ބުދަ20201202

އާކުރެވުނީ: 08:43:52

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުދިން ކުޑަކުދިންގެ ރައްކާތެރިކަމަށް މަގެއް

ކުޑަކުދިންގެ ރައްކާތެރިކަމަށް މަގެއް

kudakudhinge_himaayaiއަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަކީ އަމިއްލަ ދަރިން ނުވަތަ ތިމާގެމީހުންދެކެ ވަރަށްބޮޑަށް ލޯބިވާ ބައެކެވެ. ޚާއްސަކޮށް ކުޑަކުއްޖެއްނަމަ އޭނާއަށްދެވޭ އަޅާލުމާއި، އޯގާތެރިކަން ބޮޑެވެ. ނަމަވެސް މުޖްތަމަޢުގައި މިކުދިންނަށް އެއްވެސް ރަޙުމެއް، ހަމްދަރުދީއެއް ނުބަހައްޓާ ބަޔަކު އުޅެއެވެ. އެމީހުންނަކީ ބައެފަހަރު ޝިކާރައަކަށްވާ ކުއްޖާގެ ތިމާގެ ނުވަތަ ރައްޓެހި މީހެކެވެ. އެހެންނޫނީ ނުދަންނަ ބީ ރައްޓެއްސެއް، ކިޔަވައިދޭ މީހެކެވެ. ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލަ ހިގަން މެދުވެރިވަނީ ގިނަފަހަރަށް މައިންބަފައިންގެ ހޭލުންތެރިކަން ނެތުމުގެ ސަބަބުންނެވެ.

އަދި ކުޑަކުދިންނަށް އެފަދަކަމަކުން ރައްކާތެރިވުމައްޓަކައި އެޅިދާނެ ފިޔަވަޅުތަކެއް ކިޔައިދެވިފައިވެސް ނެތުމުން ކުދިންގެ ހޭލުންތެރިކަންވެސް ނެތުމުންނެވެ. ހަވީރު ނޫހުން އަޅުގަނޑަށް ފެނުނު ލިއުމެއްގައި ވަނީ "ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑައަންހެންދަރިފުޅު އޭނާގެ ދޮންބައްޕަގެ "އުފާތަކަށް" ހަދިޔާކުރީ އުފަން މަންމައެވެ." އަދި ރ. އަތޮޅުގެ ރަށެއްގައި ކުޑަފިރިހެންކުއްޖަކާއިއެކު މީހަކު އެއްޖިންސުގެ ގުޅުން ހިންގިއިރު ކުއްޖާގެ މަންމައަށް ކުރެވުނު އެއްވެސް ކަމެއް ނެތްކަމަށްވެސް މިނޫހުގައި ލިޔެފައިވެއެވެ. މިފަދަ ކަންތައްތަކަކީ ވަރަށްވެސް ނުބައި، އެއާއިމެދު ދެންތިބިމީހުން ވިސްނައި ފިކުރުކޮށް، މުޖުތަމަޢުން އެފަދަ ކަންތައް ހުއްޓުވަން ޖެހޭ ކަންކަމެވެ. 1999 އިންފެށިގެން 2003 ގެ ނޮވެމްބަރާއި ހަމައަށް ، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 192 މައްސަލަ ކުޑަކުދިންގެ ޙައޤުތަކާއިބެހެ ޔުނިޓުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ހަމަ މިމުއްދަތުގެތެރޭގެއި ޖިސްމާނީ ގޮތުން ކުޑަކުދިންނަށް ބޮޑެތި ގެއްލުން ދީގެން 88 މައްސަލަ ހުށައެޅިފައިވެއެވެ.

 

ކުޑަކުދިންނަށް ލިބެމުންދާ ތަފާތުވައްތަރު ތަކުގެ ގެއްލުންތަކަކީ، ރެއެކާއި ދުވާލުން ހުއްޓުވާލެވޭނެ ކަމެއް ނޫނެވެ. ފުރަތަމަ ކަމަކީ މައިންބަފައިންނާއި، ކުޑަކުދިން އަދި މުޅި މުޖުތަމަޢުގެ ހޭލުންތެރިކަން މިކަމުގައި އތުރުކުރުމެވެ.

އަޅުގަނޑު މި ލިއުމުގައި މައިންބަފައިންނަށް، ކުޑަކުދިންނަށް ދަސްކޮށްދެވިދާނެ މުހިންމު ބައެއް ނުކުތާތަކުގެ މައްޗަށް އަލިއަޅުވާލާނަމެވެ. ލިއުމުގައި ބަޔާން ކުރެވިފައިވާ އިރުޝާދު ތަކަކީ މައިންބަފައިން، ކުދިންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް އެކުދިންނަށް ދެވިދާނެ އިރުޝާދު ތަކެކެވެ. މިލިއުމުގައި މުޚާތަބް ކުރެވިފައިވަނީ ކުދިންނަށް ނަމަވެސް، މިއީ މައިންބަފައިން ކުދިންނަށް ބުނެދޭންވީ ވާހަކަތަކެކެވެ.

ސަލާމަތްތެރިކަމަށްޓަކައި

* އަބަދުވެސް އަމިއްލަ ފުރިހަމަނަމާއި މައިންބަފައިންގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯންނަމްބަރެއް ދަސްކޮށްފައި ބަހައްޓާށެވެ.

* ގެއިންބޭރަށްދާނަމަ އެދިޔައީ ކޮންތަނަކަށްތޯއާއި، ރައްޓެހިކުދިންނަކީ ކޮބައިތޯ މައިންބަފައިންނަށް ކިޔައިދީފައި ބާއްވާށެވެ.

* ރައްޓެހި ކުދިންގެ ގެޔާއި އެކުދިންނާއިއެކު އުޅެނީ ކޮންބައެއްތޯ، މައިންބަފައިންގާތު ބުނެފައިބާއްވާށެވެ.

* އެއްވެސް މީހަކު ޖިންސީ ކަމަކާއިބެހޭގޮތުން އެއްވެސް ވާހަކައެއް ނުވަތަ އިޝާރާތެއް ކުރިއަސް ލަސްނުކޮށް އަވަހަށް މައިންބަފައިންގާތު ނުވަތަ ޢިތުބާރުކުރެވޭ މީހެއްގާތު ބުނާށެވެ.

* އެއްވެސް މީހަކު ގައިގައި އަތްލައި ނުވަތަ އަތްލާންއުޅެ، ނުވަތަ ފޮޓޯއެއް އެއްޗެއް ނަގަންއުޅެފިނަމަ އެކަން މައިންބަފައިނަށް އަންގާށެވެ.

