މުދައްރިސްގެ ފަރާތުން ބެލެނިވެރިޔާއަށް
- ޢަލީ އިސްމާޢީލް
- 20 މާރިޗު 2007
އިމްތިޙާނަކީ ކިޔެވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެއީ ދަރިވަރުންނަށް ހާސިލްކުރެވުނު މިންވަރު ދެނެގަތުމަށް ބޭނުންކުރެވޭ މިންގަޑެވެ. ކިޔަވައިދިނުން އިތުރަށް ރަގަޅުކުރުމަށް ކުރަންވީ ކަންތައްތައް ދެނެގަތުމަށް ބޭނުންކުރެވޭ އެހީއެއް ވެސް މެއެވެ.
މިއަހަރުގެ ފުރަތަމަ ޓާމްގެ އިމްތިޙާނު މިހާރު މިއޮތީ ބޯމަތިވެފައެވެ. އިމްތިޙާނު އެއީ ތަފާތުކޮށް ކުދިންނަށް އަސަރުކުރުވާ އެއްޗެކެވެ. ބައެއް ކުދިން މާބޮޑު ހާސްކަމެއްނެތި އިމްތިހާނު ރަގަޅަށް ހަދާ ނިންމާލައެވެ. އަނެއްބައި ކުދިންނަށް އިމްތިޙާނު އެއީ ބިރަކަށް ވެދެއެވެ. ހަމަ މިގޮތަށް ބައެއް ބެލެނިވެރިންނަށް ވެސް އިމްތިޙާނު އެއީ ހާސްކަމާއި ކަންބޮޑުވުން އުފައްދާ އެއްޗަކަށް ނޫނީ ނުވެއެވެ. ދަރިފުޅު ލައްވާ ރަގަޅަށް އިމްތިޙާނު ހެއްދެވުމަށް ފަސޭހަކުރުމުގެ ގޮތުން ޢަމަލުކުރެވިދާނެ ސާދަ ނުކުތާއެއް ތިޔަ ބެލެނިވެރިޔާއަށް ހުށަހަޅާލަމެވެ. މިނޫނަސް މި ކަމުގައި ކުރެވިދާނެ އިތުރު ކަންތައްތައް ހުންނާނެ ކަން ޔަގީނެވެ.
1. އެންމެ ފަހުވަގުތު މުޠާލިޢާ (ރިވައިޒް) ކުރުމުގެ ބަދަލުގައި، މުޠާލިޢާ ކުރާނޭގޮތުގެ ތާވަލެއް ހަދައި ދުވަސްތަކަށް ބަހާލާށެވެ. މުޠާލިޢާ ތާވަލު ދަރިފުޅު އަމިއްލަޔަށް ހަދަން ދޫކޮށްލާށެވެ. ދަރިފުޅު ހެދި ތާވަލު އެއީ އެއާއި އެއްގޮތަށް އަމަލުކުރެވޭވަރުގެ އެއްޗަކަށް ނުވާނަމަ، ދަރިފުޅާ ވާހަކަ ދައްކައިގެން އިސްލާހުކޮށްލާށެވެ. ކޮންމެ ޓޮޕިކެއް މުޠާލިޢާކޮށް ނިމުމުން ފާހަގައެއް ޖަހާށެވެ.
2. ފިލާވަޅުތައް މުޠާލިޢާކުރުން ވާން ޖެހޭނީ ހަރަކާތްތެރި ޢަމަލީ ކަމަކަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، އިސްކޫލުން ދީފައިވާ ފިލާވަޅުތައް ދަރިފުޅު ލައްވާ ހަމައެކަނި ކިޔުއްވުމަކުން ދަރިފުޅުގެ ހަނދާނުގައި ފިލާވަޅުތައް ހަރެއް ނުލެއްވޭނެއެވެ. އޭގެ ބަދަލުގައި ފިލާވަޅު ކިޔުއްވުމުގެ އިތުރުން ފިލާވަޅާ ގުޅޭ ނޯޓް ތައްޔާރުކުރާށާއި މުހިންމު ޕޮއިންޓްތައް ފާހަގަކުރާށާއި ކޮންމެ ޓޮޕިކެއް ތަކުރާރުކޮށް މުޠާލިއާކުރުމަށް ދަރިފުޅަށް ހިއްވަރުދޭށެވެ.
