އާދީއްތަ20171203

އާކުރެވުނީ: 09:46:14

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ކުދިން ދަރިފުޅުގެ ފުރަތަމަ ރޯދަމަސް

ދަރިފުޅުގެ ފުރަތަމަ ރޯދަމަސް

furatama-roadaދަރިންނަކީ އަޅުގަޑުމެންގެ ދެލޮލުގެ ފިނިކަމެވެ. އެކުދިން ދުނިޔެއަށް އުފަންވަނީ އެއްވެސް ކުށެއް، ފާފައެއްނެތް ޙާލުގައެވެ. އެއްވެސް ކަމެއް ކުރަން ނޭނގޭ ޙާލުގައިވެސް މެއެވެ. ހަމައެކަނި ކުރަން އެނގޭހާވެސް ކަމަކީ ރުއިމެވެ. މި ދަންނަވާލީ ދަރިފުޅުގެ ޙަޔާތުގެ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ވާހަކައެވެ.

ދުވަސްތައް މަޑުމަޑުން ފާއިތުވަމުން އަންނަ ވަރަކަށް ތުއްތު ތުއްތު ދަރިފުޅު ބޮޑުވަމުން އާދެއެވެ. ދުވަހެއް ދުވަހަކަށް ދަސްކުރާ ކަންތައްތައްވެސް އިތުރުވެއެވެ. ދަރިފުޅު ބޮޑުވަމުން އަންނަ މާޙައުލުގެ ކަންތައްތައް ވަރަށް އަވަހަށް ނަގައިގަނެ ދަސްކުރެއެވެ. ރަނގަޅު ކަންތަކާއި ރަނގަޅުނޫން ކަންތަކެވެ. ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުގެ ތެރެއިންނެވެ.

މައިންބަފައިން އެ މީހުންގެ ދަރިން ހެޔޮލަފާ ރަނގަޅު ބަޔަކަށް ހެދުމަށްޓަކައި، ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ މައިންބަފައިންގެ ހައިސިއްޔަތުން އެމީހުންގެ ކޮނޑުގައި އެޅިފައިވާ އެއްމެ ބޮޑު މަސްއޫލިއްޔަތެވެ. އަދި އެ ވާޖިބު އަދާކުރުމުން ނުހަނު މަތިވެރި ޘަވާބާއި ދަރުމަ ލިބެނިވި ކަމެއް ވެސްމެއެވެ.

ކުޑަ ކުދިންނަކީ އަބަދުވެސް ބޮޑެތިމީހުން ކުރާހާ ކަމެއް ކުރާހިތްވާ ބައެކެވެ. އެ ބީދައިން ބޮޑެތި މީހުން ކުރާ ކޮންމެ ކަމެއް ކުރުމަށް ތައްޔާރު ވުމުގެ ގޮތުން ފުރަތަމަ ކުރާ ކަމަކީ، އިވޭ އަޑުތައް ކަނުލައި އަޑުއެހުމާއި، ފެންނަ މަންޒަރުތައް ބަލައި ދެނެގަތުމެވެ.

ހިނގަމުން މިދަނީ ބަރަކާތާއި ރަޙުމަތުން ފުރިގެންވާ މަތިވެރި މައްސަރެކެވެ. މި މައްސަރު އަޅުގަޑުމެންގެ ދަރިން މަތިން ހަނދާން ނައްތާލައި އެހެން ކަންކަމާއި މަޝްޣޫލުވެގެން އުޅުމަކީ ގޯހެކެވެ. ބެލެނިވެރިކަމުގެ ރޯލު މިމަހުގައި ޚާއްޞަވާން އެބަ ޖެހެއެވެ. މި މަތިވެރި މައްސަރަކީ ކޮބައިކަން އެ ކުދިންނަށް އަންގައިދޭން ޖެހެއެވެ. އަދި ރޯދަ މަހަށް އެކުދިން ލޯބި ޖެއްސުމާއި، މި މަހުގެ މަތިވެރި ކަމާއި، ރޯދަ ވެރިޔާ ރޯދައަށް ހުންނައިރު ﷲ ގެ ހަޟްރަތުގައި އޭނާގެ މާތްކަން ބުނެދީ ހެދުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ދަރިފުޅުގެ ޢުމުރާއި ޞިއްހަތު ތަންދޭ މިންވަރަކުން ތިރީގައި މި ދަންނަވާ ކަންކަން ކުރެއްވޭތޯ ބައްލަވާށެވެ.

