Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ދުނިޔޭގެ އަދަބިއްޔާތު ބުކަރ އިނާމަށް '' ބޮޑެތި ނަންތަކެއް'' ވާދަކުރަނީ.

ބުކަރ އިނާމަށް '' ބޮޑެތި ނަންތަކެއް'' ވާދަކުރަނީ.

booker2005އަދަބީ ޚިޔާލީ ވާހަކަ (ލިޓްރަރީ ފިކްޝަން) އަށް ދެވޭ އެންމެ ޝަރަފްވެރި އެއް އިނާމް ކަމަށްވާ ބުކަރ ޢިނާމުގެ ދިގު ލިސްޓް މިހާރު ވަނީ އިއުލާނު ކޮށްފައެވެ. ދިގު ލިސްޓްގައި މިފަހަރު ހިމެނެނީ ސަތާރަ ލިޔުންތެރިއެކެވެ. ލިސްޓްގައިވާ އަދަބީ ލިޔުންތެރިންނަށް ބަލާއިރު އިގިރޭސި އަދަބުގައި އެންމެ ނަގާކިޔާ ގިނަ ލިޔުން ތެރިން މިފަހަރު ޢިނާމަށް ވާދަކުރާ ކަން ފާހަގަ ކުރެވެއެވެ.

ޢިނާމަށް ވާދަކުރާ ލިޔުންތެރިންގެ ތެރޭގައި، ފަންސާސް ހާސް ޕައުންޑްގެ އަގުހުރި މި އިނާމް، ކުރިން މިލްކު ކޮށްފައިވާ ހަތަރު ލިޔުންތެރިޔެއް ހިމެނެއެވެ.

ނަތީޖާ އެއްގެ ގޮތުން ވާދަވެރިކަންބޮޑުވެ، އިނާމަށް ކުރެވޭ އިންތިޒާރުގައި ހިތްތެޅޭގޮތް ވަނީ އިތުރުވެފައެވެ.

ބުކަރ ޢިނާމުދޭ ކޮމިޓީގެ އިސްފަނޑިޔާރު ޕްރޮފެސަރ ޖޯން ސްދަރލަންޑްެ ވިދާޅުވެފައި ވަނީ މިއަހަރަކީ، އަދަބީ ވާހަކަ ލިޔުމުގެ ފަންނުގައި ފާހަގަކުރެވޭ އަހަރެއްކަމަށާއި، ލިސްޓްގައި ހިމެނޭ ނަންތަކަކީ ބުކަރ އިނާމް ތަޢާރަފްކުރި ފަހުން، ދިގު ލިސްޓްގައި މިހާ ގިނަ އަދަދަކަށް އެއްފެންވަރެއްގެ ''ވަރުގަދަ'' ނަންތައް ހިމެނުނު އަހަރުކަމަށެވެ.

ލިސްޓްގައި ހިމެނޭ، ކުރިން މި އިނާމް ޙާސިލްކޮށްފައިވާ މަޝްހޫރު ލިޔުންތެރިންނަކީ ޖޭއެމް ކޫޓްސީ ، އިއާން މެކްއިވާން ، ސަލްމާން ރުޝްދީ އަދި ކަޒުއޯ އިޝިގުރޯ އެވެ. ލިސްޓުން ދެން އެންމެ އަޅައިގަންނަނީ، ކުރީ އަހަރުތަކުގައި މި އިނާމުގެ ކުރު ލިސްޓަށް އެރި ޖޫލިއަން ބާރންސް އާއި ޖޯން ބެންވައިލް އަދި ޢަލީ ސްމިތުގެ ނަމުގައެވެ. މީގެ އިތުރަށް މިއަހަރުގެ އޯރެންޖް އިނާމަށް ވާދަކުރި މަރީނާ ލެވީކާގެ ފޮތް ވެސް ވަރަށް ''ހޫނުކޮށް'' ބުކަރ އިނާމަށް ވާދަ ކުރާނެކަމަށް ބެލެވެއެވެ.

ލޯންގް ލިސްޓްގައި ހިމެނޭ ނަންތަކުގެ ޢަދަދު މަދުކޮށް ކުރުލިސްޓެއް އެކުލަވާލައި، އަންނަ ސެޕްޓެމްބަރ މަހުގެ އަށް ވަނަ ދުވަހު އިއުލާނުކުރެވޭނެއެވެ. ބުކަރ ޢިނާމް ދިނުމަށް ހަމަ ޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ދިހަ ވަނަ ދުވަހުގައެވެ.