* އެއްވެސްމީހަކު ގޯސް ސިއްރެއް ކިޔައިދީފައި އެ ސިއްރުކުރަންބުނެފިނަމަ ލަސްނުކުށް މައިންބަފައިނަށް ކިޔައިދޭށެވެ.

* މަގުމަތިން ނުވަތަ ގެ ކައިރީމަގެއްގެ މަތިން، ނުދަންނަމީހަކު ފަހަތުއަޅުވާލައިފިނަމަ ނުދަންނަ ތަނަކަށްވަދެ ނުފިލައި، މީހުން ގިނަހިސާބަކަށްދާށެވެ. އެވަރުންވެސް ނުރައްކާ ހީވާނަމަ ހަޅޭއްލަވައިގަނެ މީހުންގެ އެހީއެއް ހޯދާށެވެ.

* ނުރުހޭކަންކަމަށް އަބަދުވެސް "ނޫން" ބުނަން ދަސްކުރާށެވެ.

* އަމިއްލަ އިޙުސާސްތަކަށް ތަބާވާށެވެ. ވަކިމީހަކު ނުވަތަ ވަކިތަނެއްގައި ހުރުމުން ނުރައްކަލެއް އަތުވެދާނެހެން ހީވާނަމަ އަވަހަށް އެމީހަކާއި ނުވަތަ ތަނަކާއި ދުރަށް ދާށެވެ.

* އެއްވެސް މީހަކު ގައިގައި އަތްލައި ނުވަތަ ލާން އުޅެފިނަމަ، ބިރުނުގަނެ އަމިއްލަ ނަފްސަށް އިތުބާރުގެނެސް "އަހަރެން ގައިގައި އަތްނުލާ" ނުވަތަ  "އަހަ ރެންނާއި ދުރަށް ދޭ" މިފަދަ ޢިބާރާތެއް ބާރަށް ބުނާށެވެ. އެއްގޮތަކަށްވެސް އޭނައަށް ތިހުރީ ބިރުންކަން ނުދައްކާށެވެ.

* ގޭގައިހުންނަ ފޯނާއި ޢާއްމު ފޯނުވެސް ބޭނުންކުރަން ދަސްކުރާށެވެ. މީހެއްގެފަރާތުން ނުވަތަ އެނުންވެސް ގޮތަކުން ނުރައްކަލަކާއި ދިމާވެއްޖެނަމަ ގުޅަން އަވަސްވެގަންނާށެވެ. އަދި އެހީހޯދަން ގުޅޭނެ އިމަޖެންސީ ނަމްބަރުތައްވެސް ދަސްކޮށްފައި ބަހައްޓާށެވެ.

* އެއްވެސް ގޮތަކުން މަގުއޮޅިއްޖެނަމަ، ސިފައިންގެ ޔުނިފޯމުގައިހުރިމީހެއް ނުވަތަ ރަސްމީ އޮފީހަކުން މަޢުލޫމާތު ހޯދާށެވެ. އަންހެން ކުއްޖެއްނަމަ ނުވަތަ ކުޑަފިރިހެން ކުއްޖެއްނަމަވެސް، މަގުމަތިންދާ ފިރިހެނުންގެ ބަދަލުގައި ބޮޑު އަންހެނެއްކައިރިން އަހާށެވެ. ބޮޑަށް ރައްކާތެރީ މިގޮތެވެ.

* މީހުންނާއި އުފެދޭ ދެެބަސްވުންތައް، ގަދަބާރުގެ ބަދަލުގައި ވާހަކަދައްކައިގެން ހައްލުކުރަން ދަސްކުރާށެވެ. އެހެންނޫނީ މީހަކު ހަމަފަހަރެއްގައި މިފަދަ ހާލަތެއްގައި، އަނިޔާއެއްކޮށްފާނެއެވެ.

* ބަޔަކު ތަޅާފޮޅާމަންޒަރެއް ބަލަން މަގުމަތީގައި މަޑުނުކުރާށެވެ. އެފަދަ ކަމެއްފެނިއްޖެނަމަ އަވަހަށް ދުރަށްދާށެވެ. ކުޑަކުއްޖަކަށް އެކަން ހުއްޓުވެން ކުރެވޭނެކަމެއް ނޯންނާނެއެވެ. ވީމާ މަޑުކުރުން އެއީ ބޭކާރު ކަމެކެވެ.

* ސްކޫލަށްދާއިރު ނުވަތަ ސްކޫލުންއަންނައިރު، ނުވަތަ ގެކައިރީ ފިހާރައަކަށް ދިޔައަސް، އަބަދުވެސް މީހުންގިނަ، ބޮޑެތި މަގުތަކުން ދާށެވެ. މީހުންމަދު ކުދިކުދި ގޯޅިތަކުން ނުހިނގާށެވެ.

* މަގުމަތިން ދަނިކޮށް މީހަކު ގެއަށް ގެންގޮސްދޭން ބުނެ ކާރަކަށް ނުވަތަ ސައިކަލަކަށް އަރަން ބުންޏަސް، ނާރާށެވެ.

* ފޯނުމެދުވެރިކޮށް ނުވަތަ އެނުންވެސް ގޮތަކުން، ނުދަންނަ އެއްވެސް މީހަކަށް، މައިންބަފައިންނާއި ބެހެ އެއްވެސް މަޢުލޫމާތެއް ނުދޭށެވެ.

* ނުދަންނަ މީހަކު ނުވަތަ ގޭގައި ނުއުޅޭ މީހަކު ފޯނުކުރުމުން، އެވަގުތު އެކަނި ގޭގައި ހުއްޓަސް ތިމަންނަ އުޅެނީ އެކަނި ކަމަށް ނުބުނާށެވެ.

* ނުދަންނަ މީހަކު ނުވަތަ ގޭގައި ނުއުޅޭ މީހަކު، އެކަނި ގޭގައި ހުއްޓާއަޔަސް ދޮރުނުހުޅުވާށެވެ.

* ނުދަންނަ އެއްވެސް މީހެއްގެ ގެޔަށް މައިންބަފައިނަށް ނޭގި ނުދާށެވެ. އަދި ތިމާގެ ނުވަތަ ރައްޓެހި ގެޔަކަށް މައިންބަފައިންނަށް އެގިގެން ދިޔަޔަސް، އެގެޔަކު ގިނަމީހުން ނެތް ގަޑިއެއްގައި ނުދާށެވެ.

* ފަޅު ހިސާބެއްގައި ނުުވަތަ އަތިރިމަތީގައި ، އެކަނި ކުޅެން ނުހުންނާށެވެ.

