ބުދަ20170517

އާކުރެވުނީ: 06:25:19

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުދިން ކުޑަކުދީންނަށް ފޮތްކިޔައިދިނުމަށް އެހީގެ އަތެއް

ކުޑަކުދީންނަށް ފޮތްކިޔައިދިނުމަށް އެހީގެ އަތެއް

kudhinna-foi-kiyaidhinun-eheege-athei

ކުޑަކުދިންނަށް ފޮތްކިޔައިދިނުމަކީ، އެކުދިންނަށް އެކުދިންގެ ވަށައިގެންވާ ދުނިޔޭގެ މައުލޫމާތު އިތުރުވެ، ބަސްކޮށާރު މުއްސަނދިވާނެކަމެކެވެ. ފޮތްކިޔައިދޭނަމަ، ކިޔުމަށް ކުދިން ޝައުޤުވެރިވާނެއެވެ. ތަކުރާރުކޮށް ކިޔައިދިނުމުން، ކިޔުމަކީ މަޖާ، ކަމަކަށް ކުދިންނަށްވެއެވެ. ފޮތްކިޔައިދިނުމުގެ ތެރެއިން، ފޮތުގައިވާ، ތަސްވީރުތަކުން ވާހަކަ ދޭހަކުރުމަށް އެހީތެރިވުމާއި ވާހަކައިގައި ފެށުމަކާއި ނިމުމެއް، އޮންނަކަން ކުއްޖާއަށް ދެނެގަނެވެއެވެ. ފޮތް ކިޔައިދޭ އަޑު އެހުމުންނާއި، ކިޔައިދެމުންދާއިރު ބެލުމުން، އަދި ސުވާލުކުރުމުން، ކުދިންގެ ބަސްކޮށާރާއި، ދޭހަވުމުގެ ހުނަރު ތަރައްޤީވަމުން ދެއެވެ.  ތަކުރާރުކޮށް، އަޑުއިއްވައި، ބާރަށް ފޮތްކިޔައިދިނުމުން، ހަމައެކަނި، ކުދީންނަށް ކިޔަން ދަސްވަނީއެއް ނޫނެވެ. ސުކޫލުގައި ކާމިޔާބު ކުއްޖަކަށް ވުމަށްވެސް މަގުފަހިވެގެން ދެއެވެ.

ތިރީގައި މިވަނީ ބާރަށް ފޮތްކިޔައި ދިނުމުގައި ބޭނުންކުރެވިދާނެ 'ޓެކްނިކް' ތަކެކެވެ.

އުފަންވާދުވަހުން ފެށިގެން ޢުމުރުން 2 އަހަރު:

o    ބާރަށް ފޮތްކިޔައިދިނުމަށް ހޭދަކުރާ ވަގުތުތަކަކީ ދަރިފުޅާއިއެކު ހޭދަކުރެވޭ ވަރަށް ގާތް، އެކުވެރި ވަގުތުތަކެކެވެ. އުނގުގައި  ދަރިފުޅު ބައިންދައިގެން، ގާތްކޮށްގެން ބާރަށް ފޮތްކިޔައިދޭށެވެ. ގިނަގިނައިން މިގޮތަށް ފޮތްކިޔައިދޭށެވެ.

o    ފޮތް ހޯދާއިރު ބޮޑެތި ކުލަގަދަ ތަސްވީރުހުންނަފޮތް ހޯދާށެވެ. އަދި، އަޑު ތަކުރާރުވާގޮތަށާއި، (އެލިޓަރޭޝަން) ރައިމްވާގޮތަށް ލިޔެފައިހުންނަ ފޮތް ހޯދާށެވެ. ރައިމް (ވަޒަނަށް ހުންނަ ލިޔުން) ނުވަތަ ބަންޖާއި ވާހަކަ، ތަކުރާރުކޮށް ދުވާލުގަޑީގައި ކިޔައިދޭށެވެ.

o    ތުއްތު ދަރިފުޅަށް ފޮތް ހޯދާއިރު، އޭނާގެ ވަށައިގެން ފެންނަ ތަކެއްޗަށް ކިޔާ ނަންތައް ދަސްވާނޭ ކަހަލަ ފޮތް ހޯދުމަށް ސަމާލުކަންދޭށެވެ. ފޮތުގައިވާ ތަސްވީރުތަކަށް އިޝާރާތްކޮށްފައި ނަންތައް ކިޔާށެވެ.

