ހޮނިހިރު20201121

އާކުރެވުނީ: 08:43:52

Back ކަވާސާ ޢާއިލާ ޢާއިލާގެ ބައިތައް ދެމަފިރިން އަންބަކު އެހެން ފިރިހެނެއް ދެކެ ލޯބިވުމަކީ ކޮންކަހަލަ ކަމެއް ؟

އަންބަކު އެހެން ފިރިހެނެއް ދެކެ ލޯބިވުމަކީ ކޮންކަހަލަ ކަމެއް ؟

anbaku-ehen-firiheni-dheke-loabivunމީހަކާއި އިދެގެން އުޅޭ އަންހެނަކު، ފިރިމީހާ ނޫން ފިރިހެނެއްދެކެ ލޯބިވުމަކީ ހުއްދަކަމެއްހެއްޔެވެ؟ ހިތަކީ މީހާގެ ބާރުން ބޭރުގައި ވާ އެއްޗަކަށް ވާހިނދު، އޭނާގެ ކުށަކީ ކޮބައި ؟ މިއީ ބައެއްފަހަރު ވަށައިގެން ފެންނަ ކަންތައްތަކަށް ބަލާފައި، އަހަރެންގެ ހިތުތެރޭގައި އުފެދޭ ސުވާލެކެވެ.

ދެން އަހަރެންގެ ހިތަށް އަންނަނީ ފަހުގެ ޢިލްމުވެރިއެއް އަރިއަހުން ، ލޯތްބަކީ ޙަލާލް އެއްޗެއްތޯ ؟ ނުވަތަ ޙަރާމް އެއްޗެއްތޯ ސުވާލު ދެންނެވުމުން ދެއްވި ޖަވާބެވެ. ޖަވާބަކަށް މި ޢިލްމުވެރިއާ ވިދާޅުވީ "ޙަލާލް ލޯތްބަކީ ޙަލާލް އެއްޗެކެވެ. ޙަރާމް ލޯތްބަކީ ޙަރާމް އެއްޗެކެވެ."

މި ޖަވާބަކީ ފަހަރެއްގައިވެސް، ޖޯކެއް ނޫނެވެ. އެކަމަކު މިއީ، ދީނުގައި ކަޑައެޅިގެންވާ މައިގަޑު އުސޫލެކެވެ. އެއީ ޙަލާލް ކަންތައްވަނީ ބަޔާން ކުރެވިގެންނެވެ. އަދި ޙަރާމްކަންތައްވެސް ވަނީ ބަޔާން ކުރެވިގެންނެވެ. މިދެމެދުގައި މުތަޝާބިހު ކަންތައްތަކެއް ވެއެވެ. އޮތް އެންމެ ރަގަޅު ގޮތަކީ ފަހުން މި ބުނިފަދަ ކަންތައްތަކުން ދުރުހެރިވެގަތުމެވެ.

 

ޙަލާލްކަން އެގިފާޅު ޢިޝްޤީ ލޯތްބަކީ، ފިރިމީހާ އަނބިމީހާ ދެކެވާ ލޯތްބެވެ. އަދި އަނބިމީހާ ފިރިމީހާދެކެ ވާ ލޯތްބެވެ. ނުވަތަ އެންގޭޖްކުރެވިފައިވާ އަންހެން ކުއްޖާދެކެ ފިރިހެންމީހާ ވާ ލޯތްބާއި، އަންހެން ކުއްޖާ އެންގޭޖްކުރި ފިރިހެން ކުއްޖާ ދެކެ ވާ ލޯތްބެވެ.

