އާދީއްތަ20180909

އާކުރެވުނީ: 08:43:52

ރޮބިންސަނާއެކު ހަވީރުކުރުން

edwinއެމެރިކާގެ އަދަބީ ތާރީޚްދުށް އެންމެ ރީތިކޮށް ޅެންހެދި ޅެންވެރިންގެ ތެރޭގައި ހިމެނޭ ޅެންވެރިއެކެވެ. ރޮބިންސަން އުފަންވީ 1889ވަނަ އަހަރުގެ ޑިސެމްބަރ 22 ވަނަދުވަހު އެމެރިކާގެ މޭއިންގެ ހެޑްޓައިޑް ގައެވެ. ބައްޕައަކީ އެޑްވަރޑް ރޮބިންސަނެވެ. މަންމައަކީ އެލިޒަބަތު ޕާލްމަރ އެވެ. ޅަފުރާގެ ދުވަސްތަކާއި ފުރާ އުމުރު ހޭދަކޮށްފައިވަނީ ގާރޑިނާރ ކިޔާ ޓައުނެއްގައެވެ.

ރޮބިންސަންގެ ބައްޕައަކީ ލަކުޑީގެ ވިޔަފާރިވެރިއެއް ނަމަވެސް، ރޮބިންސަނާއި އޭނާގެ ބޭބެމެން ދިރިއުޅެމުން ގެންދިޔައީ ވަރަށް އާދައިގެ ދިރިއުޅުމެކެވެ.

ރޮބިންސަން، އޭނާގެ އުމުރުން އެގާރަ އަހަރުގައި ޅެންވެރިކަމުގެ ތެރެއަށްވަދެ ހުނަރު ދައްކަންފެށިއެވެ. ބައްޕަގެ ދެކޮޅުހެދުމާ އެކުވެސް އޭނާ، ހާރވަޑްއަށް ކިޔަވަންވަނެވެ. ނަމަވެސް ދެއަހަރު ފަހުން ކިޔެވުން ހުއްޓާލަންޖެހުނީ ފައިސާގެ ދަތިކަމާ، ބައްޕަގެ ބަލިޙާލާ ހުރެއެވެ. ރޮބިންސަންގެ ބައްޕަ 1892 ގައި ނިޔާވިއެވެ. ބައްޕަ ނިޔާވިތާ ހަތަރު އަހަރު ފަހުން 1896 ވަނަ އަހަރު މަންމަ ނިޔާވިއެވެ. ރޮބިންސަންގެ ބައެއް ޅެންތަކަކީ މި ބަދުނަސީބު ޙާދިސާތަކުގެ ނަތީޖާއެވެ.

ކިޔެވުން ހުއްޓާލަންޖެހުމުން ރޮބިންސަން، ނިއުޔޯކް ސިޓީގެ ގުރީންނިޗް ވިލެޖަށް ދިރިއުޅުން ބަދަލުކުރިއެވެ. މި ތަނުގައި އޭނާ، ހުރި ގެ އަކީ ކުރީން ވަރަށްގިނަ ފަންނާނުންނާއި ލިޔުންތެރިން ދިރިއުޅެފައިވާ ގެއެކެވެ. މިދުވަސްވަރު ރޮބިންސަން އުޅުނީ ވަރަށް ފަގީރު ނިކަމެތި ދިރިއުޅުމެކެވެ. އޭނާގެ ދުނިޔަވީ ހުރިހާ މުދަލެއް އެންމެ ދަބަސްގަނޑަކަށް ކަމާލުކޮށްލެވޭހާ މަދުކަމަށްވެއެވެ.