o    ބޯކަރުދާހުން ހަދާފައި ހުންނަ ފޮތް، ދަރިފުޅަށް ފެންނަ ހިސާބުގައި ބަހައްޓާށެވެ.

o    ދަރިފުޅަށް ފޮތުގެ ގަނޑުތައް އުކަން ދަސްވެ، އެގޮތަށް ކަންކުރަން ފެށުމުން، އެކަން ނުހުއްޓުވާށެވެ. ނަމަވެސް، ނަމޫނާ ދައްކައިގެން، ރީތިކޮށް ފޮތްގެންގުޅެން އޭނައަށް ދަސްކޮށްދޭން މަސައްކަތްކުރާށެވެ.

2 އަހަރުން ފެށިގެން 4 އަހަރު:

o    ކުދީންނަށް ފަސޭހަކަމާއިއެކު ފޮތް ލިބޭނޭހެން ފޮތް ބަހައްޓާށެވެ. ކުޅޭތަކެތީގެ ތެރޭގައިވެސް ފޮތް ހިމަނާށެވެ. އޭރުން އޭނާ ކުޅޭތަކެތި ނަގަން ބޭނުންވާގޮތަށް ފޮތްވެސް ކުޅުމަށް، ނަގަން ބޭނުންވާނެއެވެ.

o    ފޮތްކިޔުމަށް ހިތްފަސޭހަތަނަކާއި ގަޑިއެއް ހަމަޖައްސާށެވެ.

o    ކޮންމެ ތަނެއްގައި، ކޮންމެ އިރެއްގައިވެސް ކިޔިދާނެކަން ދަރިފުޅަށް ދައްކާށެވެ. މަގުމަތިން ފެންނަ އިޝްތިހާރުބޯޑުތަކާއި ނަންބޯޑުތައްވެސް ކިޔާށެވެ. މަޖައްލާތަކުގެ ބަނޑޭރިގަނޑުވެސް ކިޔާށެވެ.

o    އެއް ފޮތެއް ތަކުރާރުކޮށް ކިޔައިދިނުން އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ތަކުރާރުކޮށް ކިޔައިދޭށެވެ. ވާހަކައިގައި  ކުދީން ބައިވެރިކުރާށެވެ. މިގޮތުން ގަނޑުއުކާށާއި، ތަސްވީރުތައް ދެއްކުމުގައި ކުއްޖާ ބައިވެރިކުރާށެވެ. ތަކުރާރުކުރާ ބަސްބަހާއި، ޖުމްލަ ކުދިންގެ ހިތުގައި ފަސޭހައިން ހަރުލާނެއެވެ. ވީމާ، ތަކުރާރުކުރާށެވެ.

o    ބާރަށް ކިޔައިދިނުމަށް ފޮތް ޚިޔާރުކުރާއިރު، ކުދީންގެ ހުރި ފެންވަރަށްވުރެ ކުޑަ ތަންކޮޅެއް މަތީ ފެންވަރުގެ ފޮތް ޚިޔާރުކުރާށެވެ. އާ ބަސްބަހާއި، އާ ކަންތައްތައް ދަސްކޮށްދިނުމަށާއި އަޑުއެހުމުގެ ހުނަރު މަތިކުރުމަށް މިއީ ބޭނުންތެރިކަމެކެވެ.

5 އަހަރުން ފެށިގެން 7 އަހަރު:

o    ޖުމްލަ އާއި ބަސް ތަކުރާރުކޮށް، ރާގާއި ވަޒަންހުންނަގޮތައް ލިޔެފައި ހުންނަ ފޮތް ޚިޔާރުކުރާށެވެ. ފޮތްކިޔާއިރު ރާގާއި، ހަމައަށް، ސަމާލުކަންދެމުން، ފޮތްކިޔައިދޭށެވެ. އަދި ޖުމްލައިގެ އެއްބައި ކިޔުމަށްފަހު އަނެއްބައި ފުރިހަމަކުރުމަށް ކުދީންނާއި ޙަވާލުކުރާށެވެ.