ޙަރާމްކަން އެގިފާޅު ޢިޝްޤީ ލޯތްބަކީ، އެހެން މީހެއްގެ އަނބިމީހާ ދެކެ ފިރިހެނަކު ލޯބިވެ، އެ އަންހެންމީހާގެ ހިތާއި ސިކުނޑި ކިލަނބުކޮށް، އޭނާގެ ފިރިމީހާއާއި އެކު އުޅެމުންދާ ޒަވާޖީ ޙަޔާތަށް ބިންހެލުމެއް ގެންނަ ލޯތްބެވެ. މީފަދަ ލޯތްބެއްގެ ނިމުމަކީ ބައެއްފަހަރު، އަންހެންމީހާ އޭނާގެ ފިރިމީހާއަށް ޚިޔާނާތްތެރިވުމެވެ. ނޫންނަމަ، ޙަޔާތް ގަޑުބަޑުވެ، ވިސްނުން ފިރިމީހާއާއި ދުރަށް ގޮސް، އަންހެންމީހާގެ ހިތް ނުތަނަވަސް ވުމެވެ. މި ހުރިހައި ކަމެއްގެ ފެށުމަކީ ފިރިމީހާ ނޫން މީހަކު އައިސް ލޯބިވެއޭ ކިޔައި، އެ ލޯބި ހުށައެޅުމެވެ. ނުވަތަ ފުދުންތެރި ކަމެއްނެތް އަނބިން އެހެން ފިރިހެނުންގެ ފަހަތުން އުޅުމެވެ.

މިފަދަ ލޯތްބަކީ އަނބިމީހާ އާއި އޭނާގެ ފިރިމީހާ ވަކިކުރުމެވެ. ނުވަތަ މީހެއްގެ އަންބަކު ޙަރާމްކަމަކަށް ހުށައެޅުވެ. ވީމައި މިއީ ދީނުގައި ބޮޑުފާފައެކެވެ. އަދި މި ލޯތްބަކީ ޙަރާމް ލޯތްބެކެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ: "ليس منا من خبب (أي أفسد) امرأة على زوجها"

މާނައަކީ: ''އަންބަކު އޭނާގެ ފިރިމީހާއާއި އޮންނަ ގުޅުމަށް ބުރުއަރުވާ މީހާއަކީ އަހަރެމެންގެ ތެރެއިން ވާ މީހެއް ނޫނެވެ.''

ހަމަ މި ހުރިހާ ވާހަކައެއް ފިރިމީހާ ނޫން އެހެން ހިލޭ ފިރިހެނަކު ދެކެ އަނބިމީހާ ވާ ލޯތްބަތްވެސް ފެތެއެވެ. އެގޮތުން އަންހެނަކު އޭނާގެ ފިރިމީހާދެކެ ލޯބިވެގެން، އޭނާގެ ސިނކުޑިއާއި ވިސްނުން ޒަވާޖީ ޙަޔާތުން ބޭރަށް ނެރެ، ލޯބިވެރިއާގެ ހަނދާނުގައި ރޭ ދުވާ ހޭދަކޮށް، އޭނާ ފެންނާނެ ވަގުތަކަށް ނުވަތަ އަޑުއިވޭނެ ހިނދަކަށް ގަޑި ގުނާލަ ގުނާލަ ހުރުމަކީ ހުއްދަ ކަމެއްނޫނެވެ. އެއީ ޙަރާމް ކަމެކެވެ. މި ކަހަލަ ލޯބި، ވާ ގޮތަކުން ހިތުގެ ހައްދުން ބޭރުވެ، ދީނުގައި ޙަރާމް ކުރެވިގެންވާފަދަ ހައްދަކަށް ވަދެދާނެއެވެ. ސިއްރު ބައްދަލުވުންތަކާއި، ބީހުމާއި، އަދި މިވަރުން ނުފުދިގެން ޒިނޭއާއި ހަމައަށް ދިއުމަކީވެސް ވެދާނެ ކަމެކެވެ. ޙަޤީޤަތުގައި މިފަދަ ހުއްދަ ނޫން ޖިންސީ ގުޅުމެއް ނު ހިންގި ކަމުގައިވިޔަސް، ނަހަމަ ޖިންސީ ޚިޔާލުތައް ހިތައް އެރުމާއި ނުވަތަ އެކަން ކުރާހިތްވުމަކީ، މިކަހަލަ ލޯބީގައި އާ ކަންކަމެއް ނޫނެވެ. މިއީ އާއްމުކޮށް ކަން ހިގާ ގޮތެވެ.