އެކެއް: ދަރިފުޅު މި މާތް މަހަށް ލޯބި ޖެއްސުމަށް މަސައްކަތް ކުރާށެވެ. އަދި ރޯދަވެރިޔާއަށް ސުވަރުގޭގައި ލިބެންހުރި ޘަވާބާއި ދަރުމަ ބުނެދޭށެވެ. ރޯދަ އަކީ ހަމައެކަނި ﷲ އަށް ކުރާ އަޅުކަމެއް ކަން ނުހަނު ލޯތްބާއި، އޯގާތެރިކަމާއި އެކު ބުނެދޭށެވެ. އަދި އެ ވަގުތު ދަރިފުޅު ކުރާ ސުވާލުތަކަށް ވިސްނުންތެރި ކަމާއިއެކު ޖަވާބުދޭށެވެ. ކިތަންމެ ވަރަކަށް ދަރިފުޅު ސުވާލުކުރިޔަސް ރުޅި ނާންނާށެވެ. ދަރިފުޅުގެ ވިސްނުމާއި އެއްވަރަށް ކަންކަން އޮޅުން ފިލުވައިދީ، ކުރާ ސުވާލުތަކަށް ޖަވާބު ދޭށެވެ.

ދެއެއް: ފާހަގަ ކޮށްލެވޭ ވަރުގެ ޢާއިލީ އެއްވުމަކާއި އެކު، ދަރިފުޅު މި މާތް މައްސަރާއި މަރުޙަބާ ކިއުއްވާށެވެ. އަދި މި މަހުގައި ކުރާނެ ކަންކަން އެ ޢާއިލީ އެއްވުމުގައި ހާމަ ކުރާށެވެ. ރޯދައަށް ހުންނަ ވަގުތު ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ދިނުން އަދި އެކަކު އަނެކަކަށް އެހީތެރި ވުމަށް ބާރުލިބޭ ގޮތަށް ވާހަކަ ދައްކާށެވެ. އަދި އެކަންތައްތައް ކުރުމުގެ ހިތްވަރު ދަރިފުޅަށް ލިބޭގޮތަކަށް ޢާއިލީ ބައްދަލުވުން ކުރިއަށް ގެންދާށެވެ. މިކަމުގައި ޢާއިލާގެ އެހެން މެންބަރުންގެ ދަރިން ޝާމިލްކުރާށެވެ. ޢާއިލީ ބައްދަލުވުމުގައި ރޯދަމަސް ނިމެންދެން އެންމެ ރަނގަޅަށް އާދަތައް ބެހެއްޓި ކުއްޖަކަށް އިނާމެއް ހުށައަޅާށެވެ.

ތިނެއް: މަސް ނިމެންދެން ވަކި ޚާއްޞަ ޝިޢާރެއް ޢާއިލާގައި ކަނޑައަޅާށެވެ. މިސާލަކަށް، "ކޮންމެ ނަމާދެއްގެ ސުންނަތް ބަރާބަރަށް ކުރަމާތޯ! ،  ރޯދަމަސް ނިމެންވާއިރަށް ޢަންމާ ފޮތް ހިތުދަސްކުރަމާތޯ! ، ބޮޑެތި މީހުންނަށް އިހުތިރާމުކުރަމާތޯ! މިފަދަ ކޮންމެވެސް މުހިންމު ކަމަކާއި ގުޅޭ ޝިޢާރެކެވެ. އެ ޢާއިލާއަކުން އިޚްތިޔާރު ކުރާ ޝިޢާރު ފެންނާނެހެން ގޭގެ ތަފާތު ތަންތަނުގައި ހަރުކުރާށެވެ.