o    ކުދިންނަށް ކިޔައިދީ،  އެކުދިންނަށް ފަރިތަވެފައިވާފޮތެއްގެ ލިޔުންތަކުގައި، އަތްއެޅުމަށްފަހު، ފޮތުގެ ތަސްވީރުތައް ދައްކައިގެން، ކުދީން ލައްވާ ވާހަކަ ކިޔުއްވާށެވެ. މިގޮތަށް ކަންތައްކުރުމުން ފޮތުގެ ތަސްވީރުތައް ބޭނުންކޮށްގެން ވާހަކަ ކިޔައިދޭން ކުދީންނަށް ދަސްވާނެއެވެ.

o    ފޮތްކިޔައިދޭން އިންނައިރު ކުދީންނަށް ފޮތުގެ ލިޔުންތައް ފެންނާނޭހެން އިށީންނާށެވެ. ކިޔަމުން ދާއިރު ވަކިވަކި ލަފުޒުތަކުގައި އިނގިލިޖައްސަމުން ކިޔަމުން ގެންދާށެވެ. އޭރުން، ކުދީންނަށް ލަފުޒު ވަކިކުރަން ދަސްވުމަށް އެހީއަކަށް ވާނެއެވެ. ލަފުޒުގެ ފެށޭ އަކުރުގެ އަޑުގެ އެހީގައި ލަފުޒު ހޯދުމަށް، ކުދިންނާއި ހަވާލުކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް ކަންތައްކުރަން ފަސޭހަވާނީ ކުދީންނަށް ކިޔައިދޭ ވާހަކަ ތަކުރާރުކޮށް ކިޔައިދެވިފައިވާނަމައެވެ.

o    އަމިއްލައަށް ކިޔަން ދަސްވާންފެށުމުން، އެހީތެރިވެދީގެން ކިޔައިދިނުން ކުޑަކޮށް މަދުކޮށްލާށެވެ. މިގޮތުން،  ކުއްޖާ ލައްވާ އެއް ޞަފްޙާ ކިޔުއްވުމަށްފަހު ޖެހިގެން އަންނަ ޞަފްޙާ ކިޔައިދެވިދާނެއެވެ.

o    ތަފާތު ވައްތަރުގެ ފޮތް ޚިޔާރުކުރާށެވެ. ފެއަރީ ޓޭލްސް އާއި ފިކްޝަން އަދި ނޮން-ފިކްޝަން ފޮތްވެސް ކިޔައިދޭ ފޮތްތަކުގެ ތެރޭގައި ހިމަނާށެވެ. ޚިޔާލީ ވާހަކަތަކުގެ ތެރެއިން ބައެއް ސައެންސްގެ މަފްހޫމްތައް ދަސްވާކަހަލަ ފޮތްވެސް ހިމަނާށެވެ. މިސާލަކަށް މޫސުމާއި، ބައެއް ޖަނަވާރުންނާއި ބެހޭ މައުލޫމާތު ހިމެނޭފޮތް ޚިޔާރުކުރެވިދާނެއެވެ. ކުޑަކުދީންގެ ނަޒަރުން ދުނިޔެ ސިފަކޮށް ދައްކާފައިހުންނަ، ރަހުމަތްތެރިކަމާއި، ތަފާތު ކަންކަމާއި ގުޅިގެން ކުރާ އިޙްސާސްތަކުން ޢިބްރަތް ލިބިދެވޭގޮތަށް ލިޔެފައިހުންނަ ފޮތް ހޯދާށެވެ.

o    ވަރަށް ގިނަފަހަރަށް ފޮތް ކިޔައިދީ ނިމުމުން، ކުދިން އަމިއްލަޔަށް ކިޔަން ބޭނުންވެއެވެ. މިގޮތަށް ފޮތް، ދެވަނަފަހަރު އަމިއްލަޔަށް ކިޔަން ބޭނުންވާ ކުދީންނަށް އަޑުނީއްވާ ފޮތްކިޔަން ހިތްވަރުދޭށެވެ. އަދި ކުދީންގެ ކިބައިން ބާރަށް ފޮތްކިޔައިދިނުމަށް ނޭދޭށެވެ. ކުދީން އަޑުނީއްވާ ފޮތްކިޔާއިރު، އެކަމުގައި ބައިވެރިވުމުގެ ގޮތުން އަޑުނީއްވައި ފޮތްކިޔާށެވެ.