ރައްޓެހިންގެ އެހީގައި ރޮބިންސަން އޭނާގެ ޅެންތައް 1890ގެ އަހަރު ތަކުގައި ޝާއިޢުކުރަންފެށިއެވެ. އޭނާގެ ފުރަތަމަ ދެފޮތަކީ ލޮބުވެތި މަންމަ ނިޔާވުމުން ކުޅަ އަސަރަށް ބިނާކޮށްފައިވާ ދެފޮތެވެ. ރޮބިންސަންގެ ތިންވަނަ ފޮތަކީ ''ކެޕްޓަން ކުރައިގް'' އެވެ. ހަތަރުވަނަ ފޮތް، ''ދަ ޓައުން ޑައުން ދަ ރިވާރ'' ޝާޢިއުކުރުމުގައި އެހީތެރިވެދެއްވީ އެމެރިކާގެ ރައީސެއްކަމަށްވާ ތިއެޑޯރ ރޫޒްވެލްޓެވެ.

ރައީސް ތިއެޑޯރ ރޫޒްވެލްޓްގެ ސަމާލުކަން، ރޮބިންސަންގެ ޅެންތައް 1905ވަނައަހަރު އަތުލިއެވެ. ނަތީޖާއެއްގެ ގޮތުން ނިއުޔޯކް ސިޓީން ރޮބިންސަނަށް ރޫޒްވެލްޓް، ވަޒީފާއެއް ހޯދައިދިނެވެ.

ރޮބިންސަން ފާހަގަކުރެވިފައިވަނީ ލަދުރަކި، އެކަނިވެރިކަމަށް ލޯބިކުރި މީހެއްގެ ގޮތުގައެވެ. އޭނާގެ ޙަޔާތް ނިންމާލީ ހުއްސަރިބައިކޮށެވެ. ތިންފަހަރަށް ޕްލިޓްޒަރ ޢިނާމް ހޯދާފައިވާ ޅެންވެރިޔާ، އެޑްވިން އާލިންޓަން ރޮބިންސަން ދުނިޔެ ދޫކުރީ1935 ވަނަ އަހަރުގެ އޭޕްރީލް 6 ވަނަ ދުވަހުއެވެ.

ބައެއް އަދަބީ ފާޑުކިޔުންތެރިންގެ ނަޒަރުގައި، އެޑްވިން އާލިންޓަން ރޮބިންސަންގެ ޅެންތައްވަނީ، ފާޑުވެރިކަމުގެ އާ މިންގަޑެއް އެމެރިކާ އާއި އިގިރޭސި ޅެންވެރިކަމުގައި ކަނޑައަޅައިދީފައެވެ. ރޮބިންސަންގެ ޅެންތަކުގައިވަނީ އޭނާގެ ދުވަސްވަރުގެ ފާޑުވެރި ޅެންވެރިން ކަމަށްވާ، ވޯލްޓް ވިޓްމަން އަދި ވޮލަސް ސްޓީވަންސް ގެ ޅެންތަކުގެ ފާޑުވެރިކަމުގެ އަސަރުތަކަށްވުރެ، ޝެކްސްޕިއާރ އާއި ބެންޖޯންސަންގެ ފާޑުވެރިކަމުގެ އަސަރުތައްކަމަށް ބުނެ އުޅެއެވެ.

ރޮބިންސަން ޅެންހަދާއިރު، ވަރަށްބޮޑަށް ލަފުޒުތަކުގެ އަޑަށް ސަމާލުކަން ދިނެވެ. ރޮބިންސަން ، އޭނާގެ ނަމާ ދޭތެރޭ،ހިތްހަމަ ނުޖެހެނީވެސް އެނަން ކިޔާ ކޮންމެފަހަރަކު ހުސްދަޅެއްގައި ފައިންޖަހާ ސިޑިމަތިން ވައްޓާލީމާ އެކިޔާކަހަލަ އަޑެއް ކިޔާހެން އޭނާއަށް ހީވާތީއެވެ! ރޮބިންސަން ދުށްގޮތުގައި ޅެން ވާންޖެހޭނީ މިޔުޒިކީ ހަމައެއް ހުންނަ އެއްޗަކަށެވެ.