ލިސްޓުން ފާހަގަ ކުރެވޭ ހަތަރު ލިޔުންތެރިއެއް.

1. ޖޭ.އެމް ކޫޓްސީ

ޖޭ.އެމް ކޫޓްސީގެ އަސްލު ނަމަކީ ޖޯން މެކްސްވެލް ކޫޓްސީ އެވެ. އުފަންވީ ދެކުނު އެފްރިކާއަށް ނަމަވެސް މިހާރު ދިރި އުޅެނީ އޮސްޓްރޭލިޔާގެ އެޑްލައިޑް ގައެވެ. ކޫޓްސީ ވަނީ އަދަބްގައި ދެވޭ އެންމެ ޝަރަފްވެރި ޢިނާމް ނޯބެލް ޕްރައިޒް ވެސް ހޯދާފައެވެ. މި ފަހަރު ބުކަރ ޢިނާމް ލިބިއްޖެނަމަ ކޫޓްސީ އަށް ތިންފަހަރަށް މިޢިނާމް ހޯދުނީއެވެ. އެއާއެކު ބުކަރ ޢިނާމުގެ ތާރީޚުން ޖާގައެއް ކަށަވަރުވީއެވެ. ޢިނާމަށް ހުށައަޅާފައިވާ ފޮތަކީ އަދި ޝާއިއުނުވާ ފޮތެއް ކަމަށްވާ ''ސްލޯމޭން'' އެވެ. މިއީ އެކްސިޑެންޓެއްގެ ސަބަބުން ފައިބުރިކޮށްލަން ޖެހުނު މީހަކާ ބެހޭ ވާހަކައެކެވެ. އޭނާގެ ހިތުގައި ނަރުހަކާ ދޭތެރޭ އުފެދެމުންދިޔަ ޖަޒުބާތުތައް އޮޅުންބޮޅުމެއްގެ ތެރެއަށް ގެނބެންފަށަނީ، މަޝްހޫރު ވާހަކަ ލިޔުންތެރިއެއް އަންނަ ހިސާބުންނެވެ. މި ވާހަކަ ސެޕްޓެމްބަރު މަހުތެރޭ ކިޔާލަން ލިބޭވަރު ވާނެކަމަށްވެއެވެ.

2. ސަލްމާން ރުޝްދީ

ތާއަބަދު، އިސްލާމް ދީނަށް ފުރައްސާރަ ކުރާ މި ލިޔުންތެރިޔާ، ވަނީ މީގެކުރީން ''މިޑްނައިޓް ޗިލްރަން'' ލިޔެގެން ބުކަރ ޢިނާމް ހޯދާފައެވެ. ރުޝްދީގެ ފުރަތަމަ ފޮތަށް ތަރުޙީބެއް ލިބިގެން ގޮސްފައެއް ނުވެއެވެ. ''ސެޓަރނިކް ވާސަސް'' ލިޔުމާއި އީރާނުގެ ކުރީގެ ދީނީ ލީޑަރު އާޔަތުﷲ ޚުމައިނީގެ ފަތުވާގެ ސަބަބުން ރުޝްދީގެ މަޝްހޫރުކަން އިތުރުވެގެން ދިޔައެވެ.

މިފަހަރުގެ ފޮތަކީ، ''ޝަލީމާރު ދަ ކުލައުން'' އެވެ. މިވާހަކައިގައި މެކްސީމިލިއަން އޯފަލްސް ކިޔާމީހަކަށް ވަޅިން ހަމަލާދީ މަރާލައެވެ. ނުބައި ޢަމަލުގެ ޒިންމާ އުފުލަނީ އަމިއްލަޔަށް ތިމަންނާއަކީ ޝަލީމާރު ދަ ކުލައުން އޭ ކިޔާ، ގޮތްނޭގޭ ޝަޙްޞިއްޔަތެކެވެ. ވާހަކައިގެ ޙާދިސާތައް ހިގަނީ ލޮސްއެންޖަލްސް އާއި ފްރާސް އަދި އިންޑިއާގެ ރީތި، އެހެނަސް ހަލަބޮލި ކަޝްމީރު ގައެވެ. ދާދި އަވަހަށް ފޮތް ފިހާރަތަކުގެ ހަރުގަޑުތަކުން މިފޮތް ފެންނަން ހުންނަވަރު ވާނެކަމަށް ވެއެވެ.