7 އަހަރާއި 9 އަހަރު

o    ދަރިފުޅަށް އަމިއްލައަށް ލިޔަން ދަސްވެފައިވިޔަސް، ފޮތްކިޔައިދޭށެވެ. މިގޮތަށް ކަންތައްކުރުމަކީ، ރީތިކޮށް އޮމާންކޮށް އަސަރާއިއެކު ރާގުގައި ކިޔަން ދަސްވުމުގެ އިތުރަށް، ބަސްކޮށާރު އިތުރުކުރާށާއި، ރީތިކޮށް، ރަނގަޅަށް ކިޔުމަކީ ކޮބައިކަން ދަސްވުމަށް، ހޯދައިދެވޭ ފުރުސަތެކެވެ.

o    ޗެޕްޓަރުތަކަށް ބަހާފައި، ތަންކޮޅެއް މަދުން ކުރެހުން ބޭނުންކޮށްފައިހުންނަ ވާހަކަފޮތާއި، އަރަތާއި ޖޯކު އަދި ޅެންފޮތްފަދަ ފޮތްފޮތަކީ މިޢުމުރުފުރާއަށް އެކަށީގެންވާ ފޮތްފޮތެވެ. ދަރިފުޅަށް ފޮތްކިޔައިދޭއިރު ސީރީޒެއް ޚިޔާރުކުރުން ނުވަތަ އެއް މުސައްނިފެއްގެ ފޮތްތައް ކިޔައިދިނުން މިއީވެސް ދަރިފުޅުގެ ޝައުޤު އިތުރުކުރުވުމަށް ޚިޔާރުކުރެވިދާނެ ގޮތެކެވެ.

o    ކައްކާފޮތެއް ހޯދާށެވެ. އޭގައިވާ ރެސިޕީއެއް ދަރިފުޅާއެކު ކިޔުމަށްފަހު، ދެމައިންވެގެން ކާއެއްޗެއް ތައްޔާރުކޮށްލާށެވެ. ނޫނީ، ތަފާތުވައްތަރުގެ އެއްޗެތި އުފައްދަން ބުނެދީފައިހުން ޒާތުގެ ފޮތެއް (ކުރާފްޓް ބުކް) ހޯދުމަށްފަހު، ފޮތުގައިވާ އިރްޝާދުތަކާއި އެއްގޮތަށް އެއްޗެއް އުފައްދާށެވެ.
10 އަހަރާއި 12 އަހަރު

o    މި ޢުމުރުފުރާގައި ކުޑަކުދީންގެ ޝައުޤުވެރިކަން މިސްޓަރީ ފޮތަށާއި، މަޢުލޫމާތުފޮތަށާއި، މަޝްހޫރުމީސްމީހުންގެ  ޙަޔާތުގެ ވާހަކަތަށް ލިޔެފައިހުންނަ ފޮތްފޮތުގެ އިތުރުން، މަޖާ ހާދިސާތައް ހިނގާ ވާހަކަފޮތްފޮތަށް ޝައުޤުވެރިވެއެވެ. އަދި މި ޢުމުރުފުރާގައި ރައްޓެހިން ހޯދުމާއި، ވަކި ޚާއްޞަ ކުޅިވަރަކަށް ޝައުޤުވެރިވުމަކީވެސް ތަބީޢީކަމެކެވެ. ވީމާ، ކިޔައިދޭން ފޮތް ޚިޔާރުކުރުމުގައި މިހުރިހާ ގިންތިއެއްގެ ފޮތް ހިމަނާށެވެ.

o    ފޮތެއް އެއްކޮށް ދަރިފުޅަށް ކިޔައިދޭން ގަސްތުކޮށްފިނަމަ، ދަރިފުޅުގެ ފެންވަރަށްވުރެ ކުޑަތަންކޮޅެއް މަތީފެންވަރެއްގެ ފޮތެއް ޚިޔާރުކުރާށެވެ. މިގޮތަށް ކަންތައްކުރުމުން ބަސްކޮށާރު މުއްސަނދިވުމަށާއި އަޑުއެހުމުގެ ހުނަރު ކުރިއަރައިދިޔުމަށް އެހީއަކަށް ވާނެއެވެ.  

 

މަޢުލޫމާތު: އަ-ބެޓާރ-ޗައިލްޑް. އޯރގް

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.