ހަތަރެއް: ދަރިފުޅަށް ފުރިހަމަ ނަމޫނާއަކަށް ވާށެވެ. އީމާންތެރިކަން ވަރުގަދަ ކުރާށެވެ. ރޯދަ މަހުގެ މަތިވެރިކަން ދަރިފުޅަށް ޢަމަލުން ދައްކާށެވެ.

ފަހެއް: ގިނަގިނައިން ޤުރުއާން ކިޔަވާށެވެ. މުނިފޫހިފިލުވުމަށް ހޭދަކުރާ ވަގުތަށްވުރެ އަޅުކަމުގެ ވަގުތު ގިނަކުރާށެވެ. ތިމާގެ ދަރިފުޅު، ތިމާ ކުރާ ހުރިހާކަމެއް ދަސްކުރަމުން އެބަ ދާކަން އަބަދުވެސް ހަނދާން ކުރާށެވެ! ވީމާ ދަރިފުޅަށް ހެޔޮ ނަމޫނާއަކަށް ވާށެވެ.

ހައެއް: ދެ ވައްތަރެއްގެ ރޯދައެއް ވާކަން ދަރިފުޅަށް ބުނެދޭށޭވެ. އެއީ ފުރިހަމަ ރޯދަ ހިފޭވަރު ކުދިން ހިފާ ރޯދަ އާއި، ކުޑަކުދިން ހިފާ ރޯދައެވެ. ފުރިހަމަ ރޯދަ އާންމު ގޮތެއްގައި ހިފަން ފައްޓަނީ 10 އަހަރު ވުމުން ކަން ދަރިފުޅަށް ބުނެދޭށެވެ. އެއަށްވުރެ ކުރިން ވެސް ދަރިފުޅު ކުޅަދާނަވެގެންވާނަމަ ފުރިހަމަ ރޯދަ ހިފުމަކުން މައްސަލައެއް ނެތެވެ.

ކުޑަކުދިން ހިފާ ރޯދަ އަކީ ފުރިހަމަ ރޯދައަކަށް ގިނަފަހަރު ނުވާނެއެވެ. މުހިންމީ ވީހާވެސް ގިނަ އިރަކު ރޯދައަށް ބެހެއްޓޭތޯ ބެލުމެވެ. ކުޑަކުދިން ރޯދަހިފުމަށް މައިންބަފައިންގެ ފަރާތުން ލިބޭ ހިއްވަރަކީ ވަރަށް މުހިއްމު ކަމެކެވެ.

ހަތެއް: އެދުވަހެއްގައި ކަނޑައެޅިފައިވާ ވަގުތަށް ރޯދައަށް ހުންނަ ކުއްޖަކަށް އިނާމެއް ކަނޑައަޅާށެވެ.

އަށެއް: ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ދަރިފުޅު ރޯދައަށް ހުރި ކަމުގައި ވިޔަސް ހިތްވަރު ދޭށެވެ. އަބަދުވެސް ދަރިފުޅަށް ހިތްވަރު ލިބޭ ފަދަ ވަސީލަތްތައް ބޭނުން ކުރާށެވެ. މާއްދީ ގޮތުންނާއި މަޢުނަވީ ގޮތުންނެވެ. އެއްގޮތަކަށް ވެސް ރޯދަ ހިފަން ދަރިފުޅަށް މަޖުބޫރުކޮށް ނުހަދާށެވެ. އެއީ ފަހަރެއްގައި މައިންބަފައިންނަށް ނުފެންނަ ތަނެއްގައި ހުރެ ފެންބޮއި، ކައި ހަދައިފާނެތީއެވެ. އެގޮތުގައި ދަރިފުޅު ބޮޑުވެއްޖެނަމަ ނަތީޖާ ވަރަށް ހިތިވާނެއެވެ.