ވީމައި، މީހަކާއި އިދެގެން އުޅޭ އަންހެނަކު ފިރިމީހާ ނޫން މީހެއްގެ ލޯބީގައި އާވާރާވެ އަވަދިވެގެން ދިއުމަކީ އަންހެންމީހާގެ ސާފު ހިތް ކިލަނބުވެ، ބުއްދިއަށް ބާރުކޮށް ކައިވެނީގެ އުފާވެރި މާހައުލު ތަޣައްޔަރުވެދާނެ ކަމެއްކަން އެއީ އެގިފާޅުކަމެކެވެ. މިފަދަ ލޯތްބަކީ "ލޯބި" ކަހަލަ މުޤައްދަސް ތާހިރު ލަފްޒެއް ދެވޭނެ އެއްޗެއްވެސް ނުމެ ނޫންމެއެވެ. ކިއެއްތަ މިއީ ހަވާ ނަފްސަށް ތަބާވުމެވެ. މީހަކާއި އިދެގެން އޭނާއާއި އެކު އެއްދާން ކުރަމުން، އެކަމަކު ހިތުތެރޭގައި އެހެން މީހެއްގެ ސޫރަ ބާއްވައިގެން އުޅުމަކީ މޮޔަ ކަމުގެ އިންތިހާއެވެ. އަދި އަމިއްލަ ނަފްސަށް ކުރެވޭ އިހާނާތެއްވެސް މެއެވެ. ނަފްސާނީ ބައްޔެއްގެ ފެށުމެވެ.

ކީރިތި ޤުރުއާނުގައި، މީހެއްގެ އަންބެއް ޒުވާން ފިރިހެން ކުއްޖެއް ދެކެ ލޯބިވި ގޮތުގެ ވާހަކައެއް އައިސްފައިވެއެވެ. އަދި މި ލޯބީގެ ސަބަބުން، އެއްވެސް ދީނެއް އަދި އަޚްލާޤެއްވެސް ނުރުހޭނެ އެތައްކަމެއް ވަނީ ހިގާފައެވެ. ބުނަން މިއުޅޭ ވާހަކައަކީ ޢަޒީޒުގެ އަންހެނުންނާއި ޔޫސުފްގެފާނުގެ ވާހަކައެވެ.

އެ ވާހަކައިގައި މީހަކާއި އިދެގެން، ޢިއްޒަތުގައި އުޅެމުން ދިޔަ ޢަޒީޒުގެ އަނބިކަބަލުން ޒުލައިޚާ ޔޫސުފްގެފާނު ދެކެ ''ލޯބިވެގެން'' އަމިއްލައަށް އެކަން ހުށައަޅައި، އަމިއްލައަށް ހުށައެޅިގަތެވެ. އަދި ޒުލައިޚާގެ މަސައްކަތް ކާމިޔާބުވިނަމަ ފިރިމީހާ އަށް ޚީޔާނާތްތެރިވުމަކީ، އެއްވެސް ކަމެއް ނޫން ކަމުގައި މި ''ލޯބި'' ޒުލައިޚާއަށް ދެއްކީހެވެ. ޢިއްފަތްތެރި އީމަންކަން ވަރުގަދަ ޔޫސުފް މި އަންހެންމީހާގެ އެދުންތަކަށް ފުރަގަސްދިނީމާ، ޔޫސުފްގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތަކެއް އަޅުވައި ޖަލައްލައި ދެރަ މީހަކަށް ހެދުމުގެ ނުބައި ރޭވުން ރޭވިއެވެ.

އެއްގޮތަކުން ބަލާއިރު މި ޙާދިސާގައި ޒުލައިޚާއަށް ދެއްކެން އޮތް ޢުޒުރުތަކެއްވެސް އެބައޮތެވެ. އެއީ ޔޫސުފް އެގެއަށް ގެނައީވެސް ފިރިމީހާ ޢަޒީޒެވެ. އެގޮތުން އަބަދު އެކުގައި އެއް ފުރާޅެއް ދަށުގައި އުޅުމާއި، ޔޫސުފަށް އާދަޔާއި ޚިލާފް ރީތިކަމެއް ލިބިފައި ހުރުމެވެ.