ކުޑަކުދިންނަށް ގެއްލުންދިނުމަކީ ކޮބައި ؟

* ޖުމްލަކޮށް ބަލާއިރު ކުޑަކުދިންނަށް ގެއްލުންދިނުމަކީ، ކުޑަކުއްޖަކަށް ޖިސްމާނީގޮތުން، ނަފްސާނީ ގޮތުން ނުވަތަ ޞިއްޙީ ގޮތުން ގެއްލުމެއްލިބޭ ނުވަތަ ލިބިދާނެފަދަ އެއްވެސް ކަމެއް ކުރުމެވެ.

ކުޑަކުދިންނަށްދެވޭ ގެއްލުން ހަތަރު ބަޔަކަށް ބަހައިލެވިދާނެއެވެ . އެއީ:

1- ހަށިގަނޑަށް ދެވޭގެއްލުން: މިއީ ކުއްޖެއްގެ ހަށިގަޑަށް އަނިޔާއެއް ދިނުމުގެ ގަސްދުގައި، ޖެހުން، ކޮއްޕުން، ވިކުން، އިލޮށިފަތިން ނުވަތަ އެނޫންވެސް އެއްޗަކުން ތެޅުން، އިސްތަށިގަޑަށް ދެމުން، ކޮލުގައި ތަދުކުރަން ހިފުން، އަގައަށް މިރުސް އެޅުން، ގައިގައި ހޫނު އެއްޗެއް ޖެއްސުން، ނޭވާލާން އުދަގޫވާނެފަދައަކުން، ކަރުގައި ހިފުންފަދަ ކަންކަމެވެ. އަނިޔާއަކަށް ވުމައްޓަކައި ކޮންމެހެން ކުއްޖާގެ ގައިގައި މިއިން ކަމަކުން ލަކުނެއް ނުވަތަ، ޒަޚަމެއް އުފެދޭކަށް ނުޖެހެއެވެ. މިއިން ކަމެއް މީހަކު ކޮށްފިނަމަ އޭނާ އެކުރީ އަނިޔާއެކެވެ.

2 - ނަފްސާނީގޮތުން ދެވޭ ގެއްލުން: އެއީ :

ނަފްސާނީގޮތުން ކުއްޖަކަށް ގެއްލުމެއް ދިނުމަކީ، ކުއްޖަކަށް ނަފްސީ ގޮތުން ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއްކުރުމެވެ. މީގެ ތެރޭގައި ކުއްޖާގެ އަމިއްލަ ނަފްސަށްކުރާ އިތުބާރު ދަށްކުރުވާފާނެފަދަ ކަމެއްކުރުން، ހިތުގައިޖެހޭނެހެން ހަޑި އެއްޗިހި ގޮވުން، ކުއްޖާއަށް ތިމާއަކީ އެއްވެސް މީހެއް ނޫނޭ ހީވާފަދަ ގޮތަކަށް ދެރަކޮށް ހެދުން، ބާރަށް ކުޑަކުދިންނާއި ދިމާލަށް ހަޅޭއްލެވުން، "ކަލޭތީ ޖަނަވާރެކޭ" ނުވަތަ "ބަކަރި" އޭ ފަދަ ހަޑިބަސްތަކުން ކުޑަކުދިންނާއިމެދު މުޢާމަލާތުކުރުން ހިމެނެއެވެ. ހަމައެހެން ބަންދު ނުވަތަ އަނދިރި ތަންތަނަށް ކުޑަކުދިން ލައިބަންދުކޮށް ބިރުގެންނެވުން، "ހަންޑިއަށް" ދިނުންފަދަ ކަންކަމަކީވެސް ކުޑަކުދިންނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންލިބޭނެ ކަންކަމެވެ.

3 - ޖިންސީ ގޮތުންދެވޭ ގެއްލުން: އެއީ :

ކުޑަކުއްޖާގެ ހަށިގަނޑަކީ އޭނާގެ އަމިއްލަ އެއްޗެކެވެ. އެއްވެސް އެހެންމީހަކަށް ކުއްޖެއްގެ ހަށިގަޑުގައި ނަހަމަގޮތުން އަތްލައި ހެދުމަކީ އެއީ ޖިންސީ ގޮތުން ކުޑަކުއްޖަކަށް ގެއްލުން ދިނުމެވެ. ޢާއްމު ޢިބާރާތުންނަމަ ކުޑަކުދިންނާއި ބެހުމެވެ. ކުއްޖެއްގެ ހެދުންބާލަން، ނުވަތަ އަންހެން ކުއްޖެއްގެވިޔަސް ފިރިހެން ކުއްޖެއްގެވިޔަސް ހެދުންދަށުގައި ވާ ސަރަހައްދެއް ދައްކަން ބުނުން، ނުވަތަ ބެލުން، ނުވަތަ ފޮޓޯނެގުން، ނުވަތަ ބަރަހަނާ ފޮޓޯ، ފިލްމު ފަދަ ތަކެތި ކުއްޖަކަށް ދެއްކުމަކީ ކުޑަކުއްޖަކަށް ޖިންސީގޮތުން ގޯނާ ކުރުމެކެވެ. އަދި ހުރިހާ ދީންތަކަކާއި ޤާނޫނުތަކަކާއި ޚިލާފު ވަހުޝީ ޢަމަލެކެވެ. ނަމަވެސް ކުޑަކުއްޖަކު ބަލާ ޑޮކްޓަރު ނުވަތަ މަންމަ، ބައްޕަ ނޫނީ ބަލައި ގެންގުޅޭ މީހަކި ކުއްޖާފެންވަރުވައި ކަންތައް ކުރުމުގައި (ކުރަންޖެހޭވަރަށް) ގައިގައި އަތްލުމަކީ ގޯނާ ކުރުމެއްނޫނެވެ. މިކަންތައް ކުޑަކުދިންނަށް ރަގަޅަށް ވިސްނައިދީފައި ބާއްވަން ޖެހެއެވެ. ރަނގަޅާއި ނުބައި ބުނެނުދީހުއްޓާ، ކުއްޖަކަށް އެފަދަ ކަމެއް ކުރާމީހަކު އޮޅުވާލައިގެން، އޭނާ އެކުރަނީ "ރަނގަޅު" ކަމެކޭ ބުނެ އެގޮތް ވިސްނައިދީފާނެއެވެ.

