އަންގާރަ20201201

އާކުރެވުނީ: 08:43:52

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުދިން ކުޑަދަރިފުޅަށް ފޮތްކިޔައިދިނުމާއި ނާނާކިޔައިދިނުން

ކުޑަދަރިފުޅަށް ފޮތްކިޔައިދިނުމާއި ނާނާކިޔައިދިނުން

kuda-dhaifulha-foi-kiyai-dhinunދަރިފުޅާއިއެކު ފޮތްކިޔުން

ދަރިފުޅާއިއެކު ފޮތްކިޔުމަކީ އޭނާއަށް ވާހަކަދައްކަން ދަސްވުމަށް މަގުފަހިކުރުވާނެ ކަމެކެވެ.

ދަރިފުޅާއިއެކު ފޮތްކިޔުމަށް ހަމަހިމޭން ތަނެއް ހޯދާށެވެ. ޓީވީ ނޫނީ ރޭޑިޔޯ ހުޅުވާފައިހުރިނަމަ އަވަހަށް ނިވާލާށެވެ. ފޮތްކިޔައިދެމުންދާއިރު، ފޮތުގައިވާ ތަސްވީރުތަކާއި ބެހޭގޮތުންވެސް ވާހަކަ ދައްކާށެވެ. މިސާލަކަށް، ފޮތުގައިވާ ތަސްވީރުގައި ދޫންޏެއް ކުރަހާފައި އިންނަމަ، ދޫންޏަކާއި ބެހޭގޮތުން ވާހަކަދެއްކިދާނެއެވެ. އަދި ދައްކަމުންދާ ވާހަކަތަކަށް ޖަވާބުދޭނެ ފުރުސަތު ދަރިފުޅަށް ދޭށެވެ.

ފޮތުގައިވާ ތަސްވީރުތަކުން ފެންނަތަކެތީގެ ނަންބުނުމަށް ދަރިފުޅަށް މާބޮޑަށް ބާރުނާޅާށެވެ. ނަމަވެސް ކިޔައިދިން ބަސް، ދަރިފުޅު ތަކުރާރުކޮށްފިނަމަ، އެކަން ފާހަގަކޮށް ހިތްވަރުދޭށެވެ. މާގިނައިރު، ދިގުކޮށް ފޮތްކިޔައިނުދޭށެވެ. ތުއްތުކުދީންނަކީ ވަރަށް އަވަހަށް ފޫހިވާބައެކެވެ. ވީމާ، ކުޑަވަގުތުކޮޅެއް ހޭދަކޮށް ކުރުކޮށް ނަމަވެސް ގިނަގިނައިން ފޮތްކިޔައިދޭށެވެ. ގޭތެރޭގައި އުޅޭ އެހެން މީހުން – މާމަ އާއި ކާފަ، ބޭބެ އާއި ދައްތަ- ވެސް ފޮތް ކިޔުމުގައި ބައިވެރިކުރާށެވެ. ދަރިފުޅަށް އެންމެ ކަމުދާ ފޮތް ތަކުރާރުކޮށް ކިޔައިދޭށެވެ. ތަކުރާރުކުރުމުން، އެނގުމަށް ފަސޭހަވެއެވެ.

ހަނދާންކުރާށެވެ. ފޮތްކިޔައިދިނުމުގެ ތެރެއިން ކަލޭ ދަރިފުޅަށް ތިޔަ ކިޔަން ދަސްކޮށްދެނީކީ ނޫނެވެ! ކިޔަން ދަސްވުމުގެ މާކުރިން ކަލޭވެސް ވަނީ، ވާހަކަދައްކަން ދަސްކޮށްފައެވެ. ދަރިފުޅާއި އެކު ފޮތްކިޔުން އެއީ، އޭނާގެ ވާހަކަދެއްކުމުގެ ބަސްމަގު ތަރައްޤީވުމަށް އޮތް ވަރަށް ފުރިހަމަ މަގެކެވެ.

މަންމާ! ކޮއްކޮޔަށް ނާނާއެއް ކިޔައިދޭނުހޭ...