3. އިއާން މެކްއިވާން

މެކްއިވާން އަކީ އިގިރޭސި ރައްޔިތެކެވެ. މި ލިޔުންތެރިޔާގެ އެންމެ ފުރަތަމަ ޝާއިޢުކުރެވުނު ފޮތަކީ ''ފަސްޓް ލަވް ލާސްޓް ރައިޓްސް'' އޭ ކިޔުނު ކުރުވާހަކަ ކަލެކްޝަނެކެވެ. މެކްއިވާން އަށް ބުކަރ ޢިނާމް ލިބުނީ 1998 ވަނަ އަހަރުގައެވެ. އެއީ ''އެމްސްޓަރޑަމް'' ކިޔާ ވަރަށް ހިތްގައިމު ނާވިލަކަށެވެ.

މެކް އިވާންގެ މިފަހަރުގެ ހުށަ ހެޅުމަކީ އޭނާގެ ފަހުގެ ނާވިލު ''ސަޓަރޑޭ'' އެވެ. މި ފޮތް ޝާޢިއު ވުމާ އެކު ބައެއް ފަރާތްތަކުން ލަފާކޮށްފައިވަނީ މިފޮތް އެއީ ބުކަރގެ ފަންސާސް ހާސް ޕައުންޑްގެ ޗެކް މެކްއިވާންގެ ޖީބަށް ވައްޓައިލުމުގެ ސަބަބަކަށް ވެދާނެކަމަށެވެ.

'' ސަޓަރޑޭ'' މިވާހަކަ ބިނާކޮށްފައިވަނީ އެންމެ ދުވަހެއްގެ މައްޗަށެވެ. އެދުވަސް ވެގެންދަނީ ސިކުނޑީގެ އޮޕަރޭޝަންކުރާ ޑޮކްޓަރެއް ކަމަށްވާ ހެންރީ ޕެރޯން ގެ ޙަޔާތުގައި ލައްކަ ގިނަ ޙާދިސާ ހިގާދުވަހަކަށެވެ.

އެއީ ހަމަ ކޮންމެދުވަހަކު ހިގާފަދަ އާދައިގެ ޙާދިސާތަކާއި އާދަޔާޚިލާފް ޙާދިސާތަކެވެ.

4. ކަޒުއޯ އިޝިގުރޯ

މިއީ ޖަޕާނަށް އުފަން އިގިރޭސިވިލާތުގެ ލިޔުންތެރިއެކެވެ. އިޝިގުރޯގެ ފުރަތަމަ ނާވިލަށް ވަނީ 1986 ވަނަ އަހަރު ވިޓްބްރެޑް ޢިނާމު ލިބިފައެވެ. އިޝިގުރޯގެ ނާވިލުތަކުގެ ތެރެއިން ބުކަރ ޢިނާމް ލިބިފައިވަނީ ''ދަ ރިމެއިންސް އޮފް ދަ ޑޭ'' އަށެވެ.

އިޝިގުރޯގެ ލިޔުމުގެ ސްޓައިލާއި ވާހަކަ ކިޔައިދީފައި ހުންނަ ގޮތަށް ބަލާއިރު އާދަޔާޚިލާފް ގޮތެއް ހުންނަކަން ފާހަގަކުރެވެއެވެ. މި ލިޔުންތެރިޔާ އެންމެ ފަހުން ލިޔުނު ވާހަކަ ''ނެވަރ ލެޓް މީ ގޯ'' އާއި ހަތަރުވަނައަށް ލިޔުނު ވާހަކަ ''ކޮންސޯލްޑް'' ފިޔަވައި ގިނަ ވާހަކަތަކަކީ ކޮންމެވެސް ވަރަކަށް ތާރީޚީ މަޢުލޫމާތު ހިމެނޭ ވާހަކަތަކެކެވެ.

ބުކަރ ޢިނާމަށް ހުށަހަޅާފައިވާ ނާވިލު ''ނެވަރ ލެޓް މީ ގޯ'' އަކީ ކޮންމެވެސް ވަރަކަށް ސައެންސް ހިމެނޭ

ނާވިލެކެވެ. މި ނާވިލުގައި ވާހަކަ ކިޔާދެނީ ކެތީ އެޗް ކިޔާ އަންހެނެކެވެ. ވާހަކަ ބިނާވެފައި ވަނީ ކެތީގެ އާދަޔާ ޚިލާފް ޅަފުރާގެ ދުވަސްވަރުގެ ޙާދިސާތަކުގެ މައްޗަށާއި އެހާދިސާ ތަކުގެ ނުފޫޒުގެ މައްޗަށެވެ.