4 - ކުޑަކުދިންނާއިމެދު އިހުމާލުވުން :އެއީ :

ކުޑަކުދިންނާއިމެދު އިހުމާލުވުމަކީ ކުއްޖަކަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި، ހެދިބޮޑުވުމަށް ބޭނުންވާ ކާނާ، ހެދުން، ތަޢުލީމު އުގަންނައިދިނުން، ރަނގަޅު ތަރުބިއްޔަތު ދިނުންފަދަ ކަންކަމާއިމެދު މައިންބަފައިން ނުވަތަ ބެލެނިވެރިން ފަރުވާކުޑަކުރުމެވެ. ނަމަވެސް މިކަންތައް ކުރަންޖެހޭފަރާތް ތަކުން، ކުއްޖާއަށް މިކަންތައްތައް ހޯދައިދިނުމަށް މަސައްކަތްކޮށް ، އާމްދަނީ ހުރިގޮތުގެ ސަބަބުން ކޮށްނުދެވިއްޖެ ނަމަ ނުވަތަ ބައެއްފަހަރު ކުޅޭ އެއްޗެއް، މެޓާ ގަނެނުދިނުން އެއީ އިހުމާލުވީއެއްނޫނެވެ. އެކަމަކު ކަންނެތްކަމުން ނުވަތަ ކުރަންވާވަރަށް މަސައްކަތްނުކުރުމުން، ލިބޭ އާމްދަނީ މަސްތުވާތަކެއްޗަށް ދުއްވާލައިގެން ނުވަތަ މުހިއްމު ނޫން ކަންތައްތަކަށް ހޭދަކޮށްގެން ކުޑަކުދިންނާއި މެދު ފަރުވާކުޑަ ކުރެވިއްޖެ ނަމައެއީ އެމީހެއްގެ ޒިންމާ ނުއުފުލުނީއެވެ. ދަރިންނާއި އަޅާނުލެވުނީއެވެ.

ހަނދާންކުރޭ ...

* އެމީހަކީ ކޮންމެ މީހެއްކަމުގައިވިޔަސް ކަލެއަށް އެއްވެސް ގެއްލުމެއް ދިނުމުގެ ޙައްޤެއްނޯނާނެއެވެ.

* ކަލެއަކީ މީހެއްގެ ފަރާތުން އެއްވެސް ގެއްލުމެއް ލިބެންޖެހޭ މީހެއްނޫނެވެ. މީހެއްގެފަރާތުން ގެއްލުމެއް ލިބުމަކީ އެއްވެސް މީހަކަށް އޮތްގޮތެއްނޫނެވެ.

* މީހެއްގެ ފަރާތުން ގެއްލުމެއް ލިބިއްޖެނަމަ އެއީ ކަލޭގެ ކުށެއްނޫނެވެ. ކަލެއަކީ ކުށްވެރިއެއްވެސް ނޫނެވެ. ކުށްވެރިއަކީ އެކަން ކުރިމީހާއެވެ. މިނުންގޮތަކަށް މީހަކު ވިސްނައިދޭން އުޅުނަސް ޤަބޫލު ނުކުރާށެވެ.

* މީހެއްގެ ފަރާތުން ގެއްލުމެއް ލިބިއްޖެނަމަ، ހަދާންކުރަންވީ އަނެއްކަމަކީ، ތިކަހަލަ ގެއްލުން ލިބޭ އެތައްކުދިން ދުނިޔޭގައި އުޅޭކަމެވެ. އެއީ އެކުދިންގެ ކުށެއްނޫނެވެ. އަދި ކަލޭގެ ކުށެއްވެސް ނޫނެވެ. ވީމާ މިއީ ތިމަންނައަށް އެކަނި، ތިމަންނައަށް މިގޮތް ޙައްޤުވާތީ ހިގިކަމެކޭ ނުހިތާށެވެ. އެކަން ބުންންޖެހޭ ފަރާތްތަކުގައި ބުނާށެވެ. ސިއްރު ނުކުރާށެވެ.

ކުޑަކުދިންނަށް ގެއްލުންދެނީ ކޮންބައެއް ؟

އާފަލަކީ އަހަރެމެން އެންމެންނަށްވެސް ވަރަށް މީރުމޭވާއެކެވެ. އޭގެ އެކިކުލަކުލައިގެ އެކި ބޮޑުމިނުގެ އެއްޗެހި ކާން އަހަރެމެން އެދެމެވެ. ނަމަވެސް ބައެއްފަހަރު، ހަމައެކަނި ބައެއްފަހަރު އާފަލު ކާއިރު އޭގެތެރެއިން ފަންޏެއް ފެނިއްޖެނަމަ އޭތި ނުކައި އެއްލާލަނީއެވެ. ނަމަވެސް ފަހުންވެސް އަހަރެމެން އާފަލުކައި އުޅެމެވެ. ފަރުވާތެރިވަނީ ހަމައެކަނި ބައެއް އާފަލުގައި ހުންނަ ފަންޏާއި މެދުއެވެ. އެގޮތަށް މީހުންގެ ތެރޭގައިވެސް ގިނައީ ރަނގަޅު މީހުންނެވެ. ކުޑަކުދިންނަށް ކަމޭހިތާ ކުޑަކުދިންދެކެ ލޯބިވާ މީހުންނެވެ. ނަމަވެސް މީހުންގެ ތެރޭގައިވެސް މަދުންނަމަވެސް "ފަނި" ހުރެއެވެ. ވީމާ އެއާއި މެދު ރައްކާތެރިވާން ޖެހޭނެއެވެ. މީހުންނަށް ޢިތުބާރު ކުރުމަކީ ރަނގަޅު ސިފައެކެވެ. ނަމަވެސް އޭގެ މާނައަކީ ތިމާގެ އަމިއްލަ ދަރިފުޅު "ހިޔަޅަކަށް" ކާން ދިނުމެއް ނޫނެވެ. އަނެއް ކޮޅުން ދުނިޔޭގެ އެންމެންނާއި މެދު ޢިތުބާރު ކަނޑާލައިގެން އުޅުމަކީ ނަފްސާނީ ބައްޔަކަށްވެސް ފަހުން ވެދާނެއެވެ. ވީމާ އޮތް އެންމެ ރަނގަޅު ގޮތަކީ އަބަދުވެސް ރައްކާތެރިވެ އުޅުމެވެ. އަދި މީހުންނަށް ކުރާ އިތުބާރުވެސް ކަނޑައިނުލުމެވެ.

ކުޑަކުދިންނަށް ގެއްލުންދޭ މީހުން އުޅެނީ ކޮންތާކު ؟

ކޮންމެ ތަނެއްގައިވެސް އެ މީހުން އުޅެދާނެއެވެ. އަމިއްލަ ގޭގައި، މަދަރުސާގައި، ތިމާގެ މީހެއްގެ ގޭގައި، ރައްޓެހި ކުއްޖެއްގެ ގޭގައި، މަގުމަތީގައި، ނުވަތަ ދީނީ ތަނެއްގައިވެސް މިފަދަ މީހަކު އުޅެފާނެއެވެ. ފަހަރެއްގައި އުޅެފާނެއެވެ.

