އާދީއްތަ20201025

އާކުރެވުނީ: 08:43:52

އެބްސްޓްރެކްޓް ކުރެހުން

abstract-kurehun-boduއެބްސްޓްރެކްޓް ކުރެހުމަކީ ތަފާތު ބާވަތެއްގެ ކުރެހުމެކެވެ. އެބްސްޓްރެކްޓް ކުރެހުމުގައިވަނީ ކުރެހުމަށް ބަލާލުމުން ކުރެހުމުން ދައްކުވައިދެނީ ވަކި މިވެނި އެއްޗެއްކަން ސާފުކޮށް އެނގެން ނުހުންނަފަދަ ގޮތަކަށް ހުންނަ ޑިޒައިނާއި، ކުލަޔާއި ބައްޓަމެވެ. މި ސަބަބަށްޓަކައި، އެބްސްޓްރެކްޓް ކުރެހުން ދެނެގަނެ ދޭހަވުމަކީ ރެޕްރެޒެންޓޭޝަނަލް ކުރެހުމެއް ދެނެގަނެ ދޭހަވުންހައި ފަސޭހަކަމެއްނޫނެވެ. ރެޕްރެޒެންޓޭޝަނަލް ކުރެހުމަކީ، ކުރެހުމުގައި ދައްކުވައިދެނީ ކޯޗެއްކަން ވަރަށް ސާފުކޮށް އެނގެން ހުންނަބާވަތުގެ ކުރެހުމެވެ. މިބާވަތުގެ ކުރެހުން ބައެއް ފަހަރަށް ފޮޓޯއެއްހައި ޙަޤީޤަތާއި އެއްގޮތަށް ކުރަހާފައިހުރެއެވެ.

ޢާންމުގޮތެއްގައި އެބްސްޓްރެކްޓް ކުރެހުން ހުންނަނީ ދެ ގިންތިޔަކަށް ބެހިފައި ކަމުގައި ދެންނެވިދާނެއެވެ. މިގޮތުން ފުރަތަމަ ގިންތިޔަކީ، ޤުދުރަތީ އެއްޗެއް ނޫނީ ޤުދުރަތީ މަންޒަރެއް ދައްކުވައިދޭ، ނަމަވެސް ޙަޤީޤަތާއި އެއްގޮތްވާވަރަށް ތަފްސީލްނުކޮށް ހުންނަ ކުރެހުމެވެ. މި ފަދަ ކުރެހުންތަކަށް ބެލުމުން ކުރެހުމުން ދައްކުވައިދެނީ ކޯޗެއްކަން ނޫނީ ކުރެހުންތެރިޔާ ފާޅުކޮށްފައިވާ ޚިޔާލު ފަހުމްވާނެއެވެ. ނަމަވެސް ކުރީގައި ދެންނެވިފަދައިން ރެޕްރެޒެންޓޭޝަނަލް ކުރެހުމެއްހައި ސާފެއް ނުވާނެއެވެ.  

abstract-kurehun1ފަރަންސޭސިވިލާތުގެ ކުރެހުންތެރިޔެއް ކަމަށްވާ ކުލޯޑް މޮނެޓް "ވޯޓާރ ލިލީޒް (ދަ ކުލައުޑް)" ގެ ނަމުގައި 1903 ގައި ކުރަހާފައި މިވާ ކުރެހުމަށް ބައްލަވާލެއްވުމުން މިދެންނެވި އެއްޗެއް ދޭހަވެލައްވާނެއެވެ.

ދެވަނަ ގިންތީގެ އެބްސްޓްރެކްޓް ކުރެހުމަށް "ޕިއޯ އެބްސްޓްރެކްޓް އާޓް" އޭ ކިޔައެވެ. މިވައްތަރުގެ ކުރެހުމުން ދައްކުވައިދޭ އެއްޗެއް ދެނެގަތުން ފަސޭހަނުވާ ތާނގައި، ސާދާކޮށް ޙަޤީޤީ އެއްޗެއް ދައްކުވައެއް ނުދޭނެއެވެ. އޭގެ ބަދަލުގައި ކުރެމުން ފެންނާނީ ކުލަޔާއި، ރޮނގާއި، ޑިޒައިންތަކާއި ބައްޓަންތަކެވެ. ތިރީގައި މިވަނީ ހާލީ ހޭން 2000 ވަނަ އަހަރު ބުލޫ #1 ގެ ނަމުގައި ކުރަހާފައިވާ އެބްސްޓްރެކްޓް ކުރެހުމެކެވެ. ކުރީގެ ކުރެހުމާއި ޚިލާފަށް މި ކުރެހުމުން އެއްވެސް އެއްޗެއް ފާހަގައެއް ނުކުރެއްވޭނެއެވެ. ކުރެހުމުން ވޯޓާ ލިލީ މަލެއް، ވިލައެއް، އަދި ކީއްތޯ އިންސާނެއްގެ ސޫރައެއްވެސް ފާހަގައެއް ނުކުރެއްވޭނެއެވެ.

