Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުދިން ކުޑަކުދިންގެ ސުއާލުތަކަށް ރަނގަޅަށް ޖަވާބުދޭށެވެ.

ކުޑަކުދިންގެ ސުއާލުތަކަށް ރަނގަޅަށް ޖަވާބުދޭށެވެ.

kudakudhinge_suvaaluއަހަރެންގެ ކޮއްކޮ ދުނިޔެއަށް އައީ ހިނެއް ހެއްޔެވެ؟ ބައްޕަ ނުވިހައި، ހަމައެކަނި މަންމަ ވިހަނީ ކީއްވެހެއްޔެވެ؟ ﷲ ކޮބާ ހެއްޔެވެ؟ ކާފަ މަރުވީ ކީއްވެހެއްޔެވެ؟ މަރުވީމަ ދެންދަނީ ކޮންތާކަށް ހެއްޔެވެ؟

އަޅުގަނޑުމެން އެންމެންނަށްވެސް، އެނގޭފަދައިން، ކުޑަކުދިން ބޮޑުވަމުން އައިއައިހެން، ވަށައިގެންވާ ވެށީގައި ހިނގާ ކަންތައްތަކާއިމެދު ފިކުރުކޮށް، އެކަންތައްތައް ދެނެގަތުމަށް އެކުދިން ބޭނުންވާ މިންވަރު އިތުރުވަމުން ދެއެވެ. އިސްވެދިޔަ ސުއާލުތަކަކީ، މިފަދަ މަޢްލޫމާތުތައް ހަޖަމުކުރުމަށްޓަކައި، ކުޑަކުދިން ކޮށްފާނެ ސުއާލުތަކެކެވެ.

ކުދިން ކުރާ މިފަދަ ސުއާލުތަކަކީ، އެދިންގެ ޢުމުރުގެ ފުރައާއި ނުގުޅޭ ސުއާލުތައް ކަމަށް ހީކުރެވި، ލަދުވެތިވެ، ޖަވާބުދިނުމުން އެއްކިބާވުމަށް ބައެއް ބެލެނިވެރިން މަސައްކަތްކުރެއެވެ. ނަމަވެސް ކުޑަކުދިންގެ ކަންތައްތައް ދިރާސާކުރާ ޢިލްމުވެރިންނާއި، ނަފްސާނީ ޢިލްމުވެރިންގެ ނަޒަރުގައި، ކުދިން ކުރާ ސުއާލުތަކަށް ޖަވާބުނުދީ ރެކުން، ނުވަތަ ނުބައި ޖަވާބެއް ދިނުމަކީ، އެކަމުގެ ނޭދެވޭ އަސަރު އެކުދިންނަށް ކުރާނެކަމެކެވެ. އެއާއި ޚިލާފަށް، އެކުދިން އޮޅުން ފިލުވަން ބޭނުންކަމެއް، ރަނގަޅުގޮތުގައި، ބުނެދެވިއްޖެކަމުގައިވާނަމަ، ދުނިޔޭގެ ކަންތައްތަކަށް، އެކުދިންގެ ލޯހުޅުވޭ މިންވަރު ތަނަވަސްވެ، ނަފްސަށް ހިތްހަމަ ޖެހުން ގެނެސްދޭނެއެވެ.

 

މިސާލަކަށް، ފުރަތަމަ ބަޔާންކުރެވިފައިވާ ސުއާލަށް ޖަވާބުދޭއިރު، ކޮއްކޮއެއީ ހޮސްޕިޓަލުން ހަދިޔާކުރި، ނުވަތަ ގެނައި ކުއްޖެކޭ ވަރަށް ގިނަ ބެލެނިވެރިން ބުނެއެވެ. މިޖަވާބަށް ވިސްނާލާއިރު، މިއީ ކަމުގެ ޙަޤީޤަތް ދަރިފުޅަށް، ރަނގަޅަށް ބުނެދެވޭ ޖަވާބެއްނޫނެވެ. އޭގެ ބަދަލުގައި، ކޮއްކޮ ކުރިން އޮތީ ދަރިފުޅެކޭ އެއްފަދައިން މަންމަގެ ބަނޑުގައޭ، ކޮއްކޮ ދުނިޔެއަށްއައީ، މަންމަ ވިހެއީމައޭ ބުނުމުން، އެކަމުގެ ޙަޤީޤަތް ބުނެދެވޭ މިންވަރު ބޮޑުވާނެއެވެ.

މާތްﷲ އިންސާނުން ހައްދަވާފައިވާގޮތުން، ވިހަނީ މަންމަކަމަށާއި، ބައްޕައަކީ، މަންމައާއި ދަރިފުޅާއި ކޮއްކޮމެން ބެލެހެއްޓުމަށް، މަސައްކަތްކުރާ ފަރާތްކަމަށް، ދެވަނަ ސުއާލުގެ ޖަވާބުގައި ބުނެދެވިދާނެއެވެ.