3. ކޮންމެ ޓޮޕިކެއް ނިމުމުން އެ ޓޮޕިކެއްގައި ހިމެނޭ މުހިންމު ނުކުތާތައް ދަރިފުޅުލައްވާ ލިސްޓްކުރުވާށެވެ. މިގޮތަށް ލިސްޓްކުރުވި ނުކުތާތައް އެންމެ ފަހު ވަގުތުގެ މުޠާލިޢާއަށް ވަރަށް މުހިންމު ވާނެއެވެ.
4. ފިލާވަޅު ދަސްކުރަމުން ދާއިރު، ދަރިފުޅުކުރަމުން ދާ މަސައްކަތް ބަލައިގަން ނާށެވެ. ތަޢުރީފްގެ ބަހެއް ބުނެލުން މިއީ، މަސައްކަތް ބަލައިގަތުމުގެ ގޮތުން ދެވިދާނެ، ކުޑަ އެހެނަސް އަގު ބޮޑު ހަދިޔާއެކެވެ.
5. އިމްތިހާނު އޮންނަ ދުވަހުގެ ކުރީދުވަހުގެ ރޭ ހޭލާ ހުރެ، ފިލާވަޅުތައް ހިތުދަސްކުރިޔަ ނުދޭށެވެ. މިގޮތަށް ލައިނުގަނެގެން ހިތުދަސްކުރުމުން ހާސްވުން އިތުރުވާނެއެވެ. ރަގަޅަށް ޓެސްޓް ހެދުމަށް، ހަމައަށް ނިދި ލިބުން ވަރަށް މުހިންމެވެ.
6. އަރާމުކުރަން ދަރިފުޅަށް އަންގާށެވެ. މިގޮތުން ފިލާވަޅުތައް މުޠާލިޢާކުރުމަށް ވަގުތު ހޭދަކުރުމަށް ފަހު ހިނގާލަން ނުކުމެލެވި ދާނެއެވެ.
7. އަބަދުވެސް ރަގަޅު ކާނާ ދަރިފުޅަށް ދިނުން މުހިންމެވެ. އިމްތިޙާނު ދުވަސްވަރު ރަގަޅު ކާނާ (ބެލެންސްޑް ޑައެޓް) ދިނުން ވަރަށް މުހިންމެވެ. ރަގަޅަށް ކާނަމަ، ކިޔެވުމަށް ދޭ ސަމާލުކަން އިތުރުވާނެއެވެ. ފޮނިގަދަ އެއްޗެތި މާގިނައިން ދަރިފުޅު ކެޔަނުދޭށެވެ. އިމްތިޙާނު ދުވަސްވަރު ފޮނި އެއްޗެތި ގިނައިން އަބަދު ކާނަމަ، ވިސްނުމަށް (ކޮންސެންޓްރޭޓްކުރުމަށް) ހުރަހަކަށް ވެދާނެއެވެ.
8. ކެފެއިން ގިނަ ޢަދަދަކަށް ހުންނަ ބުއިންތައް ( މިސާލަކަށް: ސައި، ކޮފީ، ކޯލާ ) އިރާކޮޅުބުއިމުން ދަރިފުޅު ދުރުހެލި ކުރުވާށެވެ. ކެފެއިންގެ ސަބަބުން ނިދުމަށް ހުރަސް އެޅިދާނެއެވެ.
9. އިމްތިޙާނުގެ ސަބަބުން ހާސްވެ ކާހިތް ނުވާގޮތް ބައެއް ކުދިންނަށް ދިމާވެއެވެ. މިގޮތަށް ދިމާވާނަމަ، ލުއިކޮށް ކެއުމަށް ދަރިފުޅަށް ހިތްވަރުދޭށެވެ. މިގޮތުން ސޭންޑްވިޗެއް ދެވިދާނެއެވެ.
10. އިމްތިޙާނު އޮންނަ ދުވަސްތައް ކަލަންޑަރުގައި ފާހަގަކުރާށެވެ. އަދި އިމްތިޙާނު ނިމެމުން ދިޔަ ވަރަކަށް ކަލަންޑަރުގައި ފާހަގަ ޖަހަމުން ދާށެވެ. މިގޮތަށް ކަންތައް ކުރުމުން، އިމްތިޙާނަށް ނިމުމެއް އޮތްކަމުގެ އިހްސާސް ބެލެނިވެރިޔާ އަށާއި ދަރިފުޅަށް ކުރެވޭނެއެވެ!