ނުވައެއް: ދަރިފުޅު ރޯދައަށް ހުންނައިރު، އެ ދަރިފުޅުގެ ރޯދަ ކުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ފައިދާހުރި ކޮންމެވެސް ރަނގަޅު ގޭމެއް ކުޅުމަށް ރާވާ، އެކަމުގައި ބައިވެރިވާށެވެ. ނުވަތަ ދަރިފުޅު ގަޔާވާ ރަނގަޅު ކަމެއް ކުރިޔަދޭށެވެ. މައިންބަފައިން، ދަރިފުޅަށް ވަރަށް ގަޔާވާކަން ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދިހައެއް: ދަރިފުޅުގެ އެކުވެރީން ގާތުގައި، ދަރިފުޅަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާށެވެ. އޭރުން ދަރިފުޅުގެ ހިއްވަރު ގަދަވެގެން ދާނެއެވެ. އަދި އެކުވެރީންގެ ހިއްވަރުވެސް ގަދަވެގެން ދާނެއެވެ.

އެގާރަ: ރޯދަ ވީއްލާ ގަޑީގައި ދަރިފުޅަށް ޚާއްޞަ ސަމާލު ކަމެއް ދޭށެވެ. އެހެނީ، އެ ވަގުތަކީ ބަނޑުހައިކަން ގަދަ ވަގުތަކަށް ވެފައި، ދަރިފުޅާއި އެކަށީގެން ނުވާ ވަރަށް ފެންބޮއި، ކައިފި ނަމަ ހޮޑުލެވި، ސިއްޙަތަށް ނުރައްކާ ވެދާނެތީއެވެ. އެކަމުގެ ސަބަބުން ދަރިފުޅު ލައްވާ ރޯދަ ހިފުވަން ޖެހިލުންވެ، ދަރިފުޅުވެސް ރޯދަ ހިފަން ފަސްޖެހިދާނެތީއެވެ.

ބާރަ: ހާރު ކެއުން ވީހާވެސް ލަސްކުރާށެވެ. އޭރުން ދަރިފު ރޯދައަށް ހުންނަ ވަގުތު ހައި ހޫނުކަން ކުޑަވެ ފުރިހަމަ ރޯދައެއް ހިފުމަށް މަގުފަހިވެގެން ދާނެއެވެ. އަދި ދަރިފުޅާއި އެކަށީގެން ނުވާވަރަށް ހާރު ގަޑީގައި ކާން ނުދޭށެވެ.

ތޭރަ: ރޯދަމަހުގެ އެންމެ ފަހު ދުވަހު ޢާއިލީ އެއްވުމެއް ބާއްވާށެވެ. އެ އެއްވުމުގައި އެންމެ ބޮޑަށް ހިތްވަރު ކުރި ކުދިންނަށް ހައްޤުވާ އިނާމު ދޭށެވެ. އަދި ރޯދަމަހުގައި އެ ކުދިން ކުރި ހިތްވަރަށް އައްސަރިބަހުން ސާބަސް ކިޔާށެވެ. އެއަށްފަހު ރޯދަމަހުން ލިބުނު ތަރުބިއްޔަތާއި ހިއްވަރުގައި އަހަރުގެ ހުރިހާ މަހެއްގައި ވެސް ﷲ އަށް ތަޤުވާވެރިވެ، އަޅުކަން ކުރުން މަތީ ދެމިހުރުމަށް ނަޞޭތަތްތެރި ވާށެވެ. އެއަށްފަހު އެ ކުދިންނަށް ޢީދު މުބާރިކް ކިޔައި ޢާއިލީ އެއްވުން ނިންމާލާނީ އަނެއްދުވަހު ޢީދު ނަމާދަށް ދިއުމަށް ދަޢުވަތު ދެމުންނެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.