ﷲ ކޮބާހޭ ކުރެވޭ ސުއާލަކީ، ދަރިފުޅުގެ ޢަޤީދާ އޭގެ ޖަވާބުގެ މައްޗަށް ބިނާވެގެންދާނެ ސުއާލެއްކަން ބެލެނިވެރިން ވިސްނަން ޖެހޭނެއެވެ. މިސާލަކަށް މިސުއާލުގެ ޖަވާބުގައި، ނޫންނަމަ މިފަދަ އެހެން ސުއާލެއްގެ ޖަވާބުގައި ނަމަވެސް، ނޭނގެއޭ ބުނުމުން، އެކަން ފުއްދައެއް ނުލެވޭނެއެވެ. ސަބަބަކީ، ވަގުތީގޮތުން، ހަނދާން ނެތުނު ކަމުގައިވީނަމަވެސް، އަނެއްކާވެސް، ހަމަ އެސުއާލުތަކުގެ ޖަވާބު ހޯދުމަށް، ދަރިފުޅު މަސައްކަތްކުރާނެތީއެވެ. މިކަމުގެ ސަބަބުން، އެހެން މީހެއް ގާތު އަހައިގެން، ނުބައި ޖަވާބެއް ދަރިފުޅަށް ލިބިދާނެކަމަށްވެސް ވިސްނަންޖެހެއެވެ.

މާތްﷲ އަކީ، އިންސާނުންނާއި ދުނިޔޭގައިވާ ހުރިހާ ތަކެއްޗެއް ހެއްދެވި، ވެރިރަސްކަލާނގެ ކަމަށާއި، އެކަލާނގެ އަބަދުވެސް، އަހަރެމެންގެ ކަންތައްތައް ބައްލަވާ ވޮޑިގެންވާކަމަށާއި، ކޮންމެތަނެއްގައި، ކޮންމެ އިރެއްގައިވެސް، އެކަލާނގެ ވޮޑިގެންވާކަމަށް، މިސުއާލުގެ ޖަވާބެއްގެ ގޮތުން، ދަރިފުޅަށް ބުނެދެވިދާނެއެވެ.

މީހުން މަރުވުމުން އެމީހުން އެނިދަނީއޭ، އެދިޔައީ ބޯޓުދަތުރުކުރާށޭ ފަދަ ޖަވާބުތައްވެސް، ބައެއް މީހުން ކުޑަކުދިންނަށް ދީއުޅެއެވެ. ނަމަވެސް މިއީ ދަރިފުޅަށް، ބަލައިގަނެވޭނެ ޖަވާބެއް ނޫނެވެ. ސަބަބަކީ، ނިދާފައި ތިބޭ މީހުން ހޭލާކަމާއި، ދަތުރުކުރަންދާ މީހުންވެސް، އެނބުރި އަންނަކަން އޭނާއަށް އެނގޭނެތީއެވެ. އެހެންކަމުން، މިގޮތަށް ޖަވާބުދީފިނަމަ، އެއީ ދޮގެއްކަން، އޭނާއަށް ނަގައިގަނެވޭނެއެވެ. ކުޑަކުއްޖަކަށްނަމަވެސް، ދޮގު ނުހެދުމަށް، ކީރިތި ރަސޫލާ އިރުޝާދުދެއްވާފައިވެއެވެ.

އާދެ! އެހެންކަމުން، ދޫނި ސޫފާސޫތްޕާއި، ދިރޭ އެހެނިހެން ތަކެތިވެސް މަރުވާ ފަދައިން އިންސާނުންވެސް މަރުވަނީ ކަމަށާއި، މަރުވުމުން، ކޮންމެ މީހަކުވެސް އެދަނީ ﷲ ގެ ޙަޟްރަތަށް، އެހެން ދުނިޔެއަކަށްކަމަށް، ކުއްޖާ އަށް އެނގޭ ޢިބާރަތަކުން ، މިސުއާލުގެ ޖަވާބުގައި އޭނާއަށް ކިޔައިދެވިދާނެއެވެ.

ދަރިފުޅުގެ ސުއާލުތަކަށް ޖަވާބުދިނުމުގައި، އެކުރި ސުއާލަކާއި ހެދި އޭނާ ދެކެ ހިތްހަމަ ނުޖެހޭކަން، ނުވަތަ ރުޅިއައިސްފައިވާކަން ފަހަރެއްގައިވެސް ދައްކައިގެން ނުވާނެއެވެ. އެހެނީ، އޭނާގެ ސުއާލުގެ މަޤްޞަދަކީ ހަމައެކަނި، ދެނެގަތުމެވެ. މިސާލަކަށް، މީހުން މީހުނާއި އިންނަނީ ކީއްވެހޭ އޭނާ އަހާއިރު، އޭނާ ބޭނުންވަނީކީ، ބޮޑެތި މީހުންގެ ހިތަށް އަރާފަދައިން އެމީހުން އިނދެގެން ކުރާކަންތައްތައް ތަފުޞީލުކޮށް އެނގޭކަށެއް ނޫނެވެ. އެހެންކަމުން، އެމީހުންވެސް، އެއިނީ، މަންމައާއި ބައްޕައާއި އިނދެގެން، ދަރިފުޅު ފަދަ ލޯބި ލޯބި ކުއްޖެއް ހޯދިފަދައިން، ކޮއްކޮއެއް ހޯދަން ކަމަށް ބުނެގެން، އޭނާގެ ހިތްހަމަ ޖައްސައިދެވިދާނެއެވެ.

ދަރިފުޅު އަދި މާކުޑައޭ، ބޮޑުވުމުން އެނގޭނެއޭ ބުނުމަކީވެސް، ސުއާލަށްދެވޭ އެކަށީގެންވާ ޖަވާބެއް ނޫނެވެ.

 

Comments