ނަމަވެސް ޤުރުއާނުގައި ޒުލައިޚާގެ ޢަމަލު ސިފަކޮށްފައިވަނީ ގޯސް ކަމެއްގެ ގޮތުގައެވެ. މި އިން އެގެނީ ފާޙިޝް ކަމަކަށް އަރައިގަނެ، ތިމަންނައަށް ޢުޒުރެއް އެބައޮތޭ ނުބުނެވޭނެކަމެވެ. ތިމަންނަގެ ފިރިމީހާ އަކީ ހުތުރު މީހެކޭ، ނުވަތަ އެ ޒުވާނާގެ ރީތިކަމުން ނަފްސު ނުހިފެހެއްޓުނީއޭ، މުސްކުޅިއެކޭ ނުވަތަ ތިމަންނަގެ ޖިސްމާނީ އެދުންތައް ފުއްދައި ދޭންވާ ގޮތަށް ފުއްދައި ނުދެވެއޭ ބުނެ، އެހެން ވަގުފިރިއެއް ގެންގުޅުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ. އަދި ބުއްދީގެ ހަމަތަކުން ބަލާއިރު ވެސް އެކަށޭނެ ކަމެއް ނޫނެވެ.

ޒިނޭ ކުރުމަކީ އެންމެބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެއްކަމަކީ ﷲ ކަޑައަޅުއްވާފައިވާ ހައްދެއް ފަހަނައެޅެނީއެވެ. އަނެއް ކަމަކީ މީހަކާއި އިދެގެން އުޅޭ މީހެއްނަމަ ފިރިމީހާ އަށް ޚިޔާނާތްތެރިވެ ޢާއިލާއަށް ބޮޑު ހުތުރެއް ދެވެނީއެވެ. ނުއުޅޭނަމަ ޢާއިލާގެ ނަން ޚަރާބުކޮށް އަމިއްލަ އިއްޒަތް ވެއްޔާއި މޮޑެލެވެނީއެވެ. ނުވަތަ ނަހަލާލް ކުއްޖެއް ލިބި، އެކުއްޖާގެ މުސްތަޤްބަލް ގެއްލުވައިލަނީއެވެ. މިއީ ލިބޭނެ ގެއްލުމުގެ ކުދި ކުދި މިސާލުތަކެވެ.

އެހެންވެ އިސްލާމް ދީނުގައި މީހުންނާއި އިދެގެން އުޅޭ މީހުން ކުރާ ފާޙިޝް ކަންތައްތަކަށް އެހެން މީހުންނަށް ވުރެ ބޮޑު ޢުޤޫބާތެއް ކަޑައަޅާފައި ވެއެވެ.

ސުވާލަށް އެބުރިލަމުން އަނެއްކާވެސް ބުނަން އޮތް ވާހަކައަކީ، ލޯބީގައި ގަސްތުކުރުމާއި، އިސްނެގުންތަކެއް، އިޖާބަދިނުން އަދި ނިމުންތަކާއި ނަތީޖާތަކެއް ވެއެވެ.

ގަސްތުކުރުމާއި، އިސްނެގުންތައް އަދި އިޖާބަދިނުމަކީ އިންސާނުންނަށް އޭގެ މައްޗަށް ބާރުފޯރުވޭ، އިޚްތިޔާރު ލިބިގެންވާ ކަންތަކެވެ. މި ބީދައިން، ބެލުމާއި ހީލުމާއި ވާހަކަ ދެއްކުން ދެން އިޖާބަ ދިނުމާއި ބައްދަލުކުރުމަކީ ކޮންމެ އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް، ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަންތަކެވެ.

ލޯބީގެ މި ދެންނެވި ކަންތައްތަކަށް ބޯލަބައި، ނަފްސުގެ ހުންގާނު ދޫކޮށްލައިފިނަމަ، އޭނާ ދާނީ އޭގެ އޮއިވަރުގައި ޖެހި ބެހެމުންނެވެ. އަދި އެންމެ ފަހުން އޭގެތެރެއަށް ޣަރަޤުވެ ސަލާމަތް ނުވާ ހިސާބަށް ހިގައި ދާނެއެވެ.