މިކަހަލަ ކަންތައް ކުރާމީހުންނަކީ މުއްސަނދި، ފަޤީރު ނުވަތަ މެދުމިނުގެ މީހަކަށްވެސް ވެދާނެއެވެ. ބައެއްފަހަރު ހީވެފައި އޮންނަނީ ކުޑަކުދިންނަށް ގެއްލުންދެނީ ނުވަތަ ބެހެނީ ނުކިޔަވައިތިބޭ ފަޤީރުންކަމަށެވެ. މިއީ މުޅިން ރަނގަޅު ހީއެއްނޫނެވެ. މި ގިންތީގައިވެސް އެ ގިންތީގައިވެސް އެ ކަހަލަ މީހުން އުޅެއެވެ.

ޝައްކުގެ ނަޒަރަކުން ބަލަންޖެހެނީ ޑްރަގު ބޭނުންކުރަމުންދާ، ވިޔާނުދާ ޒުވާނަކަށް އެކަނިހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. މުސްކުޅިންވެސް މިފަދަ ޢަމަލު ހިންގައެވެ. ވީމާ އެއީވެސް ހަމަ ފަރުވާތެރިވެ ތިބެންޖެހޭ ބައެކެވެ.

ކުޑަކުދިންނަށް ގެއްލުންދެނީ ހަމައެކަނި ހިލޭ ނުދަންނަމީހުންތަ ؟

ނޫން... ބައެއްފަހަރު މައިންބަފައިންގެ ފަރާތުން، ތިމާގެ މީހުންގެ، ރައްޓެހީންގެ ފާރުތުންވެސް ގެއްލުމެއް އައިސްފާނެއެވެ. ހަމައެހެން ނުދަންނަ ހިލޭ މީހެއްގަ ފަރާތުންވެސް ގެއްލުމެއް ލިބިދާނެއެވެ. ނަމަވެސް ކުޑަކުދިންނާއިމެދު އިހުމާލުވުމުން ލިބޭ ގެއްލުމަކީ އަބަދުވެސް މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ފަރާތުން ލިބޭގެއްލުމެކެވެ. އަނެއް ތިންވައްތަރުގެ ގެއްލުން އެއީ ހަމަ ކޮންމެމީހެއްގެ ފަރާތުންވެސް ލިބިދާނެ ގެއްލުމެކެވެ.

ކުޑަކުއްޖަކު އެމީހެއްދެކެ ލޯބިވާ، އިތުބާރުކުރާ މީހަކުވެސް ހަމަ ގެއްލުމެއް ދީފާނެތަ؟

ހިތާމައާއިއެކު ބުނަންޖެހެނީ އާއެކެވެ. ދީފާނެއެވެ. މަދުނޫން ޢަދަދަކަށް ކުޑަކުދިންނަށް ލިބޭ ޖިންސީ ގެއްލުންތައް ކޮށްފައިވަނީ ތިމާގެ މީހުންނެވެ. ޢާއިލާމީހެއް އަވައްޓެރިއެއް، ކިޔަވައިދޭމީހެއް، ކޯޗެއް، ދީނީ ރަމްޒެއްގެ ފަރާތުންވެސް މިފަދަ ޢަމަލު ހިގާފާނެއެވެ.

ކުޑަކުދިންނަށް ގޯނާކުރާމީހުން ގެންގުޅޭ އުކުޅުތައް :

ކުޑަކުއްޖަކަށް ޖިންސީގޮތުންވެސް އަދި އެހެންގޮތަކުން ވިޔަސް ގެއްލުމެއް ދިނުމުގައި އެކަންކުރާ މީހާ ގެންގުޅެފާނެ ތަފާތު އުކުޅުތަކެއް ނުވަތަ ގޮތްތަކެއް ހުރެއެވެ. ވީމާ އަބަދުވެސް ހޭލާ ފަރުވާތެރިވެ ހުންނާށެވެ. ރައްކާތެރިވެ ހުންނާށެވެ. ބާރުގަދަމީހެއްގެ ގޮތުގައި ހުރުމުގެ ކުރިން ބުއްދިވެރިއެއްގެ ގޮތުގައި ހުންނާށެވެ.

އެފަދަ މީހުން ގެންގުޅޭ ބައެއް އުކުޅުތައް :

1- ކުޑަކުއްޖާގެ މަޢްޞޫމުކަމުގެ ބޭނުން ނަހަމަގޮތުގައި ހިފުން :

ގިނަފަހަރަށް މިކަންތައް ކުރާމީހުން ކުޑަކުދިންގެ މަޢުޞޫމުކަމާއި ޅަ ކަމުގެ ބޭނުން ހިފައިގެން، އެކުދިންނަށް ބިރުދައްކައި ނުވަތަ އިންޒާރުދީ ހަދައެވެ. މީހެއްކައިރީ ބުނެފިނަމަ މަރާލާނެ ކަމަށް ނުވަތަ ކުށްވެރިވާނީ ކުއްޖާ ކަމަށް ބުނެ ބިރުދައްކާހަދައެވެ. ނުވަތަ ތަންކޮޅެއް ބޮޑެތި ކުދިންނަމަ ބްލެކްމެއިލްކޮށްވެސް ހަދައެވެ. ނުވަތަ ޓެސްޓުންފާސްކޮށް ނުދޭންބުނެ ނުވަތަ، ބިރުގަންނާނެފަދަ އެހެންވެސް ސަބަބެއްދައްކައިގެން ކުޑަކުދިންގެ ބޭނުން ނަހަމަގޮތުގައި ހިފަނީ މަދުބައެއްނޫނެވެ.

އަނެއް ކޮޅުން ބިރުދެއްކުމުގެ ބަދަލުގައި ކުދިންގެ ޅަ ސިކުނޑި ހައްލާލަންވެގެން، އެއްޗެއްގަނެދޭން ބުނެ ނުވަތަ ކުޑަކުދިން ހިތްކިޔާކަހަލަ އެއްޗެހިގަނެދީ ސިކުނޑިއާއި ކުޅެލައިގެންވެސް އެއްބަޔަކު މިފަދަ ކަންތައް ކުރެއެވެ. ހަމައެހެންމެ ކުއްޖާއަށް މިކަންތައް މިހެންދިމާވަނީ އޭނާގެ ކުށުންކަމަށާއި، ކުރެވިފައި އޮތް ކުށެއްގެ އަދަބަކީ މިއީއޭ ކިޔައިގެންވެސް އަނެއްބަޔަކު މިފަދަ ކަންތައް ކުރެއެވެ.

މިއިން އެއްވެސް ވާހަކައެއް ޤަބޫލު ނުކުރާށެވެ. ނުހެއްލޭށެވެ.