11. ތެޅެމުން ފޮޅެމުން އިމްތިޙާނަށް ދާން ޖެހިއްޖެ ނަމަ، އިތުރަށް ހާސްވުން ނޫން އެހެން ކަމެއް ނުވާނެއެވެ. ވަގުތު އޮއްވާ އިމްތިހާނަށް ދެވޭ ވަރަށް ދަރިފުޅަށް ތައްޔާރުވާން އަންގާށެވެ. އާންމު ގޮތެއްގައި ރާއްޖޭގައި ބޭރުގެ އިމްތިޙާން ތަކަށް ހާޒިރުވުމަށް އަންގާފައި އޮންނަނީ އިމްތިޙާނު ފެށުމުގެ ބައިގަޑިއިރު ކުރިންނެވެ. ޓާމް އިމްތިޙާނު ތަކަށް ފަނަރަ މިނިޓް ކުރިންނެވެ.
12. ދަރިފުޅުގެ އިމްތިޙާނާ މެދު ނުވަތަ އިމްތިޙާނުގެ ނަތީޖާއާ މެދު މާބޮޑަށް ހާސްވެ ކަންބޮޑު ނުވާށެވެ. އިމްތިޙާނާއި، ދަރިފުޅުގެ ނަތީޖާއާއި ދޭތެރޭ ބެލެނިވެރިޔާ މާބޮޑަށް ހާސްވެ ކަންބޮޑުވެ، އެވާހަކަ ހުއްޓާ ނުލައި އަބަދު ދައްކާނަމަ، ދަރިފުޅު މާބޮޑަށް ހާސްވެދާނެއެވެ.
13. އެންމެ އިމްތިޙާނެއްގެ ނަތީޖާއަށް ބަލައި ދަރިފުޅާ މެދު ގޮތެއް ނުނިންމާށެވެ. އިމްތިޙާނެއްގެ ނަތީޖާ އެއީ ދަރިފުޅާމެދު ގޮތެއް ކަނޑައެޅުމަށް އެންމެ އެކަށީގެންވާ ފުރިހަމަ މިންގަނޑަކަށް ނުވެ ހިނގައިދާނެއެވެ. އެހެނީ، އިމްތިޙާނުގެ ނަތީޖާއަށް އަސަރުކުރުވަފާނެ އެހެން ބަހާތަކެއް ވެއެވެ. މިސާލަކަށް އިމްތިޙާނު ހަދާވަގުތު ދަރިފުޅު ހުރި ހާލަތާއި، އިމްތިޙާނު އޮންނަ ހޯލު ނުވަތަ ކުލާސްރޫމްގެ މާހައުލާއި، މުދައްރިސްގެ އަމަލުތަކާއި އޭނާ ދެކޭގޮތް، މިހުރީ ހައްތަހާވެސް އިމްތިޙާނުގެ ނަތީޖާއަށް އަސަރު ފޯރުވަފާނެ ކަންކަމެވެ. ބެލެނިވެރިޔާ އަބަދުވެސް ހަނދާން ބަހައްޓަންވީ އިމްތިޙާނުގެ ނަތީޖާ އެއީ ބަދަލުކުރުވިދާނެ އެއްޗެއްކަމެވެ. އަބަދު އެއް ނަތީޖާއެއް ލިބެން ނުޖެހޭނެ ކަމެވެ.
14. ފިލާވަޅު ދަސްކުރުމަށް ގޭގެ ވަކި ތަނެއް ދަރިފުޅަށް ޚާއްސަކޮށްދޭށެވެ. އަދި އެކަން ގޭބިސީގައި އުޅޭ އެހެން މީހުނަށް އަންގާށެވެ.
އިމްތިޙާނުގެ ބޭނުމަކީ ދަރިފުޅު ފެއިލް ކުރުން ނޫންކަން ބެލެނިވެރިޔާ ހަނދާން ބަހައްޓަން ވާނެއެވެ. އިމްތިޙާންގެ ޖަވާބު ކަރުދާސް މާކުކުރައްވާ މުދައްރިސުންގެ މަގުސަދަކީ މާކުސް އުނިކުރެއްވުމުގެ ބަދަލުގައި، ލިބެން ޖެހޭ މާކުސް ދެއްވުން ކަމަށް ބެލެނިވެރިޔާ ގަބޫލުކުރެއްވުން މުހިންމެވެ.
މި ފަހަރުގެ އިމްތިޙާނުން ތިޔަ ބެލެނިވެރިޔާގެ ދަރިފުޅު ރަގަޅު ނަތީޖާއެއް ހޯދާނެ ކަމަށް އުންމީދުކުރަމެވެ.