ޅެން ވެރިއަކު ބުނެފައިވެއެވެ:

ބަލާލުމަކުން، އެއަށްފަހުގައި އަސަރުގަދަ ރީތި ހީލުމަކުން * ސަލާމެއް ކޮށްލުމަށްފަހުގައި ނިމޭނީ ގަޑި ކިޔައިލުމަކުން

ބަލާނެ ކަމެއްނެތޭ، ބައްދަލުކުރާނޭ ކޮންމެވެސް ގޮތަކުން * ހަލާކުވެ ގެނބި ކަނޑަށް ޢިޝްޤީ ދަނީ އެންމެން މިބީދައަކުން

ލޯތްބަކީ ހިތުން ވާއެއްޗެކެވެ. ވީމާ ހިތަށް ނާރުވާނަމަ މިކަހަލަ ފާފަވެރި ލޯބި ހިތުގައި ހެދި ބިޔަވަމުންނެއް ނުދާނެއެވެ.

ލޯބިވެރިއާ ހިތް މައްޗަށް ގެނެސް އެކަމުން ފޮނި އިހުސާސްތަކެއް ނުކުރާނަމަ ކަރަށް މަޅި ބާރުވަމުން ނުދާނެއެވެ. މީހެއްގެ ހިތަށް ޝައިޠާނާގެ ވަސްވާހުން، ފިރިމީހާ ނޫން މީހެއްދެކެ "އެހެންކަހަލަ" ޝުޢޫރެއް ހިތަށް ވަދެދާނެއެވެ. ނަމަވެސް އެއަށް ފެންދީ ކާންދީ ބޮޑު ކުރަނީ ހަމަ އަމިއްލައަތުންނެވެ.

ކުރީގައި "ރައްޓެހި" ވެގެން އުޅުނު ކުއްޖާ ގުޅުމުން ވާހަކަ ނުދައްކާނަމަ އޭނާގެ މަޅީގައި އަލުން ނުޖެހޭނެއެވެ. ފެންނަ ހިސާބަށް ނުދާނަމަ އޭނާ މަތިން ހަދާން ނުވާނެއެވެ. ހުސްވަގުތު ރަގަޅު ކަންތަކުގައި ހޭދަކޮށް، އީމާން ކަމުގެ ނޫރުން ހިތްފުރައި، ފިރިމީހާގެ ލޯބީގައި މަސްތުވާނަމަ އެއްކަލަ ކުރީ "ބިޓަށް" ހިތުތެރޭގައި ޖާގައެއް ނު އޮންނާނެއެވެ.

ޢާޝިޤާ އޭނާގެ ނަފްސު މައިތިރި ނުކުރެވޭ ވަރަށް ހިގަމުންގޮސް، ފާލަމުގެ ނިމޭކޮޅުން ވެއްޓިއްޖެނަމަ އެކަމުގެ މަސްއޫލުވާން ޖެހެނީ ހަމަ އަމިއްލައަށެވެ. ފުރަތަމަ ފިޔަވަޅު އެޅީ އަމިއްލަ އިޚްތިޔާރުގައެވެ. އަމިއްލަ އަށް އަލިފާންގަޑަކަށް ފުންމާލައިފައި ދެން، ތިމަންނައަށް ފިނި އެއްޗަކަށްވާށޭ ކިޔައި ހަޅޭއްލެވިޔަސް ވާނެ ކަމެއް ނެތެވެ. އެވަގުތު އޮންނާނީ ހުރިހައި ކަމެއްވެ ނިމިފައެވެ.