ރޮބިންސަންގެ ލިޔުންތައް ސިފަކޮށްދީފައިވަނީ އޭނާގެ ދިރިއުޅުމުގެ އިތުރަށް، އޭނާ ވަށައިގެން ދިރިއުޅުނު މީހުންގެ ދިރިއުޅުމެވެ. އެމީހުންގެ ޙާލަތެވެ.ކުރަމުންދިޔަ އުއްމީދުތަކެވެ. އެއީ، ދިރިއުޅުމުގައި ނާކާބިޔާބުވެފައިވާ މީހުންނާއި، ދިރިއުޅުންދެކެ ފޫހިވެ، ރުޅިއައިސްފައިވާމީހުންނެވެ. ބަދުނަސީބުގެ ސަބަބުން ދިރިއުޅުން ''ފަނުފުލުންލާފައިވާ'' މީހުންވެސް މެއެވެ. މި މީހުންގެ އެންމެ ރީތި މިސާލެއްފެންނަނީ، ''މިނިވަރ ޗީވީ'' އާއި ''ރިޗަރޑް ކޯރީ'' މިދެޅެމުންނެވެ.

ރޮބިންސަންގެ ޅެންތަކުން ބުނެދެނީ އޭނާއަށް ފެނިދެނިވެފައިވާ ޙަޤީޤަތެވެ. އޭނާ ޤަބޫލްކުރާ ކަންތައްތަކެވެ. އޭނާގެ ފަހުގެ ޅެންތަކުގައި އިޖްތިމާޢީ މައްސަލަތަކަށް އިޝާރާތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ރޮބިންސަންގެ ވަރަށްގިނަ ޅެންތަކުގައި ސިފަކޮށްދޭ ޚިޔާލީ ޓައުނެއް ކަމަށްވާ، ޓިލްބަރީ ޓައުން، އިޝާރާތްކުރަނީ ޅެންވެރިޔާގެ ފުރާ ޢުމުރު ހޭދަކުރި ގާރޑިނަރ ޓައުނަށެވެ. ޅެންތަކުގައިވާ ބައެއް ޙާދިސާތައް ޙަވާލާދެނީ ޅެންވެރިޔާގެ ޙަޤީޤީދިރިއުޅުމުގައި ދިމާވެފައިވާ ތަޖްރިބާތަކަށެވެ. މިސާލަކަށް ބަނގުރަލަށް ދެވިހިފައި އެއީ ބައްޔަކަށް ޅެންވެރިޔާއަށްވިއެވެ. މިކަންތައް ސިފަކޮށްފައިވަނީ،

''މިނިވަރ ޗީވީ'' އާއި ''މރ. ފުލަޑްސް ޕާޓީ'' މި ދެޅެމުގަވެ. ރޮބިންސަންގެ ދުވަސްވަރުގެ އެހެން ޅެންވެރިންފަދައިން ''ރީތިކޮށް އޮމާންކޮށް އޮފުއަރުވައިފައި'' ދިރިއުޅުން ދެއްކުމުގެ ބަދަލުގައި، ރޮބިންސަން، ދިރިއުޅުން ދައްކުވައިދީފައިވަނީ ވަރަށް ހަޤީޤަތާ އެއްގޮތަށެވެ.

''ރިޗަރޑް ކޯރީ''

