަތުންފައިން ގޯސް ނެހެދުމަށެވެ. ހިތްވަރުގަދަ ބަޠަލަކަށް ވުމަށެވެ. ދިރިއުޅުން އަލުން އާރާސްތުކުރުމަށެވެ. ޙަޔާތުގެ ބައިވެރިއަކަށް ރަނގަޅު ހެޔޮލަފާ އަނެކަކު ހޯދުމަށެވެ.

އަދި ލޯތްބަކީ ފުރަތަމަ ނަޒަރުން ވާ އެއްޗެއްގެ ބަދަލުގައި، އެކަކު އަނެކަކު ދިރިއުޅުން ޙިއްސާކުރުމާ އެކު، ކުރެވޭ މުޢާމަލާތެއްގެ ސަބަބުން ވެވޭ އެއްޗެކަމެވެ. މިފަދައިން ވިސްނާ މީހަކު ވިސްނާނީ ދީންވެރި ރަނގަޅު ހަރުދަނާ ހިތްހެޔޮ މީހަކު ހޯދައިގެން ރަނގަޅު ދިރިއުޅުމެއް އުޅޭށެވެ. ލޯތްބަކީ ރަނގަޅު މުޢާމަލާތުން އުފަންކުރުވިދާނެ އެއްޗަކަށް ވީމައެވެ.

މި ވިސްނުމާއި މި ސިކުނޑިއްޔަތާއި ނަފުސިއްޔަތު، ދިވެހިންގެ ޒުވާން ޖީލުގައި ނެތުމުގެ ސަބަބުން، ލައްކަ ހިތާމަޔާ، ހަމަނުޖެހުމުގައި ދިރިއުޅޭ ޒުވާނުން މިއަދު ރާއްޖޭގައި އެބަ އުޅެއެވެ. ވީމާ، ދިވެހި ލިޔުންތެރީންނާއި، ތަރުބަވީ މީހުންނާއި، ފިލްމު އުފައްދާ ފަރާތްތަކުން، ކުދިން ތަރުބިއްޔަތު ކުރާ އިރު ވެސް، 'ޢުމުރު ނަގާލާ' ރިސާލަތު ދިނުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ.

ރަނގަޅު ރިސާލަތަކީ، ދުނިޔެ ދުވާނީ ތޮށަލި ދުޅައަށޭ ބުނާ ރިސާލަތެވެ. ނުވަތަ ކޮންމެ އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނޭ ބުނާ ރިސާލަތެވެ. ވެއްޓިއްޖެންޏާ ޖެހޭނީ ތެދުވެ ހަށިފޮޅާލާށެވެ. ރޫޅިއްޖެންޏާ އަލުން ބިނާކުރާށެވެ. ދަރަހަނާވެއްޖެންޏާ އަލުން އާރާސްތުކުރާށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.