އަނބިން، އެ މީހުންގެ ފިރިންނާއި މެދު ފުދުންތެރި ކަމުގެ ބެލުމަކުން ބަލާށެވެ. ފުދުންތެރި ވާންޖެހެނީ ހަމައެކަނި ފައިސާއަކު ނޫނެވެ. ފިރިމީހާ ނޫން މީހުންނާއި ދިމާލަށް، އެދުންތެރި ކަމުގެ ލޯ ދިއް ނުކުރާށެވެ. ހިތަށް ފިތުނައެއް ވަދެދާނެ ހުރިހައި ދޮރެއް ބަންދުކޮށްގެން ހުންނާށެވެ. ހިތުތެރޭގައި ކުޑަ އަލިފާން ކަނިކޮޅެއް ހެދިއްޖެ ނަމަ، ހުޅުގަޑަކަށް ވުމުގެ ކުރިން ނިތްވައިލާށެވެ.

ފިރިމީހާ ނޫން މީހަކާއި ހިތް ކައިރިވާކަމަށް އިހްސާސްވެއްޖެނަމަ، އެކަމާއި އިދިކޮޅަށް ކުރެވެން އޮތްހައި ކަމެއް ކުރާށެވެ. ފެންނަ ހިސާބަށް ނުދާށެވެ. ވާހަކަ ނުދައްކާށެވެ. ލޮލާއި ދުރުގައިވާ އެއްޗަކީ ހިތާއިވެސް ދުރުގައިވާ އެއްޗެއް ކަމަށް ހަރުބަހެއްގައި އޮވެއެވެ.

މީހަކާއި އިނުމަށްފަހު، އެހެން މީހުންގެ މަތިން ހަނދާންވާނަމަ، ކަމެއް ނެތިފައި ހުސްވަގުތު ގިނަވެފައި ނުހުންނާށެވެ. ކޮންމެވެސް ފައިދާހުރި ކަމެއް ކުރާށެވެ. މީހުންގެ ހިތަށް އަންނަ ހުރިހައި ނުބައި ޚިޔާލުތަކެއް އަންނަނީ ހުސްވަގުތު ގިނަވެފައި ހުންންއިރެވެ. އަޅުކަމުގައި ގިނަ ވަގުތު ހޭދަކޮށް، ފިރިމީހާއާއި މެދު ފުދުންތެރިވެ، އެހެންމީހުންގެ މަތިން ހަނދާން ނުކުރުމަށް ނިޔަތް ގަންނާށެވެ. އިޚްލާސްތެރި ނިޔަތަކަށްފަހު ދެން ހިތަށް އަރާ އެއްޗެހި ތަކާއިމެދު ކުރާނެ ކަމެއް ނެތެވެ.

މިފަދަ ޝުޢޫރުތައް، ހިތައް އެރުން ނު ހުއްޓުވޭނަމަ އެކަން ހިތުތެރޭގައި ސިއްރުކޮށްފައި ބާއްވާށެވެ. ހުންގާނު އަތުން ދޫކޮށްނުލާށެވެ. ނޫންނަމަ ތިމާގެ ކައިވެންޏާއި، ލިބިފައިތިބި ދަރިންގެ މުސްތަޤްބަލް ގެއްލުނީއެވެ. އިރާދަ ކުރެއްވިއްޔާ، މިފަދައިން މަސައްކަތް ކުރާ މީހުންނަށް، ދުވަސްކޮޅަކުން ހިތުގެ މައްޗަށް ބާރު ހިންގުމުގެ ކުޅަދާނަކަން ލިބޭނެއެވެ.

މި ލިއުން އަންހެނުންނަށް ބޮޑަށް އަމާޒު ކޮށްފައި މި އޮތީ، ކައިވެނީގެ ބައިވެރިއާ ނޫން މީހުންދެކެ ލޯބިވަނީ ހަމައެކަނި އަންހެން ޖިންސުގެ މީހުންކަމަށް ޤަބޫލުކުރާތީއެއް ނޫނެވެ. ފިރިހެނުންގެ ކިބައިގައިވެސް މި މައްސަލަ އޮވެއެވެ. ފަހަރެއްގައި ފުކެއް ބޮޑުވެސް ވެދާނެއެވެ. ދީނުގެ އަމުރުތަކަށް ތަބާވުމުގައި އަންހެނެއް ފިރިހެނެއް ވަކި ތަފާތެއް ނޫނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.