މިއީ ރޮބިންސަންގެ ޅެންތަކުގެ ތެރެއިން އެންމެ ގިނައިން މީހުން ކިޔާ، ލިޔެހަދާ، ދެ ޅެމުންކުރެ އެއް ޅެމެވެ. މި ޅެމުގައި ސިފަކުރަނީ ވަރަށް މުއްސަނދި ކާމިޔާބު ރިޗަރޑް ކޯރީ ކިޔާ މީހެކެވެ. ވާހަކަ ކިޔައިދެމުން ދަނީ މަގުމަތީގައި އުޅޭ ފަގީރު މީހުންތަކުގެ ތެރެއިން މީހެކެވެ. ފަގީރުމީހުންގެ ނަޒަރުގައި ރިޗަރޑް ކޯރީއަކީ މުއްސަނދި ކަމާއެކުވެސް ކިބުރުވެރިކަމެއްނެތް ޢިއްޒަތްތެރިއެކެވެ. އޭނާގެ މަޤާމަށް އައުމަށް ހަމަ ކޮންމެ މީހަކު ވެސް އެދޭނެ ފަދަ ފުރިހަމަ މީހެކެވެ. ފަޤީރު މީހާގެ ތަޢުރީފްތައް ކޯރީއަށް އޮހޮރަމުންގޮސް ވާހަކައަށް ކުއްލި ބަދަލެއް ގެންނަނީ ވާހަކަ ކިޔައިދޭ މީހާގެ ކުޑަ މަޢުލޫމާތުކޮޅެއް ދެމުންނެވެ. އޭނާގެ ޙާލަތު ބުނެދެމުންނެވެ. ކުއްލި ޝޮކެއް ލިބެނީ އިތުރު ތަފްސީލެއްނުދީ ކާމިޔާބު، ރިޗަރޑް ކޯރީ އަމިއްލަޔަށް މަރުވި ވާހަކަ ބުނުމުންނެވެ.

ފަގީރު މީހުންނަށް އެ ފެނުނީ ފުރިހަމަ، ރިޗަރޑް ކޯރީ ނޫންކަން އެނގެނީ ޅެން ނިމުމުންނެވެ. ރިޗަރޑް ކޯރީ އަމިއްލަޔަށް މަރުވީ ފަހެ، ކީއްވެބާވައެވެ؟

ރިޗަރޑް ކޯރީ

އެޑްވިން އާލިންޓަން ރޮބިންސަން

(ތަރުޖަމާ: ޢަލީ އިސްމާޢީލް)

ރިޗަރޑް ކޯރީ ޓައުނަށްދާ ކޮންމެފަހަރަކު

އަހަރެމެން، ދުވާރުމަތީ ތިބޭމީހުން އޭނާ އަށް ބަލަމުއެވެ

އޭނާ އަކީ ބޮލުންފެށިގެން ފުންނާބާހަމަޔަށް ޢިއްޒަތްތެރިއެކެވެ.

ރުހުންލިބިފައިވާ، ޝާހީގޮތެއްހުރި ހިމަތޮޅި މީހެކެވެ.

އޭނާ އަބަދުވެސް ހުންނަނީ ސާދާކޮށް ޗާލޫކޮށެވެ.

ބަސްމޮށޭއިރު އެއީ އަބަދުވެސް އިންސާނެކެވެ.

އެހެނަސް އޭނާ ސަލާންގޮވާލާއިރަށް ވިންދުޖަހާލައެވެ.

ހިނގާބިގާވާއިރު ވިދާބަބުޅައެވެ.

އޭނާ މުއްސަންޖެވެ--- އާއެކެވެ.ރަސްކަލަކަށްވުރެވެސް މުއްސަންޖެވެ.

އޭނާ ގައި، ހުރިހާ މޫރިތިކަމަކާއި ފަރިކަމެއް، ހިތްލެނބޭ ވަރަށް ވެއެވެ.

ފުރިހަމަކަމުން އަހަރެމެން ހީކުރީ އޭނާ އަކީ ހުރިހާ އެއްޗެއްކަމަށެވެ.

އަހަރެމެންނަށް އޭނާހުރި މަޤާމުގައި ހުރެވުމަށް އުއްމީދުކުރެވެޔެވެ.

އެހެންވީމާ، އަހަރެމެން މަސައްކަތްކުރަމުން ދިޔައީމެވެ.

އަލިކަމެއް ލިބޭތޯ އިންތިޒާރު ކުރަމުންނެވެ.

އަދި ކާނެ މަހެއްނެތި، ޕާންފޮއްޗަށް އެއްޗެތިގޮވަމުންނެވެ.

ހޫނު މޫސުމުގެ މަޑުމައިތިރި ރެއެއްގައި، ރިޗަރޑް ކޯރީ

ގެއަށް ދިޔައެވެ. އަދި ބޮލަށް، ވަޒަނެއް ފޮނުވާލިއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.