2- ކުއްޖާގެ ފަރާތުން އެހީއަކަށް އެދުން :

މިފަދަ ހާލަތްތަކުގައި އެކަންކުރާމީހާ ބެރުފުށުން ދައްކާނީ އޭނާއަކީ ބޭނުމެއް ޖެހިފައިވާ ނުވަތަ އެހީއަކަށް ބޭނުންވާ މީހެއްކަމަށެވެ. އެހެންވެ ތިމަންނައާއި އެކު މިވެނި ތަނަކަށް ހިނގާށޭ ކިޔައި ހައްލުވާލަން މަސްކަތްކުރާނެއެވެ. މިގޮތަށް ކަންތައް ކުރާނީ ގިނަފަހަރަށް ނުދަންނަ މީހުންނެވެ. ހަނދާންކުރާށެވެ. މިފަދަ ނުދަންނަ މީހުން އެހަދަނީ ބޮޑުދޮގެވެ. ރަނގަޅު މީހުން ކުޑަކުދިންގެ އެހީއަކަށް ނޭދޭނެއެވެ. އެހީއަށް އެދޭނީ އެމީހުންވަރުގެ ބޮޑެތިމީހުންގެ ކިބައިންނެވެ. ނުދަންނަ މީހަކު ކަމެއް ކޮށްދޭން އެދިއްޖެނަމަ "މަޢާފް ކުރައްވާ .. ނުވާނެ" ނުވަތަ ދަމުން ތިމަންނަ ބޮޑުމީހަކަށް ގޮވައިދޭނެ ވާހަކަ ބުނާށެވެ.

މިފަދަ މީހުން ބުނެފާނެ ބައެއް ޢިބާރާތްތައް :

- "އަހަރެން މިއުޅެނީ އެއްޗެއް ގެއްލިގެން...އޭތި ހޯދައިދޭން މަށާއި އެހީތެރިވެ ދީބަލަ"

- "އަހަރެންގެ އަތުގައި މިހުރި ކޮތަޅުތައް ވަރަށް ބަރު... މި އުފުލުމުގައި އެހީވެދީބަލަ... ގެ އެހާ ދުރެއްނޫން އެ ގޯޅިގައި އެހެރީ"

-"އަހަރެންގެ ގޭގެ ކުޑަކުޑަ މަސައްކަތެއް ކޮށްދީފިނަމަ ލާރިދޭނަން"

- "އަހަރެންގެ ގޭގައި ގޭމް ކުޅެވެން ހުރޭ ..ހިނގާ ކުޅެން"

މިއީ ހަމައެކަނި ބައެއް މިސާލެވެ.

3 - އެމީހުންނަކީ އެކަނިވެރި ބައެއްކަމަށާއި އެހީއަށް ބޭނުންވާ ކަމަށް ބުނުން:

ފުރަތަމަ ކޮޅުގައި މިކަހަލަ ކަންތައް ކުރާމީހުން ވަރަށް ރަނގަޅަށް އުޅެފާނެއެވެ. ދެން އެއްޗެހި ދީ، ދުވަސްކޮޅަކުން ފާޑުފާދުގެ ވިޔާނުދާ ފޮޓޯ ދައްކައި، ނުވަތަ ޖިންސީ ވާހަކަ ދައްކަން ފަށާފާނެއެވެ. ދެން އެކަންތަކަށް އާދަވީމާ ގައިގައި އަތްލައި، އެނުންވެސް ޢަމަލު ހިންގަންފަށާނެއެވެ. ފަހުން ބުނާނީ ތިމަންނަ މިހިރީ ވަރަށް ދެރަވެފައި ކަމަށާއި، އެ ގޮތަށް ހެދީ ހެދީ ނޭގިކަމަށާއި އެހެންވީމާ ދެން އެހެންމީހެއް ގާތު ނުބުނަން ބުނާނެއެވެ. ފަހުން އަނެއްކާ އެހެން ދުވަހަކު ބުނާނީ ކުރީ ދުވަހުވެސް "އަތްލި" ކަމަށާއި އެހެންވީމާ މިއަދު އަތްލުމުން ގޯހެއް ނެއްކަމަށެވެ.

އަހަރެން ނަފްސު ދިފަޢު ކުރާނީ ކިހިނެއް ؟

ނޫނެކޭ ބުނާށެވެ.

އެއްވެސް މީހަކު ކަލޭ ނުރުހޭ ކަމެއްކުރަން އުޅެފިނަމަ ނުވަތަ ގައިގައި އަތްލައިފިނަމަ، ނޫނެކޭ ބުނާށެވެ. ބާރަށް އެހެން ބުނާށެވެ.

ކަލޭ ކުރަން ބޭނުންނޫން ކަމެއް މީހަކު ކުރުވަން އުޅުނަސް ހަމަ އެހެން ބުނާށެވެ.

ކުޑަކުއްޖަކު ހިތްހަމަ ނުޖެހޭ ނުވަތަ ކުރަން ބޭނުންވާ ކަމެއް، އެހެން މީހަކު ކުރުވަން އުޅުމުން "ނޫނެކޭ" ބުނުން އެއީ ގޯސްކަމެއް ނޫނެވެ. ވީމާ އޭނާ އެބުނާ ކަންތައް ނުކޮށްފިއްޔާ މީހުން ތިމަންނަ މީ ބަސްނާހާ ކުއްޖެކެ ބުނެފާނެކަމަށް ހީ ނުކުރާށެވެ. ގިނަމީހުން ފުރަތަމަ އުޅޭނީ ސަމާސާއެއް ކަމަށް ހަދައިގެން ގައިގައި އަތްލާށެވެ. މިހިސާބުން އެކަންޖެހޭނީ ހުއްޓުވާށެވެ. ސަމާސާއަކަށް ގޯސް އެއްޗެކޭ ބުންޏަސް "ނުނެކޭ" ބުނާށެވެ. ތިމަންނަ ތިކަހަލަ ވާހަކަ އަޑުއަހަން ބޭނުން ނޫނޭ ބުނާށެވެ.

ހަޅޭއްލަވައި ގަންނާށެވެ.