ބުކަރ ޢިނާމް

ދަ މޭން-ބުކަރ ޕްރައިޒް ފޯރ ފިކްޝަން އަށް ބޭނުންކުރާ އެހެން ނަންތަކުގެތެރޭގައި ބުކަރ ޕްރައިޒް، މޭން ބުކަރ ޕްރައިޒް އަދި ދަ ބުކަރ ފަދަ ނަންތައް ހިމެނެއެވެ. މިއަގުހުރި ޢިނާމަށް ވާދަކުރެވެނީ އިގިރޭސި ކޮމަންވެލްތާއި ރިޕަބްލިކް އޮފް އަޔަރލަންޑްގެ ލިޔުންތެރިންނަށެވެ. ޢިނާމަށް ހުށަހެޅޭ ފޮތް ވާންޖެހެނީ އިނގިރޭސި ބަހުން ލިޔެފައި އޮންނަ ނާވިލަކަށެވެ.

މި ޢިނާމަކީ ވަރަށް ނުފޫޒުގަދަ ޢިނާމެކެވެ. މި ޢިނާމު ލިބިއްޖެނަމަ ލިޔުންތެރިޔާ މަޝްހޫރުވެ، ލިޔާ ފޮތްތަކުގެ ވިޔަފާރި އެތައްގުނައެއް އިތުރުވެގެންދެއެވެ. އަދަބުގެ ދުނިޔޭގައި ޤަދަރުވެރިއަކަށް ވެދެއެވެ. ނަތީޖާއެއްގެ ގޮތުން ބުކަރ ޢިނާމް ޙާސިލްކުރުމަކީ ޚިޔާލީ ދިގުވާހަކަ ލިޔާ ކޮންމެ ލިޔުންތެރިއެއްގެ ހިތުގެ އެދުމެވެ.

ބުކަރ ޢިނާމަށް އިންސާފްކުރުމަށް ހޮވާ ފަނޑިޔާރުންގެ ތެރޭގައި ހިމެނެނީ އަދަބަށް ފާޑުކިޔުމުގައި އެންމެ ނަންހިގާ މީހުންނާއި، ލިޔުންތެރިންނާއި ދިރާސީމީހުން (އެކަޑެމިކުން) ނެވެ. ފައިބެއަހަރު މި ޢިނާމު ހޯދާފައިވަނީ އެލަންގްހޮލިންގހާރސްޓް އެވެ.

މި އަހަރު އަލަށް ތަޢާރަފްކުރި މޭން ބުކަރ އިންޓަރނޭޝަނަލް ޢިނާމް އަށް ދުނިޔޭގެ ކޮންމެ ޤައުމެއްގެ މީހަކަށް ކުރިމަތިލެވޭގޮތަށް ހަމަ ޖެހިފައިވީ ނަމަވެސް ބުކަރ ޢިނާމު އެންމެ ފުރަތަމަ ތަޢާރަފްކުރުމުގެ ބޭނުމަކަށްވީ ކުރީން އިނގިރޭސި އިސްތިޢުމާރުގެ ދަށުގައި އޮތް، މިހާރު މިނިވަން ޤައުމުތަކާއި އިގިރޭސިވިލާތާއި ރިޕަބްލިކް އޮފް އަޔަރލަންޑްގައި، އިގިރޭސި އަދަބަށް ފޯރިގެނެސް ކުރި އެރުވުމެވެ. އެހެނީ އަދަބިއްޔާތަކީ ބަހުގެ އެންމެ ޗާލޫބައެވެ. އެބަޔަކަށް ހިތުގައި ޤަދަރާއި ތަޢުރީފް އުފެދޭ ބައެވެ. ބަސްދިރުވަން ބޭނުންނަމަ އަދީބުންނަށް ހައްޤު މަޤާމްދީ ހިތްވަރުދޭންޖެހޭނެއެވެ. ކޮންމެ ބަހެއް ކަމަށް ވީނަމަ ވެހެވެ.

Comments