abstract-kurehun2ވާތްފަރާތުގައި އެވާފަދަ ކުރެހުމަކަށް ބަލަމުންދާއިރު ވަރަށްގިނަ ސުވާލު ހިތުތެރޭ އެނބުރުން އެއީ ހަމަ ޠަބީޢީ ކަމެކެވެ. ކުރެހުންތެރިން މިގޮތަށް ކުރަހަނީ ކީއްވެބާވައެވެ؟ ކުރެހުންތެރިޔާގެ ވިސްނުމުގައި ވަނީ ކޮންކަމެއްބާވައެވެ؟

އެބްސްޓްރެކްޓް ކުރެހުންތަކުގައި ދައްކުވައިދޭ ޑިޒައިންތައް  ލޮލަށް ރީތިކަމަށް ބައެއް ފަހަރަށް ފެންނާތީ އެއީ ޒީނަތްތެރިކުރުމަށް ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަތްކަމަށް ވިޔަސް އެބްސްޓްރެކްޓް ހުރިހާ ކުރެހުމެއްގައި ލޮލަށް ބަލާލަން ފަސޭހަ ގޮތެއް ނުހުރެއެވެ.

ޔަގީނުންވެސް ކުރެހުންތެރިން ކުރަހަނީ ހަމައެކަނި ޒީނަތްތެރިކުރުމަށް ބޭނުންކުރާއެއްޗެއް އުފެއްދުމު ބޭނުމުގެ އިތުރުން އެހެން ބޭނުމެއް  ކުރެހުމުގައި އޮތީމައެވެ. އެހެން ނޫންނަމަ، އެ ހުރިހާ ވަގުތަކާއި ހަކަތައެއް ކުރެހުމަށް އޭނާ ބޭނުމެއް ނުކުރާނެއެވެ.

ކުރިން ދެންނެވި ސުވާލުތަކުގެ ޖަވާބު  ހޯދުމަށް ކުރެހުމާއިމެދު އެއީ މިނިވަން ވަކި، އެއްޗެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މުޅީން އެހެން ނަޒަރަކުން ކުރެހުމާއިމެދު ބަލަންޖެހެއެވެ. ކުރެހުންތެރިން ކުރަހަނީ ހަމައެކަނި، ޒީނަތްތެރި އެއްޗެއް އުފެއްދުމުގެ ބޭނުމުގައި ކަމުގައި ނުވާތީ ކުރެހުމުގެ އަސާސީ މަޤުޞަދު ދެނެގަންނަންޖެހެއެވެ.

ކުރެހުމެއްގެ ރީތިކަން ދެނެގަތުމަށް، ކުރެހުމަކީ، އޭގެ ޒާތުގައި ހުރިހާ ކަމަކާއި ގުޅުންކެނޑިފައިވާ މިނިވަން ވަކި އެއްޗެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ކުރެހުމުގެ ފަހަތުގައި ކުރެހުން އުފަންވުމަށް މެދުވެރިވި ޙާލަތެއްވާކަމާއި، ކުރެހުމަކީ ޒަމާން ކަނޑައެޅިފައިވާ އެއްޗެއްކަމަށް ޤަބޫލްކުރަންޖެހެއެވެ.

ކޮންމެ ކުރެހުމެއްވެސް އުފަންވެގެން އަންނަނީ ވެއްޓެއްގެ ތެރެއިންނެވެ. ވަކި ޒަމާނެއްގައެވެ. ވީމާ ކުރެހުންތެރިޔާގެ ކުރެހުމުގެ މާނަޔާއި ރީތިކަން ދެނެގަތުމަށް ކުރެހުން އުފަންވެގެން އައި ވެއްޓާއި ޒަމާން އެނގެންޖެހެއެވެ. ކުރެހުމުގައި ކުލަޖެހިފައިވާނީ ޒަމާނާއި ކުރެހުންތެރިޔާގެ ޙަޔާތާއި، ވެށީގެ އަސަރުތަކުންނެވެ. ކުރެހުން ތެރިޔެއްގެ ފަންނުވެރި މަސައްކަތްތަކާއި ބެހޭގޮތުން ދެނެގަތުމަށް މަސައްކަތްކުރާއިރު އެ ކުރެހުންތެރިޔާގެ ދިރިއުޅުމާއި، ފިކުރާއި އޭނާ އުޅުނު ދުވަސްވަރާއި ބެހޭގޮތުން ހޯދުންތައް ހޯދައި ދެނެގަންނަންޖެހެނީ މި ދެންނެވި ސަބަބަށްޓަކައެވެ. އާދެ. ކުރެހުންތެރިޔާގެ ފަންނުވެރި މަސައްކަތުގެ އަގު އެންމެ ފުރިހަމަޔަށް ވަޒަންކުރެވޭނީ އޭރުން ކަމަށްވާތީއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.