ތުއްތުކުދީން ލަވަޔާއި ބަނދި ފަދަ ތަކެއްޗަށް ނުހަނު ލޯބިކުރެއެވެ. ޚާއްޞަކޮށް މަންމަ ނޫނީ ބައްޕަގެ އަޑުން ލަވަޔާއި ބަނދި އަޑުއެހުމަށް އެކުދިން ޝައުޤުވެރިވެއެވެ. ލަވަޔާއި ބަންޖަކީ، ދަރިފުޅުގެ ވާހަކަދެއްކުމުގެ ހުނަރާއި އަޑުއެހުމުގެ ހުނަރު އިތުރުކޮށްދިނުމަށް ބޭނުންކުރެވިދާނެ ވަސީލަތެކެވެ.

ބެލެނިވެރިޔާއެވެ!

ތިބާގެ އަޑަކީ، ތިބާޔަށް މާ ފުރިހަމަ އަޑަކަށްނުވިޔަސް، ތިބާގެ ތުއްތު ދަރިފުޅަށް އެއީ އެންމެ މަޤްބޫލް މިޔުޒިކެވެ. އެންމެ ހިތްގައިމު އަޑެވެ. ތުއްތު ދަރިފުޅު، ތިބާގެ އަޑާއިމެދު ދެރަ ނިޔާއެއް ނީއްވާނެއެވެ. ވީމާ، އޭނާއަށް ލަވަކިޔައިދޭށެވެ.

ލަވަކިޔައިދޭއިރު، ޓީވީ އާއި ރޭޑިޔޯ ނިވާލާށެވެ. އޭރުން ތުއްތު ދަރިފުޅަށް ރީތިކޮށް ތިބާގެ އަޑުއިވޭނެއެވެ. ކުޑަކުދިންގެ ލަވައެއް، ބަންޖެއް ނޫނީ ނާނާއެއް ވިޔަސް ނޭގޭނަމަ، ވަޒަނަކަށް ފެތޭގޮތަށް ބަސްތަކެއް އަތުރާލައިގެން ރާގަށް ކިޔާށެވެ. ކުޑަކުދިންގެ ވަޒަންލަވަ (ރައިމްސް) ފޮތެއް ހޯދާށެވެ.

ލަވަކިޔައިދޭއިރު ދަރިފުޅާ ދިމާލަށް ބަލާށެވެ. ލަަވައިގެ  ބައިތަކަށް، އޭނާ ހަރާކާތްކުރާގޮތް ބަލާށެވެ. ދަރިފުޅު ވަރުބަލިވެ، ނޫނީ ދެރަވެފައިވާނަމަ، އޭނާ އެންމެ ގަޔާވާ ލަވަ، އޭނާ ހިތްހަމަޖައްސައިދިނުމުގެ ގޮތުން، ލަސްލަހުން މަޑުމަޑުން ކިޔައިދޭށެވެ.

ދަރިފުޅަށް އެންމެ ރަނގަޅަށް އުނގެނެވެނީ، ކުޅިވަރުގެ ތެރެއިންނެވެ. ވީމާ ލަވަކިޔައިދިނުން އެއީ، މަޖާކަމަކަށް ހަދާށެވެ. ލަވަކިޔައިދޭއިރު އަޑު ބަދަލުކުރާށެވެ. އަދި އަތުން ޙަރަކާތް ދައްކާށެވެ. ދަރިފުޅުގެ ނަން ނޫނީ އާއިލާގެ މެންބަރުންގެ ނަން ލަވައިގައި ބޭނުންކުރާށެވެ.

އަލިފުގާ އަބަފިލިޖެހީމާ، އަ ކިޔާށޭ މުހަންމަދާ ... ބާގާ އަބަފިލިޖެހީމާ، ބަ ކިޔާށޭ މުހަންމަދާ...

ލަވައިގައި ތުއްތު ދަރިފުޅު ބައިވެރިވުމުން އެކަން ފާހަގަކުރާކަން ދައްކާށެވެ. މިގޮތުން، ހިއްވަރުދޭށެވެ. ދަރިފުޅަށް އަދި ހަމަކިރިޔާ، ވާހަކަދައްކަން ދަސްވީ ކަމަށްވިޔަސް، ލަވަކިޔައިދޭއިރު، އޭނާގެ ޙަރަކާތް ހުންނަގޮތް ބަލާށެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.