ހުރިހާކުދިންނަށްވެސް ކުޑައިރު ނަފްސު ދިފާޢުކުރަން ލިބިފައިވާ އެއް ބާރަކީ ރުއިމެވެ. ނުވަތަ ބާރަށް ހަޅޭއްލަވައިގަތުމެވެ. ވީމާ ނުރައްކަލަކާއި ކުރިމަތިވެއްޖެނަމަ މި ބާރުގެ ބޭނުން ހިފާށެވެ. ހަޅޭއްލަވައިގަންނައިރު ދިމާވެފައިވާ ކަންތައް އެހެންމީހުންނަށް ދޭހަވާނެހެން ހަޅޭއްލަވައިގަންނާށެވެ. މިސާލަކަށް "މީނާ އަހަރެންނާއި ބެހެނީ" "އަހަރެން ސަލާމަތްކުރޭ" މިފަދަ ޢިބާރާތެއް ބޭނުން ކުރާށެވެ. ކުށްވެރިންނާއިބެހޭ ޢިލްމުވެރިން ވިދާޅުވާގޮތުގައި ކުޑަކުދިންނާއިބެހޭ މީހުންނަކީ، އެހެންމީހުންނަށް އޭނާ ކުރާކަންތައް އެގިދާނެތީ ބިރުގަންނަ ފިނޑިބައެކެވެ. ވީމާ އެކުއްޖާގެ ފަރާތުން އެންމެ ހަޅޭކެއްލިއަސް އޭނާ ބިރުން ދޫކޮށްލާނެއެވެ.

ވާހަކަމެދުކަޑާލާށެވެ.

ނުދަންނަ ނުވަތަ އެމީހަކާއިމެދު ހިތްހަމަނުޖެހޭ މީހުންނާއި އެކު ވާހަކަ ނުދައްކާށެވެ. އެމީހުން ވާހަކައެއްދައްކަން ފެއްޓިއަސް ތިމަންނަ ވާހަކަދައްކަން ބޭނުންނުވާކަން ދައްކާށެވެ. އަދި "ދާންވެއްޖެ" "ލަސްވަނީ" ފަދަ އެއްޗެއް ބުނެފައި އަވަހަށް ދެވޭތޯ ބަލާށެވެ.

ބީރައްޓެހިން ދޭ އެއްޗެހީގައި އެއްގޮތަކަށްވެސް ނުހިފާށެވެ. މެޓާފަދަ އެއްޗެއްދިނަސް ބޭނުމެއްނޫނޭ ބުނާށެވެ. ބީރައްޓެހިން ގިނަފަހަރަށް އެހެން އެއްޗެހި ދޭނީ ، ކުދިންނާއި ކައިރިވެލުމުގެ ގޮތުންނެވެ. ވީމާ ކައިރިވެނުދިނުން އެއީ ދިފާޢީ ފުރަތަމަ ފިޔަވަޅެވެ.

ތިންފިޔަވަޅަށްފަހު ދުއްވައިގަންނާށެވެ.

މީހަކު ގެއްލުމެއްދޭން އުޅޭހެން ހީވެއްޖެނަމަ، ނުވަތަ ތިމަންނަ މިހިރި ނުރައްކާތެރި ތަނެއްގައިހެން ހީވެއްޖެނަމަ....

މަޑުނުކުރާށެވެ....

ކުރިފިޔަވަޅުން ތިންފިޔަވަޅުފަހަތަށް ޖެހިލާފައި ގައިގައި ހުރިބާރަކަށް ދުއްވައިގަންނާށެވެ.

ފަހަތަށް ނުބަލާށެވެ.

އޭނޭގެ ސިފަ ފާހަގަކޮށް ހަނދާންބެހެއްޓޭތޯ ބަލާށެވެ.

ގޯސް ސިއްރު، ސިއްރުނުކުރާށެވެ.

ސިއްރުގެވެސް ރަނގަޅު ސިއްރާއި ގޯސް ސިއްރު ހުރެއެވެ. މީހަކު ހިފަހައްޓަން ބުނި ގޯސް ސިއްރެއް އެހެން މީހެއްކައިރީ ބުނުމަކުން ތީ ގޯސް ކުއްޖަކަށް ނުވާނެއެވެ. އެ ސިއްރަކީ ބިރުގަންނަ ނުވަތަ ފަސްޖެހޭ ކަމެއްނަމަ އަވަހަށް މަންމަ، ބައްޕަ ނުުވަތަ އެ ނުންވެސް ޢިތުބާރުކުރެވޭ މީހެއްކައިރީ ބުނާށެވެ.

ރަނގަޅު ސިއްރަކީ ކޮބައިހެއްޔެވެ؟ ރަނގަޅު ސިއްރަކީ އެ އެހެން މީހެއް ގާތު ނުބުނެހުއްޓަސް ނަފްސާނީ ގޮތުން އެއްވެސް ބުރެއް އިޙްސާސް ކުރަން ނުޖެހޭކަހަލަ ސިއްރުތަކެވެ. މިސާލަކަށް ރައްޓެއްސެއްގެ އުފަންދުވަހުގެ ޕާޓި އޭނާއަށް ނޭނގި ހައިރާންވާކަހަލަ ގޮތަކަށްދޭން ރާވާފައި އެވާހަކަ ސިއްރުކުރަން ބުނުމެވެ.

ނުބައި ސިއްރު އެއީ މީހަކު ސިއްރުކުރާށެ ބުންޏަސް ސިއްރުކުރަންޖެހޭ އެއްޗެއް ނޫނެވެ. މި ކަހަލަ ސިއްރު ފޮރުވައިގެން ހުރުމުން ބިރުގަންނަ ގޮތްވެ ހިތަށް ހިތްހަމަ ނުޖެހުން ލިބޭނެއެވެ. ނުވަތަ ކުށް އިޙުސާސްވާގޮތްވާނެއެވެ. މިސާލަކަށް މީހަކު ގައިގައި އަތްލާފައި، މިއީ ދެމީހުންގެ ދެމެދުގައި އޮތް ސިއްރެކޭ ވީމާ އެއްވެސް މީހެއް ކައިރީ ނުބުނައްޗޭ ބުނެފާނެއެވެ. މިއީ ރަނގަޅު ސިއްރެއް ނޫނެވެ. އަވަހަށް މި ކަހަލަ ވާހަކަ އެހެން ޢިތުބާރު ކުރެވޭ މީހެއް ގާތު ބުނާށެވެ.

 އަހަރެންނަކީ އެފަދަ ކަމެއް ދިމާވެފައި ހުރި ކުއްޖެއް

ޢިތުބާރު ކުރެވޭ މީހަކަށް ކިޔައިދޭށެވެ.

އެއްވެސް މީހެއްގެ ފަރާތުން އެއްވެސްކަހަލަ އުދަގުލެއް ވެއްޖެނަމަ އެކަން ސިއްރު ނުކުރާށެވެ. ހިތުގައި ހިގާވާހަކަތައް އެހެންމީހުންނަށް ކިޔައި ދިނުމަކީ އެއީ ހަމަޖެހުން ލިބޭނެ ކަމެކެވެ. މީހެއްގާތު ނުބުނާހާ ހިނދަކު އެއްކަލަ މީހާ ފަހުންވެސް ބެހޭނެއެވެ. ނޫނީ އުދަގޫ ކުރާނެއެވެ. ގެއްލުމެއް ދިނީ ކިތަންމެ ތިމާގެ ނުވަތަ ރައްޓެހި މީހަކަށް ވިޔަސް އެކަން ސިއރު ނުކުރާށެވެ. މީހަކު ގޯސްކަމެއް ކޮށްފިއްޔާ އެކަމުގެ ޖަޒާ ލިބެންޖެހޭނެއެވެ. އޭނާއަށް ޖަޒާލިބޭނީ މީހެއް ކައިރީ އޭނާ ކުރި ކަންތަކުގެ ވާހަކަ ބުނެ ކަމާއި ބެހޭ ރަސްމީ ފަރާތްތަކަށް އަންގައިގެންނެވެ.

މީހެއްކައިރީ މިވެނި މީހަކު ތިމަންނައަށް ކަމެއް ކޮށްފިއޭ ބުނީމައި ފަހަރެއްގައި ޤަބޫލު ނުކޮށްފާނެއެވެ. ތި ހަދަނީ ދޮގުކަމަށްވެސް ބުނެފާނެއެވެ. ނަމަވެސް މިހިސާބުން އުންމީދު ކަޑައިނުލާށެވެ. ޤަބޫލު ކުރާ އެހެންމީހެއް ގާތު ބުނެގެން މައްސަލަ އޮއްބުނަ ނުދޭށެވެ.

ގެއްލުމެއްދިނީ ތިމާގެ މީހަކަށް ވީމާ ، އޭނާގެ ކުށް ފޮރުވަން ނުއުޅޭށެވެ. އޭނާޖަލަށް ވަންނަން ޖެހިދާނެ ކަމަށް ފަރުވާ ނުބަހައްޓާށެވެ. ހެޔޮއެދޭ ތިމާގެ މީހުން އެކަހަލަ ކަންތަކެއް ނުކުރާނެއެވެ.

ހިގިކަމެއްގެ ވާހަކަ ބުނެދޭން ލަދު ނުގަންނާށެވެ. ލަދަކާއި ހެދި ތަދެއް ނުފިލާނެއޭ ބުނަނީ އެހެންވެގެންނެވެ. އަގަބަހުން ކިޔައިދޭން އުދަގޫނަމަ ކަރުދާސްގަޑެއްގައި ލިޔެފައި ދޭށެވެ. ވާހަކަ ދެއްކުމަކީ ހިތްވަރުގަދަ ކަމެވެ. ސިއްރުކޮށް މީހަކަށް ކިޔައި ނުދީ ހުރުމަކީ ފިނޑިކަމެކެވެ. ވީމާ ފިނޑިއަކަށް ނުވާށެވެ.

އަހަރެން މީހަކަށް ކިޔައިދޭން ބިރުގަނެއެވެ.

ފަހަރެއްގައި މިއީ ގެއްލުމެއް ލިބޭ ކުއްޖަކަށް އެންމެ އުނދަގޫ ކަންކަމުގައި ވެދާނެއެވެ. ބައެއްފަހަރު ގެއްލުން ދިން މީހާގެ އިންޒާރުތަކަށް ބިރުގަންނަގޮތްވެދާނެއެވެ. ނުވަތަ މީހުންގެ ކުރިމަތީގައި އަގުވެއްޓިދާނެކަމަށް ހީކޮށް ބުނަން ލަދުގަނެވެސްފާނެއެވެ. އެކަމަކު މިގޮތަށް ހީކޮށް ނުވަތަ ބިރުން އެކަންތައް ސިއްރު ކުރުމުން، މީގައި ކާމިޔާބު ލިބެނީ ހަމައެކަނި އެ ނުބައި މީހާއަށެވެ. އޭނާ އަބަދުވެސް ބޭނުންވާނީ ކަލޭ ބިރުން ބަހައްޓާށެވެ. ވީމާ އޭނާއަށް އެ ކާމިޔާބު ލިބުނަ ނުދޭށެވެ. އޭނާބޭނުންވާގޮތުގެ އިދިކޮޅަށް ކަންތައް ކުރާށެވެ. އޭރަށް ހިތަށް ހިތްހަމަ ޖެހުމެއް ލިބޭނެއެވެ. އެއްގޮތަކަށްވެސް އަމިއްލައަށް އަމިއްލަ ނަފްސު ކުށްވެރި ނުކުރާށެވެ. ތިމަންނައަށް މިހެން ދިމާވީ ތިމަންނަގެ ކުށުންނޭ ހީނުކުރާށެވެ. ކުށްކުރީ އޭނައެވެ. ވީމާ އަދަބު ލިބެންޖެހެނީ އޭނާއަށެވެ. އެންމެ ކުޑަމިނުން އެހެން ކުދިންގެ ސަލާމަތަށް އެހީތެރިވުމުގަ ގޮތުންވެސް ކުޑަކުދިންނާއި ބެހޭ މީހުން މުޖުތަމަޢުން އެއްކިބާކޮށް އަދަބު ދޭން، އެހީތެރިވެ ދޭށެވެ.

އަހަރެން މީގޯސް ކުއްޖެއް

މީހެއްގެ ޖިންސީ ގޯނާލިބުމުން ބައެއްފަހަރު ތިމަންނަ މީ ގޯސް މީހެކޭ ނުވަތަ "ހަޑި" މީހެކޭ ހިތަށް އަރާފާނެއެވެ. ނަމަވެސް މިއީ އަކީ ޙަޤީޤަތެއް ނޫނެވެ. މީހަކު ނަހަމަ ގޮތުން ކަލޭގެ ބޭނުން ކުރުމުން، އެއީ ކަލޭ "ހަޑި" ވާންޖެހޭ ކަމެއް ނޫނެވެ. އެއީ މީހަކު ގަދަކަމުން ނުވަތަ، ކުޑަކުއްޖާގެ މައުސޫމުކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިންގީއެވެ. އަދި މިފަދަ ހާދިސާއެއް ކުޑައިރު ދިމާވުމުގެ ސަބަބުން، ބޮޑުވުމަށްފަހު ތިމާ ގޯސް މަގަކުން ދިއުމަށް އޮތް ޢުޛުރެއްކަމަށް ނުދެކޭށެވެ. ހަމައެހެން ތިމާއަކީ ހުރިހާ ފިރިހެނުން ދެކެ ރުޅިއަންނަ، ކައިވެނީގެ ހަޔާތެއްވެސް ފައްޓަން ބޭނުން ނުވާ މީހެއްކަމަށް މި ހާދިސާގެ ސަބަބުން ނަހަދާށެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.